ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން "އެޖް 2026″ގެ ނަމުގައި މުވައްޒަފުންނަށް ޚާއްޞަކޮށްގެން ކޮންފަރެންސެއް ފަށައިފިއެވެ. މި ކޮންފަރެންސް ފެށީ ހެކިތަކުގެ މައްޗަށް ބިނާވެފައިވާ ކިޔަވައިދިނުމާއި އައު އީޖާދުތަކަށް ބާރުއަޅަމުންނެވެ. މިއީ އުނގަންނައިދިނުމާއި އުނގެނުމުގެ ދާއިރާއަށް ޚާއްޞަކޮށްގެން އެ ޔުނިވަރސިޓީން ބާއްވާ ފުރަތަމަ އެތެރޭގެ ކޮންފަރެންސެވެ. މި ކޮންފަރެންސްގެ މަޤްޞަދަކީ ތަޢުލީމުގެ ފެންވަރު މަތިކުރުމާއި، ހެކިތަކުގެ މައްޗަށް ބިނާކޮށް ކިޔަވައިދިނުމުގެ އުޞޫލުތައް ހަރުދަނާކޮށް، މެދުނުކެނޑި ކަންކަން އިޞްލާޙުކުރުމަށް ޔުނިވަރސިޓީން ކުރާ މަސައްކަތްތައް ވަރުގަދަކުރުމެވެ.
ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ތަޤުރީރު ކުރައްވަމުން ވައިސް ޗާންސެލަރ ޢާއިޝަތު ޝެހެނާޒް އާދަމް ވަނީ، ހަމައެކަނި ކިޔަވައިދޭ އެއްޗަކަށް ސަމާލުކަން ދިނުމުގެ ބަދަލުގައި، ދަރިވަރުންނަށް އުނގެނެވެނީ ކިހާވަރަކަށްތޯ ބެލުމަށް އެކަޑެމިކް މުވައްޒަފުންނަށް ގޮވާލައްވާފައެވެ. "ދަރިވަރުންނަށް އުނގެނޭކަން އަހަރެމެންނަށް އެނގެނީ ކިހިނެއް؟" މި ޝިއާރުގެ ދަށުން ދެއްކެވި ވާހަކަފުޅުގައި، ދަރިވަރުންގެ މަސައްކަތްތަކާއި، އިމްތިޙާނުތަކާއި، ކްލާސްތަކުގައި ބައިވެރިވާ މިންވަރާއި، ފީޑްބެކް އަދި ދިރާސާތަކުން ލިބޭ ހެކިތައް ބޭނުންކޮށްގެން ކިޔަވައިދިނުން އިޞްލާޙުކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

ވައިސް ޗާންސެލަރ އިތުރަށް ވިދާޅުވީ، ހެކިތަކުގެ މައްޗަށް ބިނާވެފައިވާ ކިޔަވައިދިނުމަކީ ހަމައެކަނި ދިރާސާތަކުން ބުނާ ގޮތަށް ކިޔަވައިދިނުން ނޫން ކަމަށެވެ. އޭގެ ބަދަލުގައި، ދިރާސާތަކުން ލިބޭ މަޢުލޫމާތާއެކު މުދައްރިސުންގެ ތަޖުރިބާއާއި، ދަރިވަރުންގެ ފެންވަރު އަދި ކިޔަވައިދޭ މާޙައުލަށް ރިޢާޔަތްކުރުން މުހިންމު ކަމަށެވެ. އަދި އެ މީހަކު ކިޔަވައިދޭ ދާއިރާއަކުން އެންމެ ފަހުގެ ދިރާސާތަކަށް އަހުލުވެރިވުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، އާޓިފިޝަލް އިންޓެލިޖެންސްގެ ސަބަބުން މަތީ ތަޢުލީމަށް އަންނަމުންދާ ބަދަލުތަކަށްވެސް ވައިސް ޗާންސެލަރ އަލިއަޅުވާލެއްވިއެވެ. އެއީ ހަމައެކަނި މަނާކުރަންޖެހޭ ނުވަތަ ބޭނުންކުރަންޖެހޭ އެއްޗެއްގެ ގޮތުގައި ދެކުމުގެ ބަދަލުގައި، ދަރިވަރުން އުނގެނެންވީ ކޮން ކަންތައްތަކެއްތޯއާއި، މިހާރު ހުރި އިމްތިޙާނު ކުރުމުގެ އުޞޫލުތަކުން ދަރިވަރުންގެ އުނގެނުން ރަނގަޅަށް ވަޒަންކުރެވޭތޯ އަލުން ވިސްނުމަށް އިރުޝާދު ދެއްވިއެވެ. ކިޔަވައިދިނުމުގައި އައު އީޖާދުތައް ގެންނަންވާނީ ވަކި މަޤްޞަދެއް އޮވެގެން ކަމަށާއި، އައު ޓެކްނޮލޮޖީއެއް ނުވަތަ ވަޞީލަތެއް ބޭނުންކުރުމަކީ އޭގެ ޒާތުގައި އުނގެނުން ރަނގަޅުވާނެ ކަމެއް ނޫންކަން ފާހަގަކުރެއްވިއެވެ. މިގޮތުން "މަޤްޞަދަކާއެކު އީޖާދުކުރުމާއި، ހެކިތަކާއެކު ވަޒަންކުރުން" މި އުޞޫލު އިސްކުރުމަށް އެދިވަޑައިގެންނެވިއެވެ.
advertisment
ހިޔާލު