ނެޓްފްލިކްސްގެ އެންމެ މަޤްބޫލު ޑްރާމާ ސީރީސް ކަމަށްވާ "ސްކުއިޑް ގޭމް" އަކީ، ދުނިޔޭގެ ގިނަ ސްކޫލުތަކެއްގެ ހިތްހަމަނުޖެހުން އަމާޒުވާ ޝޯއެވެ.
"ސްކުއިޑް ގޭމް" އަކީ ސައުތު ކޮރިއާއަށް ނިސްބަތްވާ ޑްރާމާ ސީރީޒް އެކެވެ. މީގައި ދައްކުވައިދެނީވެސް ސައުތުކޮރިއާގައި އާއްމުކޮށް ކުޅޭ ކުޅިވަރުތައް ކުޅޭތަނެވެ. އޭގެ ތެރޭގައި ޗުކީ ކުޅުމާއި، ވާދެމުމާއި ކޮރާކުޅުން ފަދަ ކުޅިވަރުތައް ހިމެނެއެވެ. މި ގޭމުތައް ކުޅެން ހޮވާފައި ތިބެނީ ފައިސާގެ ގޮތުން އެހާ ތަނަވަސް ނޫން މީހުންނެވެ. ގޭމުން ފެއިލް ވެއްޖެނަމަ ދެން ކުރިމަތިލާންޖެހެނީ ރަހުމް ކުޑަ މަރަކާއެވެ.

ސްކުއިޑް ގޭމުގެ ނުރައްކާތެރިކަމުގެ ސަބަބުން، ދުނިޔޭގެ ގިނަ ސްކޫލުތަކަކުން، ކުޑަކުދިންނަށް މި ޝޯ ނުދެއްކުމަށް، ބެލެނިވެރިންނަށް ނަސޭހަތްތެރިވެއެވެ. މި ޝޯގައި ދައްކާ ކުޅިވަރުތަކަކީ، ކުޑައިރު ކުޅެވޭ ކުޅިވަރުތައް ކަމުން، ސްކޫލުގައި ތިބޭއިރުވެސް، މިފަދަ ގޭމުތައް ކުޅެ، ކުއްޖަކު ފެއިލް ވެއްޖެނަމަ އަނިޔާކުރާތަން ގިނަ ޓީޗަރުންނަށް ފެނިފައިވެއެވެ. ބެލްޖިއަމްގެ ސްކޫލަކުން ބުނެފައިވާ ގޮތުގައި، ކުދިން އެހެންކުދިންނަށް އަނިޔާކުރަނީ، ބަޑިޖަހާ މަރާލުމުގެ ބަދަލުގައެވެ. ސެންޓްރަލް ބެޑްފޯޑްޝިއަރ ކައުންސިލުން ބެލެނިވެރިންނަށް ފޮނުވި އީމެއިލްއެއްގައި ބުނެފައިވާގޮތުގައި، ކުޑަކުދިންނާއި ޅަ ޒުވާންކުދިން، މިޝޯއިން ދައްކުވައިދޭ ކުޅިވަރުތަކާއި އަނިޔާތައް ނަކަލު ކުރަމުންދާތީ، ބެލެނިވެރިން އެކަމާމެދު ވިސްނަންޖެހެއެވެ. މީގެ އިތުރުން މި ޝޯއަކީ 18 އަހަރުން މަތީ ކުދިންނަށް އަމާޒުކޮށް ހަދާފައިވާ ޝޯއެއްކަމަށާއި، ކުދިން މި ގޭމުތައް ސްކޫލުގައިވެސް ކުޅެމުންދާކަމަށް ފާހަގަކުރެވޭކަމާއި، ތަފާތު އެކި ޕްލެޓްފޯމްތަކުގެ ޒަރިއްޔާއިން މި ޝޯގެ ކަންކަން ދައްކާކަމަށްވެސް ބުނެފައިވެއެވެ.

ޑްވައިލިޓް ސްކޫލު ޑުބާއިގެ ކައުންސިލަރު އެޑިނޮލްފީ ވިދާޅުވާގޮތުގައި، އެންމެ ރަނގަޅުގޮތަކީ މިފަދަ ޝޯތައް ކުދިންނަށް ނުދެއްކުމެވެ. މީގެ ސަބަބަކީ، ކުޑައިރު ދައްކައިދޭ މަންޒަރުތަކަކީ ކުޑަކުދިންގެ ހެދިބޮޑުވުމަށް އަސަރުކުރާނެ މަންޒަރުތަކަކަށްވާތީއާއި ކުދިންނަށް ދަސްވާކަންތައްތައް ވަރަށް އަވަހަށް ކުދިންގެ އާއްމު ދިރިއުޅުމުން ފެންނާނެތީއެވެ. އަދި މިކަން ބެލެހެއްޓުމަކީ ބެލެނިވެރިންގެ ޒިންމާއެއްކަންވެސް މިސް އެޑިނޮލްފީ ވިދާޅުވެފައިވެއެވެ.
ހަމައެއާއެކު، ޔޫކޭގެ ސަރ ފްރޭންސިސް ހިލް ޕްރިއިމެރީގެ އިސް ޓީޗަރު، ގަރެތް ނިކޮލަސް ވިދާޅުވާގޮތުން އުމުރުން 6 އަހަރުގެ ކުދިންތަކެއް މި ޝޯއިންދައްކާ ގޭމުތައް އެކުދިން އަމިއްލައަށް ކުޅެ، އެ ޝޯގައި ހިނގާ ނުރައްކާތެރިކަންކަން ނަކަލު ކުރާތަން ފެނިފައިވެއެވެ. އަދި މި ގޭމުތަކަކީ، ކުޑައިރު ކުޅޭފަދަ ގޭމުތަކަކަށްވިޔަސް، މި ގޭމުތަކުން ދައްކުވައިދޭ ނުރައްކަލާއި އަނިޔާތަކަކީ ކުޑަކުދިން ބަލަން ރަނގަޅު ކަންތައްތަކެއް ނޫންކަމަށްވެސް ސަރ ނިކޮލަސް ބުނެފައިވެއެވެ.

އެމެރިކާ، އޮސްޓްރޭލިޔާ، ޑުބާއީ، ޔޫރަޕް، އޭޝިއާ އަދި ޔޫކޭގެ ގިނަ ރަށްތަކުގެ ސްކޫލުތަކުން ދަނީ "ސްކުއިޑް ގޭމް" ކުޑަކުދިންނަށް ނުދެއްކުމަށް ނަސޭހަތްތެރިވެފައެވެ. މި ޝޯއިން ދައްކުވާދެނީ ވަރަށް އަނިޔާވެރި ގޮތެއްގައި ލޭ އޮހޮރުވާ ތަންތަން ކަމަށްވުމުން، ކުޑަކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ވަރަށް ބޮޑަށް އަސަރުކުރާނެކަމަށާއި، ބޮޑުވަމުން އަންނައިރު މިފަދަ ތަންތަން ފެނުމަކީ އެހާ ރަނގަޅު ކަމެއްނޫންކަމަށްވެސް ފާހަގަކޮށްފައިވެއެވެ. އަދި މިކަމުގައި އެންމެ ބޮޑަށް ބަލަންވާނީ ބެލެނިވެރިންކަމަށާއި، ކުދިން ކުރާކަންތައްތަކާއި ބަލާ މަންޒަރުތައް ޒިންމާ ބެލެނިވެރިން ނަގަންވާނެކަންވެސް ބުނެފައިވެއެވެ.
ހިޔާލު