މެންގްރޫވް އެކްޝަން ޕްރޮޖެކްޓްގެ 2027ގެ ކަލަންޑަރަށް ކަލާފާނު ސްކޫލުގެ ޔަލީނާގެ ކުރެހުމެއް

މަންގްރޫވް އެކްޝަން ޕްރޮޖެކްޓް (އެމްޕީއޭ) އިން އިންތިޒާމުކުރި "ޗިލްޑްރަންސް މެންގްރޫވް އާޓް ކޮންޓެސްޓް 2026″ ގައި ބައިވެރިވެ، މުޅި މުބާރާތުން ހޮވުނު މޮޅު ކުރެހުންތެރިންގެ ތެރޭގައި ކަލާފާނު ސްކޫލުގެ ޔަލީނާ އާއިޝް ، 5އޭ ހިމެނިއްޖެއެވެ.

ޗިލްޑްރަންސް މެންގްރޫވް އާޓް ކޮންޓެސްޓަށް ޔަލީނާ ހުށައެޅި ކުރެހުން "ޗިލްޑްރަންސް މަންގްރޫވް އާޓް ކަލަންޑަރު 2027″ ގެ ކަލަންޑަރަށް ވަނީ ހޮވިފައެވެ. އަދި އޭނާގެ ކުރެހުން އެމްއޭޕީގެ ވާޗުއަލް އާޓް ގެލެރީގައި ވެސް ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ.

ދުނިޔޭގެ 48 ގައުމަކުން ޖުމްލަ 585 ކުރެހުން މި މުބާރާތަށް ކުރެހުން ހުށަހަޅާފައިވާ އިރު، އޭގެ ތެރެއިން ހޮވާފައިވަނީ އެންމެ 13 ކުރެހުމެވެ.

މި މުބާރާތުން ހޮވުނު އެންމެ ފާހަގަކޮށްލެވޭ ކުރެހުންތަކުން ތައްޔާރުކުރާ 2027 ވަނަ އަހަރުގެ ކަލަންޑަރުގެ ބޭރުގަނޑަށް ހޮވިފައިވަނީ ކެނެޑާގެ އުމުރުން 12 އަހަރުގެ ޖެސީ ސަންގެ ކުރެހުމެވެ. ޖެސީގެ ކުރެހުމުން ދައްކުވައިދެނީ އިންސާނުންނަކީ ތިމާވެއްޓަށް އޮތް ނުރައްކަލަކަށް ވުމުގެ ބަދަލުގައި، ތިމާވެށީގެ މައްސަލަތަކަށް އޮތް ހައްލަކަށް ވެވިދާނެ ކަމެވެ.

26 އަހަރުގެ ދިގު ތާރީޚެއް އޮތް މި މުބާރާތަކީ 7 އަހަރާއި 16 އަހަރާ ދެމެދުގެ ކުދިންނަށް އަމާޒުކޮށްގެން، ކަނޑޫފާތަކާ ބެހޭގޮތުން އެކުދިންނަށް އެނގިފައިވާ މައުލޫމާތާއި، އެފަދަ ސަރަހައްދުތަކަށް ކުރިމަތިވެފައިވާ ނުރައްކާތަކުގެ އިތުރުން، ކަނޑަށް އުކާލެވޭ ކުނިބުނީގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުރެހުމުން ދައްކުވައިދިނުމަށް ހުޅުވާލެވުނު ފުރުސަތެކެވެ. އަދި މިއީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ އައްސޭރިފަށުގެ މުޖުތަމަޢުތަކާއި ކަނޑުގެ ދިރުންތަކަށް ކަނޑޫފަލުގެ މުހިންމުކަން އޮޅުންފިލުވައިދީ، ކުދިންގެ އަމިއްލަ ޚިޔާލާއި އުފެއްދުންތެރިކަން ކުރެހުންތަކުން ދައްކާލުމަށް ލިބޭ ރަނގަޅު ފުރުޞަތެކެވެ.

ކަލަންޑަރުން ފުރުސަތު ހޯދި އިތުރު 12 ފަންނާނުންނަކީ:

ޔަލީނާ އާއިޝް، 12 އަހަރު، ދިވެހިރާއްޖެ
އަދުވޭ ނައިޑޫ، 13 އަހަރު، ސައުތު އެފްރިކާ
ޗިއުންގް ޗިއު ވާ، 11 އަހަރު، ހޮންގް ކޮންގް
އަލެކްސަންޑަރ ސިކޮންސްކީ، 15 އަހަރު، ޕޮލެންޑް
ނިސާ އިސްލާމީ، 12 އަހަރު، ނޯތު މެސެޑޯނިއާ
ވިވިއަން ޗިލިކުއިންގާ، 11 އަހަރު، އިކުއެޑޯ
ފްރޭޔާނާ ކޮބެންގްކޭ، 12 އަހަރު، ފިލިޕީންސް
ޖޭޑަން ނިކޮލަސް ޒެންގް، 14 އަހަރު، އިންޑޮނޭޝިއާ
ޝިމްލާ ޚާތޫން، 16 އަހަރު، ބަންގްލަދޭޝް
ޕަރާމީ މީޗަމްނަން، 10 އަހަރު، ތައިލެންޑް
ޝިކާ ކާތީ، 11 އަހަރު، އެމެރިކާ
ޗާލީން ލިއު، 9 އަހަރު، ނިއުޒީލޭންޑް

މެންގްރޫވް އެކްޝަން ޕްރޮޖެކްޓް އުފެދުނީ 1992 ވަނަ އަހަރު، ދުނިޔޭގެ ކަނޑޫފާތައް ހަލުވިކަމާއެކު ނެތެމުންދާތީ އެކަމަށް ހައްލެއް ހޯދުމުގެ ބޭނުމުގައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *