ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އާއި ޕާކިސްތާނުގެ ޔުނިވަރސިޓީތަކާ ދެމެދު އޮންނަ ބައިނަލްއަޤްވާމީ ތަޢުލީމީ ގުޅުންތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ފަސް ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ އިސްލާމްއާބާދުގައި ހުންނަ ޕާކިސްތާނުގެ ހަޔަރ އެޑިއުކޭޝަން ކޮމިޝަން (އެޗް.އީ.ސީ) ގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
އެޗް.އީ.ސީގެ ސެކްރެޓޭރިއަޓްގައި ބޭއްވި މި ބައްދަލުވުމުގައި އިސްލާމްއާބާދާއި އެ ސަރަޙައްދުގެ ޔުނިވަރސިޓީތަކުގެ ވައިސް ޗާންސެލަރުންނާއި އިސް މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ ތެރޭގައި އެއްބަސްވުންތަކުގައި ސޮއިކުރި ޔުނިވަރސިޓީތަކުގެ އިތުރުން އެހެނިހެން މުއައްސަސާތައްވެސް ހިމެނެއެވެ. މިއީ މިހާރު އޮތް ތަޢުލީމީ ގުޅުންތައް ބަދަހިކޮށް، އެހީތެރިކަން ފޯރުކޮށްދެވޭނެ އައު ދާއިރާތައް ދެނެގަތުމަށް ލިބުނު މުހިންމު ފުރުޞަތެއް ކަމަށް އެމްއެންޔޫއިން ބުނެއެވެ.
އެމް.އެން.ޔޫގެ ފަރާތުން މި ފަހުމުނާމާތަކުގައި ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. އާއިޝަތު ޝެހެނާޒް އާދަމެވެ. އެމް.އެން.ޔޫއާއެކު އެއްބަސްވުންތަކުގައި ސޮއިކުރި ޕާކިސްތާނުގެ ޔުނިވަރސިޓީތަކަކީ:
- ނެޝަނަލް ޔުނިވަރސިޓީ އޮފް ސައިންސަސް އެންޑް ޓެކްނޮލޮޖީ (NUST)
- ޕީ.އެމް.އޭ.އެސް – އެރިޑް އެގްރިކަލްޗަރ ޔުނިވަރސިޓީ ރާވަލްޕިންޑީ
- ޔުނިވަރސިޓީ އޮފް ވާ
- ގަވަރމަންޓް ކޮލެޖް ޔުނިވަރސިޓީ ލާހޯރު
- ފައުންޑޭޝަން ޔުނިވަރސިޓީ އިސްލާމްއާބާދު
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޗް.އީ.ސީގެ ޗެއާމަން ޕްރޮފެސަރ ޑރ. ނިއާޒް އަޙްމަދު އަޚްތަރު، ޕާކިސްތާނާއި ދިވެހިރާއްޖެއާ ދެމެދު ތަޢުލީމީ އެއްބާރުލުން އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. ވަކިން ޚާއްޞަކޮށް ގުޅިގެން ކުރިއަށްގެންދާ ދިރާސާތަކާއި، މުދައްރިސުންނާއި ދަރިވަރުން ބަދަލުކުރުމުގެ ޕްރޮގްރާމްތަކާއި، ތަޢުލީމީ ކޮންފަރެންސްތަކާއި، ސެމިނާރުތަކުގެ އިތުރުން ޖޮއިންޓް އަދި ޑުއަލް ޑިގްރީ ޕްރޮގްރާމްތައް ކުރިއަށްގެންދިއުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.
ޑރ. އާއިޝަތު ޝެހެނާޒް އާދަމް ދެއްކެވި ވާހަކަފުޅުގައި، ޕްރޮފެސަރ ޑރ. ނިއާޒް އަޙްމަދު އަޚްތަރު ދެއްވި ދަޢުވަތަށާއި، އަދާކުރެއްވި މެހުމާންދާރީއަށްޓަކައި އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ. އަދި އެމް.އެން.ޔޫއާއެކު ތަޢުލީމީ ގުޅުން ބަދަހިކުރުމަށްޓަކައި ޕާކިސްތާނުގެ ގިނަ އަދަދެއްގެ ޔުނިވަރސިޓީތަކުގެ އިސްވެރިން އެއްތަނަކަށް ޖަމާކުރެއްވުމަށް އެމަނިކުފާނު އިސްނަންގަވައިގެން ކުރެއްވި މަސައްކަތްޕުޅު ފާހަގަކުރެއްވިއެވެ. ވައިސް ޗާންސެލަރ ވިދާޅުވީ މިއީ ޤައުމީ ޔުނިވަރސިޓީއަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށާއި، މިއީ ދެ ޤައުމުގެ ދެމެދުގައި އޮތް އެކުވެރިކަމާއި ހެޔޮއެދުމުގެ ރަމްޒެއް ކަމަށެވެ.

މީގެ އިތުރުން، މި ރަސްމިއްޔާތު އިންތިޒާމުކުރުމުގައި އެޗް.އީ.ސީގެ ގްލޯބަލް އެންގޭޖްމަންޓް ޑިވިޜަނާއި މުޅި ޓީމުން ކުރެއްވި މަސައްކަތްތަކަށްވެސް ޝުކުރު އަދާކުރެއްވިއެވެ. އަދި ޕާކިސްތާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިކަން ފާހަގަކުރައްވައި، ދެ ޤައުމުގެ ތަޢުލީމީ ގުޅުން ބަދަހިކުރުމުގައި ޕާކިސްތާން ހައިކޮމިޝަނުން ދެއްވާ އެއްބާރުލުމަށް ޝުކުރު ދެންނެވިއެވެ.
ޕާކިސްތާނުގެ މަތީ ތަޢުލީމުދޭ މުއައްސަސާތަކާއެކު އެމް.އެން.ޔޫއިން ޒަމާނުއްސުރެ ބާއްވަމުން އަންނަ ގާތް ގުޅުމަށް އަލިއަޅުއްވާލައްވަމުން ޑރ. ޝެހެނާޒް ވިދާޅުވީ، ރިފާ އިންޓަރނޭޝަނަލް ޔުނިވަރސިޓީއާއި ކޮމްސެޓްސް ޔުނިވަރސިޓީ އިސްލާމްއާބާދާއި، ޕީ.އެމް.އޭ.އެސް – އެރިޑް އެގްރިކަލްޗަރ ޔުނިވަރސިޓީގެ އިތުރުން ލާހޯރު ޔުނިވަރސިޓީ އޮފް މެނޭޖްމަންޓް ސައިންސަސް (LUMS) އާއެކު ކުރެވުނީ ނަމޫނާ މަސައްކަތްތަކެއް ކަމަށެވެ. މި ގުޅުންތަކުގެ ސަބަބުން އެމް.އެން.ޔޫގެ އެކަޑަމިކް ޕްރޮގްރާމްތަކާއި، މުއައްސަސާގެ ޤާބިލުކަމާއި، ދިރާސާކުރުމުގެ ދާއިރާ ކުރިއަރާފައިވާކަން ޑރ. ޝެހެނާޒު ފާހަގަކުރެއްވިއެވެ.

ސޮއިކުރެވުނު ފަސް ފަހުމުނާމާގެ ދަށުން، ގުޅިގެން ދިރާސާކުރުމާއި، ޕޯސްޓްގްރެޖުއޭޓް ތަޢުލީމާއި، މުވައްޒަފުންނާއި ދަރިވަރުން ބަދަލުކުރުމުގެ އިތުރުން، އިލްމީ ޤާބިލުކަން އިތުރުކުރުމާއި މަޢުލޫމާތު ޙިއްޞާކުރުމުގެ އައު ފުރުޞަތުތައް ފަހިވެގެންދާނެއެވެ.
ޑރ. ޝެހެނާޒް ވިދާޅުވީ ޕާކިސްތާނުގެ ޔުނިވަރސިޓީތަކުގެ ތަޖުރިބާއިން އެމް.އެން.ޔޫއަށް ގިނަ ފައިދާތަކެއް ކުރާނެ ފަދައިން، ފަތުރުވެރިކަމާއި މެހުމާންދާރީއާއި މެރިން ސައިންސާއި ތިމާވެށީގެ ދެމެހެއްޓެނިވިކަމާއި މޫސުމަށް އަންނަ ބަދަލުތަކާއި އަދި ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކުގެ ދާއިރާއިން ދިވެހިރާއްޖޭގެ ތަޖުރިބާ ޕާކިސްތާނަށް ޙިއްޞާކުރެވޭނެ ކަމަށެވެ.

ވައިސް ޗާންސެލަރ އިތުރަށް ވިދާޅުވީ، ފަހުމުނާމާއެއްގައި ސޮއިކުރުމަކީ ގުޅުމެއްގެ ފެށުން ކަމަށާއި، އޭގެ ހަގީގީ ނަތީޖާ ފެންނާނީ އޭގެ ސަބަބުން ފަހިވާ ފުރުޞަތުތަކުން ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި އެއްބަސްވުންތަކުގެ ހަގީގީ ކާމިޔާބީ މިނެކިރޭނީ ސޮއިކުރާ ފަހުމުނާމާތަކުގެ އަދަދަކުން ނޫން. އޭގެ ބަދަލުގައި، އަޅުގަނޑުމެން އުފައްދާ ފުރުޞަތުތަކާއި، ޙިއްޞާކުރާ އިލްމާއި، އަދި ދަރިވަރުންނާއި މުޖުތަމަޢުގެ ދިރިއުޅުމަށް މިކަމުގެ ސަބަބުން އަންނަ ހެޔޮ ބަދަލުތަކުން،" ޑރ. ޝެހެނާޒު ވިދާޅުވިއެވެ.
advertisment
ހިޔާލު