ތާޖުއްދީން ސުކޫލްގެ ދަރިވަރު ހައްވާ އީޝަލް ރިޔާޒު އޭޝިއަން ޔޫތު ޕެރާ ގޭމްސް 2021އަށް ފުރައިފިއެވެ.
ޑިސެމްބަރ 2 އިން 6 އަށް ކުރިއަށްދާ މި މުބާރާތް އޮންނާނީ ބަހްރެއިންގެ މަނަމާ ސިޓީގައެވެ.
އީޝަލްއަކީ ދިވެހިރާއްޖެއިން މިފަދަ ބައިނަލް އަގްވާމީ މުބާރާތެއްގައި ބައިވެރިވާ އެންމެ ހަގު، އަދި ފުރަތަމަ އަންހެން ޕެރާ ބެޑްމިންޓަން ކުޅުންތެރިޔާއެވެ.
އީޝަލް ފުރުމުގެ ކުރިން ޔޫތު މިނިސްޓަރ މަހުލޫފު ވަނީ އީޝަލްއާއި އޭނާގެ ކޮންޓިޖެންޓްާ ބައްދަލުކޮށް ހިތްވަރު ދެއްވާފައެވެ.

އީޝަލްއަށްް ހިތްވަރު ދިނުމުގެ ގޮތުން ތާޖުއްދީން ސުކޫލްގެ ޕްރިންސިޕަލް ބަޝީރާ ވެސް ވަނީ އީޝަލްއާއި ބައްދަލުކުރައްވާ ހިތްވަރު ދެއްވާފައެވެ. ދަރިވަރު ނޫހަށް މައުލޫމާތު ދެއްވަމުން ތާޖުއްދީން ސުކޫލްގެ ޕްރިންސިޕަލް ވިދާޅުވީ އީޝަލްއަކީ އެހެން ކުދިންނަށް ހުރި ނަމޫނާ ދަރިވަރެއްކަމަށާއި އީޝަލްއަކީ ކޮންމެ ކަމަކާއި ކުރިމަތިލާން ޖެހުނު ކަމުގައި ވިޔަސް ފަހަތަށް ނުޖެހި އެކަމަކާ ކުރިމަތިލާ ނަތީޖާ ނެރެން ބޭނުންވާ ދަރިވަރެއްކަމަށެވެ. ސުކޫލްގެ ގިނަ ހަރަކާތްތަކެއްގައި ބައިވެރިވާނެ ކަމަށާއި ނަމަވެސް ވަރަށް ޖެހިލުން ކުޑަ ކުޅަދާނަ ދަރިވަރެއްކަމުގައި ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ތާޖުއްދީން ސުކޫލްގެ ދަރިވަރެއްގެ ގޮތުގައި ހުރެ މިފަދަ މުބާރާތަކުން އީޝަލްއަށް ފުރުސަތު ލިބުމަކީ ނުހަނު އުފާވާކަމެއް ކަމަށާއި އަދި ޕްރިންސިޕަލްގެ އެދުމަކީ ސުކޫލަށާއި ގައުމަށް ފަޚުރުވެރި ރަން ވަނައެއް ހޯދައިގެން އެނބުރި އައުން ކަމަށްވެސް ވިދާޅުވިއެވެ.

އީޝަލް ބައްޕަ އަހުމަދު ރިޔާޒު ދަރިވަރު ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއީ ވަރަށް އުފާވެރި ދުވަހެއް ކަމަށާއި ބުރަ މަސައްކަތެއްގެ ފޮނި ކަމިޔާބީ ކަމަށެެވެ. އީޝަލް ވިހެއިއިރު ހޯމް ސުކޫލިންގ ދޭ ވިސްނުން އައި ކަމަށާއި އެހެން ނަމަވެސް އެއީ އެންމެ ރަނގަޅު ގޮތް ނޫންކަމަށް ފަހުން ވިސްނުނު ކަމަށެވެ. މިފަދަ ކުދިންނަށް ފުރުސަތު އޮންނަން ޖެހޭނެ ކަމަށާއި މިފަދަ ކުދިންނަކީވެސް މުޖުތަމައުއިން ބަލައިގަންނަން ޖެހޭނެ ކުދިބައެއް ކަމަށް ވިސްނުނުކަމަށްވެސް އީޝަލްގެ ބައްޕަ ވިދާޅުވިއެވެ. އޭރު މަގުމަތިން ފެނުމުން މީހުން އީޝަލްއާއި ގުޅޭ ގޮތުން ސުވާލު ކުރާ ކަމަށާއި ވަރަށް ހިތްހަމަ ނުޖެހޭ ސުވާލުތައްވެސް ކުރާކަމަށް އީޝަލްގެ ބައްޕަ ވިދާޅުވިއެވެ. އެހެންނަމަވެސް މިހާރު މީހުންގެ ވިސްނުން ބަދަލުވެ އީޝަލް ފެންނަ ކޮންމެ މީހަކުވެސް އީޝަލްއަށް ތައުރީފު ކުރާތަން ފެނުމަކީ މަންމައާއި ބައްޕަ ވަރަށް އުފާވާ ކަމެއް ކަމަށްވެސް ވަނީ ފާހަގަ ކުރައްވާފައެވެ.
"އަލްހަމްދުﷲ މިއީ އެހެން ކުދިންނަށް ހިތްވަރަކަށް ވާނެ"
އީޝަލްއަކީ ގިނަ ކަންތައްތަކެއްގެ ހުނަރުވެރި ކުއްޖެކެވެ. ސުކޫލްގެ ގިނަ ހަރަކާތްތަކުގައި ބައިވެރިވެއެވެ. ސުކޫލް ޕްރިފެކްޓެކެވެ. ކިޔެވުމަށް މޮޅު ދަރިވަރެކެވެ.

އީޝަލްއަކީ ޤުރުއާން ކިޔަވާ، މަދަހަ އާއި ލަވަވެސް ކިޔާ އަދި އަދަބީ ގިނަ ހަރަކާތް ތަކެއްގައިވެސް ހަރަކާތްތެރިވަމުން އަންނަ ނަމޫނާ ދަރިވަރެކެވެ. މަންމަމެންގެ ބަސްއަހާ ގަޑިއަސް ފަރުވާތެރިވާ ދަރިވަރެކެވެ. އީޝަލް މި މުބާރާތަށް ތައްޔާރުވުމަށް ޕްރެކްޓިސް މެދުނުކެނޑި ކުރަމުންދާތާ ދެއަހަރު ވެއްޖެއެވެ. އެތަނުން ކޯޗަށް އީޝަލްގެ ކުޅުން ރަނގަޅުވެގެން ވައިޑީޕީއަށް ގެންދިޔައެވެ. އޭގެ ފަހުން 2019 ވަނަ އަހަރު ގައުމީ ޕޫލްއަށް ހޮވިގެން ގައުމީ ޓީމްގެ ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ފެށިއެވެ. އީޝަލްއަކީ ރާއްޖޭގެ ފުރަތަމަ ޕެރާ އެންމެ ހަގު ބެޑެމިންޓަން ކުޅުންތެރިޔާވެސްމެއެވެ. އިންޓަނޭޝަނަލް ބޮޑު މުބާރާތެއްގައި ރާއްޖެއިން ބައިވެރިވާ އެންމެ ފުރަތަމަ އަންހެން ޕެރާ ބެޑްމިންޓަން ކުޅުންތެރިޔާވެސް މެއެވެ. މި މުބާރާތުގައި ސާޅީސް ގައުމަކުން 800 އެތުލީޓުން ބައިވެރިވާނެއެވެ. މި މުބާރާތް މީގެ ކުރިން 30 ގައުމަކުން 800 އަށްވުރެ ގިނަ އެތުލީޓުންނާއިއެކު 2017 ވަނަ އަހަރު ބޭއްވުނީ ދުބާއީގައެވެ.

އެފަހަރުގެ އެއްވަނައަކީ ޖަޕާނެއެވެ. އެއީ 43 ރަން މެޑަލްއާއިއެކުއެވެ. ދެވަނައަށް 39 މެޑަލްއާއިއެކު ޗައިނާ ދެވަނައަށް ދިޔައިރު 27 ރަން މެޑަލް އެގައުމުންވަނީ ހޯދާފައެވެ. އީޝަލްގެ ބައްޕަވަނީ ކޯޗުން ޓީމަށާއި، ބެޑްމިންޓަން އެސޯސިއޭޝަންއާއި އަދި މޯލްޑިވްސް ޕެރަ އޮލިމްޕިކް ކޮމިޓީއަށްވެސް ޝުކުރު އަދާކޮށްފައެވެ. މީގެ އިތުރުން އީޝަލްއަށް މިކަމުގައި ހިތްވަރު ދެއްވި ފަރާތްތަކަށާއި އެކި ގޮތްގޮތުން އެހީތެރިވި އެންމެނަށްވެސް ޚާއްސަ ޝުކުރެއް ދަންނަވާފައެވެ.
ދަރިވަރު ނޫހުގެ ފަރާތުން އެދެނީ އަދި ދުއާއަކީވެސް އީޝަލްއަށް މިމުބާރާތުން ފަޚުރުވެރި ވަނައެއް ލިބި، މައިންބަފައިންނާއި، ޤައުމާއި، ދިވެހިން އީޝަލްއަށްޓަކައި ފަޚުރުވެރިވާނެފަދަ ދިވެހި ދަރިއަކަށްވުމެވެ.
advertisment
ހިޔާލު