ޅަފަތުގެކުދިންނަށް މަޖްބޫރުކޮށްގެން ފިލާވަޅު ދަސްކުރަން ބޭތިއްބުމުން ލިބޭ ގެއްލުން ބޮޑު: އެޑިއުކޭޝަން މިނިސްޓަރު

މުޙައްމަދު ޤާސިމް ސްކޫލް
މުޙައްމަދު ޤާސިމް ސްކޫލް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ޅަފަތުގެކުދިންނަށް މަޖްބޫރުކޮށްގެން ފިލާވަޅު ދަސްކުރަން ބޭތިއްބުމުން ލިބޭ ގެއްލުން ބޮޑު ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި

ޅަފަތުގެކުދިންނަށް މަޖްބޫރުކޮށްގެން ފިލާވަޅު ދަސްކުރަން ބޭތިއްބުމުން ލިބޭ ގެއްލުން ބޮޑު ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގައި، މުޙައްމަދު ޤާސިމް ޕްރީ ސްކޫލް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވިގޮތުގައި ޅަފަތުގައި ކުދިންނަށް އެންމެ ރަނގަޅު ތަރުބިއްޔަތެއް ދެވޭނީ އެކުދީން ކުޅުމުގައި ބައިވެރިކޮށްގެން ކަމަށާއި، ޅަފަތުގައި ކުދިން އަދާކުރާ ވަޒީފާއަކީ ކުޅުން ކަމަށް ވެސް ބައެއް މީހުން ބުނާ ކަމަށެވެ.

މި ފުރައިގެ ކުދިންނަށް މަޖްބޫރުކޮށްގެން ފިލާވަޅު ދަސްކުރަން ބޭތިއްބުން އެއީ މިހާރަކަށް އައިސް އަޅުގަނޑުމެންނަށް ވަރަށް ގިނައިން ފެންނަ މަންޒަރެއް ކަމަށާއި، އެކަމުން ލިބޭ ފައިދާއަށްވުރެ ގެއްލުން ހަޤީގަތުގައި ވެސް ބޮޑު ކަމަށް މިނިސްޓަރު ވަނީ ވިދާޅުވިއެވެ.

" ދަރިވަރުންގެ ސިކުނޑި ރަނގަޅަށް ތަރައްޤީވުމަށްޓަކައި ބޭނުންވާ ހުނަރުތައް ދަސްނުވަނީސް ކިޔަވަން މަޖްބޫރުކުރުމުގެ ސަބަބުން މުޅި އުމުރުގައި ކުއްޖާ ކިޔެވުން މަތިން ފޫހިވުން އެކަށީގެންވޭ" މިނިސްޓަރު ޑރ. އައުޝަތު އަލީ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ތަޢުލީމަށް ނަންއަރާ ހުރި ފިންލަންޑްގައި ސްކޫލްތަކަށް ކުދީން ފޮނުވަނީ ޢުމުރުން ހަތް އަހަރުގައި ކަމަށާއި، އޭގެ ކުރީން ކުދީން އުޅެނީ މައިންބަފައިންގެ މަދަރުސާގައި ކަމަށެވެ. މިފަދަ ސްކޫލްއެއްގެ މައިގަނޑު ބޭނުމަކީ އެހެން ކުދީންނާ ބައްދަލުކޮށް މަޖާކުރުމާއި ކުޅިވަރުކުޅުންކަން ފާހަގަކުރައްވައި، މިނިސްޓަރު ވިދާޅުވީ ޅަފުރައިގައި ކަންކަން ހޯދާ ދެނެގަންނަން ކުދިން ވަރަށް ޝައުޤުވެރިވާ ކަމަށެވެ. އަދި އެކުދިން ކަންކަން ދަސްކުރާލެން ވަރަށް އަވަސް ކަމަށާއި، މިހެންވެ، ދަރިވަރުންގެ ފަށާތަޢުލީމު މަރުހަލާއަކީ ފައްސި ތަޖްރިބާތަކެއް ދަރިވަރުންނަށް ލިއްބައިދޭ މަރުހަލާއަކަށް ހެދުން މުހިއްމު ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، މުޙައްމަދު ޤާސިމް ޕްރީސްކޫލުގައި އަޅުގަނޑުމެން ބޮޑަށް އިސްކަންދޭނީ ކުޅުމުގެ ތެރެއިން ދަރިވަރުން އުނގެނި ތަރުބިއްޔަތުކުރުމަށް ކަމަށެވެ. ސްކޫލުގެ މޮޓޯގައި ބުނާފަދައިން މި ސްކޫލުގައި ދަރިވަރުން ހޭދަކުރާ ކޮންމެ ދުވަހަކީ އާ ކުޅިވަރެއްގެ ތެރެއިން އާ ކަންތައްތަކެއް ދަރިވަރުން ދަސްކުރާނެ ދުވަހެއް ކަމަށެވެ. މއ. ފީރުމުރަނގަގޭ ޢަލީ ފިރާޤް އޭނާގެ ބައްޕަގެ ހަނދާނުގައި ބިނާކޮށްފައިވާ މުޙައްމަދު ޤާސިމް ޕްރީ ސްކޫލަށް އިޝާރާތް ކުރައްވައި މިނިސްޓަރު ވިދާޅުވަނީ، ރާއްޖޭގެ ތަނަވަސްކަމުގެ އަހުލުވެރީން، އެމީހުންނަށް މާތް ﷲ ދެއްވި ނިޢުމަތްތަކުން ތަޢުލީމީ ދާއިރާ ކުރިއަރުވަން، ޞަދަޤާތް ޖާރިޔާއެއް ކުރުމަށް، މުށް ހުޅުވައިލެއްވުމަށް ގޮވާލައްވާފައެވެ.

އިންސާނާ ދެމިއޮތުމުގެ އާލަމަށް ދަތުރުކުރުމަށްފަހު، ދުނިޔޭގައި އުޅުނުއިރު އޭނާ ކޮށްފައިވާ ބައެއް ކަންކަމުން، އޭނާއަށް ދެމި ހުންނަނިވި ސަވާބު ލިބޭކަމަށާއި، އެފަދަ ސަވާބު ލިބޭ ކަންތައްތަކުގެ ތެރޭގައި ހިމެނެނީ މައިގަނޑު ތިންކަމެއް ކަމަށް މިނިސްޓަރު ވަނީ މިއަދު ފާހަގަކުރައްވާފައެވެ. މިނިސްޓަރު ވިދާޅުވީ، އެއްކަމަކީ ޞަދަޤާތް ޖާރިޔާ ކަމަށާއި، އަނެއް ކަމަކީ، މަންފާކުރުވަނިވި ޢިލްމު ފެތުރޭގޮތް ހެދުން ކަމަށާއި، ތިންވަނަ ކަމަކީ ހެޔޮ ދުޢާކުރާނޭ ދަރީންތަކެއް ކަމަށެވެ.

" ޞަދަޤާތް ޖާރިޔާ އަކީ ދިރިހުންނަ ނުވަތަ ދެމިގެންދާ ޞަދަޤާތް. މިފަދަ ޞަދަޤާތްތަކުގެ ތެރޭގައި މިސްކިތްތަކާއި ހަސްފަތާލުތަކާއި މަދަރުސާތައް ބިނާކުރުން ހިމެނޭ. މީސް މީހުންނަށް ފެން ލިބޭނޭ ގޮތް ހެދުމަކީ ވެސް ޞަދަޤާތް ޖާރިޔާގެ ތެރޭގައި ހިމެނޭ ކަމެއް" މިނިސްޓަރު ވިދާޅުވިއެވެ.

" މި ސްކޫލް ޚާއްޞަވާ ސަބަބަކީ، މި ސްކޫލްއަކީ މއ. ފީރުމުރަނގަގޭ ޢަލީ ފިރާޤް އޭނާގެ ބައްޕަގެ ހަނދާނުގައި ބިނާކޮށްފައިވާ ސްކޫލްއަކަށް ވާކަން. އަޅުގަނޑުމެން އެދެނީ އަލްމަރްޙޫމް މުޙައްމަދު ޤާސިމްގެ ރޫޙަށް މި ސްކޫލްގެ ސަބަބުން ދެމިހުންނަނިވި ރުއްސެވުމާއި ފުއްސެވުން މާތް ﷲ މިންވަރުކުރެއްވުން. އާމީން."

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *