އެމް.އެން.ޔޫ.އެސް.ޔޫ ބަހުސް މުބާރާތް 2021ގެ ފަޚުރުވެރި އެއްވަނަ އެފް.އެސް.އެލްއަށް

މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ސްޓޫޑެންޓް ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) އިން އިންތިޒާމް ކޮށްގެން މިދިޔަ އޮކްޓޯބަރުމަހުގެ 31 އިން ނޮވެމްބަރު 5ގެ ނިޔަލަށް ބޭއްވި ބަހުސް މުބާރާތުގެ ފައިނަލުގައި، ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ (އެފް.އެސް.އެލް) އަދި އެމް.އެން.ޔޫ ބިޒްނަސް ސްކޫލު (އެމް.އެން.ޔޫ.ބީ.އެސް) ވާދަކޮށް، އެފް.އެސް.އެލްއިން ޗެމްޕިއަންކަން ހޯދައިފިއެވެ.

އެމް.އެން.ޔޫ.އެސް.ޔޫ ބަހުސް މުބާރާތް
އެމް.އެން.ޔޫ.އެސް.ޔޫ ބަހުސް މުބާރާތުގެ ޗެމްޕިއަން ފެކަލްޓީ، އެފް.އެސް.އެލް ގެ ބަހުސްކުރުންތެރިން؛ ފޮޓޯ/ އެމް.އެން.ޔޫ.އެސް.ޔޫ ޕޭޖު

ބަހުސް ކުރަން ހަމަޖެހިފައިވާ މަޢުޟޫއަކީ "ދިވެހި ރާއްޖެއަށް އެންމެ އެކަށީގެންވާ ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމެވެ" މި މަޢުޟޫއެވެ. މި ބަހުސްގައި އެފް.އެސް.އެލްއިން މަޢުޟޫއާ އެއްކޮޅަށް ވަކާލާތުކޮށްފައިވާއިރު އެމް.އެން.ޔޫ.ބީ.އެސް ބަހުސް ކޮށްފައިވަނީ މަޢުޟޫއާއި ދެކޮޅަށެވެ. މުބާރާތުގެ ފައިނަލްގެ ނަތީޖާ އަކީ 983-953 އެވެ.

ފައިނަލް މެޗުގެ އެންމެ މޮޅު ބަހުސްކުރުންތެރިޔާއަށް ހޮވިފައިވަނީ އެމް.އެން.ޔޫ.ބީ.އެސްގެ ދަރިވަރު އައިމިނަތު އީނާސް އެވެ.

މި މުބާރާތުން ވަނަ ލިބުނު ދަރިވަރުންނަށް ހަނދާނީ ލިޔުމާއި ޓްރޮފީ ހަވާލުކޮށްފައިވެއެވެ. ބަހުސްގެ ގަދަ ފަހެއްގައި ހޮވިފައިވަނީ މުހައްމަދު ނާއިލް ހާފިޒް (ސީ.އެފް.އެސް)، ޝާމާ ޝުޢައިބު (ވިލާ ކޮލެޖް)، އާމިނަތު އީނާސް (އެމް.އެން.ޔޫ.ބީ.އެސް)، އައިމިނަތު ނަސޫހާ (އެފް.އެސް.އެލް) އަދި މުހައްމަދު އައިޝް (އެފް.އެސް.އެލް) އެވެ. މުޅި މުބާރާތުގެ އެންމެ މޮޅު ބަހުސް ކުރުންތެރިޔާއަށް ހޮވިފައިވަނީ އެމް.އެން.ޔޫ.ބީ.އެސް ގެ ދަރިވަރު އާމިނަތު އީނާސް އެވެ.

އެމް.އެން.ޔޫ.އެސް.ޔޫ ބަހުސް މުބާރާތް
އެމް.އެން.ޔޫ.އެސް.ޔޫ ބަހުސް މުބާރާތުގެ މުޅި މުބާރާތުން 1 ވަނަ އަށް ދިޔަ ބަހުސްކުރުންތެރިޔާ އައިމިިނަތު އީނާސް ؛ ފޮޓޯ/ އެމް.އެން.ޔޫ.އެސް.ޔޫ ޕޭޖު

އެމް.އެން.ޔޫ.އެސް.ޔޫއިން ބާއްވާ ބަހުސް މުބާރާތުގެ މަޤްޞަދަކީ، ދިވެހި ބަސް ދިރުވާ، ދިވެހި ބަހުގެ ހަމަތަކާ ޤަވާއިދާ އެއްގޮތްވާގޮތުގެމަތިން ދިވެހިބަސް ބޭނުންކުރުމަށާއި އުފެއްދުންތެރި ގޮތެއްގައި ޢިލްމީ ހިޔާލު ފާޅުކުރުމުގެ މަގު ތަނަވަސްކޮށްދީ، ދޫހެލޭ ކުޅަދާނަ ޤާބިލް ދަރިވަރުންތަކެއް ބިނާ ކުރުމެވެ.

މި މުބާރާތަކީ ސިލްސިލާކޮށް ބާއްވަމުންގެންދާ މުބާރާތުގެ 8 ވަނަ މުބާރާތެވެ. އަދި އެމް.އެން.ޔޫގެ އިތުރުން ވިލާ ކޮލެޖާއި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީންވެސް މުބާރާތުގައި ވާދަކޮށްފައި ވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *