9 އަހަރުގެ ހެއިލީ: ގެދޮރުނެތް ނިކަމެތިންނަށް ހިނިތުންވުން ގެނެސްދެނީ

އެމެރިކާގެ ވޮޝިންގޓަންގައި ދިރިއުޅޭ 9 އަހަރުގެ ހެއިލީއަކީ އެ ސިޓީގެ ނިކަމެތިންގެ އުންމީދު އައު ކޮށްދިން ކުއްޖެކެވެ. ހިތްވަރުގަދަ މަސައްކަތްތެރި ކުއްޖެއްވެސް މެއެވެ. ހެއިލީ ދަނީ އޭނާ ދިރިއުޅެމުންދާ ސަރަހައްދުގައި ދިރިއުޅޭ ގެދޮރުނެތް ނިކަމެތިންނަށް ބޯހިޔާވަހިކަމާއި ކާބޯތަކެތި ފޯރުކޮށްދެމުންނެވެ. ހެއިލީ ދަނީ އެ ނިކަމެތިންނަށް ލޯތްބާއި އަޅާލުމާއި އެއްބާރުލުންދީގެން އެ މީހުންގެ ދުނިޔެ އުފާވެރިކޮށް ދެމުންނެވެ.

ހެއިލީ ބުނި ގޮތުގައި އޭނައަށް މި ޚިޔާލު އައީ އޭނަގެ އުމުރުން 5 އަހަރުގައި، އެއްދުވަހަކު މަންމައާއެކު ފިހާރައިން ގެއަށްއައި މަގުމަތީ ދިމާވި "ބިލީ ރޭ" ނަމަކަށް ކިޔާ ގެދޮރުނެތް ނިކަމެތި މީހެއްގެ ސަބަބުންނެވެ. ހެއިލީއާއި ބިލީ ދިމާވިއިރު ބިލީ އެއްވެސް އެއްޗެއް ނުކައި ބަނޑަށް ހުންނަންތާ 4 ދުވަސްވެދާނެއެވެ.

ދެވަނަ ބޮޑު ހަނގުރާމައިގައި ލިބުނު އަނިޔާއަކާ ގުޅިގެން ބިލީއަކީ އެއްފައި ނެތް ނުކުޅެދޭ މީހެކެވެ. މިކަމުގެ ސަބަބުން އެކަނި ހިނގާބިނގާވެ އުޅުމަށް ވަނީ ނުކުޅެދިފައިއެވެ. ހެއިލީއަށް ބިލީގެ ހާލަތުފެނި، މަންމައަށް އާދޭސްކޮށްގެން ސޭންޑްވިޗެއް ގަނެދިނެވެ.

އެދުވަހަށްފަހު ހެއިލީ، ގެދޮރުނެތް ނިކަމެތީންނަށް އަޅާލަމުން ދިޔައީ ބޮޑެތި މީހުން ވެސް ފަހަތަށް ޖައްސާލުމަށްފަހުއެވެ. ކުޑަކުއްޖަކަށް ވިޔަސް މީހުންނަށް އަޅާލުމާއި ލޯބި، އަދި އެހީތެރިކަން ދެވޭނެކަން ހެއިލީ ހާމަކޮށްދިނެވެ. އަންނައުނާއި ކާބޯތަކެތި  ފޯރުކޮށްދެމުން ދިޔައެވެ.

ނަމަވެސް ހުރިހާ ކަމެއް ބަދަލުވެގެން ދިޔައީ ހެއިލީ މަންމަގެ ފަރާތުން މިކަމަކީ ހެއިލީމެންފަދަ އާދައިގެ އާއިލާއަކަށް ކުރެވޭނެ ކަމެއް ނޫންކަން ހަނދާންކޮށްދިނުމުންނެވެ. މިއީ ހެއިލީ ވަރަށް ކުރަން ބޭނުންވާ ކަމަކަށްވާތީ، މިކަން ކުރިއަށް ގެންދާނެ އިތުރު ގޮތަކާމެދު ހެއިލީއަށް ވިސްނަން މަޖުބޫރުވިއެވެ. މިހާރު އޭނާގެ ރަޙްމަތްތެރިންގެ ގޮތުގައި ދެކޭ،  ގެދޮރުނެތް ފަޤީރު އެ ނިކަމެތިންނަށް ދެންވާނެ ގޮތަކާމެދު ފިކުުރުބޮޑުވެ ރޮވުނެވެ. އެކަމަށް ހައްލެއް ފެނޭތޯ ވިސްނުމުން ހެއިލީއަށް އައި އެންމެ ރަނގަޅު ހިޔާލަކީ އަމިއްލައަށް މޭވާ އާއި ތަރުކާރީ ހެއްދުމެވެ. ހެއިލީގެ މައިންބަފައިން މިކަމަށް އެއްބަސްވީ މިއީ ހެއިލީއަށް ވާނެކަމަކާމެދު ޝައްކެތްމަތީ ތިބެގެންނެވެ. ނަމަވެސް މިކަމުގައި ފުރިހަމަ އެއްބާރުލުންދޭން އެމީހުން ނިންމިއެވެ.

ވަރަށް ޝައުގުވެރިކަމާއެކު ހެއިލީ ދަނޑުވެރިކަން ކުރަމުން ދިޔައީ އިތުރަށް މި ދާއިރާއިން ކުރިއަށް ދިޔުމުގެ ނިޔަތުގައެވެ. އެގޮތުން ދަނޑުވެރިކަމުގެ ފޮތްތައް ކިޔައި، މައުލޫމާތު ދިޔައީ ހޯދަމުންނެވެ. ފަހުމްނުވާ އެއްޗެހި ކާފަ ގާތުން އޮޅުންފިލުވަމުން ދިޔައެވެ. ބައްޕަ ގާތު ބުނެގެން ފެންސެއް ހަރުކޮށް ޖަނަވާރުގެ ކިބައިން ދަނޑު ރައްކާތެރި ކުރިއެވެ. ހެއިލީގެ ބުރަ މި މަސައްކަތުގެ ނަތީޖާ ކާމިޔާބެވެ. އެއް މަސްދުވަހުގެ ތެރޭގައި ކެރެޓާއި، އަލުވި އަދި ބީންސް ފޯދުނެވެ. ހެއިލީ އޭނަގެ ދަނޑުގައި  ފުރަތަމަ ހެެއްދި ތަރުކާރީގެ ބާވަތްތައް ރަހަބަލާލަން ދިނީ ބިލީއަށެވެ.

ހެއިލީ އޭނަގެ މި މަސައްކަތް ފުޅާކުރީ އިތުރު ބާވަތްތަކުގެ ތަރުކާރީ ހައްދައިގެންނެވެ. ހެއިލީގެ މި މަސައްކަތަށް އަވަށްޓެރިންގެ އެއްބާރުލުން ލިބެންފެށީ ހީވެސްނުކުރާހާ ބޮޑަށެވެ. ހެއިލީއާއެކީ އެ އަވައްޓެރިން ދަނޑުގެ އެކި މަސައްކަތްތަކުގައި އެހީތެރިވެދީ ހަދައެވެ. އަވަށްޓެރިންގެ އެހީތެރިކަމާއެކު ހެއިލީގެ ދަނޑުން ތަފާތު ގިނަ ބާވަތްތަކުގެ ތަރުކަރީ ލިބެންފެށިއެވެ. ހެއިލީ ތަރުކާރީ ސާފްކުުރުމަށްފަހު ނިކަމެތީންނަށް ބަހަމުންދިޔައީ އުފަލާއެކުއެވެ.

ހެއިލީ ދެން މަސައްކަތް ކުރީ ގެދޮރުނެތް ނިކަމެތީންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށެވެ. އެކަން ވެސް ކާމިޔާބުކޮށްދިނީ ހެއިލީގެ މިންނެތް މަސައްކަތުން ވަރަށް ގިނަ ގޮތްގޮތަށް ކަންކަން ބަލާހޯދައިގެންނެވެ. ހެއިލީ ލަކުޑިން، ތިމަވެށްޓާއި ރައްޓެހި 11 ގެ ނިކަމެތީންނަށް ހަދައިދިނެވެ.

މިކަން ކާމިޔާބު ކުރުމަށް، އާއިލާއާއި އަވަށްޓެރީން އަދި ވިޔަފާރިވެރިން ދިން އެހީތެރިކަން ހެއިލީ ފާހަގަ ކުރިއެވެ.

ހެއިލީ ބުނި ގޮތުގައި ތިމާ ކަމެއް ކުރަން ބޭނުންވެެއްޖެނަަމަ މުޅި ދުނިޔެ ވެސް ތިމާއަށް އެހީތެރިވާނެއެވެ. 9 އަހަރުގެ ހެއިލީއަކީ މިއަދު މުޅި ދުނިޔެއަށްވެސް ނަމޫނާ ކުއްޖެކެވެ. ހިތްހެޔޮ، އޯގާތެރިކަމުގެ މިސާލެކެވެ. ކަމެއް ކުރަން ބޭނުން ވެއްޖެނަމަ ބޭނުންވަނީ ހަމައެކަނި ކަމެއް ކުރަން ކެރުމެވެ. މިއަދު ދުނިޔެ ބޭނުން ވަނީ ހެއިލީ ފަދަ އޯގާތެރި ކުދީންނަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *