ކުދިން ބޭނުންކޮށްގެން ކުދިންނަށް ކިޔަވައިދިނުމުގެ މޮޑެލަށް ބޭނުންވާ "މެޓީރިއަލް ޕެކޭޖެއް" އައިޔޫއެމްއިން ތައުލީމާ ބެހޭ ވުޒާރާއާ ހަވާލުކޮށްފި
ކުދިން ބޭނުންކޮށްގެން ކުދިންނަށް ކިޔަވައިދިނުމުގެ މޮޑެލަށް ބޭނުންވާ "މެޓީރިއަލް ޕެކޭޖެއް" ތައުލީމާ ބެހޭ ވުޒާރާއާ ހަވާލުކޮށްފިއެވެ. މި ޕެކޭޓް ތައްޔާރުކުރީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އިސްވެ ކުރިއަށް ގެންދާ ސިޕްކާ ޕްރޮޖެކުޓްގެ ދަށުންނެވެ.
ސިޕްކާ މޯލްޑިވްސް އަޕްޓޭކް ފޯރަމް އަކީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) އިސްވެ އޮވެ، ޕާކިސްތާނުގެ އާގާ ޚާން ޔުނިވަރސިޓީ އާއި ސްރީލަންކާގެ ކޮލަމްބޯ ޔުނިވަރސިޓީއާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ދިރާސާ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓަކީ ގްލޯބަލް ޕާޓްނަރޝިޕް ފޯ އެޑިޔުކޭޝަން ނޮލެޖް އެންޑް އިނޮވޭޝަން އެކްސްޗޭންޖް އަދި ކެނެޑާގެ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ރިސާޗް ސެންޓަރުގެ މާލީ އެހީތެރިކަމާއެކު ކުރިއަށްގެންދާ މަޝްރޫޢެކެވެ.
މިހާތަނަށް މި މަޝްރޫޢުގެ ދަށުން ރާއްޖޭގައި ބޭއްވުނު ފުރަތަމަ ފޯރަމް ބޭއްވީ، މިދިޔަ އަހަރުގެ ޖުލައި މަހުގައެވެ.

މި ޕްރޮޖެކްޓްގެ ދަށުން، ކުދިން ބޭނުންކޮށްގެން ކުދިންނަށް ކިޔަވައިދިނުމުގެ ކުދިންގެ ފަރާތުން ކުދިންނަށް ކިޔަވައިދިނުމުގެ މޮޑެލް ރާއްޖޭގެ ސްކޫލްތަކުގައި ތަންފީޛުކުރުމާ ގުޅޭގޮތުން ތަޢުލީމީ ދާއިރާގެ މާހިރުންނާއި، ދިރާސާވެރިން އަދި ސިޔާސަތު އެކުލަވާލާ ފަރާތްތަކުގެ މެދުގައި ޚިޔާލާއި ތަޖުރިބާ ވަނީ ޙިއްޞާކޮށްފައެވެ.
މި ޕްރޮޖެކްޓްގެ ދެވަނަ ފޯރަމް ކުރިއަށް ގެންދިޔައީ 24 ސެޕްޓެމްބަރުގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައެވެ .މި ފޯރަމަކީ ރާއްޖޭގެ ހޮވާލެވުނު 10 ސްކޫލެއްގައި 25 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދިޔަ "ޗައިލްޑް-ޓު-ޗައިލްޑް" ތަންފީޒީ މަރުޙަލާ ނިމުމުގެ މުނާސަބަތުގައި ބޭއްވި ފޯރަމެކެވެ.
ފޯރަމްގެ ތެރެއިން ޕްރޮޖެކްޓުގެ މުހިންމު ނަތީޖާތައް ސްކޫލްތަކުގެ އިސްވެރިންނާއި، މުދައްރިސުން އަދި ކަމާގުޅުންހުރި ފަރާތްތަކާ ޙިއްޞާކުރެވުނެވެ.

ތަޢުލީމީ ޕެކޭޖް ޙަވާލުކުރުން: މި ފޯރަމްގެ އެންމެ ބޮޑު އެއް ޙަރަކާތަކީ ޕްރީ-ސްކޫލުން ޕްރައިމަރީ ސްކޫލަށް ކުދިން ބަދަލުވާއިރު ކުޅިވަރުގެ ތެރެއިން ފަސޭހަކަމާއެކު ހޭނުވުމަށް އެހީތެރިވެދޭ ޚާއްޞަ މެޓީރިއަލް ޕެކޭޖެއް ތައުލީމީ ވުޒާރާއާ ވަނީ ހަވާލުކޮށްފައެވެ.
މި ޕެކޭޖުގައި ހިމެނެނީ،
- ޔަންގް ފެސިލިޓޭޓާސް ގައިޑް (ފަސްވަނަ ގްރޭޑްގެ ދަރިވަރުންނަށް)
- ޔަންގް ލާނާސް (YL) އެކްޓިވިޓީ ޕެކް
- ސްކޫލް ގައިޑް އަދި ޓީޗާސް މެނުއަލް
- ޔަންގް ލާނާސް (YL) އެސެސްމަންޓް ޕެކް
މި މަޝްރޫޢުގެ ސަބަބުން ޔޫ.ކޭ.ޖީ އާއި އެލް.ކޭ.ޖީ ކުދިން ޕްރައިމަރީ ގްރޭޑްތަކަށް ބަދަލުވާއިރު ދިމާވާ ގޮންޖެހުންތައް ކުޑަވެ، ގްރޭޑް 5 ގެ ދަރިވަރުން (އިސްވެ ހަރަކާތްތެރިވާ ކުދިންގެ ގޮތުގައި) ތަމްރީނުވެ، ކުދިންގެ މެދުގައި އޮންނަ ގުޅުން ވަރުގަދަވެގެންދެއެވެ.
މި ރަސްމިއްޔާތުގައި މި މަޝްރޫޢުގެ ދެ އަހަރު ދުވަހުގެ ކާމިޔާބު މަސައްކަތްތައް ފާހަގަކޮށްފައިވެއެވެ. އެގޮތުން، މި މަޝްރޫޢު ޕައިލެޓް ކުރުމުގައި މުހިންމު ދައުރެއް އަދާކުރި 10 ސްކޫލަކަށާއި އެ ސްކޫލްތަކުގެ މުދައްރިސުންގެ އަގުވަޒަންކޮށް، ހަނދާނީ ފިލަޔާއި ސެޓުފިކެޓު އަރުވާފައިވެއެވެ. މީގެ އިތުރުން، ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން (އެން.އައި.އީ)، ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަން (ޑީ.އޯ.އައި.އީ) އަދި އެޑިޔުކޭޝަން މިނިސްޓްރީގެ އެހެނިހެން ދާއިރާތަކުގެ އެއްބާރުލުން ފާހަގަކޮށްފައިވެއެވެ. އަދި ބައިނަލްއަގުވާމީ ބައިވެރިން ކަމަށްވާ ޕާކިސްތާނުގެ އާގާ ޚާން ޔުނިވަރސިޓީ އާއި ސްރީލަންކާގެ ކޮލަމްބޯ ޔުނިވަރސިޓީން މި މަޝްރޫޢަށް ދެއްވި އިރުޝާދާއި އެހީތެރިކަން ވެސް ވަނީ ފާހަގަކޮށްފައެވެ.
advertisment
ހިޔާލު