ތަޢުލީމީ މަންހަޖު ތަރައްޤީ ކުރާނެ މީހުންމި ޢަދަދުތަކަށް ބަލާއިރު، ރާއްޖޭގެ ތަޢުލީމީ ނިޒާމުގައި ވަގުތީ ޓީޗަރުންގެ ޢަދަދު، އެއް ދުވަހުން އަނެއް ދުވަހަށް ދަނީ އިތުރުވަމުން ދާތީ، އެމަށް އަވަސް ޙައްލެއް ހޯދަން މަސައްކަތް ނުކޮށްފިނަމަ، ތަޢުލީމީ ދާއިރާއަށް ބޭނުންވާ މުދައްރިސުންނާއި، ތަޢުލީމީ މަންހަޖު ތަރައްޤީ ކުރާނެ މީހުންނާއި، އަދި ޕްރިންސިޕަލުން ރާއްޖެއިން ނުލިބުމުގެ ބިރު ވަރަށް ބޮޑު ކަމަށް ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
" މިކަން މިގޮތަށް ދޫކޮށްލެވިއްޖެނަމަ، އަޅުގަނޑުމެންގެ ކުރިމަގުގެ ޖީލަކީ، ޢިލްމީ ގޮތުންނާއި، ވިސްނުމުގެ ގޮތުންނާއި، ފަންނީ ގޮތުން، އަޅުގަނޑުމެން މި ބޭނުންވާފަދަ އީޖާދީ ވިސްނުމުގެ އަހުލުވެރި ބަޔަކަށް ނުވުމަކީ ވަރަށް އެކަށީގެންވާ ކަމެއް. އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި، ރާއްޖޭގެ ތަޢުލީމީ ދާއިރާގައި ހުރި މިފަދަ މައްސަލަތަކާމެދު ޢިލްމީ ދިރާސާތަކެއް އެބަ ހަދަންޖެހޭ. ތަޢުލީމީ ދާއިރާއަށް މީހުން ޝައުޤުވެރިނުވާ ސަބަބުތަކަކީ ކޮބައިކަން ސާފުކޮށް އެނގޭނީ، ޢިލްމީ ގޮތެއްގައި އެކަންކަން ހޯދައި ބަލައިގެން" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިއަދު ރާއްޖޭގެ ތަޢުލީމީ ދާއިރާގައި 6498 ދާއިމީ ދިވެހި މުދައްރިސުން އެބަ މަސައްކަތް ކުރައްވާ ކަމަށާއި، ރާއްޖެއިން ބޭރުގެ 1730 މުދައްރިސުންނާއި، 891 ވަގުތީ މުދައްރިސުންނާއެކު، ޖުމްލަ 9119 މުދައްރިސުން މިހާރު ރާއްޖޭގައި އެބަ މަސައްކަތް ކުރައްވ ކަމަށެވެ.
ރައީސް ސޯލިހު ވަނީ ޓީޗަރުންނާއި ތަޢުލީމީ ދާއިރާގެ ކަންތައްތައް މިހާރުހުރި ގޮތާބެހޭ ޢިލްމީ ދިރާސާއެއް ކުރަން ނިންމާފައިވާކަން އިއުލާންވެސް ކުރައްވާފައެވެ.
" ޑޮކްޓަރ މުޞްޠަފާ ލުޠުފީ، އަޅުގަނޑުގެ އެޑްވައިޒަރަކަށް މިހާރު ހުންނެވި. އަޅުގަނޑު ދެންނެވިން މުޞްޠަފާއަށް. މިކަމާ ދޭތެރޭގައި ކޮންމެވެސްކަހަލަ ލިޔުމެއް އަޅުގަނޑަށް ތައްޔާރުކޮށްލައްވަދެއްވާށޭ. އަޅުގަނޑަށް ގެނެސްދެއްވި. 1970 ވަނަ އަހަރުން ފެށިގެން މިއަދާ ހިސާބަށް، ރާއްޖޭގެ ތަޢުލީމީ ނިޒާމު ހިނގަމުން އައިގޮތާއި، އޭރު މުދައްރިސުންނަށާއި ޓީޗަރުންނަށް އޮތް އިޙްތިރާމާއި ޤަދަރާއި، އެ ބަދަލުވުން މިހާތަނަށް އައިގޮތުގެ ވަރަށް ތަފްޞީލީ ކަރުދާހެއް އަޅުގަނޑާ ޙިއްޞާ ކުރެއްވި. ވިދާޅުވި އަދި އޭގެއިތުރަށް، މިކަމުގައި ޢިލްމީ ދިރާސާއެއް ކޮށްފައި ނޫނީވިއްޔާ މިއާ ދޭތެރޭގައި ކުރިއަށްދާނެ ގޮތެއް ނުނިންމަވާށޭ" ރައީސް ސޯލިހު ވިދާޅުވިއެވެ. " އެހެންކަމުން، ސަރުކާރުން އަޅުގަނޑު މި ގަޞްދު ކުރަނީ، ޑޮކްޓަރ މުޞްޠަފާ އެ ވިދާޅުވިގޮތަށް، ޓީޗަރުންނާއި ތަޢުލީމީ ދާއިރާގެ ކަންތައްތައް މިހާރުހުރި ގޮތާބެހޭ ޢިލްމީ ދިރާސާއެއް ވަރަށް އަވަހަށް ކުރުމަށް"
