ކެޔޮދޫ ސްކޫލުގެ "ދޯއްތާ" ސްކޫލުން ރިޓަޔަރވުން، އެންމެންގެ ލޯ ކަރުނުން ތެންމާލައިފި

ދޯތާ. ގިނަބައެއްގެ ލޯބި ލިބިފައިވާ މުއައްޒަފެއް. ފޮޓޯ: ކެޔޮދޫ ސްކޫލް

ކޮންމެ ދުވަހަކުވެސް އެންމެ ކުރިން ސްކޫލްގެ ދޮރުން އެތެރެއަށް ވަންނަނީ އޭނާއެވެ. އާ ދުވަހަށް ސްކޫލް ތައްޔާރުކޮށް ބޭއްވުމުގެ ޒިންމާއަކީ ކުޑަ މަސައްކަތެއް ނޫނެވެ. ކުނިކަހައި ސާފުކޮށް މޮޕްލައި ހެދުމަކީ އެއީ ގަވާއިދުން އޭނާ ކުރަމުން އައި މަސައްކަތެކެވެ. އޭނާގެ ދުވަހީ ތާވަލްގެ ފެށުމަކީ އެއީއެވެ. އެ މަސައްކަތް އެ ގޮތުގައި އޭނާ ކުރަމުންދާތާ ތިރީސް އަހަރު ފާއިތުވީއެވެ.

މި ދައްކަނީ މީގެ ދެތިން ދުވަސް ކުރިއާ ހަމައަށް ވ. ކެޔޮދޫ ސްކޫލަށް 30 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކޮށްދީފައިވާ ސައުދިއްޔާ މުހަންމަދު، ނުވަތަ އެންމެންގެ 'ދޯއްތާ" ގެ ވާހަކައެވެ.

އެންމެންނާވެސް ގުޅޭ، ކަންކަމުގައި ފަސްނުޖެހޭ ކުޅިވަރު ކުޅެން ޝަޢުޤު ހުންނަ ހިތްވަރުގަދަ ދޯއްތާއަކީ ކެޔޮދޫގެ ތައުލީމު ނުރަސްމީކޮށް ފުރަތަމަ ފެށުމާއިއެކު ހިލޭ ސާބަހަށް މަކްތަބް ސާފުކޮށްދޭން ފެށި ހީވާގި ފަހުލަވާނެކެވެ.

ދޯއްތާގެ ގެއާ މަކްތަބް ކައިރިވުމުން އެތަން ބަލަހައްޓައި ދިނުމަށް ދޯއްތާއާ ރަށު އޮފީހުން ހަވާލުކުރިއެވެ. ހަވާލުވި އެ ޒިންމާއަށް ފުރިހަމައަށް ބޯލަނބައި، ސްކޫލަކީ ސާފުތާހިރު ތަނެއްގެ ގޮތުގައި ބާއްވައި ދިނުމަށް މަސައްކަތް ކުރަމުން އައީ އޭނާއެވެ. ދަރިންގެ ކަންތައްތަކާ ގޭގެ މަސައްކަތް ކުރަމުން ވެސް ސްކޫލުގެ ގޯއްޗާއި އޭރު ހުރި ކްލާސްރޫމްތައް ސާފްކުރަމުން އައީ ފޫހިކަމެއް ނެތިއެވެ. އެ މަސައްކަތުގެ އަގަކަށް އޭރު ލިބުނީ އެންމެ 50 ރުފިޔާއެވެ. ފަހުން މުސާރައެއްގެ ގޮތުގައި ކޮންމެ މަހަކު 200 ރުފިޔާ ހަމަޖެއްސި ނަމަވެސް އެއީ ކުރަމުން ދިޔަ ބުރަމަސައްކަތާ އަޅާބަލާއިރު އެއްޗެއް ނޫނެވެ.

ފައިސާއަކަށްވުރެ ބޮޑަށް ދޯއްތާ މި މަސައްކަތް ކުރީ ތަނަށް ޖެހިފައިވާ ލޯތްބާއި ކުލުނެއްގެ ސަބަބުންނެވެ. އެ ބުރަ މަސައްކަތުގެ ހަމައަގު ލިބެންފެށީ 2004 ވަނަ އަހަރު ކެޔޮދޫ ސްކޫލް، ސަރުކާރު ސްކޫލަކަށް ބަދަލުވެ، ދާއިމީ ވަޒީފާ ހަމަޖެހި ސަރުކާރުން މަސައްކަތު މީހަކަށް ދެމުންގެންދާ އުޖޫރަ ލިބެން ފެށި ހިސާބުންނެވެ.

މިފަދަ ޚިދުމަތްތެރިއެއް ސްކޫލާއި ވަކިވުން އެއީ ކެޔޮދޫ ސްކޫލަށް ވެސް އަދި މުޅި މެނޭޖްމަންޓާއި، ޓީޗަރުންނާއި ދަރިވަރުންނަށް ވެސް ވަރަށް ހިތްދަތި އިހުސާސެއް ކުރުވި ކަމެކެވެ. އިއްޔެއަކީ އެ ސްކޫލަށް ވަރަށް ހިތާމަވެރި ދުވަހެކެވެ. މި ވޭތުވެދިޔަ 30 އަށްވުރެ ގިނަ އަހަރު އެ ސްކޫލަށް ކޮށްދިން ޚިދުމަތްތަކުން ވީއްލި، ދޯތާ "ރިޓަޔަރ" ވި ދުވަހެވެ. އެ ސްކޫލުން ދޯއްތާގެ ޚިދުމަތުގެ އަގުވަޒަން ކުރީ ވަރަށް އުފާވެރި މާހައުލެއްގައެވެ. އެއީ ހިތާމައިގެ ދަނޑިވަޅެއްކަމުގައި ވިޔަސް، ދޯތާގެ ހިތް ވެސް އުފަލުން ފޮޅޭނެ ފަދަ ގޮތަކަށެވެ.

އެ ސްކޫލް ސާފު ރީތި ތަނެއްގެ ގޮތުގައި ބާއްވާ ދިނުމަށް ދޯތާ ކުރި ވަރުގަދަ ހިތްވަރަށް ސްކޫލުން އައްސަރި ބަހާއި ސާބަސް ރައްދު ކުރީ ޝުކުރާއެކުގައެވެ. ހުރިހާ ޓީޗަރުންނާއި ސްކޫލުގެ ހުރިހާ މުއައްޒަފުން ޝާމިލްވާނޭހެން އެ ފަރާތްތަކުގެ ޝުއޫރު ދޯއްތާއަށް ވަނީ ހިތުގެ އެންމެ ފުންމިނުން ފޮނުވާފައެވެ.

މަސައްކަތު ކުދީންނަށް ދޯތާގެ މެސެޖަކީ މިއީއެވެ.

" ދޯތާ ނެތަސް ސްކޫލު ރީތިކޮށް ބޭއްވުމަށް ހިތްވަރާއިއެކު ހުރިހާ ކުދިންވެސް މަސައްކަތް ކުރާތި. ދޯތާ ނުބުންޔަސް ތިޔަ ކުދިން ރަގަޅަށް މަސައްކަތް ކުރާނެ ކަންވެސް އެނގޭ.  ދޯތާ ތި ހުރިހާ ކުދިންވެސް ވަރަށް " މިސްވާނެ" .  އަދި ސްކޫލުގެ އިސްވެރިންނާއި ހުރިހާ ޓީޗަރުންނާއި އިދާރީ ކުދިން ތިބަހައްޓާ ގާތްކަމާއި ދިން އިހްތިރާމަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. ދޯއްތާ މަސައްކަތް ކުރީ ތަން ދެކެ ވަރަށް ލޯބިން"

 

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *