ކުރިއަށް އޮތީ ސްކޫލްތަކުގެ ޗުއްޓީ ދުވަސްވަރެވެ. ގިނަބަޔަކު ތަންތަނަށް ދަތުރުކުރާނެއެވެ. އެހެންކަމުން އެކަމަށް ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިވަނީ އިލްތިމާސްކޮށްފައެވެ. ރާއްޖޭގައި ކޯވިޑް-19 ފެތުރުމާއެކު އެޅި ފިޔަވަޅުތަކަށް މިހާރު ލުއިތަކެއް ދީފައިވީނަމަވެސް އަދި "ނޯމަލް" ކޮށް އުޅޭވޭކަށްނެެތެވެ. ނިއުނޯމަލްއާއިއެކު އުޅެންޖެހިފައިވާއިރު ދިރިއުޅުމުގެ ކަންތައް ކުރިއަށްގެންދަން ޖެހިފައިމިވަނީ އެޗްޕީއޭއިން އަންގާފައިވާ ގޮތަށެވެ.
ރާއްޖެއިންވެސް ސްކޫލު ބަންދާ ދިމާކޮށް ޗުއްޓީއަށް އެކި ތަންތަންތަނަށް އާންމުކޮށް ގިނަ ބަޔަކު ދަތުރުކުރާއިރު މިއީ ސަމާލުކަން ދޭން ޖެހޭކަމެކެވެ. ނޫސްވެރިންނަށް މަޢުލޫމާތު ދިނުމަށް އެޗްޕީއޭއިން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑޮކްޓަރ އިބްރާހިމް އަފްޒަލް ވިދާޅުވެފައިވަނީ ސްކޫލުތަކުގެ ބަންދާ ދިމާކޮށް ރަށްރަށަށްދާ ފަރާތްތަކުން ރައްކާތެރިވުމަށެވެ.
މުޅި ރާއްޖެއިން ކޯވިޑް-19ގެ އެކްްޓިވް ކޭސްގެ 2000 އަށްވުރެ ގިނަ ކޭސް ފެނިފައިވާއިރު މާލެއަށްވުރެ އަތޮޅުތަކުން މި ބަލި ފެންނަ މިންވަރު އިތުރުކަން އެޗްޕީއޭއިން ފާހަގަކުރެއެވެ. އެހެންކަމުން ސްކޫލް ބަންދާ ދިމާކޮށް ރަށްރަށަށް ދަތުރުކުރާ ފަރާތްތަަކުން މިކަމަށް ސަމާލުވެ، ކޮންްޓެކްޓްވާ މީހުން މަދުކުރުމަށް ޑޮކްޓަރ އަފްޒަލް އިލްތިމާސްކުރެއްވިއެވެ. އަދި ބޭރުތެރޭގައި އުޅޭއިރު މާސްކް އެޅުމާއި، ގިނަ ގިނައިން އަތް ދޮވުމާއި، ގިނަ މީހުން ތިބޭތަންތާގައި އުޅޭއިރުވެސް ގައިދުރުކަން ބެހެއްޓުމަށް އިލްތިމާސްކުރެއްވިއެވެ.

މިދިޔަ އަހަރުގެ މަރޗްގައި ރާއްޖެއިން ކޯވިޑް-19 ފެނުނު ފަހުން މި ބަލީގެ އިތުރު އެތައް ވޭރިއަންޓެއް މިވަނީ އަނެއްކާވެސް ފެނިފައެވެ. އެންމެ ފަހުން ފެނިފައިވާ އޮމިކްރޯ ވޭރިއެންޓަކީ އެކަކު ގައިން އަނެކަކުގެ ގަަޔަށް އެރުމުގެ ފުރުސަތު ބޮޑު ވޭރިއަންޓެއްކަމަށް ސިއްޙީ މާހިރުން ވަނީ ބުނެފައެވެ.
މިކަމާގުޅިގެން ބައެއް ޤައުމުތަކަށް ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައިވާއިރު ރާއްޖެ އެތެރެވުމުގައިވެސް ފިޔަވަޅުތަކެއްވަނީ އަޅާފައެވެ.
ވެކްސިންގެ 2 ޑޯޒްއާއެކުވެސް އޮމިކްރޯ ވޭރިއަންޓް ޖެހުމުގެ ފުރުސަތު އެބައޮތް ކަމަށާއި އެހެންނަމަވެސް ބޫސްޓަރ ޑޯޒް ޖެހުމުން ލިބޭރައްކާތެރިކަން އިތުރުކަން ޑޮކްޓަރ އަފްޒަލް ފާހަގަކުރެއްވިއެވެ.
ބޫސްޓަރޑޯޒް ޖެހުން، މި ވެކްސިން ލިބުނު އެންމެ އަވަހަކަށް ފެށިގެންދާނެކަމަށް ޑޮކްޓަރ އަފްޒަލް ވިދާޅުވިއެވެ.
ބޫސްޓަރ ޑޯޒް މިހާރު ހުޅުވާލެވިފައިވަނީ އުމުރުން 50 އަހަރުން މަތީގެ މީހުންނާއި، އިތުރު ބަލިތައް ތަހައްމަލު ކުރަމުންދާ މީހުން އަދި ދާއިމީ ބައްޔަކަށް ފަރުވާ ހޯދަމުންދާ މީހުންނަށެވެ.

އޮމިކްރޯން ވޭރިއަންޓުގެ ފަސް ކޭސް ރާއްޖެއިން ފެނިފައިވާއިރު މީގެ ފުރަތަމަ ކޭސް ފެނުނުކަން އެޗްޕީއޭއިން ހާމަކޮށްފައިވަނީ މިމަހުގެ 5 ވަނަ ދުވަހުއެވެ. ސައުތް އެފްރިކާއިން ރާއްޖެއައި މީހެއްގެ ފަރާތުން މި ބަލި ފެނިފައިވާއިރު އެއީ ރާއްޖެއަށް ދަތުރުކޮށްފައިވާ ފަތުރުވެރިންގެ ފަރާތުން ފެނިފައިވާ ކޭސްތަކެކެވެ. މި ވޭރިއެންޓާ ގުޅިގެން އިތުރު ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ދަނީ މަޝްވަރާކުރަމުންނެވެ.
ކޯވިޑް-19ގައި މިހާތަނަށް 259 މީހަކު ވަނީ މަރުވެފައެވެ.
advertisment
ހިޔާލު