ޔުނެސްކޯގެ 41ވަނަ ޖެނެރަލް ކޮންފަރެންސްގައި އެޑިއުކޭޝަން މިނިސްޓަރ ބައިވެރިވެ ވަޑައިގަންނަވައިފި

ޔުނެސްކޯގެ 41ވަނަ ޖެނެރަލް ކޮންފަރެންސްގައި މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ބައިވެރިވެ ވަޑައިގެންނެވުން. ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ފްރާންސްގެ ވެރިރަށް ޕެރިހުގައި ކުރިއަށްދާ ޔުނެސްކޯގެ 41ވަނަ ޖެނެރަލް ކޮންފަރެންސްގައި މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ބައިވެރިވެ ވަޑައިގަންނަވައިފިއެވެ.  ކޮންމެ 2 އަހަރުން 1 އަހަރު މި ކޮންފަރެންސް ބާއްވަނީ ޔުނެސްކޯގެ ހެޑްކުއަރޓަރ ހުންނަ ފްރާންސްގެ ވެރިރަށް ޕެރިސްގައެވެ. މި ކޮންފަރެންސްގައި ބައިވެރިވަނީ ޔުނެސްކޯގެ މެންބަރު ގައުމުތަކާއި އެސޯސިއޭޓް މެންބަރު ގައުމުތަކާއި އޮބްޒަރވަރުންނެވެ. އެގޮތުން މި އަހަރުވެސް 185 ގައުމުން މި އިވެންޓްގައި ބައިވެރިވެއެވެ.މި ކޮންފަރެންސްގައި ރާއްޖޭގެ ޔުނެސްކޯ ނޭޝަނަލް ކޮމިޝަންގެ ޗެއަރޕަރސަންގެ ހައިސިއްޔަތުން މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ ޢާއިޝަތު ޢަލީ ބައިވެރި ވަޑައިގެންނެވިއިރު، ނޭޝަނަލް ކޮމިޝަންގެ ސެކެރެޓަރީ ޖެނެރަލް އަދި މި މިނިސްޓްރީގެ ޑިރެކްޓަރ އަހުމަދު މައުސޫމްވެސް ބައިވެރިވެ ވަޑައިގަންނަވައެވެ. ޕެރިސްގައި މިހާރުވެސް ކުރިއަށްދާ މި ކޮންފަރެންސްގެ ޕޮލިސީ ޑިބޭޓްގައި ބައިވެރިވެ ވަޑައިގެން މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. އާއިޝަތު އަލީ ވަނީ ވާހަކަފުޅު ދައްކަވާފައެވެ. މިނިސްޓަރގެ ވާހަކަފުޅުގައި ޔުނެސްކޯގެ ފަރާތުން ދުނިޔޭގެ އެކި ގައުމުތަކުގައި ތަޢުލީމާއި ސައިންސާއި ސަގާފަތް ދިރުވުމަށްޓަކައި ކުރާ މިންނެތް މަސައްކަތްތައް ފާހަގަކުރައްވައި ޔުނެސްކޯގެ ޕްރެޒިޑެންޓްއަށާއި ޑިރެކްޓަރ ޖެނެރަލަށް އަށް ޝުކުރު އަދާ ކުރެއްވިއެވެ. އަދި ދިވެހިރާއްޖެއިން ކޮވިޑްގެ ދުވަސްވަރު ދަރިވަރުންގެ އުނގެނުން ހުއްޓުނަނުދީ ކުރިއަށް ގެންދިއުމަށް އޮންލައިން ވަސީލަތްތައް ބޭނުން ކުރި ގޮތާއި އެކަން ކަމުގައި ކުރެވުނު އީޖާދީ މަސައްކަތައް ހާމަކޮށްދެއްވިއެވެ.

ޔުނެސްކޯގެ 41ވަނަ ޖެނެރަލް ކޮންފަރެންސްގައި މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ:އެޑިއުކޭޝަން މިނިސްޓްރީ

މި ކޮންފަރެންސްގައި ކޮންމެ ގައުމަކަށްވެސް ކަންކަމުގައި ނިންމުންތައް ނިންމުމުގައި 1 ވޯޓުގެ ހައްގު އޮންނާނެއެވެ. މި ކޮންފަރެންސްގެ މައިގަނޑު މަގުސަދަކީ ޔުނެސްކޯގެ މައިގަނޑު މަސައްކަތްތަކުގެ ސިޔާސަތުތައް ކަނޑައެޅުމާއި، ޔުނެސްކޯގެ އެކި ޕްރޮގްރާމްތަކަށް ބަޖެޓް ކަނޑައެޅުމެވެ. މިއަހަރުގެ ކޮންފަރެންސްގައި ކޮންމެ 4 އަހަރަކުން އެއް އަހަރު އޮންނަ ޔުނެސްކޯގެ އެގްޒެކެޓިވް ބޯޑުގެ މެންބަރުން އަދި ޑިރެކްޓަރ ޖެނެރަލް ހޮވުން އޮތެވެ. ޑިރެކްޓަރ ޖެނެރަލަކަށް ހޮވުނީ ކުރިންވެސް އެ މަގާމްގައި ހުންނެވި އޯޑްރީ އަޒޫލޭ އެގްޒެކެޓިވް ބޯޑަށް މެންބަރުން ހޮވުން މިއަދު އޮންނާނެ އެވެ.

ޔުނެސްކޯ ޖެނެރަލް ކޮންފަރެންސްގެ ހަވާސާގެ ތެރެއިން އެޑިއުކޭޝަނާއި ގުޅުންހުރި އެކި ބައްދަލުވުންތަކުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޓީމުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިނިސްޓްރީ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖްގެ ޑެޕިއުޓީ މިނިސްޓަރ މުހައްމަދު އިކްރާމްވެސް މި ކޮންފަރެންސްގައި ހިމެނިގެން މިމަހުގެ 24އިން 26އަށް އޮންނަ ޖެނެރަލް އެސެމްބްލީ އޮން ވޯލްޑް ހެރިޓޭޖް ކޮންވެންޝަންގައި ބައިވެރިވެ ވަޑައިގަންނަވާނެ އެވެ. މި ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގަތުމަށްފަހު މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ މިހާރު ވަނީ ރާއްޖެއަށް ވަޑައިގަންނަވާފައެވެ. އެހެން ނަމަވެސް ނޭޝަނަލް ކޮމިޝަންގެ ސެކެރެޓަރީ ޖެނެރަލް އަހުމަދު މައުސޫމް ދަނީ ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގަންނަވަމުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *