ހިރިލަންދޫ ސްކޫލްގެ ދަރިވަރުންނާއި މުވައްޒަފުން އިޖްތިމާޢީ މަސައްކަތަށް!

ހިރިލަންދޫގެ ދަރިވަރުން ސާފުކުރުމުގެ މަސައްކަތުގައި. ފޮޓޯ/ ހިރިލަންދޫ ސްކޫލް

ރަށުތެރެ ސާފުކޮށް ބޭއްވުމުގެ ގޮތުން ކޮމިޔުނިޓީ ސަރވިސް ހަރަކާތެއް ތ. ހިރިލަންދޫ ސްކޫލުން ކުރިއަށް ގެންގޮސްފިއެވެ.

ކޮމިޔުނިޓީ ސާވިސް ޕްރޮގްރާމްއަކީ އެ ސްކޫލުގެ ޕްރިފެކްޓު ބޯޑާއި ސޯޝަލް ކްލަބް ގުޅިގެން ހިންގައިފައިވާ ޕްރޮގްރާމެކެވެ.

ހިރިލަންދޫ ސްކޫލުން ބޭއްވި ކޮމިޔުނިޓީ ސާވިސް ޕްރޮގްރާމަކީ، ރަށުގެ މީހުން ދިރިއުޅޭ ހުރިހާ ހިސާބެއް ސާފުކުރުމުގެ ގޮތުން އިންތިޒާމު ކުރެވިފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ރަށުތެރެ ސާފުކުރުމުގެ އިތުރުން ގޭގެއާއި ފިހާރަތައްވެސް ވަނީ ސާފުކޮށްފައެވެ.

މި ހަރަކާތުގައި ސްކޫލުގެ ދަރިވަރުންނާއެކު ސްކޫލުގެ މުވައްޒަފުންނާއި ބެލެނިވެރިންވެސް ބައިވެރިވެފައިވެއެވެ. މި ހަރަކާތުގައި ބައިވެރިވެފައިވަނީ 247 ދަރިވަރުންނާއި 49 މުވައްޒަފުންނެވެ.

ހިރިލަންދޫ ސްކޫލް
ހިރިލަންދޫ ސްކޫލުގެ ދަރިވަރުން ގޭގެ ސާފުކުރުމުގެ މަސައްކަތުގައި. ފޮޓޯ/ ހިރިލަންދޫ ސްކޫލް

ހިރިލަންދޫން ބޭއްވި ކޮމިޔުނިޓީ ސާވިސް ޕްރޮގްރާމަކީ މި އަހަރުގެ ހާއްސަ ހަރަކާތެއްގެ ގޮތުގައި ބޭއްވި ހަރަކާތެކެވެ. އެހެންނަމަވެސް، 'ދަރިވަރު' ނޫހަށް މައުލޫމާތު ދެއްވަމުން އެ ސްކޫލުގެ ޕްރިންސިޕަލް މުޙައްމަދު ނޫރުލް އިސްލާމް ވިދާޅުވީ، މި ޕްރޮގްރާމް ކުރިއަށް އޮތްތަނުގައި އަހަރީ ހަރަކާތެއްގެ ގޮތުގައި ކުރިއަށް ގެންދިޔުމަށް ވިސްނަމުންދާ ކަމަށެވެ.

"މިކަން މި ގޮތަށް ކުރަންބޭނުންވާ ސަބަބަކީ، މިފަދަ ޕްރޮގްރާމްތަކަކީ މުޖަތްމަޢު ސާފުތާހިރުކޮށް ބޭއްވުމުގެ ބޭނުން ދަރިވަރުންނަށް އަންގާދިނުމާއި ދަރުވަރުންގެ ހިތްތަކުގައި ސާފުތާހިރު މުޖްތަމަޢެއް ބިނާކުރުމުގެ ލޯބި އަށަގެންނެވުން. " ޕްރިންސިޕަލް

މީގެއިތުރުން މި ކަންތައްތަކަކީ ޢަމަލީ ހަރަކާތެއްކަމުން، މި ހަރަކާތުން ކުރާ ފައިދާ ދަރިވަރުންގެ ޢާއްމު ދިރިއުޅުމުގައިވެސް ބޭނުންކުރެވޭނެކަމަށް ޕްރިންސިޕަލް ވިދާޅުވިއެވެ.

މިހަރަކާތަކީ ދަރިވަރުން ވަރަށް ކުރާ ހިތުން ކުރި ކަމެއްކަމަށާއި، ދަރިވަރުންގެ ޢަމަލުންވެސް މިކަން ފެނިފައިވާކަމަށް ޕްރިންސިޕަލް ފާހަގަކުރެއްވިއެވެ. ހަމަމިއާއެކު، މި ހަރަކާތަށްފަހު ހުރިހާ ކުދިންވެސް ތިބީ ވަރަށް އުފާވެފައިކަމަށާއި މިއީ ވަރަށް ކާމިޔާބު ހަރަކާތެއްގެ ގޮތުގައި ފާހަގަކުރެވިފައިވާކަމަށްވެސް ޕްރިންސިޕަލް ވިދާޅުވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *