އައްޑޫ ސިޓީގެ ހިތަދޫގައި ހުންނަ ޝަރަފުއްދީން ސްކޫލުގެ ފެށުމާ ގުޅިފައި ވަނީ ސަދަން ސެކަންޑްރީ ސްކޫލާއެވެ. އެ ސްކޫލުންގެ ނަން މުހިއްބުއްދީން ސްކޫލަށް ފަހުން ބަދަލުކުރިއެވެ. އެއަށްފަހު 2012 ވަނަ އަހަރުގެ ތެރޭގައި އައްޑުއަތޮޅު ތައުލީމީމަރުކަޒާއި އެ ސްކޫލް އެއްކޮށްލައި ޝަރަފުއްދީން ސްކޫލް އުފެއްދިއެވެ.
ގުރޭޑް ދިހައަކާ ހަމައަށް ކިޔަވައިދެމުންދާ ޝަރަފުއްދީން ސްކޫލް މިއަދު ދަނީ ސިޓީގެ ފެންވަރުގައާއި ޤައުމީ ފެންވަރުގައި ތަފާތު ދައްކަމުންނެވެ. ނިމިދިޔަ ސާނަވި އިމްތިޙާނުގައި އެ ސްކޫލުގެ ނަން ޝަރަފުވެރިކަމާއެކު ދަނީ ފެވެމުންނެވެ. ތައުލީމީ ގޮތުން ހޯދަމުންދާ ކާމިޔާބީތައް ދަނީ އިތުރުވަމުންނެވެ.
ކާމިޔާބީ ގުޅިފައި ވަނީ ޒަމާންވީ ތަޢުލީމީ ސަގާފަތާ
2019 ވަނަ އަހަރު ބޭއްވި ސާނަވީ އިމްތިޙާނުން 20 ދަރިވަރަކު ގަދަ ދިހައެއްގައި ހިމެނި، އެއްވަނައިގައި ހިމެނުނު ދިހަ ދަރިވަރުންގެ ތެރޭގައިވެސް އެ ސްކޫލްގެ ކުއްޖަކު ވަނީ ހިމެނިފައެވެ. އަދި ވަކިވަކި މާއްދާތަކަށް ބަލާއިރު، މެރިން ސައިންސުން ދުނިޔޭގެ އެއްވަނަވެސް އެ ސްކޫލްގެ ދަރިވަރަކު ހޯދާފައިވެއެވެ. މަތީ ސާނަވީގައި އައްޑޫހައި ސްކޫލުގެ 22 ދަރިވަރަކު ގައުމީ ގަދަ ދިހައެއްގައި ހިމެނުނުއިރު، އޭގެ ތެރެއިން 16 ކުދިންނަކީވެސް ޝަރަފުއްދީން ސްކޫލުން ކިޔެވި ދަރިވަރުންނެވެ.
ޝަރަފުއްދީން ސްކޫލްގެ ޕްރިންސިޕަލް ހުސައިން މުސައްވިރު ގަބޫލުކުރައްވާ ގޮތުގައި އެ ސްކޫލްގެ ކާމިޔާބީ ގުޅިފައި ވަނީ ޒަމާނުއްސުރެ އެ ސްކޫލްގައި އަށަގެންފައިވާ " އެކަޑަމިކް ކަލްޗަރ"އާއެވެ. އަދި " މުދައްރިސުންގެ ތަޖުރިބާއާއި ކޮލިޓީއާ" އެވެ.

މުސައްވިރު ވިދާޅުވީ ޝަރަފުއްދީން ސްކޫލުން ކަނޑައަޅާ އަމާޒަށް ވާޞިލްވުމަށް ގިނަ މަސައްކަތްތަކެއް ކުރެވޭ ކަމަށާއި، 2019 ވަނަ އަހަރާ އަޅާބަލާއިރު، ދަރިވަރުން ހޯދި ނަތީޖާ ނިސްބަތުން ދިހަ އިންސައްތައިގެ ކުރިއެރުމެއް ހޯދާފައިވާ ކަމަށެވެ. ނަތީޖާއަކީ 2020 ވަނަ އަހަރު ސާނަވީ އިމްތިޙާނުގެ ގަދަ ދިހައެއްގައި ހިމެނުނު ދަރިވަރުންގެ އަދަދު 31އަށް އިތުރުވުމެވެ. އަދި ހަތަރު ދަރިވަރަކު ގަދަ ދިހައެއްގެ އެއްވަނައިގައި ހިމެނުމެވެ.
" އެހެން ސްކޫލްތަކާ އަޅާބަލާއިރު ވަޞީލަތްތައް ވެސް އިތުރުވެ، ޒަމާނުއްސުރެ ގާއިމް ވެފައި އޮތް އެކަޑަމިކް ކަލްޗަރގެ ތެރެއިން، އެކަޑަމިކަށް ފޯކަސްކޮށްގެން މަސައްކަތް ކުރަމުންދަނީ. އޭގެ ނަތީޖާ މި ފެންނަނީ"
މީގެ ދެއަހަރާއި ބައިގެ ކުރިން ޝަރަފުއްދީން ސްކޫލްގެ ޕްރިންސިޕަލްކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވި ހުސައިން ވިދާޅުވިއެވެ.
" މަތީ މާކްސްހޯދައިދޭ ސްކޫލެއްގެ ގޮތުގައި ތަނުގެ މާހައުލުވެސް ޒަމާނުއްސުރެ ބައްޓަންވެފައި މި އޮތީ. ޓީޗަރުންގެ ކޮލިޓީއާއި އެމީހުން ކުރާ މަސައްކަތާއި ތަޖުރިބާ މުހިންމު ރޯލެއް ކުޅޭ. ފައުންޑޭޝަން ލެވެލްގައިވެސް މި އެޅޭ ބިންގާވެސް މިހާރު ވަރުގަދަވާނެ. އެހެންވާތީ ނަތީޖާވެސް ރަނގަޅުވަނީ"

ހުސައިން ވިދާޅުވީ، ޝަރަފުއްދީން ސްކޫލާމެދު ރައްޔިތުންގެ މެދުގައި އޮތް ލޯބި އެގޮތުގައި އެބައޮތް ކަމަށާއި، އެ ސްކޫލަށް ލިބޭ ހުރިހާ ކާމިޔާބީއެއްގައި ބެލެނިވެރިންގެ ހިއްސާ ބޮޑުކަމަށެވެ. އެ ސްކޫލާމެދު އޮތް ރަނގަޅު ތަޞައްވުރުގެ ނަތީޖާއަކީ ހިތަދޫގައި ހުންނަ އެ ސްކޫލަށް އެ އަތޮޅުގެ އެހެން ރަށްރަށުންވެސް ދަރިވަރުން ކިޔަވަން އަންނަ އައުމެވެ. ގުޅިފައިވާ ރަށްތަކުން 69 ދަރިވަރަކު މިހާރުވެސް އެ ސްކޫލަށް ބަހުގައި ކިޔަވަން ދެއެވެ.
" ކިޔަވަންދާނެ ސްކޫލްތައް އެބަހުރި އަތޮޅުގެ ލެވެލްގައި. އެ އޮޕްޝަންތައް އޮތްއިރުވެސް އެހެން ރަށްތަކުން ކިޔަވަން އެ އަންނަނީ ސްކޫލާމެދު އޮތް ރަނގަޅު ތަޞައްވަރުގެ ސަބަބުން"
ހުސައިން ވިދާޅުވިއެވެ.
ދަށް ނަތީޖާ ހޯދާ ދަރިވަރުންނަށް އިތުރު ސަމާލުކަމެއް
ފަސް މާއްދާއިން ފާސްވާ ނިސްބަތް އަހަރުން އަހަރަށް މަތިވި ނަމަވެސް ފާސްނުވާ ކުދިންނަށް ޚާއްޞަ ސަމާލުކަމެއް ދިނުމަކީ މުހިންމު ކަމެކެވެ. އެފަދަ ދަރިވަރުންނަށް ފޯކަސްކޮށްގެން އަމާޒުތަކެއް ކަނޑައަޅައިގެން މަސައްކަތް ކުރުމަށް މިއަހަރު ވަނީ އަމާޒު ހިފާފައެވެ.
" ގިނަ ފަހަރަށް ކިޔެވުމަށްވެސް ދަށް މިވަނީ އާއިލީ މައްސަލައެއް ނޫނީ ދިމާވާ ތަފާތު ކަންތައްތަކާހުރެ. އެފަދަ ކުދިންނަށް ހިތްވަރުދީ، ސަޕޯޓް ފޯރުކޮށްދީގެން ކިޔެވުމުގެ ތެރެއަށް ގެންނަން މަސައްކަތް އެބަކުރަން"
ހުސައިން ވިދާޅުވިއެވެ.
ހުސައިން ގަބޫލުކުރައްވާ ގޮތުގައި ކާމިޔާބަކަށް ވާނީ ތަޢުލީމީގޮތުން އެކަށީގެންވާ ކުރިއެރުންތަކެއް ނުހޯދޭ ކުދިންނަށް ރަނގަޅު ގޮތްތަކެއް ހަދަން މަސައްކަތްކޮށް، އެކުދިންގެ ފެންވަރު މަތިކުރެވިގެންނެވެ.
" 70 އިންސައްތައަށްވުރެ މަތިން ފަސް މާއްދާއިން ފާސްވާ މިންވަރު އިތުރުވާއިރު، ބާކީ އެބައޮތް 30 އިންސައްތައް ދޫކޮށްލެވިފައި. އަޅުގަނޑުމެންގެ ފޯކަސް އެކުދިންނަށް އަމާޒުކޮށްގެން އިތުރު ހިތްވަރެއް އެބަލަން އެފަދަ ކުދިންގެ ޕާފޯމަންސް ރަނގަޅުކުރަން"
ހުސައިންގެ އަމާޒު ސާފުކޮށްދެއްވިއެވެ.
" އަޅުގަނޑުމެންނަށް ބެލެނިވެރިންގެ ފަރާތުން އެއްބާރުލުން އެބަލިބޭ. އެއީ ލިބޭ ވަރަށް ބޮޑު ހިތްވަރެއް"
ކުޅިވަރުގައިވެސް ޝަރަފުވެރި ނަމެއް
ޝަރަފުއްދީން ސްކޫލަކީ ކުޅިވަރުގައިވެސް މިފަހަކަށް އަޑުއިވޭ އާންމު ނަމެކެވެ. ވަކި ކުޅިވަރުތަކެއް އެ ސްކޫލަށް ޚާއްޞައެވެ. އެ ކުޅިވަރުތަކުން އެ ސްކޫލުން ދަނީ ސިޓީ ފެންވަރުގައާއި ގައުމީ ފެންވަރުގައިވެސް މުހިންމު ކާމިޔާބީތަކެއް ހޯދަމުންނެވެ. އޭގެތެރޭގައި އެތްލެޓިކްސްއިން ހޯދި ކާމިޔާބީތަކާއި ރޯވިންއިން ހޯދި ބައިނަލްއަގުވާމީ ކާމިޔާބީތައް ފާހަގަކޮށްލެވެއެވެ.

ރޯވިން މުބާރާތް ބޭއްވުމުގެ މާކުރިން ޓީމެއް ނަގައިގެން ޕްރެކްޓިސްކުރުމުގެ މަސައްކަތް އެ ސްކޫލުން ވަނީ ފަށާފައެވެ. ކޮވިޑްގެ ހާލަތު ތަން ނުދިނުމުގެ ސަބަބުން އެ މަސައްކަތް ކުރިއަށް ގެންދެވޭގޮތެއް ނުވިއެވެ. މުބާރާތަށް ތައްޔާރުވާން ލިބުނު މަހެއްހާ ދުވަހުގެ ތެރޭގައި 20 ދަރިވަރުންގެ ޓީމެއް އެކުލަވާލައި، ރަނގަޅު ކާމިޔާބީތަކެއް ވަނީ އެ ސްކޫލުން ހޯދާފައެވެ.
" ވަގުތު ލިބުނުނަމަ ބޭރުގެ ޓީމުތަކާ ވާދަކޮށް މިއަށްވުރެ މާ ރަނގަޅު ކާމިޔާބުތަކެއް ހޯދުނީސް. ވަރަށް ކުޑަކުޑަ ފަރަގަކުން ތަފާތު ފެނިގެން ދިޔައީ"
ހުސައިން ވިދާޅުވިއެވެ.
