މޮޅެތި ދަރިވަރުން ތަރުބިއްޔަތު ކުރުމުގެ މުޖައްރިބު ގޮތަކީ މޮޅެތި ދަރިވަރުން މުދައްރިސްކަމަށް ކުރިމަތިލުން: އެޑިއުކޭޝަން މިނިސްޓަރު

މޮޅެތި މުދައްރިސުން ތަޢުލީމީ ނިޒާމަށް ވަނުމަކީ، މޮޅެތި ދަރިވަރުން މުސްތަޤްބަލްގައި މަދަރުސާތަކުން ތަރުބިއްޔަތު ކުރެވޭނެ މުޖައްރިބު ގޮތް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިރޭ ވިދާޅުވެއްޖެއެވެ.

މަތީ ސާނަވީގެ ގަދަ ދިހައެއް އިއުލާން ކުރުމަށް މިރޭ ބޭއްވި ޖަލްސާގައި އިނާމް ހާޞިލްކުރާ ދަރިވަރުންނާ މުހާޠަބުކޮށް ވާހަކަ ދައްކަވަމުން މިނިސްޓަރު އެދިވަޑައިގަތީ އެންމެ ހުނަރުވެރި ކުދީން މުދައްރިސުންނަށް ވުމަށެވެ. އުނގަންނައިދިނުމުގެ މަސައްކަތަކީ، އޭގެ އަސަރުތައް އެތައް ޖީލަކަށް ފެތުރިގެންދާ، ދުނިޔެއާއި އާޚިރަތުގައި ހެޔޮ ޖަޒާ ލިބޭ، އަބުރުވެރި މަސައްކަތެއް ކަމަށާއި، އެއީ ރަނގަޅު މުޖުތަމަޢުއެއް ބިނާކުރުމަށް ތިޔަ ކުދީންނަށް ކޮށްދެވޭނޭ އެންމެ ބޮޑު އެއް ޚިދުމަތް ކަމަށް އެކަމަނާ ވަނީ ވިދާޅުވެފައެވެ.  

" ދެންނެވުމުގެ ބޭނުމެއް ނެތް ފަދައިން، ތަމްރީނުން ނުކުންނަ މުދައްރިސުންގެ ފެންވަރު އެންމެ ބޮޑަށް ބިނާވާނީ ކޯހަށް ވަންނަ ދަރިވަރުންގެ ފެންވަރުގެ މައްޗަށް. ކީއްތާނި އުޔަކުން، ފަށުވި ފޭރާމެއް ނުވިޔެވޭނެ" ޑރ. އައިޝަތު އަލީ ވިދާޅުވިއެވެ. " މޮޅެތި މުދައްރިސުން ތަޢުލީމީ ނިޒާމަށް ވަނުމަކީ، މޮޅެތި ދަރިވަރުން މުސްތަޤްބަލްގައި މަދަރުސާތަކުން ތަރުބިއްޔަތު ކުރެވޭނެ މުޖައްރިބު ގޮތް"

ޤައުމުދެކެ ލޯބިވާ، ތަޢުލީމަށް ލޯބިކުރާ އެތައްބޭފުޅުންނެއް މިރޭ މިސްކޫލްގައި، މި ޖަލްސާގައި ތިބޭނެ ކަމަށާއި،   

މިހުރިހާ ބޭފުޅުންގެ އެދުމަކަށްވާނީ، އަހަރަކަށް ވުރެ އަހަރެއް، ތަޢުލީމީ ގޮތުން ދިވެހިރާއްޖެ ކުރިއަށް ދިއުން ކަމަށާއި، މި މަޤްޞަދު ޙާޞިލްކުރުމަށް ކުރެވޭނޭ އެންމެ މުހިއްމުކަމަކީ، ހުނަރުވެރި މުދައްރިސުން ތަމްރީނުކުރުން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވިއެވެ.

" ބައެއް ޤައުމުތަކުގައި، މިސާލަކަށް ފިންލަންޑް އާއި ސިންގަޕޫރު ފަދަ ޤައުމުތަކުގައި، އެންމެ ހުނަރުވެރިކުދީން ޚިޔާރުކުރާ އެއް މަސައްކަތަކީ މުދައްރިސްކަން" ދަރިވަރުންނާ މުހާޠަބުކޮށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ދަރިވަރުން މިހާހިސާބަށް ގެނައުމަށްޓަކައި ބެލެނިވެރިން އެތައް ރެއެއްގެ ނިދި ނަގާލާ، އެތައް މަސައްކަތްތަކެއްކޮށް އެތައް ޤުރުބާނީތަކެއް ވެފައިވާ ކަމަށާއި، އެ އެދަރިވަރުންނަކީ ދިރިއުޅުމަށް ތައްޔާރުވެފައިވާ ކުދި ބަޔަކަށް ހަދަންވެސް އަޅުގަނޑުމެން މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.  

" ދަރިންދެކެ ވާ ލޯބިން ނުވަތަ ކިޔެވުމަށް ބުރޫއަރާފާނެތީ އެކުދިން ލައްވާ އެއްވެސް މަސައްކަތެއް ނުކުރުވާ ބޭތިއްބުމަކީ ރަނގަޅުކަމެއް ނޫން. ކޮންމެ ކުއްޖަކުވެސް މައިންބަފައިންނާއި ވަކިން ދިރި އުޅޭނެ ދުވަހެއް އަންނާނެ.

އެ ދުވަހަކުން އެކުދިންނަށް މާއްދާތަކުން ލިބުނު ގްރޭޑަށްވުރެ މުހިއްމުވެގެންދާނީ އުނގެނުނުތަކެއްޗާއި މައްސަލަތައް ހައްލުކުރުމުގެ ހުނަރާއި ފުންކޮށް ވިސްނުމުގެ ހުނަރާއި ކަންކަމުގައި ގޮތް ނިންމުމުގެ ހުނަރުތައް ފަދަ ހުނަރުތައް" މިނިސްޓަރު ވިދާޅުވިއެވެ.  

މިނިސްޓަރު ވިދާޅުވީ، ކިޔެވުމުގެ ރޮނގުން އަރުތަވެރިން ފާހަގަކުރާ ބީދައިން އެފަދަ ދަރިވަރުންގެ ހުނަރުތަކާއި ޤާބިލިއްޔަތުވެސް އަޅުގަނޑުމެން ފާހަގަ ކުރަންޖެހޭ ކަމަށެވެ. އަދި ކޮންމެ ކުއްޖެއްގެ ޝައުގު ދެނެގަނެ އެ ދާއިރާއަކުން އެކުދިން ކުރިއަށް ގެންދިއުމަށް އަޅުގަނޑުމެން އެންމެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. ޢިލްމު އުނގެނުމަށް އޮންނަ އެންމެ ބޮޑު ހުރަހަކީ ތިމާއަށް މާ ގިނަ ތަކެތި އެނގޭކަމަށް ހީވުން ކަމަށާއި،  މާ މޮޅުކަމަށް އަމިއްލައަށް ދުށުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

 " ޢިލްމު އުނގެނުމަށް އޮތް މަގަކީ އެނގޭ މިންވަރު ވަރަށް މަދުކަމުގައި އަބަދުވެސް ދުށުން އަދި އަބަދުވެސް އާކަންކަން ހޯދާ ދަސްކުރުމަށް ޝައުޤު ބެހެއްޓުން"

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *