އެއީ ކުޑަކުޑަ އަތްތިލައެކެވެ. އެ އަތްތިލަ ފެވިފައިވަނީ ފެހިކުލައިންނެވެ. އަތްތިލައިގައި ވަނީ މި ޓަރމް ފެށުނު ދުވަހު ދަރިވަރުން ކަނޑައަޅާފައިވާ މި ޓަރމްގެ ލަނޑުދަނޑިތަކެވެ. މިއީ މިއަދު އަޅުގަނޑުމެންނާ ވަކިވެފައިވާ އުމުރުން އެންމެ 13 އަަހަރުގެ އައިމިނަތު ޝައިހާ ޝަހީދުގެ ކުޑަކުޑަ އަތްތިލައެވެ. ގދ އަތޮޅު ތަޢުލީމީ މަރުކަޒުގެ ގްރޭޑް 7 ގައި ކިޔަވަމުންދިޔަ އައިމިނަތު ޝައިހާ ޝަހީދު ނިޔާވެފައިވަނީ ލޭގެ ކެންސަރު ޖެހިގެންނެވެ. ޝައިހާ ނިޔާވި ޚަބަރަކީ ގިނަބަޔަަކަށް ސިހުން ގެނުވި ޚަބަރެކެވެ. އުމުރުން އެންމެ 13 އަހަރުގެ ޝައިހާއަށް ކުއްލި ގޮތަކަށް ދިމާވި ސިއްޙީ ހާލަތަކީ ކެންސަރުކަން އެނގުނީ މިމަހުގެ 18 ވަނަ ދުވަހުއެވެ.
ޝައިހާ ސްކޫލު މާހައުލުގައި އުޅޭ އުޅުން އެންމެ ގާތުން ފެނިފައިވާނީ ކްލާސް ޓީޗަރަށްކަން ޔަޤީނެވެ.
ޝައިހާގެ ކްލާސް ޓީޗަރު އަދި ޤުރުއާން ޓީޗަރު ހަޒުމާ ރަޝީދު ދަރިވަރު ނޫހަށް ހިއްސާ ކުރެއްވި ވާހަކަތަކުންވެސް ޝައިހާ އެ ޓީޗަރާއި، އެ ކްލާހުގެ ދަރިވަރުންނާ ވަކިވެ ދިއުމުން ކުރުވި ހިތްދަތި އިހްސާސް ފާހަގަވިއެވެ. މި ނާޒުކު ދަނޑިވަޅުގައިވެސް އެ ޓީޗަރު ހިތްވަރާއިއެކު އަޅުގަނޑުމެންނަށް ދެއްވި ކުޑަވަގުތުކޮޅަށްޓަކައި ދަރިވަރު ނޫޙުގެ ފަރާތުން އެ ޓީޗަރަށް ވަރަށް އިޚްލާސްތެރި ޝުކުރެއް އަދާކުރަމެވެ.
ޝައިހާގެ ކްލާސް ޓީޗަރު ހަޒުމާ ވިދާޅުވީ ޝައިހާއަކީ ވަރަށް މަޑުމައިތިރި މީހުންނާ ގުޅޭ ވަރަށް ރަނގަޅު ދަރިވަރެއްކަމަށެވެ. އެއީ ޤުރުއާން ކިޔެވުމުގައި ފުދޭވަރަކަށް ރަނގަޅުކުއްޖެއްކަމަށާއި ފިލާވަޅުވެސް ބަރާބަރަށް ދަސްކުރާ ކުއްޖެއްކަމަށް ވިދާޅުވިއެވެ. ޝައިހާ ބަލިވުމާއެކު އެ ކްލާހުގެ ކުދިންވެސް ޝައިހާގެ ހާލު އަހާ އޮޅުން ފިލުވާކަމަށާއި ޝައިހާ ބަލިވުމުން އެކުދިން ތިބެނީ ވަރަށް ދެރަވެފައިކަމަށް ވިދާޅުވިއެވެ. ދުވަހަކުވެސް ޝައިހާގެ ހަނދާންތައް ފިލައިގެން ނުދާނެކަމަށާއި ޝައިހާގެ ހަނދާންތައްވެސް ކްލާހުގައި އަބަދުވެސް ވާނެކަމަށް ޝައިހާގެ ކްލާސް ޓީޗަރު ހަޒުމާ ވިދާޅުވިއެވެ.
ޝައިހާ ދުވަހަކުވެސް މިސްގެ ހިތަކުން ފިލައިގެން ނުދާނެ. މިސްއާ ވަރަށް ގާތް ގުޅުމެއް އުފެދި އޮތްކުއްޖެއް ޝައިހާއަކީ. އެންމެ ފުރަތަމަ އައިސީޔޫއަށްލީ ޚަބަރު އިވުމާއެކީވެސް ވަރަށް ދެރަވި. އެހިސާބުން މިސްގެ މައިންޑުން އެންމެ ފަހަރަކުވެސް ޝައިހާ ނުދޭ. އަދި ކުރިއަށް އޮތް ތާނގައިވެސް ކްލާސް ކުދިންނަށްވެސް ޝައިހާގެ ހަނދާން ފިލައިގެން ނުދާނެ. ޝައިހާގެ އަތުން ހަދާފައިވާ ކްލާސްރޫމް ރޫލްސް ޕޯސްޓަރާ އެއްޗެހިވެސް ހުންނާނެ ކްލާސްތެރޭގައި. އެެހެންވީމަ ޝައިހާގެ ހަނދާން ފުހެވިގެން ނުދާނެ ކްލާހަކުން. ކްލާހަށް ވަންނަ ކޮންމެ ފަހަރަކުވެސް އެ ހަނދާންތައް އާވެގެންދާނެ.
ޝައިހާގެ ކްްލާސް ޓީޗަރު ހަޒުމާ
ޝައިހާގެ ކްލާސް ޓީޗަރު އެ ވިދާޅުވީ ތެދެކެވެ. ޝައިހާގެ ހަނދާންތައް ހަމައެކަނި މި ފޮޓޯއަށް ބަލާލުމުންވެސް އާވާނެއެވެ.

ޝައިހާގެ އާއިލާއިން ދަރިވަރުނޫހަށް ހިއްސާކޮށްފައިވާ މަޢޫލޫމާތަށް ބަލާއިރު ލޭގެ ކެންސަރުގައި ނިޔާވި ޝައިހާއަށް މީގެ ކުރިން މިފަދަ ބޮޑު ބައްޔެއްވެފައެއް ނުވެއެވެ. އެހެންނަމަވެސް އުމުރުން 5 އަހަރުގައި ޑެންގޫ ޖެހިގެން އެޑްމިޓްކުރިއެވެ. ޝައިހާ މިފަހުން ބަލިވެގެން ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ފަރުވާ ހޯދީ ޓޮންސިލް ދުޅަވެގެންނެވެ. އެކަމަށް އެ ހޮސްޕިޓަލުން ފަރުވާކުރުމަށްފަހު ޝައިހާގެ ހާލު ކުއްލިއަކަށް ގޯސްވީ މިދިޔަ ހަފްތާގެ ހޯމަ ދުވަހުގެ ރޭއެވެ. އެހިސާބުން ރަށުން ފަރުވާ ދިނުމަށްފަހު މާލެގެނެސް އައިޖީއެމްއެޗްގެ އައިސީޔޫގައި އެޑްމިޓްކޮށް ފަރުވާ ދޭންފެށިއެވެ. ލޭގެ ކެންސަރުކަން އެނގުނީ މާލެ އައިސް ހެދި ޓެސްޓްތަކުންނެވެ. އެހިސާބުން ވީ އެންމެ އަވަހަކަށް ރާއްޖެއިން ބޭރަށް ދިޔުމަށް އައިޖީއެމްއެޗުން އެންގުމާއެކު އެރަށުގެ އެކި ފަރާތްތަކުންވެސް ޝައިހާއަށް އެހީތެެރިވުމަށް މަސައްކަތްކުރިތަން ސޯޝަލް މީޑިއާއިން ފާހަގަވެގެން ދިޔައެވެ. އެގޮތުން ތިނަދޫގައި އޮތް ފުޓްސަލް މުބާރާތުގައި ގދ. އަތޮޅު ތައުލީމީ މަރުކަޒާއި ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ބައްދަލު ކުރި މެޗު ފެށުމުގެ ކުރިން ފެނިގެންދިޔައީ ޝައިހާއަށް އެހީތެރިވުމަށް އެދި ޚާއްސަ ބެނާއެއް ދައްކާލި މަންޒަރެވެ. އެ ބެނާގައި ޝައިހާއަށް އެހީތެރިވުމަށްވަނީ އެދިފައެވެ.

ޝައިހާގެ ކުއްލި މަރާ ގުޅިގެން ގދ. އަތޮޅު ތަޢުލީމީ މަރުކަޒުން ވަނީ އާއިލާއަށް ތައުޒިޔާކިޔާފައެވެ. ތައުޒިޔާގެ މި މެސެޖްގައި ޝައިހާ ނިޔާވުމުގެ ހިތާމައިގައިބައިވެރިވާކަން ހާމަކޮށްފައިވެއެވެ.

ޝައިހާ ނިޔާވުމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީންވެސް ވަނީ އާއިލާއަށް ތައުޒިޔާ ކިޔާފައެވެ.

ޝައިހާގެ އާއިލާއާއިން ބުނީ އޭނާގެ ހަށިގަނޑު މާދަމާ ރާއްޖެ ގެންނާނެ ކަމަށެވެ. އާއިލާއިން ބުނިގޮތުން ޝައިހާއަށް ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަން ލިބުނެވެ. ލޭ ހޯދަން އެދުމުންނާއި މާލީ ގޮތުން އެހީއަކަށް އެދުމުންވެސް ވަރަށް ގިނަ ފަރާތްތަކުން އިޖާބަ ދިނެވެ. އެކަމަށް އެ އާއިލާއިން ފަށްފަށުން ޝުކުރު އަދާކުރެއެވެ. އާއިލާއިން އެދެނީ ޝައިހާއަށް މާލީ އެހީ ހޯދުމަށް ސޯޝަލް މީޑިއާގައި ޖެހި އެކި ޕޯސްޓްތައް ސޯޝަލް މީޑިއާއިން ނަގައިދިނުމަށެވެ. އާއިލާއިން މިވަގުތު ރައްޔިތުންގެ ފަރާތުން އެދޭ ހަމައެކަނި އެދުމަކީ އެ ފުރާނައަށް ހެޔޮދުޢާ ކޮށްދިނުމެވެ.
ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރު ޝައިހާ ނިޔާވި ހިތާމައިގައި، ދަރިވަރު ނޫހުން ޝައިހާގެ އާއިލާއަށް ތަޢުޒިޔާ ރައްދުކުރަމެވެ. ދުޢާ އަކީ އެ ފުރާނައަށް ސުވަރުގެ މިންވަރުކޮށްދެއްވައި ޢާއިލާއަށް ކެތްތެރިކަން ދެއްވުމެވެ.
advertisment
ހިޔާލު