ހުސައިން ވިދާޅުވީ ރޯވިން އެސޯސިއޭޝަންގެ ހެޑްއޮފީސް އައްޑޫސިޓީގައި ހުރުމަކީވެސް އެ ކުޅިވަރުން ކުރިއަށްދާން ލިބިފައިވާ ފަހި ފުރުޞަތެއް ކަމަށާއި، ނިމިގެން ދިޔަ މުބާރާތަށް ބަލާއިރު، ބޭރުގެ ސްކޫލްތަކާ ވާދަ ނުކުރެވެންވީ ސަބަބެއް ނެތް ކަމަށެވެ. އެއީ އެ މުބާރާތުގައި ބައިވެރިވި ކުދިންނާ އަޅާބަލާއިރު، އެ ސްކޫލުގެ ދަރިވަރުން ބައިވެރިވި ކެޓަގަރީތަކުގައި އެ ދަރިވަރުންނާ މާބޮޑު ފަރަގުތަކެއް ނެތީމައެވެ.

ހުސައިން ބޭނުންވަނީ ސްކޫލްގެ އިންޓަރ ހައުސްލެވެލްގައާއި ސިޓީގެ ލެވެލްގައިވެސް އެފަދަ މުބާރާތްތަކުގައި ބައިވެރިވާށެވެ.
ހުސައިންގެ މިހާރުގެ އަމާޒަކީ ފަސް މާއްދާއިން ފާސްވާ ނިސްބަތް 80 އިންސައްތައަށް އިތުރުކޮށް، ސާނަވީން ޤައުމީ ގަދަ ދިހައެއްހައި ހިމެނޭ ދަރިވަރުންގެ އަދަދު މަދުވެގެން ވިއްސަށް އިތުރު ކުރުމެވެ. ދުރު އަމާޒެއްގެ ގޮތުގައި ހުސައިން ގަބޫލު ކުރައްވަނީ އެ ސްކޫލަކީ ދުނިޔޭގެ ފެންވަރުގައިވެސް ބަލައިގަންނަ ސްކޫލަކަށް އެ ތަންވުމެވެ. އެކަން ކުރުމަށް ބައިނަލްއަގުވާމީ މުބާރާތްތަކާއި ޕްރޮގްރާމްތަކުގައި ބައިވެރިވާން ހުސައިން ހުރީ ނިންމަވައިގެންނެވެ.
" އެކަން ކުރުމަށް އިންޓަރނޭޝަނަލް ސްކޫލްތަކާ އަޅުގަނޑުމެންނާ އޮންނަ ގުޅުން ވަރުގަދަވެ އެ ނެޓްވާރކް ފުޅާކުރަންޖެހޭ. އަދި އެހެންމެ އެފަދަ ސްކޫލްތަކާ ގުޅިގެން އެކްސްޗޭންޖް ޕްރޮގްރާމްތައް ހިންގަން ވެސް ޖެހޭ. އަދި އިންޓަރނޭޝަނަލް ފެންވަރުގައި ވެސް ދަރިވަރުން ހޯދާ ނަތީޖާ އިތުރުކުރަންޖެހޭ "
ހުސައިން ވިދާޅުވިއެވެ.
ހުސައިން ވިދާޅުވީ ސަސްޓެއިނަބްލް އެކަޑަމިކް ޑިވެލޮޕްމަންޓަށް ފޯކަސްކުރެވިގެން ޕްރޮގްރާމްތަކެއް ހިންގަން ޖަޕާނުގެ ސްކޫލަކާއެކު މިހާރުވެސް ވާހަކަ ދައްކަމުން ގެންދަވާ ކަމަށެވެ.
" ބޭނުންވަނީ ފަސް އަހަރުގެ ޕްލޭން ނިމިގެންދާއިރު، އިންޓަރނޭޝަނަލް ސްކޫލްތަކުގެ ސްޓޭންޑަޑަށް ކަންތައްތައް ކުރެވޭ، އެފެންވަރަށް ކުދިންނަށް ޚިދުމަތް ދެވޭ ތަނަކަށް ވެގެން ދިއުން"
advertisment
ހިޔާލު