އދ. އަތޮޅުގެ ޕްރިންސިޕަލުންގެ ބައްދަލުވުން: ނަތީޖާ ނެރުމަށް ގުޅިގެން މަސައްކަތް ކުރުމަށް ކޮށުނު މަގެއް

އދ. އަތޮޅުގެ ޕްރިންސިޕަލުންގެ ބައިވެރިން: ކުރިމަގުގައި މުހިންމު ކަންތައްތަ ކުރަން ވަނީ ކަނޑައަޅާފައި: ފޮޓޯ އޮމަދޫ ސްކޫލް

އދ. އަތޮޅުގެ ހުރިހާ ސްކޫލެއްގެ ޕްރިންސިޕަލުން އެއްތަނަކުން ބައްދަލުވުމަކީ އެއީ އެ އަތޮޅުގެ ތައުލީމީ ހާލަތު ބަދަލު ކުރުމަށް އެޅިގެން ދިޔަ ފާލަމެކެވެ. އަތޮޅުގައި ހިމެނޭ ދިހަ ރަށުގެ ސްކޫލްތަކުގެ ތަފާތު ތަޖުރިބާތައް އެއް ތަނަކުން އަޑުއިވެގެން ދިއުމަކީ އެއީ ކުރިމަގަށް ހުޅުވިގެން ދިޔަ ދޮރެކެވެ.

" އަޅުގަނޑުމެންގެ މައިގަނޑު މަޤްޞަދަކީ ބެސްޓް ޕްރެކްޓިސްތައް ޝެއަރކުރުން. އެކި ސްކޫލްތަކުން ކަންތައްތައް ކުރަމުންދާ ގޮތް ދެނެގަނެ، ހަރުދަނާ ފިޔަވަޅުތަކެއްގެ މަތީގައި ސްކޫލްތަކުން ނެރޭ ނަތީޖާ މިހާރަށްވުރެ ބޮޑަށް ރަނގަޅު ކުރުން" ޕްރިންސިޕަލުން އެއްތަނަކަށް އެއްވެ މަޝްވަރާ ކުރެވުނު ކަންތައްތަކަށް އިޝާރާތްކޮށް މަހިބަދޫގައި ހުންނަ އަތޮޅު ތައުލީމީމަރުކަޒުގެ ޕްރިންސިޕަލް މޫސާ ނަދީމް ވިދާޅުވިއެވެ.

ޕްރިންސިޕަލުންގެ ބައްދަލުވުން އޮތީ އޮމަދޫ ސްކޫލްގައެވެ. ހުރިހާ އިންތިޒާމެއްގައި އެންމެ އިސްކޮށް މަސައްކަތް ކުރީ އެ ސްކޫލުންނެވެ. ބައްދަލުވުމުގައި ބައިވެރިވި ހުރިހާ ޕްރިންސިޕަލުންނަށް އެ ސްކޫލުން ވަނީ ފުރިހަމަ މެހުމާންދާރީއެއް އަދާކޮށްފައެވެ.

ނަދީމް ވިދާޅުވީ އަތޮޅު ފެންވަރުގައި ހުރިހާ ޕްރިންސިޕަލުން އެއްތަނަކަށް އެއްވެ، މަޝްވަރާ ކުރުމަށް ބައްދަލުވުމެއް ބޭއްވުމަށް ޚިޔާލު ބަދަލުކުރެވެމުންދާތާ ދުވަސްތަކެއް ވި ނަމަވެސް އަމަލީ ގޮތުން ބައްދަލުވުމެއް ބޭއްވުމާ ހަމައަށް ދިޔައީ " ވެހިއެޑިއުކޭޝަން ޓުއަރ" ގެ ތެރެއިން ލިބިގެން ދިޔަ ތަޖުރިބާތަކަށް ބިނާކޮށެވެ.

" މިފަދަ ބައްދަލުވުންތަކުން މުހިންމު މައުލޫމާތު ތަކެއް ލިބިގެންދޭ. ކޮންމެ ސްކޫލަކީ ވެސް ތަފާތު ގޮތަކަށް ހިންގާ ތަނެއް. އެއްތަނެއްގެ އެކްސްޕީރިންސަކީ އަނެއްތަނަކަށް މުހިންމު އެއްޗަކަށްވޭ" ނަދީމް ވިދާޅުވިއެވެ.

ނަދީމް ވިދާޅުވީ އދ. އަތޮޅުގެ ޕްރިންސިޕަލުންގެ ބައްދަލުވުމަކީ ފެށުމެއް ކަމަށާއި އިތުރު ބައްދަލުވުންތަކެއް ދެވަނަ ޓާމުގެ ތެރޭގައި ވެސް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އެ ބައްދަލުވުމުގެ އަލީގައި އޯލެވެލްއާއި ކޯ ކަރިކިއުލަމް  ހަރަކާތްތަކުގައި ސްކޫލްތައް ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ގިނަ ސްކޫލްތަކުގެ ޕްރިންސިޕަލުން ފާހަގަކުރައްވާފައިވާ ކަމަށެވެ. އެއީ ހުރިހާ ސްކޫލްތަކަކީ ވަޞީލަތުގެ ގޮތުން އެކަށީގެންވާ ތަންތަނަށް ނުވާތީ އެއް ސްކޫލުން އަނެއް ސްކޫލަށް އެހީތެރިކަން ފޯރުކޮށްދެވިއްޖެނަމަ ނަތިޖާ ނެރުމަށް މަގުފަހިވެގެންދާނެތީއެވެ.

" މުދައްރިސުންނަށް ބެލި ނަމަވެސް އެހެނިގެން ވަޞީލަތުގެ ގޮތުން ވެސް ސްކޫލްތަކުގެ މެދުގައި ބޮޑު ތަފާތު ތަކެއް އެބަހުރި. އެ ތަފާތުތައް ނައްތާލުމަށް މުދައްރިސުންގެ އެހީތެރިކަން ވެސް ސްކޫލްތަކަށް ހޯދިދާނެ. އޭރުން ބިޒްނަސްއަށް ނޫނީ ހިސާބަށް އެންމެ މޮޅު މުދައްރިސް ހުރި ސްކޫލުގެ ބޭނުން އެހެން ސްކޫލްތަކުގެ ދަރިވަރުންނަށް ހިފޭނެ" ނަދީމް ވިދާޅުވިއެވެ.

ނަދީމް ވިދާޅުވީ ވަޞީލަތްތައް ހުރި ގޮތުން، އޯލެވެލް ނަތީޖާ ރަނގަޅު ކުރަން މަސައްކަތް ކުރަންވީ ގުރޭޑް ހަތަކާ ހަމައިން ކަމަށް ޕްރިންސިޕަލުން ފާހަގަކުރެއްވި ކަމަށެވެ.

ނަދީމް ވިދާޅުވީ ބައްދަލުވުންތައް ކުރިއަށް ގެންދާނީ ހަމައެކަނި ޕްރިންސިޕަލުންގެ ފެންވަރުގައި ނޫން ކަމަށާއި، މުދައްރިސުންގެ ބައްދަލުވުންތައް ވެސް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. މިފަދަ ބައްދަލުވުންތަކުން ނުކުންނާނެ ނަތީޖާ ކުރިމަގުގައި ފެންނާނެ ކަމަށް ހުރިހާ ޕްރިންސިޕަލުން ގަބޫލު ކުރައްވައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *