"މިއެއްޗެހި އަހަރެމެންނަށް ކުރިންވެސް އެނގޭ"
މިއީ ކޮންމެ މުދައްރިސަކަށްވެސް ތަފާތު ގޮތްގޮތަށް އަޑުއިވިފައިވާނެ ޖުމްލައެކެވެ. އަޅުގަނޑުގެ އިނގިރޭސި ކުލާހުގައި "މައިގަނޑު ހިޔާލު"އާ ބެހޭގޮތުން ވާހަކަދައްކަން ފެށުމުން ކުދިން ބުނެއެވެ: "އަހަރެމެން ޕްރައިމަރީ ގްރޭޑްތަކުން ފެށިގެންވެސް މި އުޅެނީ މައިގަނޑު ހިޔާލު ހޯދާށެވެ.
އެކުދިން އެބުނަނީ ތެދެކެވެ. އެ ލަފުޒުގެ މާނައަކީ ކޮބައިތޯ އެހުމުން އެކުދިން ކިޔައިދެއެވެ. ނަމަވެސް، އެކުދިންގެ ފެންވަރާ ގުޅޭ، މީގެ ކުރިން ނުދެކޭ ލިޔުމެއް އެކުދިންގެ ކުރިމައްޗަށް ދިނުމުން ކަންތައްތައް އުނދަގޫވެގެންދެއެވެ. ބައެއް ކުދިން ހޮވަނީ ލިޔުމުގައިވާ ޝައުގުވެރި ތަފުސީލެކެވެ. އަނެއްބަޔަކު ފާހަގަކުރަނީ ހަމައެކަނި މައުޟޫއެވެ.
އެ ކޮންސެޕްޓަކީ ދަންނަ އެއްޗަކަށް ވިޔަސް، އަމަލީގޮތުން އެ ބޭނުންކުރުން މާ އުނދަގުލެވެ.

މިއީ ތައުލީމީ ހުރިހާ މާއްދާއެއްގައިވެސް ކަންހިނގާ ގޮތެވެ. ހިސާބު ކުލާހުގައި ކުއްޖަކަށް ފޯމިއުލާއެއް އެނގުނަސް، އެ ބޭނުންކުރަންވީ ވަގުތު ދެނެގަންނަން އުނދަގޫވެއެވެ. ސައިންސް ކުލާހުގައި "ފޮޓޯސިންތެސިސް" މާނަކުރަން އެނގުނަސް، އެ މަރުހަލާއަށް ބަދަލެއް އައުމުން ވާނެގޮތް އަންދާޒާކުރަން ދަތިވެއެވެ. ތާރީޚު ކުލާހުގައި "ޗެކްސް އެންޑް ބެލެންސަސް" ގެ މާނަ އެނގުނަސް، އާ ހާލަތެއްގައި އެ ތަންފީޒުވާ ގޮތް ދެނެގަންނަން އުނދަގޫވެއެވެ. އަދި ލިޔުންތެރިޔާގެ މަގުސަދު (author’s purpose) އެނގޭތާ އަހަރުތަކެއް ވެފައިވާ ކުއްޖަކަށްވެސް، ވަކި ޕެރަގްރާފެއް ލިޔުންތެރިޔާ ހިމެނި ސަބަބު ބަޔާންކޮށްދޭން ދަތިވެދާނެއެވެ.
އެކުދިންނަށް އެ ލަފުޒުތައް އެނގެއެވެ. ނަމަވެސް އުފެދޭ ސުވާލަކީ، އެ ލަފުޒުތަކުގެ ބޭނުން ހިފަން އެނގޭތޯއެވެ؟
ނަފްސާނީ އިލްމުވެރިން މިކަމަށް ކިޔަނީ "ޕްރޮސެސިންގ ފްލުއެންސީ" އެވެ. މިއީ މައުލޫމާތެއް ސިކުނޑިން ފަސޭހައިން ދެނެގަނެވޭ ކަމުގެ އިހުސާސެވެ. މައްސަލައަކީ މި ފަސޭހަކަމަކީ އެކަމެއް ފުރިހަމައަށް ދަސްވެފައިވާކަމުގެ ހެއްކެއް ކަމުގައި ބެލުމެވެ. މި ނުބައި ގަބޫލުކުރުމުގެ ސަބަބުން "އިލޫޝަން އޮފް ކޮމްޕިޓެންސް" ނުވަތަ ކަމަކަށް ކުޅަދާނަވެފައިވާކަމަށް ހީވާ ހީވުން އުފެދެއެވެ.
އަހަރެމެންގެ ސިކުނޑި ވަރަށް ފަސޭހައިން މި ނިންމުން ނިންމައެވެ: "މިއީ ދަންނަ އެއްޗެއް، އެހެންވީމާ މިއީ އަހަރެން ދަންނަ ކަމެއް.
ނަމަވެސް، އެއްޗެއް ދަންނަހެން ހީވުމަކީ ކުރިން އެ އެއްޗަކާ ބައްދަލުވެފައިވާ ކަމުގެ ނިޝާނެކެވެ. އޭގެ މާނައަކީ އަމިއްލައަށް އެ މައުލޫމާތު ހަނދާނަށް ގެނައުމާއި، މާނަކޮށްދިނުމާއި، ވަކިކޮށް ދެނެގަތުމާއި، ނުވަތަ އަމަލީ ގޮތުން ބޭނުންކުރަން އެނގުމެއް ނޫނެވެ.
ކަމެއް އެނގިފައިވާކަމަށް ހީވުމުގެ މުހިންމުކަން
އަހަރެމެންނަށް އެނގޭ މިންވަރު ނުބައިކޮށް ވަޒަންކުރެވުމުން، އަހަރެމެން އަމަލުކުރާ ގޮތަށް ބަދަލު އާދެއެވެ. ދަރިވަރުންނަށް ކަމެއް ފުރިހަމައަށް އެނގިފައިވާކަމަށް ގަބޫލުކުރެވޭނަމަ، އެކަމެއް ހަގީގަތުގައި ދަސްކުރުމަށް ބޭނުންވާ ސަމާލުކަމާއި، ހިތްވަރާއި، ފަރިތައެއް ނުކުރާނެއެވެ.
ތިމާއަށް ކުރިން އެނގޭ ކަމަށް ހީވާ ކަމަކާ ބެހޭ ފިލާވަޅެއްގައި އިށީނދެގެން އިންނަ މީހަކަށް އަމިއްލަ ނަފްސު ތަޞައްވަރުކޮށްލާށެވެ. އެ ފިލާވަޅަށް ފަރުވާތެރިކަމާއެކު އަޑުއަހައި، ސުވާލުކޮށް، ފަރިތަކުރާނެތޯއެވެ؟ ބޮޑަށް ބެލެވެނީ ނޫން ކަމަށެވެ. ސިކުނޑިން މިހާރުވެސް "އެނގޭ" އެއްޗެއްގެ ގޮތުގައި ފާހަގަކޮށްފައިވާ ކަމަކަށް އިތުރު ވަގުތާއި ހަކަތަ ހޭދަކުރަންވީ ކީއްވެގެންތޯއެވެ؟ ދިރާސާތަކުން ދައްކާގޮތުގައި ކިޔަވާ ކުދިން އެކުދިންނަށް ދަސްވެފައިވާ މިންވަރު ވަޒަންކުރާ ގޮތުގެ މައްޗަށް ބިނާކޮށް، ކިޔަވަން ހޭދަކުރާނެ ވަގުތާއި އިތުރަށް ފަރިތަކުރުން ބޭނުންވޭތޯ ނިންމައެވެ.

މީގެ ސަބަބުން ނޭދެވޭ ނަތީޖާއެއް ނުކުމެދާނެއެވެ: ކަމެއް ދަންނަހެން ހީވުމުން "މިއީ އަހަރެން ދަންނަ އެއްޗެއް" ކަމަށް ކުއްޖާ ގަބޫލުކުރެއެވެ. ނަތީޖާއެއްގެ ގޮތުން ސަމާލުކަންދޭ މިންވަރު ކުޑަވެ، ފަރިތަކުރުން މަދުވެއެވެ. އެއަށްފަހު، ދޭ އެހީތެރިކަން ކެނޑުމުން ނުވަތަ ހާލަތު ބަދަލުވުމުން، އެކުއްޖާ ހީކުރި ވަރަށް އެ މައުލޫމާތު ސިކުނޑީގައި ހަރުލާފައި ނެތްކަން ހާމަވެއެވެ.
ދަރިވަރުން އިތުރު މަސައްކަތެއް ކުރުމަށް ބާރުއެޅުމުގެ ކުރިން، ބައެއް ފަހަރު އެކުދިންގެ އުނގެނުން ހުރި މިންވަރު ސީދާކޮށް ދެނެގަތުމަށް އެހީތެރިވާން ޖެހެއެވެ. "ތިކުދިންނަކަށް އަދި މިކަމެއް ނޭނގެއޭ" ބުނުމުގެ ބަދަލުގައި، އެކުދިންގެ އުނގެނުމުގައި ހުރި ހުސްކަން އަމިއްލައަށް ދެނެގަތުމަށް ފުރުސަތު ދިނުމަކީ މާ ފައިދާހުރި ގޮތެކެވެ.
"އިލޫޝަން އޮފް ކޮމްޕިޓެންސް" އާ ދެކޮޅަށް ކުރެވިދާނެ 4 ކަމެއް
- ހަނދާނަށް ގެނައުން: ނޯޓުތަކާ ނުލައި ހަނދާނުން މައުލޫމާތު ނެރެވިދާނެތޯ؟
ފުރަތަމަ ކަމަކަށް، ކިޔަވައިދޭއިރު ޖަވާބުތައް ދަރިވަރުންގެ ކުރިމަތިން ދުރުކުރާށެވެ. ދަންނަ އެއްޗެއްގެ ގޮތުގައި އިހުސާސްވާ ކޮންސެޕްޓެއް އަލުން ކިޔަވައިދިނުމުގެ ކުރިން، ނޯޓުތައް ލައްޕާލުމަށްފަހު އެކަމާ ބެހޭގޮތުން ހަނދާން ހުރި ހުރިހާ އެއްޗެއް 60 ސިކުންތު ތެރޭގައި ލިޔުމަށް ދަރިވަރުންގެ ކިބައިން އެދެމެވެ.
ހިސާބު މުދައްރިސަކަށް ހިސާބު ހަދާނެ ގޮތުގެ މަރުހަލާތައް އަލުން ލިޔަން ބުނެވިދާނެއެވެ. ސައިންސް މުދައްރިސަކަށް ސެލް އެއްގެ ކުރެހުން ހަނދާނުން ކުރަހަން ބުނެވިދާނެއެވެ. ތާރީޚު މުދައްރިސަކަށް ފޮތް ހުޅުވުމުގެ ކުރިން ހާދިސާއެއް ކިޔައިދޭން ބުނެވިދާނެއެވެ.
މިއީ ކުދިން "އަތުލައިގަތުމަށް" ކުރާ ކަމެއް ނޫނެވެ. މީގެ ބޭނުމަކީ "އެނގޭ ކަމުގެ އިހުސާސް" ގެ ބަދަލުގައި "އެނގިފައިވާ މިންވަރުގެ ހެކި" ހޯދުމެވެ.

ދިރާސާވެރިން ބުނާގޮތުގައި، ހަމައެކަނި އަލުން ކިޔުމުގެ ބަދަލުގައި ހަނދާނުން މައުލޫމާތު ނެރުމަކީ ފަހުން އެ މައުލޫމާތު ހަނދާނުގައި ބެހެއްޓުމަށް ލިބޭ ވަރަށް ބޮޑު ބާރެކެވެ.
- މާނަކޮށްދިނުން: ސަބަބު ކިޔައިދެވިދާނެތޯ؟
ރަނގަޅު ޖަވާބުތަކުގެ ފަހަތުގައި ބަލިކަށި ދަސްވުމެއް ފޮރުވިފައި އޮވެދާނެއެވެ. އެހެންކަމުން ދަރިވަރުންގެ މަސައްކަތަށް އެއް ސުވާލު އިތުރުކޮށްލާށެވެ: "ތިޔަކަން އެނގުނީ ކިހިނެއް؟"
ކުއްޖަކު ހިސާބު މައްސަލައެއް ރަނގަޅަށް ހައްލުކޮށްފިނަމަ، "އެގޮތަށް އެކަން ކުރީ ކީއްވެ؟" އަހާށެވެ. މައިގަނޑު ހިޔާލު ހޯދައިފިނަމަ، "މިއީ މައިގަނޑު ހިޔާލަށް ވެފައި، މިއީ ތަފްސީލަކަށްވީ ކީއްވެ؟" އަހާށެވެ.
ދިރާސާތަކުން ދައްކާގޮތުގައި، ކަންކަން އަމިއްލައަށް ތަފްސީލުކޮށްދޭން ޖެހޭ ކުދިންގެ އުނގެނުން، ހަމައެ
ކަންޏާ ހަމައެކަނި ދެ ފަހަރު ކިޔާލާ ކުދިންނަށްވުރެ މާ ބޮޑަށް އިތުރުވެގެންދެއެވެ.
އެއްޗެއް ދެނެގަތުމަކީ (Recognition) ޖަވާބެއް ހޮވުމަށް ފުދޭ ކަމަކަށް ވިޔަސް، އެކަމެއް މާނަކޮށްދިނުމަށްޓަކައި އެ ޖަވާބުގެ ފަހަތުގައިވާ ފިކުރީ ބަހާތައް އަލުން ބިނާކުރަން ޖެހެއެވެ. މީގެ ސަބަބުން މައުލޫމާތު ހަނދާނުގައި ރައްކާކުރާއިރު، އެކަމެއް އެނގިފައިވާ މިންވަރު ވަޒަންކުރުމުގެ ފުރުސަތު ދަރިވަރުންނަށް ލިބިގެންދެއެވެ.
- މަސްހުނިކުރުން: އެއްގޮތް ހިޔާލުތައް ވަކިކުރަން އެނގޭތޯ؟
ކުލާސްތަކުގައި ފަރިތަކުރުންތައް މާ ތަރުތީބުކޮށް ރާވާފައި ހުރުމުން، ކުދިންނަށް ދަސްވެފައިވާ މިންވަރު ހަގީގަތަށްވުރެ ބޮޑުކޮށް ފެނިދާނެއެވެ. މިސާލަކަށް، އެއް ބާވަތެއްގެ ހިސާބު މައްސަލައެއް ދަސްކޮށްދިނުމަށްފަހު، އެއާ އެއްގޮތް 20 މައްސަލަ ހަދަން ދިނުމުން، ކުދިން ވަރަށް އަވަހަށް އެ ނިންމާލާނެއެވެ. ނަމަވެސް އެ ހާލަތުގައި އެކުދިން ކުރަންޖެހޭ މުހިންމު ނިންމުމެއް އުނިވެއެވެ: "މިއީ ކޮން ކަހަލަ މައްސަލައެއް ހެއްޔެވެ؟" އެ ސުވާލުގެ ޖަވާބު މަސައްކަތު ކަރުދާހުން މިހާރުވެސް އެއޮތީ ދީފައެވެ.
ދިރާސާވެރިންނަށް ފެނުނު ގޮތުގައި، ހިސާބު މައްސަލަތައް އެކި ބާވަތްތަކުން މަސްހުނިކޮށް ދިނުމުން އުނގެނުމަށް ފައިދާ ކުރެއެވެ. ސަބަބަކީ މަސްހުނިކޮށް ހުންނަ ފަރިތަކުރުންތަކުގައި، ކޮންމެ މައްސަލައަކަށް ގުޅޭނެ އުސޫލެއް ނިންމަން ޖެހެނީ ދަރިވަރު އަމިއްލައަށް ކަމަށްވާތީއެވެ.

މި އުސޫލު ހުރިހާ މާއްދާއަކަށްވެސް ފެތެއެވެ: މައުޟޫއާއި މައިގަނޑު ހިޔާލު، މައިޓޯސިސްއާއި މިއޯސިސް، އޭރިއާއާއި ޕެރިމީޓަރު، ނުވަތަ ފުރަތަމަ މަސްދަރާއި ދެވަނަ މަސްދަރު ވަކިކުރުން ފަދަ ކަންކަމުގައެވެ.
ރަނގަޅު ޖަވާބާއެކު، އޭގެ ރަނގަޅު ޖަވާބާ ވަރަށް އެއްގޮތް އެހެން ނަމަވެސް ނުބައި ޖަވާބެއް ބާއްވާފައި "މީގެ ތަފާތަކީ ކޮބައިތޯ؟" އަހާށެވެ. ބައެއް ފަހަރު ކަމެއް އެންމެ ސާފުކޮށް އެނގެނީ، އެކަމެއް ރަނގަޅުވާ ސަބަބު އެކަނި ބަޔާންކޮށްދިނުމުގެ ބަދަލުގައި، އެއާ އެއްގޮތް އެހެން ކަމެއް ނުބައިވާ ސަބަބުވެސް ކިޔައިދޭން އެނގުމުންނެވެ.
- ބަދަލުކުރުން: އާ ހާލަތެއްގައި އެ މައުލޫމާތު ބޭނުންކުރަން އެނގޭތޯ؟
"ޕްރޮސެސިންގ ފްލުއެންސީ" ނުވަތަ ފަސޭހައިން އެނގޭ ކަމުގެ ހީވުމާ ދެކޮޅަށް ކުރެވޭނެ އެންމެ ފަހު އިމްތިހާނަކީ މައުލޫމާތު އާ ހާލަތަކަށް ބަދަލުކުރުމެވެ. ކުރިން ފަރިތަކުރި ލިޔުންތަކުން މައިގަނޑު ހިޔާލު ހޯދަން އެނގޭނަމަ، ދެން ދަރިވަރުންނަށް ދޭނީ މުޅިން ތަފާތު ލިޔުމެއް ނުވަތަ ސައިންޓިފިކް ލިޔުމެކެވެ. ހިސާބު މުދައްރިސަކަށް ދަންނަ ކޮންސެޕްޓެއް ނުދަންނަ މައްސަލައެއްގެ ތެރެއަށް ލެވިދާނެއެވެ. ސައިންސް މުދައްރިސަކަށް މާހައުލަށް ބަދަލެއް ގެނައުމަށްފަހު ދެން ވާނެ ގޮތް އަންދާޒާކުރަން ބުނެވިދާނެއެވެ.
މިފަދަ ފަރިތަކުރުންތަކުގެ ސަބަބުން މައުލޫމާތު ހަނދާނުގައި ހުރުމުގެ އިތުރުން، އާ ހާލަތްތަކަށް އެ މައުލޫމާތު ބޭނުންކުރުމުގެ ގާބިލިއްޔަތު އިތުރުވެއެވެ. ތަކުރާރުކޮށް ކުރާ އެއް މަސައްކަތަކަށް ކުދިން ވަރަށް މޮޅުވެދާނެއެވެ. ނަމަވެސް "ޓްރާންސްފާ" ނުވަތަ ބަދަލުކުރުމުގައި ބޭނުންވަނީ މާ އުނދަގޫ ކަމެކެވެ: ކިޔަވައިދިން ފިލާވަޅާ އެއްގޮތަށް ދުނިޔެ ނުފެންނަ ހާލަތެއްގައިވެސް އެނގޭ އެއްޗެއްގެ ބޭނުން ހިފޭނެތޯއެވެ؟ މިއީ ދަރިވަރުންނަށް އެކުދިންގެ އުނގެނުން އާ ނަޒަރަކުން ވަޒަންކުރުމަށް ލިބޭ ފުރުސަތެކެވެ.
އެނގުމުން ފެށިގެން ފުރިހަމައަށް ދަސްވުމާ ހަމައަށް
ދަރިވަރުން "ދަސްވުން" ނުވަތަ "މާސްޓަރީ" އާ މެދު ދެކޭގޮތް ބަދަލުކުރަން ޖެހެއެވެ. އެނގުމަކީ ހަމައެކަނި ހިތަށް އަރާ އިހުސާސެއް ނޫނެވެ. ދަރިވަރުންނަށް އެކުދިންގެ އިލްމު އާ ގޮތްގޮތަށް ބޭނުންކޮށް، އެނގޭ ކަމަށް ހީވާ އެއްޗަކީ ހަގީގަތުގައިވެސް ފުރިހަމައަށް ދަސްވެފައިވާ އެއްޗެއްތޯ ބެލުމުގެ ފުރުސަތު ބޭނުންވެއެވެ.
ނޯޓުތަކާ ނުލައި ހަނދާނަށް ގެނެވޭތޯ؟ ކަން ހިނގާ ސަބަބު ބަޔާންކޮށްދެވޭތޯ؟ އެއްގޮތް ކަންކަމުގެ ތަފާތު އެނގޭތޯ؟ އަދި އާ ހާލަތެއްގައި ބޭނުންކުރެވޭތޯ؟
މި އިމްތިހާނުތަކުގެ ސަބަބުން ކުދިންގެ ޝައުގުވެރިކަމަށްވެސް ބަދަލު އާދެއެވެ. "މިއީ އަހަރެން މިހާރުވެސް ދަންނަ އެއްޗެއް" ކަމަށް ހީކުރާ ކުއްޖާއަށް އިތުރު މަސައްކަތެއް ކުރާނެ ސަބަބެއް ނޯވެއެވެ. ނަމަވެސް، ހަނދާނަށް ގެނައުމަށް އުނދަގޫވުމުން ނުވަތަ އާ ހާލަތެއްގައި ބޭނުންކުރަން ނޭނގުމުން، އިތުރަށް ކިޔަވަން ޖެހޭ ސަބަބު އެކުދިންނަށް އަމިއްލައަށް ފެނިގެންދެއެވެ. އޭރުން އެކުދިން ކުރާ މަސައްކަތުގެ މަގުސަދެއް އޮވެއެވެ.
އެހެންކަމުން، ދަރިވަރުން "މި ފިލާވަޅު އަހަރެމެން ކުރިން ކިޔަވައިފީމޭ" ބުނުމުން، އަޅުގަނޑު އެކަން ބަލަނީ އެކުދިން ކުރާ ދެކޮޅުވެރިކަމެއްގެ ގޮތުގައެއް ނޫނެވެ. އެއީ އެކުދިންގެ ހީވުމެއް ކަމަށް ބަލައިގެން، އެކުދިންނަށް ކަމެއް "އެނގުމާއި" "ފުރިހަމައަށް ދަސްވުމާ" ހުރި ތަފާތު ދެނެގަތުމަށް އަޅުގަނޑު އެހީތެރިވަމެވެ.
އެންމެ ފަހު ނަތީޖާއަކީ، އެނގުމާއި ފުރިހަމައަށް ދަސްވުމަކީ އެކައްޗެއް ނޫންކަން ދަރިވަރުންނަށް ވިސްނުމެވެ. އެނގުމަކީ އުނގެނުމުގެ ފެށުމެވެ. ފުރިހަމައަށް ދަސްވުމަކީ އެ އިލްމެއްގެ ބޭނުން ހިފޭ ހިސާބަށް ދިއުމެވެ. މި ތަފާތު ދަރިވަރުންނަށް އެނގުމުން، އުނގެނޭ ކަމުގެ ހީވުމަށް ބަރޯސާވުމުގެ ބަދަލުގައި، އުނގެނުމުގެ ހަގީގީ ހެކިތަކަށް ސަމާލުކަން ދޭން ފަށާނެއެވެ.
ނޯޓް: މިއީ، ހައި ސްކޫލް އިނގިރޭސި މުދައްރިސެއް ކަމުގައިވާ ކެތްލީން ބީޗްބޯޑް ލިޔެފައިވާ ލިޔުމެއްގެ ތަރުޖަމާއެކެވެ. ކެތްލީން ބީޗްބޯޑަކީ އުންމީދާއި ހިތްވަރު ދިނުމުގެ އިލްމު ބޭނުންކޮށްގެން، އިންސާނުންގެ ދިރިއުޅުން އާރާސްތުކޮށް ކުރިއެރުވުމަށް މަސައްކަތްކުރާ ފަރާތެކެވެ. ތައުލީމީ ދާއިރާގެ މާހިރެއްގެ އިތުރުން އޭނާއަކީ ލިޔުންތެރިއެއް، ކީނޯޓް ސްޕީކަރެއް އަދި ދިރާސާވެރިއެކެވެ. އޭނާގެ މަސައްކަތްތައް ބިނާވެފައިވަނީ ނަފްސާނީ އިލްމާއި ނިއުރޯސައިންސްގެ ހޯދުންތައް ބޭނުންކޮށްގެން، ދަރިވަރުންނާއި މުދައްރިސުންގެ އަމިއްލަ ބާރުވެރިކަމާއި، ހިތްވަރާއި، ތައުލީމީ ނަތީޖާ އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް އެހީތެރިވެދޭ އަމަލީ އުސޫލުތަކެއް ކަނޑައެޅުމުގެ މައްޗަށެވެ. ކެތްލީން ވަނީ ނަފްސާނީ އިލްމުގެ ދާއިރާއިން މާސްޓާޒް ޑިގްރީ ހާސިލުކޮށްފައެވެ. އަދި މިހާރު އޭނާ ގެންދަނީ ޕޮޒިޓިވް ސައިކޮލޮޖީގެ ދާއިރާއިން ޑޮކްޓަރޭޓަށް ކިޔަވަމުންނެވެ.
advertisment
ހިޔާލު