އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކު ވެއްދުން ކ. މާފުށީ ސްކޫލުން މަނާކޮށްފިއެވެ.
އެ ސްކޫލުން ނެރުނު ދެންނެވުމެއްގައި ބުނެފައި ވަނީ އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް އެ ސްކޫލަށް ވެއްދުން އިއްޔެ (9 ނޮވެމްބަރު 2021) ން ފެށިގެން މަނާކޮށްފައިވާ ކަމަށެވެ. އަދި އެ ސްކޫލުން ހިންގާ އެއްވެސް ހަރަކާތެއްގައި ވެސް އެފަދަ ޕްލާސްޓިކް ބޭނުން ނުކުރާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
މާފުށީ ސްކޫލްގެ ޕްރިންސިޕަލް އަބްދުލް ނާސިރު މުޙައްމަދު ދަރިވަރު ނޫހަށް ވިދާޅުވީ، ޕްލާސްޓިކާ ދެކޮޅަށް ޕާލޭއިން ކުރަމުންދާ މަސައްކަތުގައި އެ ސްކޫލުން ބައިވެރިވެފައިވާ ކަމަށާއި، ފަތުރިން އެންމެ ގިނައިން އަންނަ ރަށަކީ މާފުއްޓަށްވެފައި، ތިމާވެށީގެ ގޮތުން ކުރަންޖެހޭ މަސައްކަތުގައި އެ ސްކޫލްގެ އެއްބާރުލުމާއި އެހީތެރިކަން އެންމެ މަތީ ފެންވަރުގައި ދެމުން ގެންދާނެ ކަމަށެވެ.
" އަޅުގަނޑުމެން މި މަސައްކަތް ފެށީ ބެލެނިވެރިންނާއި ދަރިވަރުން ހޭލުންތެރިކޮށް އަހުލުވެރި ކުރުމަށްފަހު" ނާސިރު ވިދާޅުވިއެވެ.
ފަސްސަތޭކައެންހާ ދަރިވަރުން ކިޔަވަމުންދާ މާފުށީ ސްކޫލުގައި ވަނީ އެ ރަށުން އުކާލާ ޕްލާސްޓިކް ފުޅި އެއްކުރާނެ ޚާއްޞަ އިންތިޒާމްތަކެއް ހަމަޖައްސާފައެވެ. ގެސްޓް ހައުސްގެ ވިޔަފާރި އެންމެ ފުޅާދާއިރާއެއްގައި ކުރަމުންދާ ރަށުގައި ހުރި ސްކޫލުގައި މި އިންތިޒާމް ހަމަޖެއްސީ އެރަށުގައި ހުރި އެންމެ ބޮޑު ހޮޓާ ކަމުގައި ކާނި ހޮޓަލުގެ ފަރާތުންނެވެ.
" މި ރަށުގައި {މާފުށީފގައި} ފަތުރުވެރިކަން ތަރައްގީ ވަމުންދާ ވަރަކަށް އުކާލާ ޕްލާސްޓިކް މިދަނީ މައްޗަށް. މިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނީ ސްކޫލްގެ ތެރެއިން މި މަސައްކަތް ފެށިގެން. ސްކޫލުންއިސްނެގީމާ އޭގެ އަސަރު މުޅި ރަށަށް މުޖްތަމައަށް ކުރާނެ" ނާސިރު ވިދާޅުވިއެވެ.
ނާސިރު ވިދާޅުވި ގޮތުގައި ސްކޫލްގެ ތެރޭގައި ޕްކާސްޓިކް ވެއްދުން މަނާކުރުމުގެ ކުރިން ދަރިވަރުންނާއި ސްޓާފުން ފެންބޯނެ ފުޅި ހަވާލުކޮށްފައިވާނެ ކަމަށެވެ. އަދި ޕްލާސްޓިކް ކޮތަޅުގެ ބަދަލުގައި ބޭނުންކުރާނެ ފޮތިކޮތަޅުވެސް މީގެން ކުރިން ދަރިވަރުންނަށް ފޯރުކޮށްދީފައިވާނެ ކަމަށެވެ.
ޕްލާސްޓިކާ ދެކޮޅަށް އެންމެ ބޮޑަށް މަސައްކަތް ކުރަމުންދާ ތަންތަނުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ސްކޫލެއް ހިމެނެއެވެ. ޕްލާސްޓިކާ ދެކޮޅަށް ޕާލޭއިން ކުރަމުންދާ މަސައްކަތުގައި ވެސް ހުރިހާ ސްކޫލްތަކުން ވަނީ ބައިވެރިވެފައެވެ.
advertisment
ހިޔާލު