ފޮތްތަކަށްވުރެ ފުޅާ ދައުރެއް: ކޮންމެ އުނގެނުމުގެ ދަތުރެއްގެ ފަހަތުގައިވާ ކުތުބުދާރު

ނަޝީދާ މުޙައްމަދު

ލައިބްރޭރިއަނުން ނުވަތަ ކުތުބުދާރުންގެ ވާހަކަ ދެކެވޭހިނދު، ގިނަ ބައެއްގެ ސިކުނޑިއަށް ސިފަވަނީ ހަމައެކަނި ހަރުގަނޑުތަކުގައި ފޮތްތައް އަތުރައި، ފޮތް ދޫކޮށް ބަލައިގަންނަ ބައެއްގެ ގޮތުގައެވެ. ބައެއް މީހުން ދެކޭގޮތުގައި މިއީ ހަމައެކަނި ވަޒީފާއެކެވެ. ފަންނީ މަސައްކަތެއް ނޫނެވެ.

ކުތުބުދާރުންނަކީ ހަމައެކަނި ފޮތްތަކުގެ ބަލަދުވެރިއެއް ނޫނެވެ.

ޒަމާނީ ކުތުބުދާރުންނަކީ މީހުންނާއި މަޢުލޫމާތު ގުޅުވައިދޭ ފަންނީ މާހިރުންނެވެ. އެ ބޭފުޅުންނަކީ މަޢުލޫމާތު ތަރުތީބުކޮށް ބެލެހެއްޓުމާއި، އިތުބާރު ހުރި މަސްދަރުތައް ހޯދުމުގައި އެހީތެރިވުމާއި، އިލްމީ ދިރާސާތަކަށް އެއްބާރުލުން ދިނުމާއި، ކިޔުމުގެ އާދަ އަށަގަންނުވައި، ޑިޖިޓަލް ވަސީލަތްތައް ތަޢާރަފުކޮށްދޭ ބައެކެވެ. އަދި މަޢުލޫމާތު ހޯދާނެ ގޮތާއި، އޭގެ ސައްހަކަން ކަށަވަރުކޮށް، އެންމެ ފައިދާހުރި ގޮތުގައި ބޭނުންކުރާނެ ގޮތް ދަސްކޮށްދޭ މުދައްބިރުންނެވެ.

ސްކޫލް ލައިބްރޭރިއަނުންގެ މުހިންމު ދައުރު

ރާއްޖޭގައި ގިނަ ލައިބްރޭރިއަނުން މަސައްކަތް ކުރަނީ ސްކޫލްތަކުގެ ލައިބްރަރީތަކުގައެވެ. ދަރިވަރުންގެ ތަޢުލީމީ ޙަޔާތުގައި އެ ބޭފުޅުން އަދާކުރަނީ ނުހަނު މުހިންމު ދައުރެކެވެ.

އެ ބޭފުޅުން ދަރިވަރުން ފޮތް ކިޔުމަށް ޝައުގުވެރިކުރުވައި، އެ ކުދިން ގަޔާވާފަދަ ފޮތްތައް ހޯދުމަށް މަގުދައްކައިދެއެވެ. އަދި ފިލާވަޅުތަކާއި ދިރާސާތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ، މަޢުލޫމާތު ހޯދާނެ ތަފާތު ވަސީލަތްތައް ތަޢާރަފުކޮށްދީ، ކިޔުމާއި މަޢުލޫމާތު ހޯދުމުގެ ހުނަރު އިތުރުކޮށްދޭނެ ހަރަކާތްތައް ރާވައި ހިންގައެވެ.

ބައެއް ދަރިވަރުންނަށް، އެ ކުދިން އެންމެ ގަޔާވާ ފުރަތަމަ ފޮތް ހޯދައިދޭ ފަރާތަކީ އެކުދިންގެ ސްކޫލް ލައިބްރޭރިއަންއެވެ. އަދި އަނެއްބައި ކުދިންނަށް، ސުކޫލްޕުރޮޖެކްޓު ތަކާއި އެސައިންމަންޓްތަކަށް ބޭނުންވާ އިތުބާރު ހުރި މަޢުލޫމާތު ހޯދާނެ ގޮތް ދަސްކޮށްދޭ މީހަކީވެސް އެއީއެވެ. މިއީ ކުދިކުދި ކަންތައްތަކެއްގެ ގޮތުގައި ފެނުނު ކަމުގައިވިޔަސް، މިއީ ކުއްޖެއްގެ އުނގެނުމުގެ ދަތުރުގައި ދެމިގެންދާނެ ވަރުގަދަ އަސަރުތަކެކެވެ.

ބަދަލުވަމުންދާ ދުނިޔޭގައި ކުތުބުޚާނާ

މިއަދުގެ ކުތުބުޚާނާތަކަކީ ހަމައެކަނި ޗާޕުކޮށްފައިވާ ފޮތްތައް ހުންނަ ހަރުގަނޑުތަކެއް ނޫނެވެ. އެއީ ޑިޖިޓަލް ފޮތްތަކާއި، މަޢުލޫމާތު ރައްކާކުރެވިފައިވާ ޑޭޓާބޭސްތަކާއި، ރިފަރެންސް މެޓީރިއަލްތަކުގެ އިތުރުން އޮންލައިން ވަސީލަތްތަކާއި ތަޢުލީމީ ޓެކްނޮލޮޖީއަށް މަގުފަހިކޮށްދޭ މަރުކަޒުތަކެކެވެ.

މަޢުލޫމާތާއި ޓެކްނޮލޮޖީއަށް އަންނަމުންދާ ބަދަލުތަކާއެކު، ކުތުބުދާރުންވެސް އަންނަނީ އައު ހުނަރުތައް ދަސްކޮށް ތަރައްޤީވަމުންނެވެ. އެ ބޭފުޅުންގެ މަސައްކަތުގައި މަޢުލޫމާތު ބެލެހެއްޓުމާއި، ޓެކްނޮލޮޖީއާއި، ދިރާސާކުރުމާއި، މުޢާމަލާތުކުރުމުގެ އިތުރުން ތަޢުލީމީ އަދި ކުތުބުޚާނާގެ ޚިދުމަތްތަކާ ގުޅޭ ފަންނީ ޢިލްމު ބޭނުންވެއެވެ.

އެހެންކަމުން، 'ލައިބްރޭރިއަންޝިޕް' ނުވަތަ ކުތުބުޚާނާ ބެލެހެއްޓުމަކީ ފަންނީ ތަޢުލީމާއި ތަމްރީނު ބޭނުންވާ ޚާއްޞަ ދާއިރާއެކެވެ.

ދިވެހިރާއްޖޭގައި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން އަންނަނީ 'ލައިބްރަރީ އެންޑް އިންފޮމޭޝަން މެނޭޖްމަންޓް’ގެ ދާއިރާއިން އެޑްވާންސް ސެޓްފިކެޓް ފެންވަރުން ފެށިގެން ބެޗްލަރސް ޑިގްރީއާ ހަމައަށް ތަފާތު ޕްރޮގްރާމްތައް ހިންގަމުންނެވެ. މިއީ މި ދާއިރާއިން ފަންނީ ތަޢުލީމު ހާސިލުކޮށް، ކުރިއަށްދިއުމަށް ބޭނުންވާ ފަރާތްތަކަށް ހުޅުވިފައިވާ ރަނގަޅު ފުރުޞަތެކެވެ.

ކުތުބުޚާނާގެ މުވައްޒަފުން މުހިންމުވާ ސަބަބު

ދަރިވަރުންނަށް ބޭނުންވަނީ ހަމައެކަނި ކްލާސްރޫމްތަކާއި ފޮތްތަކެއް ނޫނެވެ. އަމިއްލައަށް ކަންކަން ހޯދައި ބަލައި، ސުވާލުކޮށް، އަމިއްލަ އިސްނެގުމާއެކު އުނގެނުމުގެ ފުރުޞަތު އެ ކުދިންނަށް ބޭނުންވެއެވެ. ފުރިހަމަ ކުތުބުޚާނާއަކުން އެ ފުރުޞަތު ފަހިކޮށްދޭއިރު، ހުނަރުވެރި ލައިބްރޭރިއަނަކީ އެ ފުރުޞަތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ދަރިވަރުންނަށް އެހީތެރިވެދޭ ފަރާތެވެ.

ހަމައެއާއެކު، ދިރާސާކުރާ ފަރާތްތަކުން އިތުބާރު ހުރި މަސްދަރުތައް ހޯދުމަށާއި، މަޢުލޫމާތަށް ވާޞިލުވުމަށާއި، ނަތީޖާ ނެރެވޭފަދަ ދިރާސާ އުކުޅުތައް ބޭނުންކުރުމުގައި ކުތުބުޚާނާތަކާއި އެތަނުގެ މުއައްޒަފުންގެ އެހީތެރިކަމަށް ބަރޯސާވެއެވެ.

މަޢުލޫމާތު އިންތިހާއަށް ގިނަވެފައިވާ މިއަދުގެ ދުނިޔޭގައި، އޭގެ ތެރެއިން އެންމެ ރަނގަޅު އަދި އިތުބާރު ހުރި މަޢުލޫމާތު ހޯދަން އެނގުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.

އެހެންކަމުން، ކުތުބުޚާނާގެ މުވައްޒަފަކު ފޮތްތައް އަތުރަން ހުއްޓާ ދެން ފެންނަ ފަހަރަކު، އެއީ ހަމައެކަނި ފޮތްތަކެއް ތަރުތީބުކުރުން ނޫންކަން ހަނދާންކުރަންޖެހެއެވެ.

އެ ބޭފުޅުން އެ ކުރައްވާ މަސައްކަތަކީ: ޢިލްމާއި މަޢުލޫމާތު ތަރުތީބުކުރުމެވެ. އުނގެނުމަށް އެހީތެރިވެދިނުމެވެ. ކިޔުމުގެ ޝައުގުވެރިކަން އިތުރުކުރުމެވެ. މަޢުލޫމާތު ހޯދާ ފަރާތްތަކަށް މަގުދައްކައިދިނުމެވެ. އަދި މާދަމާގެ އުނގެނޭނެ ޖީލުތަކާއި ދިރާސާވެރިން ބިނާކުރުމަށް އެހީތެރިވުމެވެ.

ލައިބްރޭރިއަނުންނަކީ ހިމޭންކަމާއެކު މަސައްކަތްކުރާ ބައެއް ކަމުގައި ވިޔަސް، ތަޢުލީމީ ދާއިރާއަށާއި މުޅި މުޖުތަމަޢަށް އެ ބޭފުޅުން ކުރައްވާ ޚިދުމަތަކީ ނުހަނު އަގުހުރި މަސައްކަތެކެވެ.

މިއަދު ލައިބްރޭރިއަނުންނާ މެދު ދެކޭ ގޮތް ބަދަލުކުރަން ވެއްޖެއެވެ. އެ ބޭފުޅުންނަކީ ހަމައެކަނި ކުތުބުޚާނާއެއްގައި ވަޒީފާ އަދާކުރާ ބައެއްގެ ގޮތުގައި ދެކުމުގެ ބަދަލުގައި، މީހުންނާއި އިލްމު ގުޅުވައިދީ، އުނގެނުމަށް ލޯބިކުރާ މުޖުތަމަޢެއް .ބިނާކުރުމަށް މަސައްކަތްކުރާ ފަންނީ މާހިރުންގެ ގޮތުގައި ބަލައިގަންނަން ޖެހެއެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *