ގދ. ތިނަދޫ އަބޫބަކުރު ސްކޫލަކީ ތަފާތު ގިނަ ހަރަކާތްތައް ކުރިއަށް ގެންދާ ސްކޫލެކެވެ. ކިޔެވުމެކޭ އެއްގޮތަށް ޢަމަލީ މައިދާނަށް ދަރިވަރުން ނެރުމަށްޓަކައި އެ ސްކޫލުން ކުރަމުންދާ މަސައްކަތް އެއްއަހަރުން އަނެއް އަހަރަށް ދަނީ އިތުރުވަމުންނެވެ. ދަރިވަރުންނާއި ބެލެނެވެރިން ހިތްމަތާއި މިންނަތުން އެ އެފަދަ ހަރަކާތްތަކުގައި ބައިވެރިވެ، ރަނގަޅު ކާމިޔާބީތައް ހޯދަމުންދަނީ އެއީ ކުރާ ހިތުން ކުރަމުންދާ ކަންތައްތަކަށް ވާތީއެވެ. ސަބަބަކީ އެ ސްކޫލުގެ އިސްފަރާތްތަކުން ދަރިވަރުންނާއި ބެލެނެވެރިންނާއެކު ބާއްވާ ގާތްގުޅުމެވެ. މުދައްރިސުންނާއި ބެލެނިވެރިންނާ އޮންނަ އެކުވެރި ބަދަހި ގުޅުމެވެ. މިކަމަށް އެ ސްކޫލުގެ އެއްވެސް ބެލެނެވެރިއަކު އަދި ޓީޗަރަކު ވެސް ދެބަސް ނުވާނެކަން ޔަޤީނެވެ. މި ގުޅުން އުފެދުނީ އިއްޔެއަކު މިއަދަކު ނޫނެވެ. މީގެ ހަ އަހަރުކުރިން ފެށިގެން މި ގުޅުން ބަދަހިކުރުމަށް އިސްނަގައި، އެކަން އެގޮތުގައި ހިފެހެއްޓެވީ މިހާރު އެ ސްކޫލުގެ ޕްރިންސިޕަލެއްގެ މަގާމުގައި ހުންނެވި ޖަމްޝީދާ އަބްދުﷲ އެވެ.

ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އިސްދަރިވަރުންގެ ގޮތުގައި ހިމެނޭ ޖަމްޝީދާ އެ ސްކޫލުން އޭރު ކިޔެވެން ހުރި އެންމެ މައްޗަކަށް ކިޔަވައިގެން މާލެއިން ޓީޗިންގ ހެދީ، އޭރަށް ބަލާއިރު އެއީ އެންމެ ރަނގަޅު ވަޒީފާކަމަށް ގަބޫލުކުރެއްވޭތީއެވެ.
" ގްރޭޑް އަށެއް ނިމުނުއިރު ސްކޫލުގައި ކިޔަވަމުން ދިޔަ ދަރިވަރުން މަދުވި. ގްރޭޑް ނުވައެއް، ނިމުނުއިރު ދިހައެއްގައި ކިޔަވާނެ ދަރިވަރުން ހަމައެއް ނުވި. އެހެންވެ ސްކޫލުން ނިންމީ ނުވައެއްގައި ކިޔެވި ދަރިވަރުން އަލުން އެ ގްރޭޑްގައި ރިޕީޓްކުރަން. އެގޮތަށް ރިޕީޓްކުރަން ބޭނުންނުވާތީ މަންމަ އެދުނީ ޓީޗިންގ ހަދަން. އޭރު މުސާރައަށް ބަލާފައި ޓީޗިންގ ހަދަމުންދިޔަ އޭރު ވަރަށް ގިނަ މީހުން" ޓީޗިންގ ތެރެއަށް ވަންނަން ޖެހިވަޑައިގެންނެވި ސަބަބު ޖަމްޝީދާ ވިދާޅުވިއެވެ.
ޓީޗިން ކޯސް ނިންމާފައި، ތިނަދޫގައި ހުންނަ އަތޮޅު ތަޢުލީމީ މަރުކަޒުގައި 1995ގައި ވަނައަހަރު، ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަން ފެއްޓެވިއެވެ.
"އަޅުގަނޑު ޤަބޫލު ކުރާ ގޮތުގައި ފައުންޑޭޝަން ރަނގަޅުވެގެން އެހެން ގްރޭޑްތަކަށް ވެސް ރަގަޅު ވާނީ. އެހެންވީމަ އެންމެ ފުރަތަމަވެސް ކިޔަވައިދޭން ފެށީ ގްރޭޑް 1 އަށް"
އަތޮޅު ތަޢުލީމީ މަރުކަޒުގައި އެވީ މުއްދަތުގައި، ޖަމްޝީދާ ފާހަގަކުރެވިގެންދިޔައީ ކަންކަމުގައި އިސްނަގާ، ހަރަކާތްތެރި، އުފެއްދުންތެރި ޓީޗަރެއްގެ ގޮތުގައެވެ. ސްކޫލުގެ ހައުސްތަކުގެ ހަކަތާތްތަކުގައި ދިޔައީ ވަރަށް ޖޯޝާއި ފޯރީގައި މަސައްކަތް ކުރަމުންނެވެ. ނަތީޖާއަކަށް ވީ ލީޑްކުރާ މުދައްރިސެއްގެ ޒިންމާ އަދާކުރައްވަން ޖެހިވަޑައިގަތުމެވެ. އޭގެ ފަހުން އަބޫބަކުރު ސްކޫލް ހުޅުވުމާއެކު އެ ސްކޫލާ ގުޅިވަޑައިގެންނެވިއެވެ.
އައު ސްކޫލުގެ ޕްރިންސިޕަލަކަށް
2004ގައި ޕްރައިމަރީ ސްކޫލެއްގެ ގޮތުގައި އަލަށް ހުޅުވި އަބޫބަކުރު ސްކޫލަކީ ތިނަދޫގެ ދެކުނު ސަރަހައްދުގައި އިމާރާތްކޮށްފައިވާ ސްކޫލެކެވެ. އެ ސްކޫލް ހުރީ ރަށުގެ ބޮޑު އާބާދީއެއް ދިރިއުޅޭ ސަރަހައްދާ ދުރުގައެވެ. އެހެންވެ އެއްވެސް ބެލެނެވެރިއަކު، އެ ސްކޫލަށް ދަރިން ވައްދަން ބޭނުމެއް ނުވިއެވެ. ނަމަވެސް އަތޮޅު ތަޢުލީމީ މަރުކަޒުގައި ކިޔަވައިދެމުންދިޔަ، ބެލެނެވެރިންގެ މަޤްބޫލުކަން ލިބިފައިވާ ހުރިހާ ޕްރައިމަރީ ޓީޗަރުން އަބޫބަކުރު ސްކޫލަށް ބަދަލުކުރުމުން، އެ ސްކޫލާމެދު ދެކޭގޮތް ބަދަލުވާން ފެށިއެވެ. އެ ސްކޫލަށް އެންމެ ފުރަތަމަ ބަދަލުވެވަޑައިގެންނެވި މުދައްރިސުންގެ ތެރޭގައި ޖަމްޝީދާ ހިމެނިވަޑައިގެންނެވިއެވެ.
2016 ވަނަ އަހަރުގެ ތެރޭގައި އެ ސްކޫލްގެ ޕްރިންސިޕަލް އެހެން ވަޒީފާއަކަށް ބަދަކުކުރެއްވުމުން، އެކްޓިން ޕްރިންސިޕަލެއްގެ ޒިންމާ ޖަމްޝީދާއަށް އުފުއްލަވަން ޖެހިވަޑައިގަތެވެ. އޭގެ އެއް އަހަރު ފަހުން 2017 ވަނަ އަހަރުގެ ތެރޭގައި، އަބޫބަކުރު ސްކޫލްގެ ޕްރިންސިޕަލް ކަމުގެ މަގާމަށް އިއުލާން ކުރުމުން، އެ މަގާމަށް ކުރިމަތިލައްވައި، އެ މަގާމް ދާއިމީ ކުރެއްވިއެވެ.
"ޕްރިންސިޕަލްގެ މަޤާމަށް ކުރިމަތިލީ ރަނގަޅު ސްކޫލެއްގެ ގޮތުގައި ކުރިއަރައި ދިއުމަށް އެދޭތީ"
ޖަމްޝީދާއަކީ ބެލެނެވެރިންގެ އިތުބާރު ލިބިފައިވާ އަދި މަޤްބޫލު ޓީޗަރަކަށްވުމާއެކު ސްކޫލް މެނޭޖްކުރުމުގައި މާ ބޮޑު އުނދަލެއް ކުރިމައްޗެއް ނުވެއެވެ. މުއައްޒަފުންނާއި ބެލެނެވެރިންނާ، ގާތްގުޅުމެއް ބާއްވާ ޖަމްޝީދާގެ ތަޢުލީމީ ހަޔާތުގެ 26 އަހަރުގައި ވެސް ބެލެނެވެރިން ނޫނީ މުއައްޒަފުންގެ ފަރާތުން ވެސް ނޭދެވޭ ކޮމެންޓެއް ނާދެއެވެ. އޭނާ ގަބޫލު ކުރައްވާ ގޮތުގައި އެއީ ގުޅުން ބަދަހިކަމުގެ ނަތީޖާއެވެ. މިހާތަނަށް މުޅިން ވެސް އެދެވޭ ކޮމެންޓްސްއައުން އެއީ ލީޑަރެއްގެ ގޮތުގައި މަސައްކަތް ކުރެވޭ ކަމުގެ ހެއްކެކެވެ.
ތަޢުލީމީ ދާއިރާގައި 26 އަހަރު: ޗުއްޓީއާއި ސަލާމަށްވުރެ ވަޒީފާއަށް އިސްކަންދޭ
މި ފާއިތުވި 26 އަހަރުގެތެރޭ ޖަމްޝީދާ ބޮޑު ޗުއްޓީއެއް ނަގާފައި ވަނީ އެންމެ ފަހަރަކުއެވެ. އެއީ ދިމާވި ބޮޑު އެކްސިޑެންޓަކާ ގުޅިގެން މުސާރަ ނުލިބޭގޮތަށް ނެގި ހަ މަހުގެ ޗުއްޓީއެކެވެ. އެ އެކްސިޑެންޓާ ގުޅިގެން ނުހިނގި އުޅެން ޖެހުނު ދުވަސްތަކުގައި ވެސް، ރަށުގައި ހުރި ދުވަހެއްނަމަ ވަރަށް ހިތްވަރުކޮށްފައި ގަޑިއަށް ސްކޫލަށް ވަޑައިގެންނެވިއެވެ. ސްކޫލަށް ވަޑައިނުގެންނެވެނީ އެއީ ފަރުވާއަށް ރާއްޖެއިން ބޭރުގައި ހުންނެވުމުންނެވެ. އެހާތަނަށް ބުނެވުނު ސަލާމެއް ބުނެވިފައިވާނީ ވެސް އަދި ޗުއްޓީއެއް ނެންގެވިފައިވަނީ ވެސް ފަރުވާއަށް ރާއްޖެއިން ބޭރަށް ދާންޖެހިގެންކަމަށް ޖަމްޝީދާ ވިދާޅުވިއެވެ.
" އެކްސިންޑާ ގުޅިގެން ތިމާވި ކަންތައްތަކާ ހުރެ ސަލާމެއް ބުނެފައި އޮންނާނީ. އަހަރެއްގެ ތެރޭގައި އެންމެ ގިނަ ވެގެން ފަސް ސަލާމަށްވުރެ އިތުރެއް ނުވާނެ" ޖަމްޝީދާ ފާޅުކުރެއްވީ ސްކޫލަށް އެނާގެ ހިތުގައި އޮތް ޝަޢުޤެވެ.
ސްކޫލާމެދު ކުރެވޭ އުންމީދު
އަބޫބަކުރު ސްކޫލުގައި ބޭރުވެށީގެ ގިނަ ހަރަކާތްތަކަށް އިސްކަންދޭ ސްކޫލެކެވެ. ދަރިވަރުން ސްކޫލަށް ދާހިތުން ދާ ތަނެއްގެ ގޮތުގައި އެތަނުގެ މާހައުލު ބޭއްވުމަށް ވަރަށް ބޮޑު އިސްކަމެއް ދެއެވެ.
މިފަދަ އެކްސްޓްރާ ކޯ ކަރިކިއުލަމްގެ ތެރެއިން ގެންދެވިފައިވާ ތަފާތު ހަރަކާތްތަކުގައި އެ ސްކޫލުގެ ދަރިވަރުންގެ ގިނަ ހުނަރުތަކެއް ވަނީ ފާހަގަވެގެން ގޮސްފައެވެ. އޭގެ ތެރެއިން ވެސް ދަރިވަރުންގެ ހުށަހެޅުންތެރިކަން ވަކިން ފާހަގަކުރަން ޖެހެއެވެ. ޖަމްޝީދާ ފާހަގަކުރައްވާ ގޮތުގައި އެއީ ޓީޗަރުންގެ މިންނެތް މަސައްކަތެވެ. ސްކޫލުގެ ޓީމަކީ ވަރަށް ގާބިލް ޓީމެއްކަން ފާހަގަކުރައްވާ ޖަމްޝީދާ ވިދާޅުވީ އެންމެ އުފާވަނީ އެ ސްކޫލުގައި ސައްތައިން ސައްތަ ދިވެހި ޓީޗަރުން ތިބެފައި އެއީ ތަމްރީން ވެފައިވާ ޓީޗަރުންނަށް ވީމައެވެ.
