ކޮވިޑް-19ގެ ހާލަތާއި ގުޅިގެން ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގައި އިތުރު ހަރަކާތްތައް މެދުކަނޑާލައިފައި އޮތުމަށްފަހު އިންޓަރ ހައުސް ކުޅިވަރު މުބާރާތެއް ފަށައިފިއެވެ.
މި ކުޅިވަރު މުބާރާތް ކުރިއަށް ދަނީ އެސުކޫލްގެ ހަތަރު ހައުސްކަމުގައިވާ ވައްލަ، މާކޮޅަލަ، ކުރަނގި އަދި މާރަނގަ ހައުސްގެ މެދުގައެވެ. މި މުބާރާތް ކުރިއަށް ދަނީ ތިނަދޫގެ އާރު އަވަށު ފުޓްސަލް ދަނޑުގައެވެ.
އެ ސްކޫލުގެ ގްރޭޑް 7 ގެ ލީޑިންގ ޓީޗަރ ނަސްރުﷲ އަފީފު ދަރިވަރު ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއީ އެސުކޫލްގެ އަންހެން ކުދިންނާއި ފިރިހެން ކުދިންނަށް ބާއްވާ މުބާރާތެއްކަމަށެވެ.
އަންހެން ކުދިންނަށް ހޭންޑްބޯލް އަދި ފިރިހެން ކުދިންނަށް ފުޓްބޯޅަ ކުޅެވޭ ގޮތަށް ކުރިއަށްގެންދާ މި މުބާރާތުގައި އިއްޔެ އެރަށު ބޯޅަދަނޑުގައި ކުރިއަށް ގެންގޮސްފައިވަނީ ފިރިހެން ކުދިންގެ ފުޓްބޯޅައެވެ. މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެދުވަހުން އެއްދުވަހު ކަމަށްވެސް އެސްކޫލުން މަޢުލޫމާތު ދެއެވެ. މިމުބާރާތައް ބެލެނެވެރިންނާއި މުދައްރިސުންގެ ވަރަށްބޮޑު ތަރުހީބެއް ލިބެމުން އަންނަކަމަށް ލީޑިންގ ޓީޗަރ ނަސްރުﷲ ވިދާޅުވިއެވެ.
"މި މުބާރާތް ގިނަ ދުވަސްތަކަކަށް މެދު ކެނޑިފައި އޮތުމަށްފަހު ފެށުމުން، ދަރިވަރުންނާއި ބެލެނިވެރިން އަދި މުދައްރިސުން އަންނަނީ މި މުބާރާތަށް ވަރަށް ބޮޑު ތަރުހީބެއް ދެމުން. ހަމައެއާއިއެކު މިމުބާރާތުގެ ފޯރި ވަރަށް ގަދަ."
މިހާރު ތިނަދޫ ސުކޫލްގައި ކުރިއަށް ދަނީ އެސުކޫލްގެ 23 ވަނަ ފުޓްބޯޅަ މުބާރާތާއި 3 ވަނަ ހޭންޑްބޯލް މުބާރާތެވެ. ނަސްރުﷲ އިތުރަށް ވިދާޅުވީ ކުރިއަށްއޮތްތާގައިވެސް މިފަދަ ގިނަ ހަރަކާތަކެއް ދަރިވަރުންނަށް އަމާޒުކޮށްގެން އެ ސުކޫލްގައި ކުރިއަށް ގެންދާނެ ކަމަށެވެ.
ގދ.އަތޮޅު ތައުލީމީ މަރުކަޒަކީ ދަރިވަރުންނަށް ކުޅިވަރުގެ ގިނަ ހަރަކާތްތަކެއް ބާއްވާ ސްކޫލެކެވެ.
ހިޔާލު