ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް (ޑީޖޭޖޭ)އަށް ހުށަހެޅުނު މައްސަލަތަކުގެ ތެރޭގައި ހިމެނޭ ކުދިންގެ ތަޢުލީމީ ހާލަތަށް ބަލާއިރު އެންމެ ގިނައިން މިއަހަރު ހުށަހެޅިފައިވަނީ ތަފާތު ސަބަބުތަކާހުރެ ސްކޫލުން ވަކިވެފައިވާ ކުދިންގެ މައްސަލަތައްކަމަށް އެ ޑިޕާޓްމަންޓުން ބުނެފިއެވެ.
ޤާނޫނާ ޚިލާފުވެގެންނާއި ކުށުގެ ވެއްޓަށް ހުށަހެޅުމުގެ ފުރުސަތު އޮތުމުގެ ސަބަބުން އެ ޑިޕާޓްމަންޓަށް މިއަހަރުގެ ޖެނުއަރީ އެކަކުން ޖޫންމަހުގެ އެކަކަށް، ހުށަހެޅުނު މައްސަލަތަކަށް ރިޢާޔަތްކޮށް އެ ޑިޕާޓްމަންޓުންވަނީ ރިޕޯޓެއް ނެރިފައެވެ. މި ރިޕޯޓްގައިވާގޮތުން ތަފާތު ސަބަބުތަކާހުރެ ސްކޫލުން ވަކިވެފައިވާ ކުދިންގެ ގޮތުގައި 34 ކުދިން ހިމެނެއެވެ. މިއަހަރުގެ ފުރަތަމަ 6 މަސްދުވަހެކޭ އެއްގޮތަށް މިދިޔަ އަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ރިޕޯޓުން ދައްކާގޮތުންވެސް އެންމެ ގިނައިން ހުށަހެޅިފައިވަނީ ތަފާތު ސަބަބުތަކާހުރެ ސްކޫލަށް ދިޔުން ހުއްޓާލާފައިވާ ކުދިންގެ މައްސަލަތައްކަމަށް އެޑިޕާޓްމަންޓުން ބުނެއެވެ.
ތަޢުލީމީ ހާލަތާ ގުޅޭ ގޮތުން ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން ދެވަނައަށް އެންމެ ގިނައީ ސްކޫލުގައި އުޅެމުންދާ ކުދިންގެ މައްސަލައެވެ. އެއީ 24 ކުދިންނެވެ. އަދި ސްކޫލު ނިންމާފައިވާ 13 ކުދިންގެ މައްސަލަވެސް ހިމެނިފައިވާކަމަށް މި ރިޕޯޓްގައިވެއެވެ. މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު ހުށަހެޅުނު މައްސަލަތަކުގެ ތެރޭގައި ދުވަހަކުވެސް ސްކޫލަށް ނުދާ 1 ކުއްޖެއް އަދި ތައުލީމީ ޙާލަތުގެ މައުލޫމާތު ނެތް 16 ކުއްޖެއްގެ މައްސަލަ ހުށަހެޅިފައިވާކަމަށްވެސް އެ ޑިޕާޓްމަންޓުން ބުނެއެވެ.

މި ރިޕޯޓްގައިވާ ތަފާސް ހިސާބަށް ބަލާއިރު މިއަހަރު ސުކޫލަށް ނުދާ ކުދިންގެ ތެރެއިން، ސްކޫލަށް ދިއުން ހުއްޓާލާފައިވާކަމަށް އެންމެ ގިނައިން ފާހަގަވެފައިވަނީ ގްރޭޑު 9 ކުންނެވެ. ސްކޫލަށް ދިއުން ހުއްޓާލާފައިވާ ގްރޭޑެއްގެ ގޮތުގައި ދެވަނައަށް އެންމެ ގިނައިން ފާހަގަވަނީ ގްރޭޑު 8 އަދި ގްރޭޑު 10 އެކެވެ.
މިދިޔަ އަހަރު ސްކޫލަށް ދިއުން ހުއްޓާލާފައިވާ ގްރޭޑެއްގެ ގޮތުގައި ގްރޭޑު 8 އާއި ގްރޭޑު 9 ފާހަގަކުރެވެއެވެ.

އަދި ސްކޫލު ނިންމާފައިވާ ކުދިން ކުށުގެ ވެއްޓަށް ދާ މިންވަރު އިތުރުވުމަކީވެސް ކަންބޮޑުވާ މައްސަލައެއްގެ ގޮތުގައި މި ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. މިފަދަ ކުދިންނަށް އެކުދިންގެ ރަށުގައި ތިބެގެން އެކުދިންގެ އުމުރާއި ފެންވަރާއި ގުޅޭ ތަޢުލީމާއި ތަމްރީނު ލިބޭނެ ފުރުސަތު ހޯދައި ދިނުމަކީ، ކުދިންގެ ހެދިބޮޑުވުމަށް އަދި ކުށުގެ ވެށިން ދުރުހެލިކޮށް ފައިދާހުރި ގޮތެއްގައި އެކުދިން މުޖްތަމައުއަށް އަނބުރާ ގެނައުމަށް މުހިއްމުކަމެއްކަން ފާހަގަކުރެވޭކަމަށް ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް އިން ބުނެއެވެ.
މި ރިޕޯޓުގައި އެޑިޕާޓްމަންޓަށް ހުށަހެޅިފައިވާ މައްސަލަތަކާއި، ކުށުގެ ވެއްޓަށް ހުށަހެޅުމުގެ ފުރުސަތު އޮތް ކުދިންގެ ތަފާސް ހިސާބުތަކާއި، އެ ކުދިންގެ އިޖުތިމާޢީ ޙާލަތަށް ވަނީ ބަލާލާފައެވެ. މިގޮތުން މިފަދަ މައްސަލަތަކުގައި ހިމެނޭ ކުދިންގެ އަދަދާއި، ޖިންސާއި، އުމުރުފުރާއާއި، ތަޢުލީމީ ޙާލަތާއި ޢާއިލީ ޙާލަތާއި، މައްސަލަތަކުގެ ބާވަތްތަކާއި، މައްސަލަތައް ދިމާވާ ސަބަބުތަކާއިއެކު ދިމާވާ ގޮންޖެހުންތަކަށް ވަނީ ބަލާލާފައެވެ.
advertisment
ހިޔާލު