ނާސްތާ ޕްރޮގްރާމުން ނުކުތް އެދެވޭ ނަތީޖާ ބަލަން ދިރާސާކުރަނީ

ނާސްތާ ޕްރޮގްރާމް
ކަނޑޫދޫ ސްކޫލްގެ ދަރިވަރުންތަކެއް ހެނދުނު ނާސްތާގައި: ހެނދުނުގެ ނާސްތާގެ ސަބަބުން ދަރިވަރުންގެ ކިޔެވުމަށާއި ހެދި ބޮޑުވުމަށް ބާރުއަޅާ – ފޮޓޯ: ކަނޑޫދޫ ސްކޫލް

ނާސްތާ ޕްރޮގްރާމުން ނުކުތް އެދެވޭ ނަތީޖާ ބަލަން އަންނަ އަހަރު ދިރާސާއެއް ކުރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އެ މަޖިލީހުގެ މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން، ނާސްތާ ޕްރޮގްރާމް މިނިސްޓަރު ސިފަކުރެއްވީ ސަރުކާރުން ކުރިއަށް ގެންދާ އެންމެ ކާމިޔާބު އެއް ޕްރޮގްރާމުގެ ގޮތުގައެވެ.

އެޑިއުކޭޝަން މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ދުވާލެއްގެ މައްޗަށް، 213 ސްކޫލެއްގެ 49،000 ދަރިވަރުން ނާސްތާ ނަގަމުން ގެންދެއެވެ. މިކަމަށް ދައުލަތުގެ ބަޖެޓުން 234 މިލިއަން ރުފިޔާ މިހާތަނަށް ޚަރަދު ވެފައިވެއެވެ.

ދިއްގަރު ދާއިރާގެ މެމްބަރު އިކުރާމް ހަސަން ކުރެއްވި ސުވާލުގެ ޖަވާބުގައި އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ ނާސްތާ ޕްރޮގްރާމާ ގުޅިގެން މިހާތަނަށް ރަނގަޅު ދިރާސާއެއް ކުރެވިފައި ނުވާކަމަށާއި، އެ ޕްރޮގްރާމްގެ އެދެވޭ ނަތީޖާ ދަރިވަރުންގެ ކިޔެވުމުން ފެންނަކަމަށް ސުކޫލްތަކުގައި ކިޔަވައިދެއްވާ މުދައްރިސުންނާއި، ބެލެނިވެރިންނާއި، އެކިއެކި ފަރާތްތަކުން ފާހަގަކުރައްވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ނާސްތާ ޕްރޮގްރާމް ފެށިފަހުން، ވަރުބަލިވެގެންނާއި ބަނޑާއި ބޮލުގައި ރިއްސުންފަދަ ކަންތައްތައް ދަރިވަރުންނާ ދިމާވާލެއް މަދުކަމަށެވެ. ކުދިން ސުކޫލަށް މިހާރު އަންނަނީ ވަރަށް އަންނަހިތުން ކަމަށާއި، ރަށްޓެހިންނާ އެއްކޮށް ހެނދުނުގެ ނާސްތާ ނެގުމަކީ ކުދިންނަށް ލިބޭ ވަރަށް އުފާވެރި ވަގުތުކޮޅެއް ކަމަށް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

" { ނާސްތާ ދޭން ފެށުމުގެ} ކުރީގައި ގަޑިޖެހޭ ކުދިން ގަޑިއަށް ސުކޫލަށް އަންނަކަން އަޅުގަނޑުމެންނަށް ފާހަގަވޭ. އަދި ސްކޫލުގެ އެކިއެކި ހަރަކާތްތަކުގައި ބައިވެރިވާން އެ ކުދިން ގައިގައި އެނަރޖީ ވެސް ހުރޭ. އެހެންވީމާ، { ނާސްތާ ޕްރޮގްރާމުގެ ސަބަބުން} މިކަހަލަ ޕޮޒިޓިވް ޗޭންޖިސްތަކެއް އަޅުގަނޑުމެންނަށް އެބަ ފެނޭ " މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވިއެވެ.

ކޮވިޑްއާ ގުޅިގެން ނާސްތާ ޕްރޮގްރާމް މެދުކަނޑާލާފައި އޮތް ނަމަވެސް ޖެނުއަރީ މަހުން ފެށިގެން ކުރިއަށް ގެންދަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމާފައެވެ. އެކަމަށް ބޭނުންވާ 135 މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓްގައި ވަނީ ހިމަނާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *