އއ. ހިމަންދޫ ސްކޫލްގެ ގްރޭޑް 8 ގައި ކިޔަވަމުންދާ ދަރިވަރު ޢަބްދުލް ޢަހަދު ބިން މައުސޫމަކީ އެންމެ ތުއްތު އިރުއްސުރެވެސް ވޭނުގައި އުޅެމުން އަންނަ ކުއްޖެކެވެ. ތަޙައްމަލް ކުރަމުންދާ ބަލިތަކުގެ އަސްލު އެނގުނީ މީގެ ހަތަރުވަރަކަށް މަސް ކުރިން އައިޖީއެމްއެޗްގެ އައިސީޔޫގައި ބާއްވައިގެން ކުރި ޓެސްޓްތަކުންނެވެ.
" ތިންމަސް ވަންދެން މާލޭގައި އުޅެފައި މި އައީ. އައިސީޔޫގައި އޮވެފައި. އެހިސާބަށް ދިޔައިމަ އެނގިއްޖެ ތުއްތު އިރުންފެށިގެން އިންނަ މައްސަލައެއްކަން. އެއީ ފައިތިލަ އިންނަނީ ފުރޮޅިފައި. ދެން އެކަމާ ގުޅިގެން ނާރު މައްސަލަ، އެ މައްސަލައާ ގުޅިގެން ގޮސް ބުރަކަށީގެ މައިބަނދަ އެއްކޮށް އިންނަނީ ގުދުވެފައި. އެކަމާ ގުޅިގެން ފުއްޕާމޭ ހަލާކުވެފައި. ފުއްޕާމޭގެ މައްސަލަ ހައްލުކުރެވެން މިވަނީ މައިބަދަ އޮޕަރޭޝަން ކުރެވިގެން. "
ޢަބްދުލް ޢަހަދުގެ ބައްޕަ
ޢަބްދުލް އަޙަދުގެ ބައްޕަ މައުސޫމް މުޙައްމަދު ވިދާޅުވީ އަބަދުވެސް މިކަމާ ގުޅިގެން ޑޮކްޓަރަށް ދައްކާކަމަށެވެ. އެހެންނަމަވެސް އޭރު އެއްވެސްވަރަކަށް މައްސަލަތައް ދިމާވާ ސަބަބެއް ދެނެގަނެވިފައެއް ނުވެއެވެ. 14 އަހަރުވަންދެން އެ ވޭން ތަޙަމަލް ކުރަމުންދާ ޢަބްދުލް ޢަހަދުގެ ބޭސް ފަރުވާ ރާއްޖެއިން ކުރެވޭކަށް ނެތެވެ. އެހެންކަމުން ޢާއިލާއިން މަސައްކަތްކުރަމުންދަނީ އައިޖީއެމްއެޗްގެ ޑޮކްޓަރުންގެ ޓީމުން ދެއްވި ލަފާއާއިއެއްގޮތަށް އިންޑިއާއަށް އިތުރު ފަރުވާއަށް ދެވޭތޯއެވެ.
ޢަބްދުލް އަޙަދަކީ ސިއްޙީ އެތައް އުނދަގޫ މައްސަލަތަކަކާއިއެކު ވަރަށް ބޮޑެތި ބަލިތަކެއް ތަޙައްމަލް ކުރަމުންދާ ކުއްޖެކެވެ. ނޭވާލާ ނިޒާމް ފެއިލްވެ، މޭގެ ބައެއްގައި ފެން ހެދިފައިވުމުގެ އިތުރަށް ހިތުގެ މައްސަލަތަކެއްވެސް ދަނީ ތަޙައްމަލް ކުރަމުންނެވެ. މީގެ އިތުރުން މައިބަދައިގެ ކަށިގަނޑުވަނީ ވަރަށް ބޮޑަށް ގުދުވެފައެވެ.
އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ ޑޮކްޓަރުންގެ ޓީމަކާ ހަވާލާދީ އާއިލާއިން ބުނެފައިވަނީ މި މައްސަލަތަކުގެ ސަބަބުން ޢަބްދުލް އަޙަދުގެ އޮކްސިޖަން ލެވެލް ނުހިފެހެއްޓޭކަމަށެވެ. މިކަމުގެ ސަބަބުން ތަޙައްމަލްކުރަން އުނދަގޫ ވޭނަކާ ކުރިމަތިލާންޖެހިފައިވާކަމަށާއި ނިދަނީވެސް ބައިޕެޕް މެޝިން އެހީގައި އޮކްސިޖަން މާސްކެއް އަޅައިގެންކަމަށެވެ.
އަދި އަބަދުވެސް މޭގެ ތެރޭގައި އުފެދިފައިވާ ދަވައިގެ ސަބަބުން ކެއްސާ، ނޭވާ ކުރުވެ، ހިނގައި ބިނގައިވެ އުޅެންވެސް ވަނީ ދަތިވެފައެވެ. ކިރިޔާވެސް ގިނަ ވަގުތު ހިނގައިފިނަމަ ގައިގެ އެއްފަޅި ތުރުތުރު އަޅާ ހާސްވެ އޮކްސިޖަން ލެވެލް ދަށްވެއެވެ.
މި ބަލިތަކަށް ދާއިމީ ހައްލެއް ނުލިބޭނަމަ އަބަދުވެސް އޮކްސިޖަން މެޝިނެއްގެ އެހީގައި އުޅެން ޖެހިދާނެކަމަށް ޑޮކްޓަރުން ވަނީ ބުނެފައިކަމަށް އާއިލާއިން މަޢުލޫމާތުދެއެވެ.
ހަމަ އެހެންމެ މައިބަދައިގެ ކަށިގަނޑު އެނބުރިފައިވާތީ ސީދާ ކުރެވޭނެ ގޮތެއް ހެދުމަށާއި ނޭވާލުމަށް ދަތިވާތީ ކަރުގެ އޮޕަރޭޝަނެއް ކުރުމަށާއި އަދި އެއް ފައިގެ ނާރުގެ މައްސަލައާއި ގުޅިގެން އިށީންދެ އިނުމަށާއި، ތެދުވެ އުޅުމަށް، އަދި ހިނގުމަށް ދަތިވެފައިވާއިރު، ފައިތިލަ ފުރޮޅިފައިވުމުން ފަޔަށް އެކަށީގެންވާ ބޫޓެއް ހައްދައި އެ ބޭނުންކޮށްގެން ފައިތިލަ ރަނގަޅު ނުވާނަމަ އޮޕަރޭޝަން ކުރުމަށްވެސް ޑޮކްޓަރުން ވަނީ ލަފާދީފައެވެ.
އަދި ފުއްޕާމޭގެ ބައްޔަށް ދާއިމީކޮށް ބޭސް ބޭނުންކުރަން ޖެހޭއިރު މި ފާއިތުވި ދުވަސްތަކުގައި ރާއްޖެއިން ކުރެވުނު ފަރުވާތަކުން މި ބަލިތަކަށް އެއްވެސް ހައްލެއް ލިބިފައި ނުވާކަން އާއިލާއިން ފާހަގަކުރެއެވެ. އެހެންކަމުން ޑޮކްޓަރުންގެ ޓީމުގެ ލަފާގެ މަތިން އިތުރު ފަރުވާއަށް އިންޑިއާއަށް ދިއުމަށްވަނީ ނިންމާފައެވެ. އެހެންނަމަވެސް މިއީ ބޮޑު ޚަރަދެއް ހިނގާނެކަމަކަށްވާއިރު އެ ޢާއިލާއަށް އެހީތެރިކަން ބޭނުންވެއެވެ. އާސަންދަ ހަމަޖެހިފައިވީނަމަވެސް މިހާ ގިނަ، ބޮޑެތި ބަލިތަކަށް ފަރުވާ ކުރުމަށް ރާއްޖެއިން ބޭރަށްދާއިރު އިތުރުއެހީތެރިކަން ބޭނުންވެއެވެ.
އެކައުންޓްގެ ވެރިފަރާތް: މަޢުސޫމް މުޙައްމަދު
އެކައުންޓް ނަންބަރު: 7721 517589 001
އެހީތެރިވާން ބޭނުންވާ ފަރާތްތަކުން އިތުރު މައުލޫމާތު ހޯއްދަވަން ބޭނުންވާ ކަމުގައިވާނަމަ ޢަބްދުލް ޢަހަދުގެ ބައްޕަ މަޢުސޫމް މުޙައްމަދުގެ ނަންބަރު ( 9888348 )ގުޅުއްވައިގެން ކުރިއަށް ގެންދެވިދާނެއެވެ.
އއ. ހިމަންދޫގެ ރައްޔިތުންނާއި އެރަށުގެ ސްކޫލުންވެސް ދަނީ ޢަބްދުލް އަޙަދަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ދަރިވަރު ނޫހުންވެސް އެދެނީ ޢަބްދުލް އަޙަދަށް އަވަސް ޝިފާއެއް ދެއްވުމަށެވެ.
ހިޔާލު