" ގްރޭޑް 8 އުފެދުމާއެކު ބޭރުގެ ޓީޗަރުން ގެނައި. ބޭރު ޓީޗަރުން ކުލާސް ކޮންޓްރޯލް ކުރާވަރަށްވުރެ، އަލަށް ވަންނަ ދިވެހި މުދައްރިސް މާ ފަސޭހައިން ކުލާސް ކޮންޓްރޯލް ކުރޭ. ދިވެހިންނަށް އެކަން ވާކަން ގަބޫލު ކުރެވޭތީ ބިދޭސީ ޓީޗަރުން ނުގެންނަނީ" ދިވެހި މުދައްރިސުންނަށް އޮތް ލޯބި ޖަމްޝީދާ ހާމަކުރެއްވިއެވެ.

ޓީޗަރުން، ބެލެނެވެރިން އަދި ދަރިވަރުންނަށް ދޭ މެސެޖް
ޖަމްޝީދާ އަބަދު ވެސް ފާހަގަކުރައްވާ އެއްކަމެއް އޮވެއެވެ. " ކާމިޔާބަކީ ސްޓޭޖްމަތިން ރިޕޯޓްފޯމް ލިބުން ނޫނެވެ. ކާމިޔާބު ފެންނާނީ އެކުއްޖެއް ދިރިއުޅުމުންނެވެ."
ކޮންމެ ކުއްޖަކީ ކިޔަވަން މޮޅު ކުއްޖަކަށް ނުވާނެއެވެ. އެހެންވެ އެކުއްޖެއްގެ ހުރި ހުނަރެއްގެ ބޭނުން ދިރިއުޅުމުގައި ހިފަން ދަސްކޮށްދޭން ޖެހެއެވެ. އެ ހުނަރު ތަރައްގީކުރަން ފުރުޞަތު ފަހިކޮށްދޭންޖެހެއެވެ. ޖަމްޝީދާ ދެކެވަޑައިގަންނަވާ ގޮތުގައި މިއީ ކޮންމެ ސްކޫލަކުން ވެސް އެންމެ އިސްކަމެއް ދޭންޖެހޭ ކަންތައްތަކެވެ.
" ކާމިޔާބު މީހަކަށް ވުމަށްޓަކައި އެންމެ ފުރަތަމަ އިސްކަންދޭންވީ ގަޑިއަށް ފަރުވާތެރިވާން. ވަޒީފާއަށް ފަރުވާތެރިވާން. އޭގެ ފަހުން ރަނގަޅަށް މުޢާމަލާތު ކުރެވެން ޖެހޭނެ. މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރެވެންޖެހޭނެ" ކާމިޔާބީއާ ހަމައަށް ދެވުމުގެ ސިއްރު ޖަމްޝީދާ ވިދާޅުވެދެއްވިއެވެ.

އަބޫބަކުރު ސްކޫލުގެ ޓީމަކީ ބެލެނެވެރިން ވެސް ޓީޗަރުން ވެސް ގުޅިގެން މަސައްކަތް ކުރާ ޓީމެއްކަން ފާހަގަކުރައްވާ ޖަމްޝީދާ ވިދާޅުވީ އެ ސްކޫލު ހިންގަން އުނދަގުލެއް ނުވާނެއެވެ. ޖަމްޝީދާގެ އެދިވަޑައިގަންނަވަނީ އެ ސްކޫލުން ކިޔަވާ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ރަނގަޅު ގޮތްތަކެއް ވެގެން ދިޔުމެވެ. މިހާރުވެސް އެފަދަ ކުދިންނަށް ވަޒީފާގެ މައިދާނުގައި އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާކަން ފާހަގަކުރައްވާ ޖަމްޝީދާ ވިދާޅުވީ އެންމެ ދެކެން ބޭނުން ވަނީ އެފަދަ ކުދިން ކޮންމެ ވެސް ދާއިރާއަކުން ކުރިއަރައިގެން ދިއުމެވެ.
ޕްރިންސިޕަލް ޖަމްޝީދާ ފާހަގަކުރައްވާ ގޮތުން އެންމެ އުފާވަނީ އަދި އެންމެ ބޮޑު ހިތްހަމަ ޖެހުމެއް ލިބެނީ ކިޔަވައިދީފައިވާ ދަރިވަރުން ދިރިއުޅުމުގައި ކާމިޔާބު ކުދިންތަކުގެ ގޮތުގައި ފެންނާތީއެވެ.

advertisment
ހިޔާލު