ދިރާސީ ވެށި ބިނާކުރުން – ކޮމަންޑޫ މޮޑެލް

އިސްމާޢީލް ނަޝީދު

ޑޮކްޓަރ އަޙުމަދު އަންވަރު ފުށުން ޙަޔާތަށް ހެޔޮ އަސަރު ކުރުވި ދިވެހިންގެ ޢަދަދު ގުނާ ޢަދަދެއް ނުކުރެވޭނެއެވެ. މި ޙަޤީޤަތް ރައްދުކުރެވޭނީ ވަރަށް މަދު ދިވެއްސަކަށް ނިސްބަތްކޮށް ކަން ކަށަވަރެވެ. އަޅުގަނޑުގެ ވަރަށް ހަގު ޢުމުރުގައި ޑޮކްޓަރ އަންވަރާ ބައްދަލުވެއްޖެއެވެ. އެއީ އަޅުގަނޑުމެން ވަރަށް ލޯބިވާ މުދައްރިސެކެވެ. އަޅުގަނޑުމެން، ކޮމަންޑޫ މީހުން ފަޚުރުވެރިވާ ހެޑްމާސްޓަރެކެވެ. ށ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ފުރަތަމަ ހެޑްމާސްޓަރެވެ. ކޮމަންޑުއަށް އުފަންވެ ވަޑައި ނުގަތަސް، ރައްޔިތުންގެ ރަޖިސްޓްރީގައި އެނަންފުޅު ނެތަސް، އެއީ ކޮމަންޑުއަށް ނިސްބަތްވާ، ކޮމަންޑޫގެ އެންމެ ކަތުންގެ ހިތްތަކުގައި ރަޖިސްޓްރީވެ ބިންވަޅު ނެގިފައިވާ ނަންފުޅެކެވެ.

ށ. އަތޮޅު ތަޢުލީމީ މަރުކަޒު ޑޮކްޓަރ އަންވަރު ހިންގެވީ ތަހުޒީބު މުޖުތަމަޢުތަކުގައި ސްކޫލު ހިންގަވާ ހަމަތަކުގެ މަތީންނެވެ. ތަންފީޒު ކުރެއްވީ އެ ޙިކުމަތްތަކެވެ. މައިގަޑު އަމާޒަކީ ދިރިއުޅުމަށް ފައްކާވެފައިވާ ހުނަރު ހުރި، މަޢުލޫމާތު މުއްސަނދި، ވިސްނަން ދަންނަ، ކިޔަވަން ދަންނަ މީހުން އުފެއްދުމެވެ. މިހެން މި ދެންނެވީ، މާފަހުން އަޅުގަނޑަށް ލިބުނު މަޢުލޫމާތެއް ބޭނުން ކޮށްގެން ކަމެއް ހިތްމައްޗަށް ގެނެސްގެން ލިޔާ ބީދައިންނެތް ނޫނެވެ. އެކަމަކު އަޅުގަނޑު މި މަސައްކަތް ކުރަނީ، އަޅުގަނޑުގެ ޅަޢުމުރުގައި ކުރި ތަޖުރިބާ އާއި ފެނުނު މަންޒަރު ހިތްމައްޗަށް ގެނެސްގެން، ލިބިހުރި ފަންނީ މަޢުލޫމާތާއި ކުރަމުންދާ ތަޖުރިބާގެ އަލީގައި، އެދުވަސްވަރު، އެޙާލަތު ސިފަކުރުމަށެވެ. އާދެ، އަޅުގަނޑު ގަސްދުކޮށްފައި މިވަނީ ޑޮކްޓަރ އަންވަރު، ދިވެހިންގެ ތަޢުލީމާއި ތަރުބިއްޔަތަށް ފުޅާދާއިރާއެއްގައި ކުރެއްވި އަގުހުރި ޚިދުމަތާއި މިންނަތް މަސައްކަތްޕުޅުގެ ތެރެއިން ހަމައެކަނި، ށ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދިރާސީ ވެށި ބިނާކުރެއްވި ގޮތުގެ ޚުލާސާއެއް މިލިއުމުގެ ޒަރީޢާއިން ކިޔުންތެރިންނަށް ހުށަހެޅުމަށެވެ. ކޮމަންޑޫ މޮޑެލް ހިއްސާކުރުމަށެވެ.

ކޮމަންޑޫގައި ރަށުގެ ވެރިކަމުގެ ފަރާތުން ނިޒާމީ ތަޢުލީމު އިހުއްސުރެ ދެމުން އައިސްފައި ވެއެވެ. ރައްޔިތުންގެ ހިތްތަކުގައި ތަޢުލީމު ހޯދުމުގެ ޝައުޤުވެރިކަން އުފައްދާ ފައިވެއެވެ. ތަފްޞީލަށް ގޮސްފިނަމަ މި ލިއުން މާދިގުވެދާނެއެވެ. ވެރިންގެ ޙިކުމަތުންނާއި ރައްޔިތުންގެ ޖޯޝުން، ތަޢުލީމީ މަރުކަޒު ބިނާކުރުމުގެ ފުރުޞަތު ހޯއްދެވިއެވެ. މިދެންނެވި މުހިއްމު ބިނާ ޢިލްމާއި ތަރުބިއްޔަތާއި ހުނަރުގެ ގޮވެއްޗަކަށް ބަދަލު ކުރެއްވީ ޑޮކްޓަރ އަންވަރު އިސްވެ ހުންނަވާ ކުރެއްވި މިންނަތް މަސައްކަތްޕުޅުންނެވެ. އެމަނިކުފާނު، މަސައްކަތްޕުޅު ކުރެއްވުމުގައި ބެހެއްޓެވި ހީވާގި ކަމާއި އާދަޔާ ޚިލާފު ޝައުޤުވެރިކަންވީ ވެރިންނާއި ރައްޔިތުންގެ ހިތްތަކުގައި އެމަނިކުފާނުގެ މައްޗަށް ވަރުގަދަ ލޯތްބެއް އުފެދި، ކޮމަންޑޫގެ މުޖުތަމަޢު އެންމެ ޤަދަރު ކުރާ ބޭފުޅަކަށް ވެވަޑައިގަތުމުގެ ސަބަބަކަށެވެ.

އާދޭހެވެ. ށ. އަތޮޅު ތަޢުލީމީ މަރުކަޒުގައި، މުދައްރިސުން، އެބޭފުޅުން ކިޔަވައި ދެއްވާ ދަރިވަރުންގެ ޖުމްލަ ތަރައްޤީ އަށް ފުރިހަމައަށް ނިސްބަތްވެގެން މަސައްކުރާ ޘަޤާފަތެއް އުފެއްދެވި އެވެ. މުދައްރިސުންގެ ޢިލްމީ ފެންވަރު މަތި ކުރެއްވުމާއި ފަންނީ ތަރައްޤީ ލިބިދިނުމުގެ ކުލާސްތައް ހެޑްމާސްޓަރ އަންވަރު ހިންގެވި އެވެ. އުގަންނައި ދިނުމުގެ ވަޞީލަތް އުފެއްދުމުގެ މަސައްކަތް ބަރާބަރަށް ގެންދެވި އެވެ. ނަތީޖާ އެއްގެ ގޮތުން ދަރިވަރުން ކިޔަވަމުން ދިޔައީ ޝައުވެރިކަމާ އެކު އެވެ. ކޮންމެ ދަރިވަރަކަށް ހެޑްމާސްޓަރ ގޮވާލައްވަނީ ނަމުންނެވެ. ކޮންމެ ދަރިވަރެއްގެ އާއިލާ، ޒަމާންވީ ފަތުނަމާއެކު ހެޑްމާސްޓަރަށް އެނގިވަޑައި ގަންނަވައެވެ.

ހެޑްމާސްޓަރ އަންވަރު އިސްވެ ހުންނަވައިގެން ކީރިތި ޤުރުއާން ކިޔެވުމާއި ނަމާދުކުރަން ހުރިހާ ދަރިވަރުންނަށް ދަސްކޮށްދެއްވި އެވެ. ގިނަ ވަގުތު ދަރިވަރުން ގޮވައިގެން އިމާމުވެ ނަމާދު ކުރެއްވީ ސީދާ އެމަނިކުފާނެވެ. އެދުވަސްވަރު، ށ.އަތޮޅު ތަޢުލީމީ މަރުކަޒުގައި، އުގަންނައި ދިނުން އެއީ ކުލާސް ރޫމުގެ ހަތަރު ފާރުގެ ތެރޭގައި ހިންގާ ޙަރަކާތެއް ނޫނެވެ. ދެއްވީ ޢިލްމީ އޮށްޓަރު އެކަންޏެއް ނޫނެވެ. ހަރުދަނާ ތަރުބިއްޔަތާއި ތަފާތު ހުނަރުތައް ދަރިވަރުންނަށް ލިބިދިނުމަށް ތަފާތު މަސައްކަތު ތަމްރީނު ޕްރޮގްރާމްތައް އެކި ރަށް ރަށުން މަސައްކަތްތެރިން / ފަންނުވެރިން ގެންނަވައިގެން ހިންގެވި އެވެ. ތުނޑުކުނާ ވިޔުން، ދާނި، ބައްތި ފަދަ ތަކެތި އުފައްދަން ދަސްކޮށްދޭ ކޯސްތައް ހިންގެވިއެވެ. ފަންގިވިނުމާއި ސާންތި ވިޔުންފަދަ މަސައްކަތްތައް ދަސްކޮށް ދެއްވި އެވެ.

ނިކަގަހަކާއި ދެ ހިރުދުގަސް ހުރި ސްކޫލް ގޯތި ތަފާތު ވައްތަރުގެ ގަސްގަހާގެހި ހިމެނޭ ފެހި މާޙައުލަކަށް ހެއްދެވިއެވެ. މާގަސްތަކާއި ތަރުކާރީ މޭވާ ގަސްތައް ހެއްދެވިއެވެ. ގަސްތައް އިންދާ ފެންދީ ހެއްދުމަކީ ދަރިވަރުންގެ ދުވަހުގެ ތާވަލްގައި ހިމެނޭ ކަމެކެވެ. ތަފާތު އަދަބީ ޙަރަކާތްތައް ސްކޫލުގައި ހިންގެވިއެވެ.

"ފަރިވީ ފަރިވީ ރާގުގައި ތަހާނީ ދެންނެވޭ

ވެދުމޭ ޝުކުރޭ އާލާވާނީ ތަރުހީބުން މިރޭ

ފުރުޞަތުގައި ލިބިދިން ނަޔާ އިއްވާލީ ފިތުރާނާ ލޯބިން

މީ ދެންނެވޭ ޝުކުރާނާ، ލޯބިން މީދެންނެވޭ ޝުކުރާނާ"

މަތީގައި ބަޔާން ކުރެވޭތޯ ބަލާފައި އެވަނީ ޑޮކްޓަރ އަންވަރު އިސްވެ ހުންނަވާ ފަންނުވެރިން މެދުވެރި ކުރައްވައިގެން، ބަނޑިޔާ، ދަނޑި، ފަތިޖެހުން ދަސްކުރަމުން ދާއިރު އަޅުގަނޑަށް ތަކުރާރުކޮށް އިވިފައިވާ ލަވައެއްގެ ތަންކޮޅެކެވެ. ބަނޑިޔާ ޖެހުން، ލަގިރި ޖެހުން ފަދަ ޘަޤާފީ ޙަރަކާތްތައް މުޖުތަމަޢުގައި ތިއްބެވި، އަދި ބައެއް ފަހަރު އެހެން ރަށްރަށުގެ ފަންނާނުން މެދުވެރިކޮށް ދަރިވަރުންނަށް ދަސްކޮށް ދެއްވައެވެ. ރީތިކޮށް ޢަރަބި ތާނަ ލިޔަން ދަސްކުރުން، ފޮތްކިޔުމުގެ އާދަ އަށަ ގެންނެވުމުގެ ޙަރަކާތްތައް ބަރާބަރަށް ހިންގެވި އެވެ. ކެޑެޓް ފަރިތަކުރުމާއި ވޮލީ، ފުޓް ބޯޅަ، ބަށި ބޯޅަ ފަދަ ކުޅިވަރުތައް ތާވަލް ކުރައްވައިގެން ހިންގެވި އެވެ. ރަށުގެ ވެރިންނާއި ޖަމާޢަތް ސްކޫލު ހިންގެވުމުގައި ޝާމިލް ކުރެއްވި އެވެ. ރަށުގައި ހިންގަވާ އިޖުތިމާޢީ ޙަރަކާތްތަކުގައި ހެޑްމާސްޓަރު، މުދައްރިސުންނާއެކު ބައިވެރިވެ ވަޑައިގަންނަވައެވެ.

އާދެ، އެކްޓިވް ލާރނިންގ ރީތި މިސާލުތައް ޑޮކްޓަރ އަންވަރު ލީޑަރޝިޕްގައި ށ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މަދަރުސީ ޙަރަކާތްތަކުގެ ތެރެއިން ފެނިގެން ގޮސްފައިވެއެވެ. ކުރުކޮށް ދަންނަވާނަމަ، ދިރިއުޅުމަށް ދަރިވަރުން ފިސާރި ރަނގަޅަށް ތައްޔާރު ކުރެއްވި އެވެ. އާދެ، ކޮންމެ ކަމަކުން ފާހަގަވީ ހުސްވެސް ބޭނުންތެރި ފިލާވަޅެވެ، ޙިކުމަތްތަކެވެ، ޢަމަލީ ގޮތުން ދެއްކެވީ ސްކޫލެއް ހިންގަންވީ ގޮތުގެ ބަރާބަރު ގޮތްތަކެވެ. ލިޔެލައިފިނަމަ، ބަރާބަރު ސްކޫލެއް ހިންގުމުގެ ފުރިހަމަ ގައިޑް ލައިނަކަށް ވާނެއެވެ.

މާފުކުރައްވާށެވެ، މަތީގައި ބަޔާން ކޮށްފައި އެވަނީ، އަޅުގަނޑުމެންގެ ހެޑްމާސްޓަރ ޑޮކްޓަރ އަންވަރު ށ. އަތޮޅު ތަޢުލީމީ މަރުކަޒު ހިންގެވުމުގެ ތެރެއިން އަޅުގަނޑަށް ފެނުނު، ތަޖުރިބާކުރި ބައެއް ކަންކަމެވެ. އެއިރު، ޢުމުރުން ހަގެވެ. ނަމަވެސް އަޅުގަނޑު، މިހާރު އެދުވަސްވަރު މަތީން ހަނދާން އާކޮށްލުމުން ފާހަގަވާ އަގުހުރި ފިލާވަޅުތައް ހައްސައެވެ. ހައިރާންވާހާ ގިނަ އެވެ.

ވިދާޅުވުމަށްފަހު އެއްވެސް ބޭފުޅެއްގެ ހިތްޕުޅުގައި ނުތަނަވަސް ކަމެއް އުފެއްދިއްޖެ ނަމަވެސް އެދެނީ މާފު ކުރެއްވުމަށެވެ. ބަޔާން ކޮށްފައި އެވަނީ ޙަޤީޤަތެވެ. ކަންކުރެއްވި ގޮތެވެ. ޖަމާޢަތުގެ މީހުން ކުޅަ އިޙުސާސެވެ. ކޮމަންޑޫ މީހުން އެމަނިކުފާނު ބަލައިގެން ގޮތެވެ. ކޮމަންޑޫގައި ތަޢުލީމީ މަރުކަޒު ހިންގެވި ގޮތެވެ. އާދެ، ދިރާސީ ވެށި ބިނާކުރެއްވި ގޮތެވެ. "ކޮމަންޑޫ މޮޑެލް" އެވެ.

ހިތުގެ ފުންމިނުން ޝުކުރުވެރިވާ ޙާލު ޑޮކްޓަރ އަހުމަދު އަންވަރާއި ލޮބުވެތި ޢާއިލާ ދުޅަހެޔޮ ސިއްޙަތެއްގައި ލަހައްޓަވައި، ހެޔޮގޮތްތައް މިންވަރު ކުރެއްވުން އެދި ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *