ރާއްޖޭގެ ތާރީޚަށާއި، މުހިންމު މަގާމުތަކެއް ފުރުއްވި ބޭރުގެ ސައްޔާހު އިބްނު ބަޠޫޠާއަށް ނިސްބަތްކޮށް، "ބަތޫތާ ލިޓްލް ލާނާރސް ޕްރީސްކޫލް" ގެ ނަމުގައި ނާސަރީ ކުދިންނަށް އަމާޒު ކޮށްގެން ޕްރީ ސްކޫލެއް ފަށަން ކިނޮޅަހު ކައުންސިލުން ނިންމައި، އެ މަސައްކަތް ފަށައިފިއެވެ.
ރ. ކޮނޮޅަހު ކައުންސިލްގެ ރައީސް އަހުމަދު ހުސައިން ދަރިވަރު ނޫހަށް ވިދާޅުވީ، ޕްރީ ސްކޫލަށް ކިޔަން ނިންމި ނަމަކީ އެރަށުގެ ރައްޔިތުންގެ މެދުގައި އޮންލައިންކޮށް ކުރިއަށް ގެންދިޔަ ޕޯލަކުން ޝޯޓް ލިސްޓް ކުރެވުނު ނަންތަކުގެ ތެރެއިން ފައިނަލްވެފައިވާ ނަމެއް ކަމަށާއި، އިބްނު ބަޠޫޠާ ދެ ފަހަރެއްގެ މަތިން ރާއްޖެއަށް ޒިޔާރަތް ކުރެއްވި އިރުވެސް ދެ ފަހަރުވެސް ބަނދަރު ކުރެއްވީ އެރަށުގައި ކަމަށެވެ. އެހެންވެ ގިނަ ބަޔަކަށް ބުރެވެވުނީ ޕްރީ ސްކޫލްގެ ޚިދުމަތް ފަށާއިރު ބަޠޫޠާއަށް ނިސްބަތްކޮށް އެ ސްކޫލް ހުޅުވާށެވެ.
އަހުމަދު ހުސައިން ވިދާޅުވީ ބޭބީނާސަރީ އަދި ނާސަރީއަށް ޚާއްޞަކުރާ އެ ސްކޫލް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށާއި، ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޕްރީ ސްކޫލްގެ ޚިދުމަތް ދޭ އައްޑޫ ސިޓީގައި ހުންނަ ހިރާ ސްކޫލާ ގުޅިގެން ދެ މުދައްރިސަކު މިހާރު ތަމްރީނު ވެސް ކޮށްފައިވާ ކަމަށެވެ.
" އަޅުގަނޑުމެން ވާހަކަ ދެއްކި ޕްރީ ސްކޫލްތަކުގެ ތެރެއިން އެންމެ ތަފާތު އެއް ސްކޫލަކީ ހިރާ ސްކޫލް. އެ ސްކޫލް ހިންގާ ގޮތް ބަލައި، އެސްކޫލާ ހުޅިގެން މުދައްރިސުން ތަމްރީނު މި ކުރީ" އަހުމަދު ވިދާޅުވިއެވެ.
އަހުމަދު ވިދާޅުވިގޮތުގައި ޕްރީ ސްކޫލްގެ ޚިދުމަތް ފަށާނީ، ކިނޮޅަހު ސްކޫލްގެ ދެ ކުލާސްރޫމެއް ބޭނުން ކޮށްގެންނެވެ. އެ ރަށުގެ ޑިވޮލޮޕްމަންޓް ޕްލޭނާ އެއްގޮތަށް ޕްރީ ސްކޫލެއް އިމާރާތް ކުރަން ނިންމާފައިވާ ކަމަށާއި، އެ މަސައްކަތް ނިމުމުން ޕްރީ ސްކޫލްގެ ޚިދުމަތް ދޭނީ ވަކިން ކަމަށް އަހުމަދު ވިދާޅުވިއެވެ.
" ޕްރީ ސްކޫލްގެ ޚިދުމަތް ފަށަން ސްކޫލުން ދެ ކުލާސްރޫމް ލިބޭނެ ކަމުގެ އިޝާރާތެއް ވަނީ ލިބިފައި" އަހުމަދު ވިދާޅުވިއެވެ.
ޕްރީ ސްކޫލްގެ ޚިދުމަތް ފަށަން ތައްޔާރު ވަމުން ދާއިރު، އެ ސްކޫލްގައި 28 ކުދިން ކިޔަވާނެ ކަމަށާއި އެކުދިންނަށް ކިޔަވައިދޭން ތިން މުދައްރިސުން ތިބޭނެ ކަމަށް ކޮނޮޅަހު ކައުންސިލުން ބުނެއެވެ.
" އަޅުގަނޑުމެން ކުރި ތައުލީމީ ދިރާސާއިން ދެއްކީ، ޕްރީ ސްކޫލް އުމުރުފުރައިގެ ކުދިންގެ ފެންވަރު ދަށްކަމަށް. އެހެންވެ އެކަމަށް ހައްލެއް ލިބޭނީ ބޭބީނާސަރީ އަދި ނާސަރީއަށް އަމާޒުކޮށްގެން މިފަދަ ޚިދުމަތެއް ދެވިގެން. އެހެންވެ ކައުންސިލުން އިސްކަމެއް ދީގެން މި މަސައްކަތް ފެށީ" އަހުމަދު ވިދާޅުވިއެވެ.
advertisment
ހިޔާލު