މުޙައްމަދު ރިޟާ އާދަމް
މިއީ، މަސައްކަތްތެރިންނާ ފަންނުވެރި އިސްވާރުންގެ ވާހަކަތަކާއި އެއްކުރި މައުލޫމާތުގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ލިޔުމެކެވެ.
- ފޮނުވަތުން ތޮރުފުން
ފޮނުވަތުން ތޮރުފާއިރު ވަލަށް ދަމާނީ ( ބާކަޗުރުސް- މާވަޑީސް ) މި ބީޓަށެވެ ވަލަށްދަމާ ދެމީހުންމެ ދަމާނީ ވާތުވަލަށް ލައްކެއް ޖެހޭގޮތަށެވެ. މާވަޑި ފޮނުވަތް ކޮންޓްރޯލް ކުރާނީ ކަނާތުންނެވެ. ތޮރުފަން އޮބާނީ މެއިންނެވެ. ބެލެންސް ކުރާނީ ވައަތުންނެވެ. ކަނާތައް ދަމާއިރު ކުޑިޔަށް ހިފައި، ވާތަށް ދަމާއިރު ދަރަށްހިފާނީއެވެ މިގޮތަށް ވިއްދަން ހިފުމުން ކުނޑި ކެނޑޭ "ކްރީކް-ކްރީކް"ނުވަތަ "ޗްރަސް-ޗްރަސް"ކަހަލަ ބަރުއަޑެއް އިވޭނެއެވެ ފުރިހަމައަށް ތޮރުފޭނީ އޭރުންނެވެ.
- ހަނުގައި ގާގަނޑު ޖެއްސުން
ވަޅި ހަނުލާއިރު ހަނުގައި ގާގަނޑު ޖައްސާނީ ( އެމީހަކާ އެމީހަކު ) މި ބީޓަށެވެ. ހަނުތިލަ ތަރަނާރައި ހުންނާނީ އޭރުންނެވެ. އަދި ކެނޑޭ އަލިފާން ގަޔާދިމާއަށް ނާންނާނީ މިގޮތައް ގާގަނޑު ޖެއްސުމުންނެވެ.

- ފުރޯ ،އޮޑާ ،ވަޅި ހަނުލުން
ވަޑާމުގެ ސާމާނުތައް ހަނުލާއިރު ހަނުތިލައިގައި ހަތިޔާރު ޖައްސާއިރު އިވޭނި ( ޒޫން-ސީން ނުވަތަ ޝްރިއްޕް-ޝްރިއްޕް ) ކަހަލަ ދަގަނޑު ކާއްތާލާ ތޫނު އަޑެކެވެ. މިއާޚިލާފަށް ފެންލައިގެ ހަނުލާނަމަ މިއަޑަށް ބަދަލު އާދެއެވެ. އޭރުން އިވޭނީ ފެނުގެ ތެއްކަމާއެކު ދަގަނޑު ހޭކޭއިރު "ޗޮޅަ-ޗޮޅަ " ކަހަލަ ތެތްތޫނު އަޑެކެވެ. ހަނުލާ އެއްޗެއް ކުރިއަށް ކޮއްޕާލާއިރު އޭގެ އަރިމައްޗައް ބާރު ކޮށްލަން ޖެހޭނެއެވެ، ފަހަތަށް ހިފާއިރު މިޔަޔަށް ބާރުވާގޮތަށް ފިއްތާލަން ޖެހޭނެއެވެ ހަނުލާ އެއްޗެއްގެ މިޔަފަށް ކަނޑައި ގެންގޮސް އެ ހަތިޔާރެއް ތޫނުވާނީ އޭރުންނެވެ.
- މާމުގުރުން ޖެހުން
މާމުގުރުން މާޅިސްލުމަށް ޖަހާއިރު އަޑު ހުންނާނީ ( ޑޮބްޑޮބް-ތޮއްޕް ތޮއްޕް ) މި ބީޓަށެވެ ތޮއްޕުގެ އަޑާއެކު މުގުރު ލަކުޑިގަނޑުގައި ޖައްސާ ހިފަހައްޓާލަން ޖެހޭނެއެވެ. ދޯނީގެ ފަޑިތަކާއި މަޑޫތައް އެއްކޮށްގުޅުވާ ހުސްދޭތެރެއެއް ނުހުންނަހެން ފިތިފައި ހުންނާނީއޭރުންނެވެ. އަދި އިލޮޅިއާއި ބޮބިފަތްގަނޑު ދެމަޑޫދޭތެރެއަށް ފުރިހަމައަށް ފިޓުވެ ހަމަޖެހޭނީވެސް މުގުރުން މިގޮތައް ބާރުކޮށްލުމުންނެވެ. މާމުގުރުން ޖަހާކޮންމެފަހަރަކު ލަކުޑީގެ ގުގުމުން (ރިޒޮނަންސް) މުޅިދޯނީގެ ބަޑުފިލާގެ ލަކުޑިގަނޑު އެކީގައި ގުގުމައިގެންދާނެއެވެ. ހަރުގެ ކައިރީގައި ހުންނައިރު މިއަނޑު އިވޭނީ އެއްވަރަށްޖަހާ ބެރެއްގެ އަނޑުފަދައިންނެވެ.

- އޮޅު އެޅުން
އޮޅު ބާރުކުރާއިރު ނުވަތަ އޮޅުއަޅަން ވަލަށް ލައްވާފަ އިންނަ ދަނޑިގަނޑަށް ހިފާލާއިރު ޢައްމުކޮށް އިވޭއަޑަކީ " ކިރި ކިރި" ނުވަތަ "ޗިރި ޗިރި " ކަހަލަ ކުރަކި އަޑެކެވެ އޮޅަށް ބާރުވަމުން ދާއިރު ކިރި ކިރި އާއެކު " ވިޒު ވިޒު "ކަހަލަ އަޑެއް އިވޭނެއެވެ.
- އޮޑައިން މެށުން
އޮޑައިން މަށާއަޑަކީ މާމުގުރުގެ އަޑާޚިލާފަށް ވަޑާމުގެ އެންމެ މަޑުމައިތިރި،އަދި ހަމަހީމޭންއަޑެވެ އޮޑައިން ކޮށާއިރު އިވޭނީ ( ތަކްތަކް-ޗިޕްޗިޕް ) މިއަޑެވެ. އޮޑަލުން ކޮށާއިރު ކަނައަތުން ހިފަހައްޓާނި އޮޑަލުގެ ތިލައިންފެށިގެން ކޯޅިއެއްހާތަން ދޫކޮށް އޮޑަލުގެ ދަނޑީގައެވެ. ވައަތުން ހިފެހެއްޓިފަ ހުންނާނީ ދަޑީގެ އެންމެ ތިރީގައެވެ މިގޮތަށް ހިފެހެއްޓުމުން ލަކުޑިގަނޑަށް ބައްޓަން ގެންނަން ފަސޭހަ ވުމާއި އޮޑާ ކޮންޓްރޯލް ކުރަންވެސް ފަސޭހަވާނެއެވެ.
- ވަޑާންކަށިން ކެޑުން
ލަކުނޑިގަނޑުމަތީގައި ވަޑާންކަށި ޖައްސާފައި އޭގެމަތީގައި މުގުރުން ޖަހާއިރު އިވޭނީ "ތަކް-ތަކް " ނުވަތަ "ޓޮއް-ޓޮއް "ކަހަލަ ހަރު އަޑެކެވެ.ކަށީގެމިޔަ ލަކުނޑިގަނޑުގެ ތެރެއަށް ވަދެ ލަކުޑި ކޮޅުތައް ނެއްޓިގެންދާއިރު " ކްރެކް " ނުވަތަ "ޗިސް " ކަހަލަ ލަކުޑި ކޮށޭއަޑެއް އިވޭނެއެވެ ކަށިންކެޑުމަށްފަހު އޮމާންކޮށްލުމަށް ކާއްތާލާއިރު "ޝޫ ޝޫ ، ވޫޝް "ކަހަލަދިގު ހިތްގައިމުއަޑެއް އިވެއެވެ.
- ލަކުޑިގަނޑު ކޮށުން
ލަކުޑި ކޮށާއިރު އިވޭނީ ލަކުޑިގަނޑުގެ ހަރުމިނަށާއި،މަޑުމިނަށް އަދި ކޮށުމަށް ބޭނުންކުރާ އާލާތައް ބަލާފައި ތަފާތުވާ،ވަރަށް ސާފު އަދި ހަލުވި އަޑުތަކެކެވެ. ޢާއްމުކޮށް އިވޭނީ "ތޮކް ތޮކް " ޗޮޕް ޗޮޕް " ކްރޮކް " ކަހަލަ އަޑުތަކެކެވެ.

- ފުރޯއިން ކޮށުން
ފުރޯއިން ކޮށާއަޑަކީ ހަލުވި ކަމާއެކު ތަކުރާރު ވަމުންދާ،ބާރުއަދި ތޫނު އަޑެކެވެ. ދިވެހި ޘަޤާފަތުގައި މިއަޑު ސިފަކުރެވެނީ މަސައްކަތްތެރިކަމާއި،ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅުވައިގެންނެވެ. އަޑުއިވޭ ގޮތަށް ބަލާއިރު ފުރޯގެ ތޫނުމިޔަ ހަރުލަކުޑި ގަނޑެއްގައި ޖެހުމުން އިވޭނީ "ތަކް-ތަކް "ނުވަތަ ތޮއް-ތޮއް " ފަދަ ބަރު،ތޫނުއަޑެކެވެ. ލަކުޑިގަނޑު ފަޅައިގެން ނޫނީ ކޮށިގެން ދާއިރު ކުޑަ "ކްރެކް " އަޑެއް މިއާއެކު އިވޭނެއެވެ.
- ބޮޑުކީހުން ކީހުން
ބޮޑުކީހުން ކީހާއިރު އިވޭނީ "ޝްރޫއް!-ޝްރޫއް! ނުވަތަ ޒިއް-ޒިއް! " ފަދަ ދިގު ކުރަކި އަޑެކެވެ. ލަކުޑި ގަނޑުގެ ތެރެއަށް ކީހުގެ ދަތްތައް ވަދެގެންދާވަރަކަށް މިއަޑުގެ ބަރުދަން ބަދަލުވަމުން ދާނެއެވެ. ކީސްދަމާއިރު މާބާރަށް އޮއްބާނަ ނަމަ ކީސް ލަކުޑިގަނޑުގައި ތަތްލާގޮތްވާނެއެވެ. ކީހަށް ދޫދީގެން ދަމާނަމަ ކީސްހަލުވި ވެފައި ކީހޭލެއް އަވަސް ވާނެއެވެ.
- ރޮންދާއިން މެށުން
އިވޭއަޑަށް ބަލާއިރު ރޮންދާއިން އިވޭނީ ވަރަށް ތަފާތު ހިތްގައިމު "ޝޫއް!ޝޫއް! " ނުވަތަ "ވޫއް!ވޫއް! " ފަދަ އޮމާން އަދި މެދުކެޑުމެއް ނެތް ހަލުވި އަޑެކެވެ. ލަކުޑިގަނޑު މާހަރުނަމަ ނުވަތަ ރޮންދާގެ މިޔަ ކުޑަކޮށް ކޮޅުންދާނަމަ މިއަޑަށް ކުޑަ ކުރަކިކަމެއް އަންނާނެއެވެ.
- މަރުތޭލައިން ތެޅުން!
މަރުތޭލައިގައި ހިފާނީ މުއްގަނޑުގެ ތިރީގައެވެ. ބޮލާކައިރީގައި ހިފުމުން ބާރުލެވޭވަރު ކުޑަވާނެއެވެ. މަރުތޭލައިން ތަޅާއިރު މުޅިއަތް ޙަރަކާތް ކުރުމުގެ ބަދަލުގައި އުޅަބައްޓާ ކޮޑުގެ ހަރަކާތް ބޭނުންކޮށްގެން ސީދާ ތިރިއަށް ބާރުލާފައި ޖެހުމުން ލަކުޑިގަނޑަށް މޮހޮރު ވަނުން އަވަސްވެފައި ސީދަލަށް ވަންނާނެއެވެ.
މަރުތޭލައިން ތަޅާއިރު ޖެހޭ އެއްޗެއްގެ ބާވަތުން އަޑަށް ބަދަލު އާދެއެވެ. މިގޮތުން ދަގަނޑުގަނޑެއްގައި ޖެހުމުން ވަރަށްބާރު އަދި ކުރުކޮށްއިވޭ "ޓަން-ޓަން " ނުވަތަ "ލަވް-ލަވް "ފަދަ މެޓަލިކް އަޑެއް ނުކުމެއެވެ. ލަކުޑިގަނޑެއްގައި ޖެހުމުން އިވޭނީ ތަންކޮޅެއްބަރު "ތޮއް-ތޮއް " ނުވަތަ "ބަންގް "ކިޔާ އަޑެކެވެ.ފާރުފަދަ ކޮންކްރީޓްގަނޑެއްގައި ތެޅުމުން އިވޭނީ ވަރަށްބާރު ބަރު "ގްރަންޗް " ނުވަތަ " ބޮމް " ގޮވާކަލަ އަޑެކެވެ.
- ފީރުލުން
ލަކުޑީގައި ފީރުލާއިރު އިވޭއަޑަކީ ޢައްމުކޮށް ފިލާގަނޑެއްގެ މަތީގައި އެއްޗެއް ކޭއްތޭއިރު އިވޭކަހަލަ "ރޭސް-ރޭސް "ނުވަތަ
"ޝްރިކް-ޝްރިކް " ކަހަލަ ރާޅުއަޑެކެވެ. ލަކުޑީގައި ފީރުލާއިރު އިވޭއަޑު އެކި ޙާލަތްތަކުގައި ތަފާތުވެއެވެ. މިގޮތުން ފީރުގެ ފުއްތައް ބޮޑެތިނަމަ އިވޭނީ ތަންކޮޅެއްބަރު "ޚްރަސް-ޚްރަސް" ކަހަލަ ބަރުއަޑެކެވެ އޮމާންކުރާ ޒާތުގެ ފުއްކުދި ފީރެއްނަމަ އިވޭނީ ވަރަށް މަޑު "ޝޫ-ޝޫ " ކަހަލަ ހިމޭން އަޑެކެވެ
- ކަބީލާ މަލަރުކުރުން
ކަބީލާ މަލަރު ކުރަން މަރުތޭލައިން ކަބީލާގެ ބޮލުގައި ޖަހާލާ ކޮންމެ އެތިފަހަރަކުން އެކިޔާ "ތަން-ތަން " ނުވަތަ "ޓިން-ޓިން "ގެ އަޑާއެކު މަލަރުކުރަން ދަށުން މަރުތެެޔޮ ޖައްސާ ހިފަހައްޓާލުމުން އެއިވޭ ތުރުތުރެއް އެކުލެވޭ "ޓުރޫ-ޓުރޫ"ގެ ހިތްގައިމުއަޑު މިއުޒިކެއް ފަދައެވެ މިއަޑުން ހާމަކޮށްދެނީ މިއަޑަކީ އޮޑީގެ ފިލާތައް ވަކިވެގެންނުދާނޭކަން އަންގާދޭ ގުޅުވާ ލެވިފައިވާ ސިލްސިލާ އަޑެއްކަމެވެ.
މިއަޑުތަކަކީ ކުރީގެ ވަޑާންގެ ތަކުންނާއި ،އޮޑިހަރުގެ ތަކުން އޮޑި ދޯނިފަހަރު ބަންނައިރު މެދު ކެޑުމެއްނެތި އިވޭ ،ދިވެހި ފަންނުވެރިކަމުގެ ހިތްގައިމު މިއުޒިކެކެވެ.
advertisment
ހިޔާލު