ކޮވިޑްއާ ގުޅިގެން ފަސްކުރި 2019 ވަނަ އަހަރުގެ އޯލެވެލްގެ ނަތީޖާ އިއުލާން ކުރީ ބުރާސްފަތި ދުވަހުގެ ރޭ ގައެވެ. އެ ހަފްލާއަށް އިންތިޒާރު ކުރި އެތައް ކުދިންނެއްގެ ތެރެއިން ވެސް ނ. ހޮޅުދޫ މޭނާ ސްކޫލްގައި އޭލެވެލްއަށް މިހާރު ކިޔަވަމުންދާ އެއްމާބަނޑު ދެބެއިން، މަރިޔަމް ރަޝާ ޒުހުރީއާއި ފާތިމަތު ރަހާ ޒުހުރީއަށް އެ ހަފްލާ ވަކިން ޚާއްސަވިއެވެ.
ސާނަވީ އިމްތިޙާނުގައި އެ ދެކުދިން ހޯދީ ތާރީޚީ ކާމިޔާބެކެވެ. އެއް ކުލާހެއްގައި ކިޔަވައި، ސާނަވީ އިމްތިޙާނުގެ ގަދަ ދިހައެއްގައި ހިމެނުމެވެ. އަދި އެވަރުން ނިމޫނީކީވެސް ނޫނެވެ. ސާނަވީ އިމްތިޙާނުގެ ގަދަ ދިހައެއްގެ އަށް ވަނަވެސް އެ ދެބެއިން ކަށަވަރު ކުރީއެވެ.
ސާނަވީ އިމްތިޙާނުގެ ގައުމީ ގަދަ ދިހައެއްގެ އަށްވަނައަކީ އެ ދެބެއިން އުއްމީދު ކުރި ނަތީޖާއެއް ނޫނެވެ. އެއަށް ވުރެ މަތީ ވަނައަކަށް އެ ދެބެއިން އުއްމީދު ކުރިއެވެ. އެކަމަށް މަސައްކަތްވެސް ކުރިއެވެ.
އޯލެވެލްގައި ރަޝާއަށް ބައިލޮޖީން އޭ ސްޓަރ ލިބުނެވެ. ހަ މާއްދާއަކުން އޭ ލިބުނެވެ. އެއީ އިސްލާމް، ދިވެހި، އިނގިރޭސ،ި ކެމިސްޓްރީ، ޓްރެވަލް އެންޑް ޓޫރިޒަމް، އަދި ފިޒިކްސްގެ އިތުރުން ހިސާބެވެ. ރަހާއަށް ލިބުނީ ބައިލޮޖީއާއި ފިޒިކްސްއިން އޭ ސްޓަރއެވެ. ޓްރެވަލް އެންޑް ޓޫރިޒަމުން ބީ އެކެވެ. އޭ ލިބުނީ ކެމިސްޓްރީ، އިނގިރޭސި، ހިސާބު، އިސްލާމް އަދި ދިވެހިންނެވެ.
"މިއީ ކުރި މަސައްކަތާ އަޅާ ބަލާއިރު، އުއްމީދު ކުރި ނަތީޖާއެއް ނޫން. މިއަށްވުރެ ރަނގަޅު ނަތީޖާއަކަށް މަސައްކަތް ކުރީ"
ކުރިން ދިން އިންޓަވިއުއެއްގައި ރަޝާއާއި ރަހާ ބުނެފައިވެއެވެ.
އެންމެ ކުޑައިރުއްސުރެ ދެބެއިން އުޅެމުން ދިޔައީ އެކުއެކީގައެވެ. އެކަކު އަނެކަށް ދިމާވާ ކަންތައްތައް ކިޔާދީ " ބެސްޓް ފްރެންޑްސް" ގެ ގޮތުގައެވެ. ފިލާވަޅުތައް ހެދުމުގައި އެކަކު އަނެކަކަށް އެހީތެރިވެދެއެވެ. ނޭނގޭ އެއްޗެއް އެކަކު އަނެކަކަށް ބުނެދެއެވެ. އެކަކަށް ދިމާވާ ކަންތައްތަކުގައި އަނެކަކު ބައިވެރިވެއެވެ. މިއީ އެ ދެބެއިންގެ ފަރާތުން ފެންނަ އެންމެ މުހިންމު ސިފައެވެ.
"ސްކޫލްގައި ކަމެއް ދިމާވިޔަސް ވަރަށް ސަޕޯޓިވްވާނެ. ކޮންމެ ކަމެއްގައިވެސް ކައިރީގައި ހުންނާނެ އެހީވާން"
ދޮންތަ ރަޝާއަށް އިޝާރާތްކޮށް، ކޮއްކޮ ރަހާ ބުންޏެވެ.
މޭނާ ސްކޫލްގައި ދެ ކުދިންނަކީ ނަން ހިނގާ ދެކުދިންނެވެ. ކިޔެވުމުގެ އިތުރުން ގިނަ ހަރަކާތްތަކުގައި ބައިވެރިވިއެވެ. ކިޔެވުމުގައި ހޯދަމުން ދިޔަ ނަތީޖާ އިތުރު ހަރަކާތްތަކުންވެސް ހޯދިއެވެ. ދެ ކުދިންނަކީވެސް ސީނިއަރ ޕްރިފެކްޓުންނެވެ.
އޯލެވެލްއަށްފަހު، އެ ދެކުދިން މިހާރު ތައްޔާރު ވަމުންދަނީ އޯލެވެލްގައި ހޯދި ފަދަ ކާމިޔާބީއެއް އޭލެވެލްގައިވެސް ހޯދާށެވެ.

މޭނާ ސްކޫލްގެ މުދައްރިސެއްގެ ގޮތުގައި މަސައްކަތް ކުރައްވާ މި ދެބެއިންގެ ބައްޕަ ވިދާޅުވީ އެ ދެބެއިން ކޮންމެ މުބާރާތެއްގައި ބައިވެރިވިޔަސް ބޭނުންވާނީ އެއްވަނަ ކަމަށާއި އެކަން ޙާޞިލްކުރަން ވަރަށް ބުރަކޮށް މަސައްކަތް ކުރާ ކަމަށެވެ.
" މަސައްކަތް ކޮށްގެން ކާމިޔާބު ހޯދަން ދެ ކުދިންވެސް ވަރަށް މަސައްކަތް ކުރާނެ. އެއީ މަދަހަ މުބާރާތެއްގައި ބައިވެރިވިޔަސް، ޤުރްއާން މުބާރާތެއްގައި ބައިވެރިވިޔަސް އެކަމަކަށް ބަދަލެއް ނާދޭ"
ޒުހުރީ ވިދާޅުވިއެވެ.
މި ދެބެއިން ޤުރުއާނަށް ވަކިން ޚާއްޞަ ޝަޢުޤެއް ބެހެއްޓިއެވެ. ގައުމީ ފެންވަރުގައާއި އަތޮޅު ފެންވަރުގައި ބޭއްވި މުބާރާތްތަކުގައި ބައިވެރިވެ އެއްވަނަ ހޯދިއެވެ. އެ ހުރިހާ މުބާރާތްތަކުގެ ތެރެއިންވެސް އެ ދެބެއިން ފާހަގަ ކުރަނީ އަތޮޅު ޤުރްއާން މުބާރާތާއި މުޅި ރާއްޖެއަށް ހުޅުވާލައިގެން އަލްކައުނުން ބޭއްވި ޤުރްއާން މުބާރާތެވެ. އަތޮޅު މުބާރާތުން އެއްވަނަ ރަހާއަށެވެ. އަލްކައުނު ޤުރްއާން މުބާރާތުން އެއްވަނަ ލިބުނީ ރަޝާއަށެވެ. މި ދެ މުބާރާތުގެވެސް އެއް ވަނައަށް ދިޔަ ދަރިވަރަށް ލިބުނީ އުމްރާ ދަތުރެކެވެ.
" ކޮއްކޮއަށް އެއްވަނަ ލިބިގެން އުމުރާ ދަތުރެއް ލިބުނީމާ ވަރަށް އުފާވި. އެފަދަ ފުރުޞަތެއް ލިބޭތޯ އުއްމީދުކޮށްގެން ހުއްޓާ އަލްކައުނު ޤުރުއާން މުބާރާތުން އެއްވަނަ ލިބިގެން އުމްރާ ދަތުރެއް ލިބުނީ. އެއީ ވަރަށް ހައިރާން ކުރުވަނިވި ކަމެއް"
އޭލެވެލްއަށް ކިޔަވަން ތައްޔާރުވަމުންދާ ރަޝާ ބުންޏެވެ.

" ކޮއްކޮއަށް އުމްރާ ދަތުރު ލިބުނުތާ ހަފުތާއެއް ނުވަނީސް އަޅުގަނޑަށް މި ލިބުނީ. މިހާރުވެސް އެ ދުވަސް ހަނދާން ހުރޭ"
ދެބެއިން ވެސް ބުނީ އޯލެވެލްގައި ހެދުނު ގޯސްތައް އޭލެވެލްގައި ތަކުރާރުވާން ބޭނުން ނުވާކަމަށާއި ވަރަށް ބޮޑަށް ތައްޔާރުވާނެ ކަމަށެވެ.
" މި ލިބުނީ ވަރަށް ރަނގަޅު ފިލާވަޅެއް. ހެދުނު ގޯސްތައް ބަލައި އޭލެވެލްގެ ނަތީޖާ މިއަށްވުރެ ރަނގަޅު ކުރަން މަސައްކަތް ކުރާނަން"
ދެ ބެއިންގެ އަޒުމް ވަރުގަދައެވެ.

އެ ދެބެއިން ބުނީ ލިބުނު ހުރިހާ ކާމިޔާބެއްގެ ފަހަތުގައި ތިއްބެވީ މަންމައާއި ބައްޕައެވެ. ދެ ފަރާތުގެ މާމައާއި އާއިލާއެވެ. ކިޔަވައިދެއްވި މުދައްރިސުންނާއި ސްކޫލްގެ ޕްރިންސިޕަލެވެ. ސްކޫލްގެ މެނޭޖްމަންޓެވެ.
"ކިޔަވާ ގަޑީގައި ވަރަށް ގިނަ ފަހަރު މަންމަވެސް އިންނާނެ. އޯލެވެލްއަށް ކިޔެވި ދުވަސްވަރު ކިތަންމެ ދަށްވަރަކަސް ކާއްޗެހި ގެނެސްދީ، ކައިރީގައި އިންނާނެ"
ރަހާއާއި ޒަހާ ބުނެފައިވެއެވެ.
ރަށްރަށުގައި ހުރި މަދު ވަޞީލަތްތައް ބޭނުން ކޮށްގެންވެސް ކާމިޔާބީއާ ހަމައަށް ވާޞިލް ވެދާނެކަން އެ ދެކުދިން ދައްކުވައިދީފިކަން އެ ދެބެއިންގެ ބައްޕަ އަހުމަދު ޒުހުރީ ފާހަގަ ކުރެއްވިއެވެ. އޭނާ ވިދާޅުވީ ކިޔެވުމުގެ އޯލެވެލްގެ މަރުޙަލާ ނިމިގެން ދިޔައިރު އެ ދެބެއިން އުޅުނީ ސްކްރީންތަކާ ދުރުގައެވެ. ފޯނެއް ނުގެންގުޅެއެވެ. އަވަހަށް ނިދާފައި ފަތިހު ހޭލައެވެ.
" ގްރޭޑް ދިހައެއްގެ އެ ކުލާހުގައިވެސް ފޯނެއް ނުގެންގުޅޭ އެންމެ ތިން ކުދިން ތިބީ. އަޅުގަނޑުގެ ބޭނުމަކަށްވީ ސްކްރީންއާ ދުރުކޮށް ކިޔެވުމަށާއި ރަނގަޅު އަޚުލާގެއްގެވެރި ދީނަށް ލޯބިކުރާ ދަރިންތަކެއް ތަރުބިއްޔަތު ކުރަން"
އެކަން ކުރެވޭކަމުގެ އިޙްސާސް ޒުހުރީއަށް ކުރެއްވެއެވެ.
ކިޔެވުމުގައާއި އުޅުމުގައި އެއްމާބަނޑު ދެބެއިންގެ ފަރާތުން އެއްކަހަލަ ކަންތައްތަކެއް ފެނުނަސް، ކުރިއަށް އޮތް މަރުޙަލާގައި ދާން ބޭނުން ވަނީ ދެ ދާއިރާއަކަށެވެ. ރަޝާ ބޭނުން ވަނީ ޕައިލެޓަކަށެވެ. ރަހާ ބޭނުން ވަނީ ޑޮކްޓަރަކަށެވެ.
"އެއީ މަންމައާއި ބައްޕަގެ އުއްމީދެއް. އެ އުއްމީދު ޙާޞިލްކުރުމަކީ އަޅުގަނޑަށް ލިބޭ އުފަލެއް"
ރަހާ ކިޔައިދިނެވެ.
ހިޔާލު