އަރަބި މީޑިއަމަށް ކިޔަވައިދޭ ސްކޫލެއް ހުޅުމާލޭގައި އަޅަން އެދިއްޖެ

އެޑިއުކޭޝަން މިނިސްޓްރީ
އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ، އަރަބިއްޔާ ސްކޫލްގެ ބެލެނިވެރިންނާ ބައްދަލުކުރައްވަނީ: ބެލެނިވެރިންގެ ކަންބޮޑުވުމަކީ އަރަބި މީޑިއަމަށް ކިޔަވައިދޭ ސްކޫލެއް އާބާދީ އިތުރުވަމުންދާ ހުޅުމާލޭގައި ނެތުން

އަރަބި މީޑިއަމަށް ކިޔަވައިދޭ ސްކޫލެއް ހުޅުމާލޭގައި އަޅައިދުމަށް އަރަބިއްޔާގެ ބެލެނިވެރިން އެޑިއުކޭޝަން މިނިސްޓަރުގެ އަރިހުން އެދިވަޑައިގެންފިއެވެ.

މާލޭގައި އަރަބި މީޑިއަމަށް ކިޔަވައިދޭ ސްކޫލެއް ހުޅުމާލޭގައި އަޅައި ދިނުމަށް 3،264 ބެލެނިވެރިއަކު ސޮއިކޮށްފައިވާ ޕެޓިޝަނެއްވެސް އެޑިއުކޭޝަން މިނިސްޓްރީއަށް މިއަދު ވަނީ ހުށަހަޅާފައެވެ. މި ފަދަ ޕެޓިޝަނެއް ހުށަހެޅީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާފުލެޓްތަކަށް ގިނަ ބަޔަކު ބަދަލުވާއިރު، އެފަދަ ސްކޫލެއް ހުޅުމާލޭގައި އަޅަން މަސައްކަތް ކުރައްވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ވިދޅުވި ކަމަށް އަރަބިއްޔާ ސްކޫލުގެ ޕީޓީއޭގެ ނައިބް ރައީސް ޔޫސުފް އަބްދުﷲއާ ހަވާލާ ދެއްވައި އަވަސް އޮންލައިނުން ރިޕޯޓް ކޮށްފައިވެއެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދެ ސްކޫލެއް އިމާރާތް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، އިތުރު ސްކޫލެއް ސަރުކާރުގެ ބަޖެޓްގެ ތެރެއިން އިމާރާތް ކުރަން ލަސްވުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި، އިންވެސްޓަރަކު ނޫނީ އެކަމަށް ފައިސާ ލިބިއްޖެނަމަ ސްކޫލެއް އިމާރާތް ކުރުމުގެ މަސައްކަތް އަވަސްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި ކަމަށް އެ ނޫހުން ރިޕޯޓް ކޮށްފައިވެއެވެ.

އަރަބި މީޑިއަމަށް މާލޭ ސަރަހައްދުގައި މިހާރު ކިޔަވައި ދެނީ އަރަބިއްޔާ ސްކޫލުން އެކަންޏެވެ. އެ ސްކޫލް ހިންގާ އިމާރާތުގެ މައްސަލަތަކެއް ވެސް ފާހަގަ ކުރެވިގެން އެކަން ހައްލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެވެ.

އަރަބިއްޔާ ސްކޫލްގައި 900 އެންހާ ދަރިވަރުން ކިޔަވަމުން ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *