އެއް ދަންފަޅީގެ ތަޢުލީމީ ނިޒާމަކަށްޓަކައި ހާހަކަށްވުރެ ގިނަ ކްލާސްރޫމްގެ މަސައްކަތް ކުރިއަށް އެބަދާކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެއެވެ.
54 ވަނަ ޖުމްހޫރީ ދުވަހު ބޭއްވި ރަސްމީ ޖަލްސާގައި ޤައުމާ މުޙާތަބުކުރައްވައި ރައީސް ސޯލިހު ވިދާޅުވީ، ޖުމްހޫރިއްޔަތު ސީދާގޮތުން ރަމްޒުކޮށްދެނީ ފަރުދުން، ނުވަތަ ރައްޔިތުން ކަމަށެވެ. އެ ރައްޔިތުން ބިނާނުވެ، ޖުމްހޫރިއްޔަތު ބިނައެއްނުކުރެވޭނެ ކަމަށެވެ.
މީހުން ބިނާކުރުމަކީ، ވޭތުވެދިޔަ ތިން އަހަރުގެ މައިގަނޑު މަޝްރޫޢުތަކުގެ، އެންމެ ވަރުގަދަ ބިންގާ ކަމަށާއި، ތަޢުލީމާއި، ތަމްރީނާއި، ޞިއްޙަތަކީ ފުރިހަމަ ރައްޔިތަކު ބިނާކުރުމުގެ ނާރެސް ކަމަށް ވިދާޅުވިއެވެ.
" އެ ރައްޔިތުންގެ ޤާބިލުކަމާއި، އަރާ އަރަފޯދުމާއި، ކެރިފޯރުންތެރިކަން ބިނާވާނީ، މީހުން މީހުންނަށް ހަދައިގެން. ދިރުންހުރި މުޖުތަމަޢަކާއި، ޖޯރުހުރި އިޤްތިޞާދެއްގެ ފެށުމަކީ، ތަޢުލީމާއި ހުނަރު. ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މިހާރު އޭ-ލެވެލް އަށް ކިޔަވައިދެވޭ. ހިލޭ ޑިގްރީއަށް ކިޔަވައިދޭން ފެށިއްޖެ. ސްޓޫޑަންޓް ލޯން ސްކީމް ފުޅާކުރެވިއްޖެ" ރައީސް ސޯލިހު
ރައީސް ސޯލިހު ވިދާޅުވީ އެއް ދަންފަޅީގެ ތަޢުލީމީ ނިޒާމަށްޓަކައި، 1000 އަށްވުރެ ގިނަ ކްލާސްރޫމްގެ މަސައްކަތް ހިނގަމުން އެބަދާ ކަމަށެވެ. ކޯވިޑް-19ގެ ބަލިމަޑުކަމުގެ ފުރަބަންދަށްފަހު، ދުނިޔޭގައި އެންމެ އަވަހަށް ސްކޫލްތައް ހުޅުވި 10 ޤައުމުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.
advertisment
ހިޔާލު