އަޅުގަނޑުމެން މި ކިޔާ 21 ވަނަ ސައްތައިގެ އުފެއްދުންތެރި ޒުވާނުން ޤައުމުގެ ހިންގުމާ ޙަވާލުވާނީ، ވަކި ތައްގަނޑަކަށް ޤައުމުގެ ކުރިމަގު ފެއްތުމުގެ ބަދަލުގައި، ޒަމާނީ ތަރައްޤީއާ ފައިހަމަވާގޮތަށް، ޤައުމީ ތަރައްޤީގެ ދުވެލި ހަލުވިކުރުމަށް، މިޒަމާނުގެ ތަރައްޤީއާއި ކުރިއެރުން ޙާޞިލުކުރެވެން އޮތީ، އީޖާދީ ވިސްނުންތައް ސިކުނޑިތަކުގައި އުފަންކުރުވައިގެން ކަމަށް ވެސް މިރޭ ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.
އެމަނިކުފާނު ވިދާޅުވީ، އެއީ އަޅުގަނޑުމެންގެ މުދައްރިސުންނާއި ބެލެނިވެރިންނާއި މައިންބަފައިންވެސް ވިސްނަންޖެހޭ ކަމެއް ކަމަށާއި، ކުދިންނަށް ކިޔަވައިދީ، ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަށް، ބެލެނިވެރިން އެކުރައްވަނީ ތަޢުރީފު ޙައްޤު މަސައްކަތްތަކެއް ކަމަށެވެ. ކިޔަވައިދީގެން މޮޅު ކުއްޖަކަށް ހެދުމުގެ އިތުރުން، ތިޔަ ޢިއްޒަތްތެރި ބެލެނިވެރިން މަސައްކަތް ކުރައްވަންވީ، ތިޔަބޭފުޅުންގެ ދަރިންގެ ކިބައިގައި ހުރި ހުނަރާއި ފަންނުވެރިކަން އިތުރަށް ތަރައްޤީކޮށްދެއްވުމަށް ކަމަށެވެ. އެ މަސައްކަތް ފަށްޓަވަންވީ، އެކުދިންގެ އެންމެ ތުއްތު ދުވަސްވަރުން ފެށިގެން ކަމަށާއި،
ކުދިންނަށް އެންމެ ރަނގަޅު ތަޢުލީމެއްދީ، ރިވެތި އަޚްލާޤީ ސިފަތަކުން ޒީނަތްތެރި ކުރުމަށްޓަކައި ބެލެނިވެރިން ކުރައްވާ މަސައްކަތްތަކުގައި، އެންމެ ބޮޑު އެހީތެރިކަމެއް ވެދެއްވަނީ މުދައްރިސުންނާއި، ތަޢުލީމީ ދާއިރާގެ ފަންނުވެރިންކަން އެމަނިކުފާނު ވިދާޅުވިއެވެ.
" މުދައްރިސުން އެ ކުރައްވާ މަސައްކަތް، ސްކޫލާ ހަމައިން ނިމިގެންނެއް ނުދޭ. ކުރިއަށް އޮތް ދުވަހަށް ފިލާވަޅުތައް ތައްޔާރު ކުރެއްވުމާއި، ޓީޗިންގ އެއިޑްސް ތައްޔާރު ކުރެއްވުމަށް، ގޭގައިވެސް މުދައްރިސުން އެތައް މަސައްކަތްތަކެއް ކުރައްވާ. ވަށައިޖެހޭ ތަޢުލީމީ ނިޒާމެއްގައި، ކުޅިވަރު ދަނޑުތަކާއި، އެނޫން ކިތަންމެ ތަނެއްގައިވެސް މުދައްރިސުން ވަރަށް ބުރަ މަސައްކަތްތަކެއް ކުރައްވަން ޖެހިވަޑައިގަންނަވާ" ރައީސް ވިދާޅުވިއެވެ.
advertisment
ހިޔާލު