– މި ސްކީމުގެ ދަށުން ޑިޕްލޮމާއިން ފެށިގެން މާސްޓަރސް ފެންވަރަށް ކަނޑައަޅަފައިވާ ވަކި ކޯސްތަކެއް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ކިޔެވުމުގެ ފުރުޞަތު ދީފައިވޭ
އެލައިޑް ހެލްތު ޕްރޮފެޝަނަލްސް ސްކޮލަރޝިޕްގެ ސްކީމުގެ ދަށުން 51 ދާއިރާއަކުން 955 ޖާގައަށް އިއްޔެ ހުޅުވާލައިފިއެވެ.
މަތީ ތައުލީމާ ބެހޭ ވުރާރާއިން ކުރި އިއުލާނުގައި ބުނެފައިވަނީ، އެ ސްކޮލަރޝިޕަށް އަންނަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ކުރިން "ކުރި" ޕޯޓަލް މެދުވެރިކޮށް ހުށައެޅުމަށެވެ.
އިއުލާނާއެކު އާންމުކޮށްފައިވާ ޓްރެއިނިންގ ނީޑްސް ރިކުއަރމަންޓްސް ލިސްޓުގައިވާ ގޮތުން، އެލައިޑް ހެލްތު ޕްރޮފެޝަނަލްސް ސްކޮލަރޝިޕްގެ ސްކީމުގެ ދަށުން ދެނީ 51 ދާއިރާއަކުން 955 ޖާގައެވެ. އެއީ ޑިޕްލޮމާއިން ފެށިގެން މާސްޓަރސް ފެންވަރަށް ކަނޑައަޅާފައިވާ ވަކި ކޯސްތަކެއް ރާއްޖެއާއި ރާއްޖެއިން ބޭރުން ކިޔެވުމަށެވެ. އެގޮތުން ރާއްޖެއިން ބޭރުން ޑިޕޮލޮމާ ފުރިހަމަކުރުމަށް 198 ޖާގަ ހަމަޖައްސާފައިވެއެވެ. ބެޗްލާސް ޑިގްރީގެ 373 ފުރުޞަތުގެ ތެރެއިން ރާއްޖެއިން ބޭރުން ކިޔެވުމަށް 116 ޖާގަ، ރާއްޖެއިން ކިޔެވުމަށް 257 ޖާގަ ކަނޑައަޅާފައިއެވެ. މާސްޓަރސް ފެންވަރުގެ 384 ފުރުޞަތަށް ހުޅުވާލާފައިވާއިރު، އޭގެ ތެރެއިން ރާއްޖެއިން ފުރިހަމަ ކުރުމަށް ކަނޑައަޅާފައި ވަނީ އެންމެ ތިން ޖާގައެވެ. ރާއްޖެއިން ބޭރުން ކިޔެވުމަށް ދީފައިވަނީ 381 ޖާގައެވެ.
އެލައިޑް ހެލްތްގެ ދާއިރާއިން ހުޅުވާލި ސްކޮލަރޝިޕް ސްކީމުގެ ދަށުން އެންމެ ގިނަ ބަޔަކު ތަމްރީނު ކުރުމަށް ކަނޑައަޅާފައި ވަނީ ސޯޝަލް ވާރކާސް އާއި ކައުންސެލިންގ ދާއިރާއިންނެވެ.
ކިޔަވަން އެދޭ ޕްރޮގްރާމުގައި ބައިވެރިވުމަށް އެމްއެންކިޔުއެފްގައި ކަނޑައަޅައިފައިވާ އެންޓްރީ ކްރައިޓީރިއާ ފުރިހަމަވާން ޖެހެއެވެ. އަދި އެމްކިޔުއޭއިން ދޫކުރާ ރިކޮގްނިޝަން އޮފް އިންޓެންޑެޑް ޕްރޮގުރާމްގެ ލިޔުމާއި، މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލްގެ ލިޔުން އޮންނަން ޖެހެއެވެ. އަދި ރާއްޖެއިން ބޭރުގައި ކިޔަވަން އެދޭ ފަރާތެއްނަމަ، ރާއްޖޭގައި ފުރިހަމަކުރެވެން ނެތް ޕްރޮގްރާމެއް ކިޔަވަން އެދޭ ފަރާތަކަށް ވާންޖެހޭނެކަމަށްވެސް ޝަރުތުތަކުގެ ތެރޭގައި ހިމަނާފައިވެއެވެ.
ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވީ ސްކޮލަރޝިޕް ލިބޭ ފަރާތްތައް ހޮވުމުގައި ބަލާނީ އޮންލައިން ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅާ ތަރުތީބުން، އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިޔުންތަކެއް ފުރިހަމަވެފައިވާ ތަރުތީބުންކަމަށެވެ.
އެލައިޑް ހެލްތްގެ ދާއިރާއިން ބޭނުންވާ ފަންނީ މީހުން ތަމްރީނުކުރުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާ ގުޅިގެން ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.
advertisment
ހިޔާލު