ކީ ސްޓްޖް އެކަކާއި ދޭއްގެ ދަރިވަރުންނަށް އަމާޒުކޮށްގެން ރެހެންދި ސްކޫލުން ކުރިއަށް ގެންދާ ފޯޓްބޯޅައާއި ހޭންޑްބޯޅަ މުބާރާތުގައި އެގާރަ ސެތޭކައެންހާ ދަރިވަރުން ބައިވެރިވެފައިވެއްޖެއެވެ.
މި މުބާރާތް ކުރިއަށް ގެންދަނީ ނޮވެމްބަރު މަހުގެ ދެ ވަނަ ދުވަހުން ފެށިގެން އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށެވެ. ކީ ސްޓްޖް އެކަކާއި ދޭއްގެ ކުލާސްތަކުގެ މެދުގައި ކުރިއަށް ގެންދާ މި މުބާރާތުގައި 120 މެޗް ކުޅޭނެއެވެ.
ރެހެންދި ސްކޫލުން ބުނީ މި މުބާރާތްތައް ކުރިއަށް ގެންދަނީ ދަރިވަރުންގެ މެދުގައި އިޖްތިމާއީ ގުޅުން ގާއިމްކޮށް ކުޅިވަރުގެ ހުނަރު ތަރައްޤީ ކުރުމާއެކު ފުރިހަމަ ސިއްޙަތެއްގައި ދަރިވަރުން ތިބުމަށް ބާރު އެޅުމުގެ ގޮތުންނެވެ. އަދި އެ ސްކޫލުން ބުނީ މުބާރާތް ކުރިއަށް ގެންދަނީ ކޮވީޑްއާ ގުޅިގެން އަޅާފައިވާ ރައްކާތެރި ކަމުގެ ފިޔަވަޅުތަކަށް ބަލައިގެން ކަމަށެވެ.
ރެހެންދި ސްކޫލުން ބުނީ މުބާރާތުގެ ރެފްރީންގެ ކަންތައްތައް އެފްއޭއެމްއިން ހަމަޖައްސާދީފައިވާއިރު، ފަސްޓްއެއިޑްގެ ކަންތައްތައް ބަލަހައްޓަމުން ގެންދަނީ މޯލްޑިވްސް ރެޑްކުރެސެންޓުންނެވެ.
ބެލެނިވެރިންގެ ފަރާތުން މި މުބާރާތަށް ދެމުން ގެންދާ އެހީތެރިކަމާއި އެއްބާރުލުމަށް ރެހެންދި ސްކޫލުން ވަނީ ބެލެނިވެރިންނަށް ޝުކުރުއަދާކޮށްފައެވެ.
ހިޔާލު