ރާއްޖޭގެ ސްކޫލްތައް ހިންގާނެ ޕްރިންސިޕަލުން ލިބުމުގައި ދަތިތަކެއް އެބަހުރި ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ވާހަކަ ދައްކަވަމުން އެކަމަނާ ވިދާޅުވީ ސްކޫލްތަކުގައި ކިޔަވައިދެއްވާނެ މުދައްރިސުން ނުލިބުމުގެ ދަތިކަން އޮތްއިރު، ޕްރިންސިޕަލުން ހޯދުމުގައިވެސް ދަތިތަކެއް އެބަހުރި ކަމަށެވެ. އަދި ވިދާޅުވީ ބައެއް ސްކޫލްތަކުގައި ދާއިމީ ޕްރިންސިޕަލުން ނެތީ އެ ސަބަބާހުރެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ޕްރިންސިޕަލަކު ނެތް ނަމަވެސް ކޮންމެ ސްކޫލެއްގައިވެސް އެ ސްކޫލެއް ހިންގާނެ ބޭފުޅަކު ހުންނާނެ ކަމަށާއި، ސްކޫލްތަކަށް ބޭނުންވާ ޕްރިންސިޕަލުން ތަމްރީނު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
" އިއުލާން ކުރީމާ ބައެއް ޕްރިންސިޕަލުންގެ މަގާމަށް އަންނާނެ މީހުން ނުވޭ" މިނިސްޓަރު ވިދާޅުވިއެވެ.
ބައެއް ސްކޫލްތަކުގައި ޕްރިންސިޕަލަކު ނެތް މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ގެނެސްފައިވާއިރު، މިއަދުގެ ޖަލްސާގައި މިނިސްޓަރު ވިދާޅުވީ ވަގުތީ ގޮތުން ސްކޫލްތައް ހިންގަން ހަވާލުކޮށްފައިވާ ފަރާތްތަކަށް ތަމްރީނު ދެވިގެން ޕްރިންސިޕަލުންގެ ގޮތުގައި ހަމަޖައްސަން މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން 213 ސްކޫލް މިހާރު ވެސް ހިންގަމުންދާއިރު، ދިވެހި ޕްރިންސިޕަލުން ނުލިބިގެން ބައެއް ސްކޫލްތަކުގައި މަސައްކަތް ކުރައްވަމުން ގެންދަނީ ބިދޭސީ ޕްރިންސިޕަލުންނެވެ.
މިނިސްޓަރު ވިދާޅުވީ، މުދައްރިސުންނާއި ޕްރިންސިޕަލުންގެ ޝަކުވާއަކީ މަސައްކަތުގެ ބުރަކަމާއި އެކަށޭނަ މުސާރައެއް ނުލިބުމެވެ.
މުދައްރިސުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެންނަން އަންނަ އަހަރުގެ ބަޖެޓްގައި ވަނީ ހިމަނާފައެވެ. އަދި އިތުރު 400 މުދައްރިސުން ހޯދަން ވެސް ބަޖެޓްގައި ވަނީ ހިމަނާފައެވެ.
advertisment
ހިޔާލު