2027 ވަނަ އަހަރުގެ ކިއު.އެސް އޭޝިއާ ޔުނިވަރސިޓީ ރޭންކިންގްގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ހިމަނައިފިއެވެ.
ކިއުއެސް އޭޝިއާ ޔުނިވަރސިޓީ ރޭންކިންގައި އެމްއެންޔޫ ހިމެނުނީ އޭޝިއާގެ 1101 އާއި 1200 އާ ދެމެދުގެ ގިންތީގައެވެ. އަދި ދެކުނު އޭޝިއާގެ އެންމެ ކުރިއަރާފައިވާ 400 ޔުނިވަރސިޓީގެ ތެރޭގައި ވެސް އެމްއެންޔޫ ވަނީ ހިމެނިފައެވެ. މިއާއެކު މިއީ މިފަދަ ރޭންކިންގއެއްގައި ރާއްޖޭގެ އެއްވަނަ ޔުނިވަރސިޓީގެ މަޤާމް ދަމަހައްޓަން އެ ޔުނިވަރސިޓީއަށް ލިބުނު މުހިންމު ފުރުޞަތެއް ކަމަށް އެމްއެންޔޫއިން ބުނެއެވެ.
ކިއުއެސް ރޭންކިންގްގައި ޔުނިވަރސިޓީތައް ވަޒަންކުރަނީ ދެވޭ ތަޢުލީމުގެ އިތުބާރާއި ދިރާސާކުރުމުގެ ފެންވަރާއި މުދައްރިސުންނާއި ދަރިވަރުންގެ ނިސްބަތާއި ބައިނަލްއަޤުވާމީ ގުޅުންތަކާއި ދިރާސާކުރުމުގައި ބައިނަލްއަޤުވާމީ ބައިވެރިވުން ފަދަ މުހިންމު މިންގަނޑުތަކެއްގެ މައްޗަށް ބިނާކޮށެވެ. މިއީ މަތީ ތަޢުލީމުގެ ފެންވަރު ރަނގަޅުކުރުމަށާއި، ދިރާސާކުރުމުގެ ގާބިލުކަން އިތުރުކުރުމަށް އެމްއެންޔޫއިން ކުރަމުންދާ މަސައްކަތަށް ލިބުނު ބޮޑު ހިތްވަރެއް ކަމަށް އެމްއެންޔޫއިން ބުނެފައިވެއެވެ.
ކިއުއެސް އޭޝިއާ ޔުނިވަރސިޓީ ރޭންކިންގައި އެމްއެންޔޫ ހިމެނުމާ ގުޅިގެން ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒް އާދަމް ވިދާޅުވެފައި ވަނީ، އެއީ، މާތްﷲގެ ފަޟްލުވަންތަކަމާއެކު، އެތައް ބައެއްގެ މިންނެތް މަސައްކަތުން ހާސިލުކުރެވުނު ލަނޑުދަނޑިއެއް ކަމަށާއި، އެއީ ހަމައެކަނި ޔުނިވަރސިޓީއަށް ލިބުނު ކުރިއެރުމެއް ނޫން ކަމަށެވެ. އަދި އެއީ މުޅި ރާއްޖޭގެ މަތީ ތަޢުލީމަށް ލިބުނު ފަޚުރެއްކަމަށެވެ.
"މި ހިސާބުން މަސައްކަތް ހުއްޓާނުލައި، ތަޢުލީމީ ފެންވަރު މަތިކުރުމަށާއި، ދަރިވަރުންނަށް އެހީތެރިވުމަށާއި، ދިރާސާތަކުގެ ޒަރީޢާއިން މުޖުތަމަޢަށް ފައިދާހުރި މަސައްކަތްތަކެއް ކުރުމުގައި ދެމިތިބޭނެކަމުގެ ޔަޤީންކަން ދެން" ޑރ. ޝެހެނާޒު ވިދާޅުވެފައިވެއެވެ.
އެމްއެންޔޫއިން ބުނީ، ޤައުމީ ޔުނިވަރސިޓީގެ ހައިސިއްޔަތުން، ފަސޭހައިން ލިބޭނެ ފެންވަރު ރަނގަޅު މަތީ ތަޢުލީމު ފޯރުކޮށްދިނުމާއި، ދިރާސާކުރުމުގެ ދާއިރާ ކުރިއަރުވައި ޤައުމީ ތަރައްޤީއަށް ޙިއްޞާކުރުމަކީ އެ ޔުނިވަރސިޓީގެ މުހިންމު މަސްއޫލިއްޔަތެއް ކަމަށެވެ. އެގޮތުން ތަޢުލީމީ ޕްރޮގްރާމްތަކާއި، ދިރާސާގެ މަސައްކަތްތަކާއި، ދަރިވަރުންނަށްދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެމްއެންޔޫއިން ބުނެފައިވެއެވެ.
ކިއުއެސް ރޭންކިންގްގައި ބައިވެރިވުމަކީ ބައިނަލްއަޤުވާމީ މިންގަނޑުތަކުން ޔުނިވަރސިޓީގެ ފެންވަރު ވަޒަންކޮށް، ރަނގަޅު ކުރަންޖެހޭ ދާއިރާތައް ދެނެގަތުމަށް ލިބުނު ފުރުޞަތެއް ކަމަށް ވެސް އެމްއެންޔޫއިން ބުނެފައިވެއެވެ.
ރޭންކިންގްތަކަކީ މުހިންމު އެއްޗަކަށް ވިޔަސް، ޔުނިވަރސިޓީއެއްގެ ހަޤީޤީ އަގު ވަޒަންކުރެވެނީ އެ ތަނަކުން މުޖުތަމަޢަށް ކުރާ ފައިދާއާއި، އުނގެނުމަށް ފަހިކޮށްދޭ ފުރުޞަތުތަކުގެ މައްޗަށް ކަމަށް އެމްއެންޔޫއިން ދެކޭ ކަމަށާއި، ކިއުއެސް އޭޝިއާ ޔުނިވަރސިޓީ ރޭންކިންގައި ހިމެނުމަކީ ރާއްޖޭގެ މަތީ ތަޢުލީމީ ދާއިރާ އިތުރަށް ހަރުދަނާވެ، ބައިނަލްއަޤުވާމީ މައިދާނުގައި ފައިތިލަ ސާބިތުކުރުމަށް ލިބޭނެ ހިތްވަރެއް ކަމަށް ވެސް އެމްއެންޔޫއިން ބުނެފައިވެއެވެ.
advertisment
ހިޔާލު