ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ފުވައްމުލަކު ގޮފިން 184 ދަރިވަރަކު ދަސްވެނިވެއްޖެއެވެ.
ރޭގައި ބޭއްވުނު ދަސްވެނިވުމުގެ ހަފްލާ ޝަރަފްވެރިކޮށްދެއްވީ ނައިބު ރައީސްއެވެ. ވާހަކަފުޅު ދައްކަވަމުން ނައިބްރައީސް ވިދާޅުވަނީ ފުވައްމުލަކު ސިޓީގައި ތަރައްޤީކުރާ ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ސެންޓަރަކީ ސަރަޙައްދީ ފެންވަރުގައިވެސް ފާހަގަ ކޮށްލެވޭ ސެންޓަރަކަށް ހައްދަވާދެއްވާނެ ކަމަށެވެ. އަދި ފުވައްމުލަކުގައި މިހާރު ހުރި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ގޮފީގެ ޚިދުމަތްތައް ފުޅާކުރުމަށްޓަކާ އައު އިމާރާތެއްގެ މަސައްކަތް ކުރިން ފެށިނަމަވެސް ދިމާވި ސަބަބަކާހުރެ އެކަން ކާމިޔާބުވާގޮތްނުވި ކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ވިދާޅުވީ، ޤުރްއާނާ ބެހޭ ގައުމީ މަރުކަޒުގެ ފުވައްމުލަކު ގޮފި ތަރައްގީކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.
މި ރަސްމިއްޔާތުގައި ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ފުވައްމުލައް ގޮފިން ހިންގި ތަފާތު އެކި ކޯސްތައް ފުރިހަމަކުރި 184 ދަރިވަރަކަށް ދަސްވެނިވިކަމުގެ ލިޔުން ވަނީ ހަވާލުކޮށްފައެވެ.
މީގެ ތެރޭގައި ޖަމާޢަތްތެރިކަމުގެ ކޯސް ފުރިހަމަކުރި 27 ދަރިވަރަކާއި، ޤިރާއަތު ސެޓްފިކެޓް ލެވެލް 1 ފުރިހަމަކުރި 45 ދަރިވަރަކާއި، ޤިރާއަތު ސެޓްފިކެޓް ލެވެލް 2 ފުރިހަމަކުރި 38 ދަރިވަރަކާއި، ޤިރާއަތު ސެޓްފިކެޓް ލެވެލް 3 ފުރިހަމަކުރި 28 ދަރިވަރަކާއި ޤިރާއަތު ސެޓްފިކެޓް ލެވެލް 4 ފުރިހަމަކުރި 16 ދަރިވަރެއް ހިމެނެއެވެ.
އިމާމުކަމުގެ ޑިގްރީ ކޯސް ފުރިހަމަކުރި 17 ދަރިވަރަކާއި، ޤުރުއާން މުދައްރިސުކަމުގެ ކޯސް ފުރިހަމަކުރި 13 ދަރިވަރަކަށްވެސް ކޯސް ފުރިހަމަކުރިކަމުގެ ސެޓިފިކެޓް މި ރަސްމިއްޔާތުގައި ވަނީ ޙަވާލުކޮށްފައެވެ
advertisment
ހިޔާލު