ނަޒޫ މިސް: 36 އަހަރުގެ ދިގު ޚިދުމަތުން ލިބެނީ ދަރިވަރުންގެ ލޯތްބާއި ތަޢުރީފު

އެންމެ އުފާވީ ޚާއްޞައެހީއަށް ބޭނުންވާ ދަރިވަރަކު  ގްރޭޑް 3 އާ ހިސާބަށް އައިއިރުވެސް ވާހަކަ ނުދައްކާތީ، އެދަރިވަރު ލައްވާ ވާހަކަދައްކަން ކުރި މަސައްކަތް  ކާމިޔާބުވުމުން.

ކިޔަވައިދޭ ހިތުން ކުލާހަށް ވަންތާ 37 އަހަރު ވަނީއެވެ. މި ދިގު މުއްދަތުގައި އާމިނަތު ނަޒުމާ (ނަޒޫމިސް) ކިޔަވައިދިން އެތައް ދަރިވަރުންނަކީ މިއަދު ޒިންމާދާރު މަޤާމުތަކުގައި ތިއްބެވި ހަރުދަނާ ދަރިވަރުންނެވެ. އެ ދަރިވަރުންގެ ލޯތްބާއި ތައުރީފާއި އާއިލާއާއި ގާތް ރައްޓެހިންނާއި ސްކޫލްގެ ވެރިން ދިން ހިތްވަރަކީ މިއަދު ވެސް އޭނާ ކުލާހަށް ވަނުމުގެ ސަބަބެވެ. ފޫހިކަމެއް ނެތި ކިޔަވައިދިނުމުގައި ދެމިހުރުމުގެ އަޞްލެވެ.

މުދައްރިސަކަށް ވުމުގެ ޝައުގުވެރިކަން ނަޒޫމިސްގެ އުފެދުނީ އާއިލާގެ ތެރޭގައި މުދައްރިސުން ގިނަވުމާއި، ބައްޕައަކީވެސް މާލޭގައި އަމިއްލައަށް ސްކޫލެއް އުފައްދަވާ ހިންގެވި ބޭފުޅަކަށްވެފައި، ގޭތެރެއިންވެސް ކުޑައިރުންފެށިގެންވެސް ކިޔަވާދިނުމުގެ މަންޒަރުތައް ފެންނަމުން ދިއުމެވެ.

އީޕީއެސް ސްކޫލްގައި ތައުލީމް ހާޞިލްކުރިއިރުވެސް ނަޒޫމިސްގެ ހިތުގައި ދިވެހިބަހުގެ އަދަބިއްޔާތަށް ޚާއްޞަ މަޤާމެއް އޮތެވެ. ސްކޫލު ދައުރަށްފަހު، 1989 ވަނަ އަހަރު މުދައްރިސުންގެ ތަޢުލީމީ މަރުކަޒުން "ފަށާތަޢުލީމުގެ މުދައްރިސްކަމުގެ ކޯސް ފުރިހަމަ ކުރުމަށްފަހު، 1990 ވަނައަހަރު ތާޖުއްދީން ސްކޫލްގައި ކިޔަވައިދޭން ފެށިއެވެ. އެ ސްކޫލްގައި 14 އަހަރު ކިޔަވައިދިންއިރު، 10 އަހަރު މުދައްރިސެއްގެ ގޮތުގައި، ހަތަރު އަހަރު ސްޕަވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރިއެވެ. އޭގެ ފަހުން ހުޅުމާލެއަށް ދިރިއުޅުން ބަދަލުކޮށް ފަރީދިއްޔާ ސްކޫލަށް 2005 ބަދަލުވިއެވެ. 2008 ވަނަ އަހަރު ފަރީދިއްޔާ ސްކޫލް އުވާލައި އެސްކޫލްގެ ހުރިހާ މުއައްޒަފުންނާ ދަރިވަރުން ޣާޒީ ސްކޫލަށް ބަދަލުކުރިއިރު ނަޒޫމިސްވެސްވަނީ އެބަދަލުގައި ހިމެނިފައެވެ.

ނަޒޫމިސްގެ 36 އަހަރުގެ ޚިދުމަތުގެ ތެރެއިން 19 އަހަރު ލީޑިންގ ޓީޗަރެއްގެ ގޮތުގައި، އަދި 17 އަހަރު ހޭދަކުރީ މުދައްރިސެއްގެ ގޮތުގައެވެ.

"ފާއިތުވި ދިގުމުއްދަތުގައި އަޅުގަނޑު ވަޒީފާ އަދާކުރީ ވަރަށް ކުރާހިތުން. އަދި މިއަދުވެސް ވަޒީފާގައި ދެމިހުރީ ވަރަށް ހިތްހަމަޖެހިގެން" ނަޒޫމިސްގެ ހިތް އަދިވެސް އޮތީ ކުލާސްރޫމުގައެވެ.

ފަށާތައުލީމުގެ މުދައްރިސް ކަމުގެ ސެޓްފިކެޓުން ފެށި ތައުލީ ދަތުރުގައި ނަޒޫމިސްވަނީ، ޑިޕްލޮމާއާއި ބެޗްލަރ އޮފް ޓީޗިންގް ސެކަންޑަރީ ދިވެހި ލޭންގްއިޖް އެންޑް ލިޓްރެޗަރ ކޯސް ދި ެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ފުރިހަމަކޮށްފައެވެ. އޭގެ ފަހުން ވިލާ ކޮލެޖުން  ޕޯސްޓް ގްރެޖްއޭޓް އޮފް ޓީޗިންގް ދިވެހި ލޭންގްއިޖްއާއި މާސްޓަރ އޮފް ޓީޗިންގް ދިވެހި ލޭންގްއިޖް ވަނީ ޙާޞިލް ކޮށްފައެވެ.

ދަރިވަރުންނަށް ފެންނަ ބިރަކަށް މުދައްރިސް ވެގެންނުވާނެ

ނަޒޫމިސް ދެކޭގޮތުގައި، މުދައްރިސެއްގެ އެންމެ މުހިންމު މަސްއޫލިއްޔަތަކީ ދަރިވަރަށް އުގަންނައި ދޭން އުޅޭ އެއްޗެއް ދަރިވަރަށް ހާޞިލްކޮށްދިނުމަށްޓަކައި އެ ދަރިވަރެއްގެ ފެންވަރުންނާއި ދަރިވަރުގެ ވިސްނުމަށް ބަލާ އެންމެ ފަސޭހައިން ދެނެގަނެވޭނެ ގޮތަކަށް ފިލާވަޅު ބައްޓަން ކުރުމެވެ. ދަރިވަރުން ސުވާލުކުރުމަށާއި، ޚިޔާލު ފާޅުކުރުމަށާއި، އަމިއްލައަށް ފިކުރުކުރުމަށް ހިތްވަރުދީ  ދަރިވަރުންގެ ހިތުގައި މުދައްރިސަށް އޮންނަންޖެހޭ ގާތް ގުޅުމާއި އިތުބާރު ދަމަހައްޓަން މަސައްކަތްކުރަންޖެހެއެވެ.

"ދަރިވަރުންނަށް ފެންނަ ބިރަކަށް މުދައްރިސް ވެގެންނުވާނެ. ދަރިވަރުންނަށް ކަންކަން ބުނެދީ، މުދައްރިސްގެ އޯގާތެރިކަމާއި އެކުވެރި ކަމުގެ ޝަޚުޞިއްޔަތު ދަރިވަރަށް އަމަލުން ދައްކައިދޭންވާނެ. ދަރިވަރުންނަށް ދެވޭ ޖަވާބުތައް އެއީ ނުބައި ޖަވާބުތަކެއް ކަމަށް ބުނެ ކުދިންގެ ހިތްވަރު ގެއްލުވާލައިގެން ނުވާނެ. ޚިޔާލާއި މަޝްވަރާގެ ތެރޭގައި ދެކެވޭ ވާހަކަތަކަށް އިތުރު ކުރަންޖެހޭ މައުލޫމާތު މުދައްރިސްގެ އެހީތެރިކަމާއެކު ދަރިވަރު ލައްވާ ބުނުވުމުގެ ފުރުސަތު ފަހިކޮށްދޭން ވާނެ. ކުރާ ރަނގަޅު ކަންކަމަށް ވަގުތުން ތަރުހީބު ދޭންވާނެ. ޚަޞަކޮށް ކަންކަމުގައި ޖެހިލުން ވާކުދިންނަށް ހިތްވަރުދިނުމުގައި ހުރިހާ ކުދިން ބައިވެރި ކުރަންވާނެ. މިފަދަކަންކަމުން ދަރިވަރުން ހިތްވަރު ލިބި އިސްނަގަންފަށާނެ" ތަޖުރިބާގެ އަލީގައި ނަޒޫމިސް ބުންޏެވެ.

ކިޔަވައިދިނުމުގެ ޙަޔާތުގައި ނަޒޫމިސްއަށް ކުރިމަތިވި އެންމެ ހަނދާން އާލާވާ ކަމަކީ ޚާއްޞައެހީއަށް ބޭނުންވާ ދަރިވަރަކު ގްރޭޑް 3 އާއި ހިސާބަށް އައިއިރުވެސް އެދަރިވަރު އެއްވެސް ގޮތަކަށް ކުލާހުގައި ވާހަކަ ނުދައްކާތީ އެކަމަށްޓަކައި ކުރެވުނު މަސައްކަތްތަކުން ކުލާސްރޫމްގައި އެދަރިވަރު ވާހަކަދައްކަން ފެށުމުން ކުރެވުނު އުފާވެރިކަމުގެ ކަމުގެ އިހުސާސެވެ.

ދިވެހިބަހުން ރަނގަޅަށް ވާހަކަދައްކާލަން ކުރިންނަށް ނޭނގުން އެންމެ ބޮޑު ގޮންޖެހުން

ނަޒޫމިސް ދެކޭގޮތުގައި މިއަދުގެ ދަރިވަރުންނަށް ކުރިމަތިވާ އެންމެ ބޮޑެތި ގޮންޖެހުންތަކަކީ ދިވެހިބަހުން ރަނގަޅަށް ވާހަކަދައްކާލަން ނޭނގުމެވެ. ދިވެހިން އެކި އެއްޗެއްސަށް ކިޔާ ނަންނަން ނޭނގުމެވެ. ވާހަކަދެއްކުމުގައްޔާއި ކިޔުންތެރިކަން އަދި ލިޔުންތެރިކަމުގައި ދަރިވަރުންނަށް ކުރިޔަށް ނުދެވޭ މައިގަނޑު ސަބަބަކީވެސް އެއީއެވެ.

"ދާދިފަހުން ދަރިވަރުންނަށް ރާއްޖޭގެ ރީތި ގޮނޑުދޮށާއި ގުޅޭ ގޮތުން ލިޔުމެއް ލިޔަން ދެވުނު. ދަރިވަރުންނަށް ލިޔުން އޮންނަންވީގޮތްވެސް އެނގޭ. ފެށުމާއި މައިގަނޑާއި ނިންމުން ގެންނާނެ ގޮތްތައްވެސް އެނގޭ. އެހެންނަމަވެސް ދިވެހިން ގޮނޑުދޮށުގައިވާ ތަކެއްޗަށް ކިޔާނެ ދިވެހި ނަންތަކެއް ނޭނގޭ. އެހެންކަމުން މުޅިކުލާހުގައި އޮތީ ދަރިވަރުންގެ އެތައްބައިވަރު ސުވާލެއް. މިސް ސޭންޑަށް ކިޔަނީ ކީކޭ؟ މިސް ކޮރަލް އަށް ކިޔަނީ ކީކޭ؟ މިސް ކްރެބްއަށް ކިޔަނީ ކީކޭ؟

ނަތީޖާއަކަށްވީ ދަރިވަރުންނަށް ލިޔުން ކުރިޔަށް ގެންދާނެ ގޮތެއް ނޭނގި ތިއްބާ ގަޑި ނިމިގެން ދިއުން"

އެކަށީގެން ނުވާވަރަށް ބެލެނިވެރިންވެސް އިތުރު މަސައްކަތް ދިނުން ގޯސް

ނަޒޫމިސް ދެކޭގޮތުގައި، މުދައްރިސުންނާއި، ދަރިވަރުން އަދި ބެލެނިވެރިންގެ މެދުގައި އޮންނަ ގުޅުމަކީ ވަރަށް މުހިއްމު ގުޅުމެކެވެ. ދަރިވަރުން ގިނަވަގުތު ހޭދަކުރަނީ ބެލެނިވެރިންނާއެކު ކަމަށްވާއިރު އެކުދިންގެ ފުރަތަމަ ރޯލްމޮޑެލަކަށްވާނީ ބެލެނިވެރިންނެވެ. ދަރިވަރުން ދެނެގަތުމާއި ދަރިވަރުންގެ ކަންކަން މުދައްރިސުން ބައްޓަން ކުރުމުގައި ބެލެނިވެރިންނާ ގުޅިގެން ނޫނީ އެންމެ އެދެވޭގޮތަކަށް ނުދާނެއެވެ. ސްކޫލު މާހައުލުގައި ދަރިވަރުން އުޅޭގޮތާއި ފާހަގަކުރެވޭ ރަނަގަޅު އަދި ނުރަނގަޅު ކަންކަން ބެލެނިވެރިންނާ ހިއްސާ ކުރުމަކީ ވަރަށް މުހިއްމުކަމެކެވެ.

ނަމަވެސް ދަރިވަރުންގެ އުނގެނުމަށް އެހީތެރިވުމުގައި ބެލެނިވެރިންނަށް އާންމުކޮށް ކުރެވޭ ކުށްތަކެއްގެ ގޮތުގައި މުހިންމު ކަންތައްތަކެއް ނަޒޫމިސް ފާހަގަކުރިއެވެ. އެއީ، ހަވާލުކުރެވޭ ބައެއް ތަމްރީންތައް ބެލެނިވެރިން ނުވަތަ ޓިޔުޝަން ޓީޗަރުން ހަދައިދިނުމާއި ދަރިވަރު މާ މޮޅުކުރުމަށްޓަކައި ދަރިވަރުންނަށް އެކަށީގެން ނުވާވަރަށް ބެލެނިވެރިންވެސް އިތުރު މަސައްކަތް ދިނުމާއި ދަރިވަރުގެ ފެންވަރުން ކުރާ މަސައްކަތް ބަލައިނުގަނެ އިތުރަށް ކުރިޔަށް ގެންދަން ޕްރެޝަރ ކުރުމެވެ.

"މުޅި ދުވަސް ޓިޔުޝަނުން ފުރާލައި ބެލެނިވެރިން ދަރިވަރުގެ މަސައްކަތްތައް ބެލުމުގެ ބަދަލުގައި ޓިޔުޝަން ޓީޗަރަށް ބަރޯސާވުން. ބައެއް ބެލެނިވެރިން ޓީޗަރުންނާ މެދު އޮންނަ ހިންހަމަނުޖެހުން ދަރިވަރުންގެ ތެރޭގައި ދެއްކުމުން ޓީޗަރުންނަށް އޮންނަ އިހުތިރާމް ކުޑަވެގެންދޭ. ދަރިވަރުންގެ ފަރާތުން ފެންނަ ނޭދެވޭ ޢަމަލުތައް ނުވަތަ ނަތީޖާ އާއި މެދު ދައްކާ ބައެއްވާހަކަ ބެލެނިވެރިންނަށް ގަބޫލުކުރަން އުދަގޫވޭ" ބެލެނިވެރިންނަށް ނޭނގި ނަމަވެސް ހެދޭ ގޯސްތައް ނަޒޫމިސް ކިޔައިދިނެވެ.

ފަހަކަށް އައިސް ކުދިންގެ ވިސްނުމަށާއި، އުނގެނުމުގެ އާދަތަކަށާއި، އަޚުލާޤަށް އައިސްފައިވާ ބަދަލުތަކަކީ ބެލެނިވެރިންނަށް ދަރިވަރުންނަށް ދޭންޖެހޭ ވަގުތު އެކަށީގެންވާ ވަރަށް ނުދެވުމުން ދިމާވެފައިވާ އިޖްތިމާއީ މައްސަލައެކެވެ. ފޯން ޓެބްލެޓްފަދަ އެއްޗެހި ކޮންޓްރޯލެއް ނެތް މިންވަރަށް ދަރިވަރުން ބޭނުން ކުރަމުން ދިއުމާއި ދުވަހުގެ ތާވަލު ތައްޔާރު ކުރެވިފައި ނެތުމާއި ދަރިވަރުންގެ މަސައްކަތް ބައެއްފަހަރު ބެލެނިވެރިން ބަލައިނުގަތުމަކީވެސް  އެފަދަ މައްސަލަ ދިމާވާ ސަބަބެއްކަމަށް މިސް ފާހަގަކުރިއެވެ.
"މިއަދުގެ ކުދިންނަށް ބޮޑެތިމީހުންގެ ފަރާތުން އެންމެ ބޮޑަށް ބޭނުންވަނީ ވަގުތު، ލޯތްބާއި އަޅާލުން. ކުރެވޭ ރަނަގަޅުކަންކަން ފާހަގަކޮށް ހިތްވަރުދިނުން"

ކިޔަވައިދިނުމުގެ ދާއިރާއިން ދިރިއުޅުމާ ބެހޭގޮތުން ދަސްވި އެންމެ މުހިންމު ފިލާވެއްގެ ގޮތުގައި ނަޒޫމިސް ފާހަގަކުރީ، ޢިލްމު އުނގެނުމުގެ ބޭނުން،ދަރިންތަރުބިއްޔަތު ކުރުމުގައި މައިންބަފައިންގެ ދައުރު، ތެދުވެރިކަމާ އަމާނާތް ތެރިކަން، ކޮންމެ ކުއްޖަކީވެސް ތަފާތު ކުއްޖެއްކަން، އެހެންމީހުންނާ މުޢާމަލާތު ކުރާނެ ރީތި ގޮތްތައް، ކެތްތެރިކަމުގެ މުހިއްމުކަމެވެ.

މުދައްރިސެއްގެ ގޮތުން ކުރެވުނު ތަޖުރިބާގެ އަލީގައި ނަޒޫމިސް އެންމެ ބޮޑަށް ހާޞިލްކުރަން ބޭނުންވާ ކަމަކީ ދަރިވަރުންގެ ތެރެއިން ލިޔަންކިޔަން ނުދަންނަ ކުދިންގެ އަދަދު ފޮހެލުމަށްޓަކައި ކުރެވިދާނެ އެންމެ ރަނަގަޅުގޮތްކެއް ބަލާ އެކަމަށް މަސައްކަތްތަކެއް ކުރަން ކުރާ ،މަސައްކަތާއި އުއްމީދެވެ. މީގެ އިތުރުން ދަރިވަރުން ދިވެހި ބަހަށް ޝައުގުވެރި ކުރުވުމަށްޓަކައި އަދަބީ އެކިކަހަލަ ލިޔުންތައް ލިޔެ ވުޖޫދު ކުރުމަށް ކުރާ މަސައްކަތުގެ އުއްމީދެވެ.
މިއަދުގެ ތަޢުލީމީ ނިޒާމަށް ގެންނަންޖެހޭ އެންމެ މުހިންމު ބަދަލަކީ، ޓިޗަރުން ފިލާވަޅަށް ރަނގަޅަށް ތައްޔާރުވުމަށް އެކަށީގެންވާ ވަގުތު ދިނުމެވެ. އިތުރުހަރަކާތްތައް މަދުކޮށް، ބައެއްކަހަލަ ހަރަކާތްތައް އައުޓް ސޯސްކުރުމެވެ. ކިޔަވައި ދިނުމުގެ ދިގު މާޒީން މިއަދަށް ވިސްނާއިރު، ނަޒޫމިސް އެންމެ ދެރަވާކަމަކީ ޓީޗަރުންނަށް ދެމުން އައި އާރލީ ރިޓަޔަމެންޓް ޕެންޝަން އުވާލުމެވެ. ޚިދުމަތުގެ ދިގު މާޒީ ނިންމާލުމަށްފަހު މާދަމާ ގެޔަށް ވަންނަންޖެހުނަސް ލިބޭނެ އެއްޗެއް ނެތުމެވެ.

ނިންމާލަމުން–

މުދައްރިސުންނަށް: ކޮންމެ މުދައްރިސަކުވެސް އަބަދު ހަނދާން ބަހައްޓަންވީ އެންމެ މުހިންމު މެސެޖަކީ ކެތްތެރިކަން އިސްކުރާށެވެ. ހުރިހާ ދަރިވަރުންވެސް ޝާމިލްކޮށްގެން ފިލާވަޅަށް ރަނގަޅަށް ތައްޔާރުވެގެން ކުލާހަށް ވަންނާށެވެ.

ބެލެނިވެރިންނަށް: ބެލެނިވެރިންނާ ހިއްސާކޮށްލަން ބޭނުންވާ މުހިންމު މެސެޖަކީ ދަރިވަރުންނާއެކު ކޮންމެ ދުވަހަކުވެސް ވަގުތުކޮޅެއް ހޭދަކޮށްލާ ދަރިވަރުންގެ އިހުސާސްތައް އަޑުއަހާލުމާއެކު ދަރިވަރަށް ހިތްވަރުދޭށެވެ.
ކިޔަވާކުދިންނަށް: މިއަދުގެ ކުދިންނަށް ސީދާ ދެއްވަން ބޭނުންވާ މެސެޖަކީ  ދިވެހިބަސް އޭގެ ހެޔޮގޮތުގައި ބޭނުންކުރާށެވެ. ގައުމަކަށް ލިބޭނެ އެންމެ ބޮޑު ނިޢުމަތަކީ އެގައުމެއްގެ މާދަރީ ބަސްކަމަށް ވުމާއެކު، މާދަރީ ބަސް ކިޔެވުމަށް އިތުރު ހިތްވަރެއްލާށެވެ. އިސްލާމްދީނުގައި އަންގަވާފައިވާ ގޮތުގެމަތިން ދަރިވަރުންގެ އުނގެނުމާ ދިރިއުޅުން ބައްޓަން ކުރާށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *