7އަހަރުގެ އިންޑިޔާގެ ކުއްޖަކު 3މަސްތެރޭ 21 ރެކޯޑެއް ހަދައިފި

ފިޒިކްސްގެ 100 މަފްހޫމެއް ކިޔައިދީ، ހިސާބުގެ އުނދަގޫ މައްސަލަތައް ހައްލުކޮށް، 10 ކިލޯމީޓަރުގެ ދުވުމެއް 59 މިނެޓުން ވަނީ ނިންމާފައި

އިންޑިއާގެ ޓެމިލްނާޑޫގެ ސާލެމްއަށް ނިސްބަތްވާ 7 އަހަރުގެ އަބްޔަންކް ކަންނާ އެމް.ވީ، 3މަސްތެރޭ 21 ރެކޯޑެއް ހަދައިފިއެވެ. ރިޕޯޓްތައް ބުނާގޮތުން، އެންމެ ތިން މަސްދުވަހުގެ ތެރޭގައި ތައުލީމީ، ހަނދާން ބެހެއްޓުން، ދީނީ ކަންކަން، ޓެކްނޮލޮޖީ އަދި ކުޅިވަރުގެ ދާއިރާއިން އޭނާ ވަނީ ގައުމީ އަދި ބައިނަލްއަގުވާމީ 21 ރެކޯޑެއް ގާއިމުކޮށްފައެވެ.

މި ކާމިޔާބީތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ޖިސްމާނީ ބުރަ މަސައްކަތެއް އެކުލެވޭ ރެކޯޑެވެ. އެއީ މެދުކެނޑުމެއްނެތި 10 ކިލޯމީޓަރުގެ ދުވުމެއް 59 މިނެޓުން ފުރިހަމަކުރުމެވެ. މިއީ "ކަލާމްސް ވޯލްޑް ރެކޯޑްސް"އިން ރަސްމީކޮށް ބަލައިގެންފައިވާ ކާމިޔާބީއެކެވެ. އޭނާގެ މި ކާމިޔާބީތަކުން ހާމަވަނީ، އުނގެނުމާއި ތަމްރީނުވުމުގެ ފުރުސަތު ލިބުމުން ކުޑަކުދިންނަށް އެކުދިންގެ ހުނަރުތައް ތަފާތު ދާއިރާތަކުން ކުރިއެރުވިދާނެ މިންވަރެވެ.

އިންޑިއާ "ބުކް އޮފް ރެކޯޑްސް"އިން ބުނާގޮތުގައި، އަބްޔަންކް ވަނީ ކެމިސްޓްރީގެ 47 މައުޟޫއެއް (ފިޒިކަލް ކެމިސްޓްރީ، އޯގަނިކް ކެމިސްޓްރީ، އެލިމެންޓްސް އަދި މިކްސްޗާސް ހިމެނޭހެން) 35 މިނެޓާއި 7 ސިކުންތުގެ ތެރޭގައި ކިޔައިދީފައެވެ.

ހިސާބުގެ ދާއިރާއިން އޭނާ ދައްކުވައިދީފައިވާ ހުނަރުވެސް ވަނީ ފާހަގަކޮށްފައެވެ. އޭނާ ވަނީ 8 އަކުރުގެ އަދަދުތައް ހިމެނޭ އެރިތްމެޓިކްގެ 40 މައްސަލައެއް (އެއްކުރުން، ކަނޑުން، ގުނަކުރުން އަދި ގެއްލުން ހިމެނޭހެން) 1 ގަޑިއިރާއި 7 މިނެޓާއި 36 ސިކުންތުން ހައްލުކޮށްފައެވެ.

އަބްޔަންކްގެ އާދަޔާ ހިލާފު އަނެއް ކާމިޔާބީއަކީ، 24 އާއި 52 އަކުރާ ދެމެދުގެ އަދަދުތަކަށް ބެލުމެއްނެތި ދެއްކި 50 އަދަދެއް ދެނެގަނެ، އެ ތަރުތީބުން ކިޔައިދިނުމެވެ. މި މަސައްކަތް އޭނާ ނިންމާލީ 38 މިނެޓް 15 ސިކުންތް 36 މިލިސިކުންތުންނެވެ.

އަބްޔަންކްގެ ކާމިޔާބީތައް، ހަމައެކަނި ހިސާބު ހެދުމާއި ހަނދާން ބެހެއްޓުމުގެ އިމްތިހާނުތަކަށް އެކަނި ނުހުއްޓެއެވެ. އަބްޔަންކް ވަނީ ފިޒިކްސްގެ 100 މަފްހޫމެއް (ކަރަންޓު، އަޑު، މަސައްކަތް، ހަކަތަ އަދި ބާރު ހިމެނޭހެން) 1 ގަޑިއިރާއި 3 މިނެޓާއި 43 ސިކުންތުގެ ތެރޭގައި ކިޔައިދީފައެވެ. މީގެ އިތުރުން ބޮޓަނީއާއި ޒޫލޮޖީއާއި ތާރީޚުގެ އިތުރުން އިންސާނީ ހަށިގަނޑުގެ ބައިތަކާ ގުޅޭ މައުޟޫއުތައް ކިޔައިދީގެން ވެސް އޭނާއަށް ވަނީ ތައުރީފު ލިބިފައެވެ.

އިނގިރޭސި ބަހުގެ ދާއިރާއިން އަބްޔަންކް ވަނީ "ކޮންސޮނަންޓް-ވޮވެލް-ކޮންސޮނަންޓް" ހިމެނޭ 1،382 ބަސް ކިޔައި، ބަހުގެ ހަމައިގެ މަތީ ފަންތީގެ 24 މަފްހޫމެއް މިސާލާއެކު ކިޔައިދީފައެވެ.

އަބްޔަންކްގެ ޝައުގުވެރިކަން ތައުލީމީ މާއްދާތަކުން ބޭރަށްވެސް ވަނީ ފެތުރިފައިވެއެވެ. "އިންޑިއާ ބުކް އޮފް ރެކޯޑްސް" އިން ވަނީ އޭނާ މެދުކެނޑުމެއްނެތި 4 ގަޑިއިރާއި 8 މިނެޓު ވަންދެން "ހަރޭ ކްރިޝްނާ" މަހާމަންތުރަ ކިޔާފައިވާތީ އެކަން ފާހަގަކޮށްފައެވެ. ހިސާބުގެ ދާއިރާއިން އަބްޔަންކް ވަނީ "މެންޓަލް އެބަކަސް'" އުސޫލު ބޭނުންކޮށްގެން ތަފާތު އަދަދުތައް އެއްކުރުމުގެ 300 މައްސަލައެއް 10 މިނެޓާއި 52 ސިކުންތުން ހައްލުކޮށްފައެވެ. އަދި ގިނަ އަކުރުގެ އަދަދުތައް ކަނޑުމުގެ 300 މައްސަލައެއް 14 މިނެޓުން ނިންމާލާފައިވެއެވެ. މީގެ އިތުރުން، މައިކްރޯސޮފްޓް ވޯޑް ބޭނުންކޮށްގެން، މަތީ ފަންތީގެ ފީޗާސްތަކާއެކު ސްކޫލް ރިޕޯޓެއް އަމިއްލައަށް 38 މިނެޓުން ތައްޔާރުކޮށްގެންވެސް އޭނާ ވަނީ ކާމިޔާބީ ހޯދާފައެވެ.

މި ހުރިހާ ކާމިޔާބީތަކުގެ ތެރެއިން މެދުކެނޑުމެއްނެތި 10 ކިލޯމީޓަރު ދުވެގެން ވެސް ތަފާތު ރެކޯޑެއް ވެސް އަބްޔަންކް ވަނީ ހަދާފައެވެ. އެއީ 10 ކިލޯމީޓަރު 59 މިނެޓުން ނިންމައިގެންނެވެ. މި ރެކޯޑް "ކަލާމްސް ވޯލްޑް ރެކޯޑްސް" އިން ވަނީ ރަސްމީކޮށް ބަލައިގެންފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *