ސ.އަތޮޅު ސްކޫލުން، ޕްރީސްކޫލް ދަރިވަރުންނަށް "ވެޖް-ގާރޑެން" ގެ ނަމުގައި ގަސްއިންދުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ. މި ޕްރޮގްރާމަކީ މިދިޔަ އަހަރުން ފެށިގެން ކުރިއަށް ގެންދިޔުމަށް މަސައްކަތް ކޮށްފައިވާ ޕްރޮގްރާމެކެވެ. ނަމަވެސް، މިދިޔަ އަހަރު މުޅި ދުނިޔެއަށް ފެތުރިގެން އައި ކޯވިޑް-19ގެ ސަބަބުން، މި މަސައްކަތް ކުރިއަށް ގެންދިޔުމުގައި ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ. އެހެންކަމުން، އައު އަޒުމަކާއެކީ މި އަހަރު މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގެ ގޮތުން މިހަފްތާގައި ވަނީ ޕްރޮގްރާމް ފަށާފައެވެ.

"ވެޖް-ގާރޑެން" ޕްރޮގްރާމަކީ، ތަރުކާރީއާއި ފަތްޕިލާވެލީގެ ބާވަތްތަކުގެ ގަސްތަކެއް އިންދުމުގެ ބޭނުމުގައި ކުރިއަށް ގެންދާ ހަރަކާތެކެވެ. މި ހަރަކާތުގެ މަޤްޞަދަކީ، ޕްރީސްކޫލުގެ ދަރިވަރުންނަށް ގަސް އިންދުމުގެ ބޭނުމާއި، ގަސްތައް ހެދިބޮޑުވަމުން އަންނަ ގޮތާއި ހެދިބޮޑުވުމުގެ ތަފާތު ގިންތިތަކާއި ތަރުކާރީއާއި ފަތްޕިލާވެލީގެ ބާވަތްތަކުގެ މުހިއްމުކަން އަންގައިދިނާއިއެކު ގަސް އިންދުމުގެ ޝައުޤު ދަރިވަރުންގެ ހިތްތަކުގައި އަށަގެންނެވުމެވެ.
މި މަޤްޞަދު ޙާޞިލް ކުރުމަށްޓަކައި، ގަސް ބެލެހެއްޓުމުގެ ގޮތުން، ގަސްތަކަށް ފެންދިނުމާއި ކާނާއެޅުމުގެ ކަންކަން ކުރުވަނީ ދަރިވަރުން ލައްވައެވެ. އަދި ގަސްތައް ހެދިބޮޑުވަމުން އަންނަތަން ފެނިފައި، ދަރިވަރުންގެ މޫނުމަތިން އުފާވެރިކަން ފެންނަމުންދާކަމަށްވެސް އެ ސްކޫލުން ބުނެފައިވެއެވެ.

މި ހަރަކާތުގައި ބެލެނިވެރިންގެ ހިއްޞާ ފާހަގަކުރައްވަމުން، އެ ސްކޫލުގެ ލީޑިންގ ޓީޗަރ ސައުނާ، ވިދާޅުވީ މި ހަރަކާތަށް ގަސް ހަދިޔާ ކޮށްފައިވަނީ ބެލެނިވެރިން ކަމަށާއި، މި ހަރަކާތް އިތުރަށް ފުރިހަމައަށް ގެންދިޔުމަށްޓަކައި ބެލެނިވެރިންގެ އެހީތެރިކަމާއި އެއްބާރުލުން ވަރަށް ބޮޑަށް ލިބޭކަމަށެވެ. އަދި ބެލެނިވެރިންގެ އިތުރުން، ސްކޫލުގެ ސްޕޯރޓް ސްޓާފްގެ ގޮތުގައި ތިއްބަވާ މުވައްޒަފުންވެސް، މި ހަރަކާތަށް ދެއްވާ އެހީތެރިކަން ފާހަގަކުރައްވާފައިވެއެވެ.
މި ހަރަކާތް ހިންގުމަށްޓަކައި ބޭނުންކުރަން ޖެހޭ ގަސްކާނާއާއި ގަސްމުށި ފޯރުކޮށްދެނީ ސ.އަތޮޅު ސްކޫލުންނެވެ.
advertisment
ހިޔާލު