ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން ށ. ފުނަދޫގައި ގާއިމްކުރާ ކެމްޕަހުގެ ޢަމަލީ މަސައްކަތް ޚާއްޞަ ރަސްމިއްޔާތަކާއި އެކު ފަށައިފިއެވެ.
17 އޮކްޓޯބަރ 2026 ދުވަހު ހެނދުނު ބޭއްވުނު މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙާއި، ފުނަދޫ ކައުންސިލްގެ ރައީސް މުޙައްމަދު އާދިލްގެ އިތުރުން ކައުންސިލުގެ މެންބަރުންނާއި އިދާރާ އަދި ކަމުވޮށިގެންވާ ބޭފުޅުންނާއި އިސް ރަށްވެހިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކައުންސިލްގެ ރައީސް މުޙައްމަދު އާދިލް ވިދާޅުވީ، ފުނަދޫގެ ރައްޔިތުންނަކީ އިލްމީ މުޖުތަމަޢުއެއް ބިނާކުރުމަށް ތާރީޚީ ގޮތުންވެސް ވަރަށް ބޮޑު އިސްކަމެއްދޭ ބައެއްކަމަށާއި، މިހާރުގެ ކައުންސިލްގެ އަމާޒަކީވެސް މިކަން ދަމަހައްޓައި މުޖުތަމަޢު ބިނާކުރުމަށް މެދުކެނޑުމެއްނެތި މަސައްކަތްކުރުން ކަމަށެވެ.

މިއަށްފަހު މެންބަރު މަމްދޫޙްގެ ވާހަކަފުޅުގައި، ރަށްރަށަށް ޔުނިވަރސިޓީ ކެމްޕަސްތައް ގެނައުމުގެ މުހިންމުކަމާއި، ރަށްރަށުގެ މުޖުތަމަޢުތައް މުއްސަނދިކުރުމަށް މި ސަރުކާރުން ދޭ އަހައްމިއްޔަތުކަން ފާހަގަކުރެއްވިއެވެ. އަދި ދެމެހެއްޓެނިވި ތަރައްޤީގެ އެންމެ މުހިންމު އެއް ތަނބަކީ އިލްމުކަމަށްވާއިރު، ދާއިރާގެ ތަރައްޤީއަށް ފަހިކުރެވޭނެ ކޮންމެ ފުރުސަތެއްގެ ބޭނުން ހިފާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
މި ރަސްމިއްޔާތުގައި އައި.ޔޫ.އެމްގެ ވައިސް ޗާންސެލަރ ދެއްކެވި ވާހަކަފުޅުގައި، މާލޭގައި ހޮސްޓެލްގެ ވަސީލަތްތައް ނެތުމާއި ކުއްޔަށް އުޅެން ޖެހުމުގެ ސަބަބުން ދަރިވަރުން އުފުލާ ތަކުލީފުތަކަށް ނިމުމެއް އައިސް، މި ޕްރޮޖެކްޓާއެކު ފުނަދޫ އަދި ކައިރި ރަށްތަކުގެ ދަރިވަރުންނަށް އެކޮމޮޑޭޝަންގައި ތިބެގެން ކިޔެވުމުގެ ފުރުސަތު ހުޅުވިގެންދާނެކަން ފާހަގަކުރެއްވިއެވެ. އަދި ސްކޫލް ނިންމުމަށްފަހު އެކި ދާއިރާތަކުން ޕީއެޗްޑީއާ ހަމައަށް އަމިއްލަ ސަރަހައްދުގައި ތިބެގެން ކިޔެވުމަކީ މުޅި ސަރަހައްދަށް ލިބިގެންދާ ވަރަށް ބޮޑު ފުރުސަތެއްކަމަށާއި، މިއީ އައި.ޔޫ.އެމްގައި ކިޔަވަން އަންނަ ބައިނަލްއަޤްވާމީ ދަރިވަރުންނާ ދިވެހި ދަރިވަރުން ބައްދަލުވެ، ދަރިވަރުންގެ ތަޖުރިބާއާއި ދުނިޔަވީ ހޭލުންތެރިކަން އިތުރުވެގެންދާނެ ކަމެއްކަންވެސް ވައިސް ޗާންސެލަރ ފާހަގަކުރެއްވިއެވެ.
އައިޔޫއެމްއިން ފުނަދޫގައި ކެމްޕަހެއް ޤާއިމް ކުރަނީ، ފުނަދޫއިން ހަމަޖައްސައިދީފައިވާ 15000 އަކަފޫޓުގެ ބިމެއްގައެވެ. އެތަނުގައި 2 ބުރީގެ ކެމްޕަސް މެއިން ބްލޮކަކާއި 4 ބުރީގެ އެކޮމޮޑޭޝަން ޢިމާރާތެއް އަޅާނެއެވެ. އަދި ކެމްޕަސް މެއިން ބްލޮކްގައި ކްލާސްރޫމްތަކާއި، ސެމިނަރ ރޫމަކާއި، މަލްޓިޕަރޕަސް ހޯލަކާއި، ލައިބްރަރީއެއްގެ އިތުރުން އިދާރީ އޮފީހާއި މީޓިންގ ރޫމް ޤާއިމް ކުރާނެއެވެ. އެކޮމޮޑޭޝަން ޢިމާރާތުގައި 20 ދަރިވަރުންގެ ދަނާލަކާއި، ލެކްޗަރާއިންނާއި މުވައްޒަފުންގެ ކުއާޓަރުތައް ހިމެނެއެވެ. މީގެ އިތުރުން ޖިމް، އިންޑޯ ރެކްރިއޭޝަން ފެސިލިޓީތައް، ކެމްޕަސް ކެފެޓީރިއާ އަދި ކޮމަން ރޫމް ގާއިމްކުރާނެއެވެ.
މި ޑިޒައިން-ބިލްޑް މަޝްރޫޢުގެ ކޮންޓްރެކްޓަރަކީ ސްވިފްޓް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑެވެ. މި މަޝްރޫޢުއަކީ ދައުލަތުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމުގެ ދަށުން މި މަޝްރޫއު ނިންމަން ކަނޑައަޅާފައި ވަނީ ދޮޅު އަހަރު ދުވަހެވެ.
advertisment
ހިޔާލު