"ފެހި ކުރަމާ" ޕްރޮގްރާމުން ކުންޏާމެދު ދަރިވަރުން ދެކޭގޮތް ބަދަލުކޮށްލައިފި

ނ. އަތޮޅު ތައުލީމީމަރުކަޒު
" ފެހި ކުރަމާ" ޕްރޮގްރާމުގެ ދަށުން މައުލޫމާތު ދެނީ: މި ޕްރޮގްރާމުގެ ދަށުން ތިމާވެއްޓާ ރައްޓެހި ގޮތަށް ކުނި މެނޭޖްކުރަން ދަސްކޮށްދެވުނު

ވެލާ ރިސޯޓުން ކުރިއަށް ގެންދާ "ފެހި ކުރަމާ" ޕްރޮގްރާމުގެ ތެރެއިން ކުންޏާމެދު ދަރިވަރުން ދެކެމުންއައި ގޮތް ބަދަލުވެއްޖެ ކަމަށް ނ. އަތޮޅު ތަޢުލީމީމަރުކަޒުގެ ޕްރިންސިޕަލް މުޙައްމަދު ނިޒާރު ވިދާޅުވެއްޖެއެވެ.

ދަރިވަރުނޫހާ ވާހަކަ ދައްކަވަމުން ނިޒާރު ވިދާޅުވީ " ފެހި ކުރަމާ" ޕްރޮގްރާމުގެ ތެރެއިން ކުނި މެނޭޖްކުރާނެ ގޮތްތަކާގުޅޭ ގޮތުން އެ ސްކޫލްގެ ދަރިވަރުންނަށް ދިން މައުލޫމާތުތަކަކީ މިހާތަނަށް އެ ދަރިވަރުންނަށް ލިބިގެންދިޔަ އެންމެ ފައިދާކުރަނިވި މައުލޫމާތު ކަމަށެވެ.

ވެލާ ރިސޯޓް
"ފެހި ކުރަމާ" ޕްރޮގްރާމުގެ ދަށުން މައުލޫމާތު ސެޝަންތަކުގައި ބައިވެރިވި ދަރިވަރުންނަށް ހަދިޔާ ހަވާލުކުރަނީ: ވެލާއިން ކުރިއަށް ގެންދާ މި ހަރަކާތް ނ، އަތޮޅުގެ ހުރިހާ ސްކޫލެއްގައި ހިންގާނެ- ފޮޓޯ: ނ. އަތޮޅު ތަޢުމީމީމަރުކަޒު

" އަދި މި ވަރުގެ ސެޝަންތަކެއް ބޭއްވިފައެއް ނެތް. ދަރިވަރުންނަށް ކުރިން ނުލިބިހުރި އެތައް މައުލޫމާތެއް ލިބިއްޖެ. ދަރިވަރުންގެ ވިސްނުން ބަދަލުކޮށްލައިފި" ނިޒާރުވި ވިދާޅުވިއެވެ.

ނިޒާރުވި ވިދާޅުވީ އަހަރު ފެށުމާއެކު ސްކޫލް ފެންވަރުގައި، ފަރުދީ ޒިންމާގެ ދަށުން ކުނިމެނޭޖް ކުރުމަށް ދަރިވަރުންނަށް ބާރުއަޅަމުން ދިޔަ ކަމަށާއި، ފެހިކުރަމާ ޕްރޮގްރާމުގެ ދަށުން އެ ދަރިވަރުންނަށް ލިބިގެން ދިޔައީ ތަފާތު އިލްމެއް ކަމަށެވެ. ޚާއްޞަކޮށް ތިމާވެއްޓާ ރައްޓެހި ގޮތަށް ކުނިމެނޭޖް ކުރުމަށް ކުރިން ނޭނގޭ އެތައް މައުލޫމާތު ތަކެއް މި ސެޝަންތަކުން އެނގިގެން ހިންގެއްޖެ ކަމަށް ނިޒާރު ފާހަގަކުރެއްވިއެވެ.

" ދެން އޮތީ މި ލިބުނު މައުލޫމާތާއި އިލްމްގެ ބޭނުން ހިފައިގެން އަމަލީ ގޮތުން މަސައްކަތް ކުރުން. އުފެދޭ ކުނި މަދުކުރަން ބާރުއަޅައި، ތިމާވެއްޓާ ރައްޓެހި ގޮތަކަށް އެ މެންޖް ކުރުން" ނިޒާރު ވިދާޅުވިއެވެ. " ހަމަ ޔަގީނުން ވެސް ދަރިވަރުން މިކަން ޕްރެކްޓިސް ކުރާނެ. އެކަމުގައި މައިންބަފައިންނަށް އެހީތެރިކަން ފޯރުކޮށްދޭނެ"

ކުނި މެނޭޖް ކުރުމާ ގުޅޭ ސެޝަންތަކުގައި މައުލޫމާތު ދީފައި ވަނީ އެކަމުގެ ތަޖުރިބާކާރުންނެވެ. މި ސެޝަންތަކުގައި މައުލޫމާތު މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައި ވަނީ ކުނި މެނޭޖު ކުރުމުގައި ހިމެނޭ ތިން އާރު (ރެޑިއުސް، ރިޔޫސް، އަދި ރިސައިކަލް)އާ ގުޅޭ ގޮތުންނެވެ. މީގެ އިތުރުން އުފައްދާ ކުނި މިހާރަށްވުރެ މަދު ކުރެވޭނެ ގޮތުގެ މައުލޫމާތުވެސް ވަނީ ދީފައެވެ.

ވެލާގެ " ފެހި ކުރަމާ" ޕްރޮގްރާމް ފެށީ އިއްޔެއެވެ. ފެށުމުގެ ގޮތުން ވާހަކަ ދައްކަވަމުން ވެލިދޫ ކައުންސިލްގެ ރައީސް އާތިފް ހުސައިން ވެސް ވިދާޅުވީ ކުނި މެނޭޖް ކުރުމަށް އެންމެ ކުޑައިރުން ފެށިގެން ކުނިމެނޭޖް ކުރުމަށް ހެލުންތެރިކޮށް މައުލޫމާތު ފޯރުކޮށްދިނުމަކީ މިކަމަށް އޮތް އެންމެ މުހިންމު ހައްލު ކަމަށެވެ.

ވެލާގެ " ފެހި ކުރަމާ" ޕްރޮގްރާމުގެ ދަށުން ނ. އަތޮޅުގެ ހުރިހާ ރަށެއްގެ ސްކޫލްތަކެއްގައި ކުރިއަށް ގެންދާނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *