ބޭބީ ނާސަރީއާއި ނާސަރީ ކުދިންނަށް ޚާއްސަކޮށް ރ. ކިނޮޅަހުގައި ޕްރީ ސްކޫލެއް ހުޅުވައިފިއެވެ.
އިބްން ބަޠޫތާގެ ނަމުން ނަންދެވިފައިވާ މި ސްކޫލަކީ އެރަށުގެ ތުއްތުކުދިންގެ ކިޔެވުމުގެ ހުނަރު ދަށްކަމަށް ފާހަގަކުރެވޭތީ އެކަމަށް ޙައްލެއް ގެނައުމުގެ ގޮތުން ހުޅުވި ސްކޫލެއްކަމަށް ކައުންސިލްގެ ރައީސް އަޙްމަދު ހުސައިން ވިދާޅުވިއެވެ.
"އަޅުގަނޑުމެން ކުރި ތައުލީމީ ދިރާސާއިން ދެއްކީ، ޕްރީ ސްކޫލް އުމުރުފުރައިގެ ކުދިންގެ ފެންވަރު ދަށްކަމަށް. އެހެންވެ އެކަމަށް ހައްލެއް ލިބޭނީ ބޭބީނާސަރީ އަދި ނާސަރީއަށް އަމާޒުކޮށްގެން މިފަދަ ޚިދުމަތެއް ދެވިގެން. އެހެންވެ ކައުންސިލުން އިސްކަމެއް ދީގެން މި މަސައްކަތް ފެށީ"
ކައުންސިލްގެ ރައީސް އަހްމަދު ހުސައިން ވިދާޅުވީ "ބަތޫތާ ލިޓްލް ލާނަރސް ޕްރީސްކޫލް"ގައި ޖުމްލަ 28 ކުދިން ކިޔަވާނެކަމަށެވެ. މިކަމަށް އެރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު ތަރުހީބެއް އޮތްކަން ފާހަގަކުރައްވާ އަހްމަދު ހުސައިން ވިދާޅުވީ މި ޕްރީ ސްކޫލަކީ ތަޢުލީމުގެ ބިންގަަލަށް ކުރެވޭނެ ވަރަށް ބޮޑު ޚިދުމަތެއް ކަމަށެވެ.

ސެޓިފައިޑް ދެ ޓީޗަރުންނާއިއެކު ފެށި މި ޕްރީ ސްކޫލުގެ ފެންވަރު އެނގިގެންދާނީ މިހާރު ކިޔަވަމުންދާ ދަރިވަރުން ގްރޭޑް 1އަށް ދިއުމުންކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. ކޮވިޑާ ގުޅިގެން ސްކޫލުގެ ކިޔެވުން މިދިޔަ އަހަރު ފެށިފައި ނުވިޔަސް، އެކަމަށްޓަކައި ޓީޗަރުން ތަމްރީނުކުރުމުގެ މަސައްކަތް ކައުންސިލުން ދިޔައީ ކުރަމުންނެވެ. އެގޮތުން އައްޑޫ ސިޓީގެ ޕްރައިވެޓް ސްކޫލެއްކަމުގައިވާ ހިރާ ސްކޫލުގެ އެހީތެރިކަމާއިއެކު އެ ސްކޫލުގެ ދެ ޓީޗަރުން ތަމްރީނުކޮށް، ސްކޫލު ހިންގާ ގޮތްތައްވަނީ ބަލާ އޮޅުންފިލުވާފައެވެ.

ކިޔަވައިދިނުމުގައި ބޭބީ ނާސަރީއާއި ނާސަރީގެ މުހިންމުކަން ފާހަގަކުރައްވާ ކައުންސިލްގެ ރައީސް ވިދާޅުވީ ޚާއްސަކޮށް ރަށްރަށުގައި އެންމެ ތުއްތު ކުދިންނަށް ކިޔެވޭނެ ގޮތް ހަމަޖެހިފައި ނެތުމުގެ ސަބަބުން ތަޢުލީމަށް އެކަމުގެ ނޭދެވޭ އަސަރުކުރަމުންދާކަމަށެވެ. އެހެންކަމުން އެރަށު ކައުންސިލުން އެކަންކަމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާކަމަށާއި އަދި ކުރިއަށް އޮތްތާނގައިވެސް ތަޢުލީމާގުޅޭ ތަފާތު ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށްވެސް ރ. ކިނޮޅަސް ކައުންސިލްގެ ރައީސް އަހްމަދު ހުސައިން ވިދާޅުވިއެވެ.
advertisment
ހިޔާލު