ނުކުޅުންތެރިކަން ހުންނަ ދަރިވަރުން 21 އަހަރު ވަންދެން ސްކޫލްތަކުގައި ގެންގުޅެވޭ ގޮތަށް ހުރިހާ ދަރިވަރުން ޝާމިލުކޮށްގެން ކިޔަވައިދިނުމުގެ ސިޔާސަތު އާންމުކޮށްފިއެވެ.
މިއީ މިފަދަ ސިޔާސަތެއް އެކުލަވާލި ފުރަތަމަ ފަހަރެވެ.
ތައުލީމުގެ ގާނޫނުގެ ދަށުން އެކުލަވާލި މި ސިޔާސަތުގެ ދަށުން އެފަދަ ކުދިންނަށް ކިޔަވައި ދިނުމަށްޓަކައި އެޑިއުކޭޝަން މިނިސްޓްރީއާއި ސްކޫލްތަކާއި ބެލެނިވެރިންގެ ދައުރު ވަނީ މި ސިޔާސަތުގައި ކަނޑައަޅާފައެވެ. މި ސިޔާސަތުގެ މައިގަނޑު މަގްޞަދު ތަކުގެ ތެރޭގައި ހިމެނެނީ އުނގެނުމާއި ޚާއްޞައެހީއަށް ބޭނުންވާ ދަރިވަރުންނަށް ދިވެހިރާއްޖޭގެ ސްކޫލްތަކުން ފުރުޞަތު ދިނުމާއި ތައުލީމް ފޯރުކޮށްދިނުމުގެ އިތުރުން ހިފަހައްޓަންޖެހޭ މިންގަނޑުތަކާއި ފޯރުކޮށްދޭންޖެހޭ ވަޞީލަތްތައް ބަޔާން ކުރުމެވެ.
މި ސިޔާސަތުގައި ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންކަމުގައި ބަލާނެ ގިންތިތަކެއް ވަނީ ކަނޑައަޅާފައެވެ. އެއީ، ފެނުމުގެ ނުކުޅެދުންތެރިކަން ހުރުމާއި، އަޑުއިވުމާއި ވާހަކަ ދެއްކުމުގެ ނުކުޅެދުންތެރިކަމާއި، ޖިސްމާނީ ނުކުޅެދުންތެރިކަމާއި، ސިކުނޑީގެ ނުކުޅެދުންތެރިކަމާއި، މަލްޓިޕަލް ޑިސްއެބިލިޓީ ( އެއް ނުކުޅެދުންތެރިކަމަށްވުރެ ގިނަ ނުކުޅެދުންތެރިކަން ) ހުރުމެވެ.

މި ސިޔާސަތުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށް އިންކުލޫޝަންގެ އަސާސްތަކާ އެއްގޮތަށް ކިޔަވައި ދިނުމުގައި ޔުނިވަރސަލް ޑިޒައިން ފޯ ލަރނިންގ ބޭނުން ކުރުމާއި، ޑިފެރެންޝިއޭޓަޑް އިންސްޓްރަކްޝަން ބޭނުން ކުރުމާއި، ކޯޗިން ސްޓްރެޖީސް ބޭނުން ކުރުމާއި، ދަރިވަރުންގެ އުނގެމުމާއި ހާލަތަށް ރިޔާއަތްކޮށް ކިޔަވައިދިނުމުގައި އެސިސްޓިވް ޓެކްނޮލޮޖީ ބޭނުން ކުރުމާއި، ފޯމެޓިވް އެސެސްމެންޓްގެ އަސާސްތަކާ އެއްގޮތަށް ދަރިވަރުންގެ ފެންވަރު ވަޒަން ކުރުމަށް ވަނީ ކަނޑައަޅާފައެވެ. އަދި ފެނުމުގެ ނުކުޚެދުންތެރިކަން ހުންނަ ދަރިވަރުންނަށް ބްރެއިލް ނުވަތަ ޑިޖިޓަލް ޓެކްނިލޮޖީ ނުވަތަ އެސިސްޓް ޓެކްނޮލޮޖީ ބޭނުންކޮށްގެން ކިޔަވައިދިނުމާއި، އަޑުއިވުމުން މަހުރޫމް ކުދިންނަށް ސައިން ލެންގުއޭޖް ނުވަތަ ޑިޖިޓަލް ޓެކްނިލޮޖީ ނުވަތަ އެސިސްޓް ޓެކްނޮލޮޖީ ބޭނުންކޮށްގެން ކިޔަވައިދިނުމާއި، ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށް ކިޔަވައި ދިނުމަށް ޔުނިވަރަސަލް އެކްސެސިބިލިޓީގެ މިންގަނޑުތަކާ އެއްގޮތަށް ކުލާސްރޫމްތަކާއި ލައިބްރަރީއާއި ފާހާނާއާއި ލެބޯޓްރީ ފަރުމާ ކުރުމާއި، ލިޔުމާއި ކިޔުމުގައި ތަފާތު މައްސަލަތައް ހުންނަ ދަރިވަރުންނާއި ކަރުދާސް ފޮތް ބޭނުންކުރަން ދަތިވާ ދަރިވަރުންނަށް ކަރިކިއުލަމް ކޮންޓެންޓާއި ފޮތްތައް ޑިޖިޓަލް ފޯމެތްގައި ފޯރުކޮށްދޭންޖެހެއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންގެ އުނގެނުމުގެ ހާލަތަށް ރިޔާއަތްކޮށް ޑިޖިޓަލް ޓެކްނިލޮޖީ ނުވަތަ އެސިސްޓް ޓެކްނޮލޮޖީ ބޭނުންކޮށްގެން ކިޔަވައިދޭން ވެސް މި ސިޔާސަތުގައި ބުނެފައިވެއެވެ.

ދަރިވަރުން ޝާމިލުކޮށްގެން ތަޢުލީމު ދިނުމުގައި ބޭނުންކުރާނެ ހަތަރު ޕްރޮގްރާމެއްވެސް މި ސިޔާސަތުގައި ވަނީ ކަނޑައަޅާފައެވެ. އެއީ ހޯމް ބޭސްޑް ލަރނިންއާއި، ސްކޫލް ރެޑިނެސްއާއި، އާލީ އިންޓަރވެންޝަންއާއި މެއިންސްޓްރީމް އެޑިއުކޭޝަނެވެ.
މި ސިޔާސަތުގެ ދަށުން އެކުދިންނަށް ބޭނުންވާ ފަހި މާހައުލެއް ހުރިހާ ސްކޫލެއްގައި ވެސް ގާއިމް ކުރަންޖެހޭއިރު، ވަޞީލަތްތައް ގާއިމްކޮށްދިނުމަކީ އެޑިއުކޭޝަން މިނިސްޓްރީގެ ޒިންމާއާއި މަސްއޫލިއްޔަތުގެ ތެރޭގައި ހިމަނާފައިވާ ކަމެކެވެ.
ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންގެ ތެރެއިން އިތުރު ވަގުތާއި ޚާއްޞަ އެހީތެރިކަން ލިބިގެން މެނުވީ އުގަންނައިދިނުން ކުރިއަށް ނުގެންދެވޭނެ ދަރިވަރުންނަށް ސްކޫލްގެ އިންކުލޫސިވް ކޮމިޓީގެ މަޝްވަރާގެ މަތިން އުމުރުން 21 އަހަރު ފުރެންދެން އުނގެނުމުގައި ފުރުޞަތު ފޯރުކޮށްދިނުމަކީ ސްކޫލްގެ ޒިންމާގެ ތެރޭގައި ހިމަނާފައިވާ ކަމެކެވެ.
ދަރިވަރުން ސްކޫލަށް ފޮނުވުމާއި ދަރިވަރުނަށް އަންނަ ބަދަލުތައް ސްކޫލާ ހިއްސާކުރުމަކީ ބެލެނިވެރިންގެ ޒިންމާގެ ތެރޭގައި ހިމަނާފައިވާ ކަމެކެވެ.
advertisment
ހިޔާލު