ޑރ. އާސިޔަތު މުޙައްމަދު ދީދީ
ކޮންމެ މުދައްރިސުންގެ ދުވަހަކާ ގުޅުވައިގެން ވެސް، އަޅުގަނޑުގެ ޙަޔާތުގައި ޚާއްޞަ މަޤާމެއް ދެވިފައިވާ ބޭފުޅެއްގެ ވާހަކަ ލިޔެވޭތޯ އަޅުގަނޑު ބަލަމެވެ. މިގޮތަށް ލިޔުމުގެ މައިގަނޑު މަޤްޞަދަކީ، އެ ބޭފުޅުންނަށް އަޅުގަނޑުގެ ހިތުގައިވާ ލޯތްބާއި ޤަދަރު ހާމަކުރުމާއެކު، އެ ބޭފުޅުން ކުރައްވާ އަގުހުރި ޚިދުމަތަށް ހިތްވަރު ދިނުމެވެ. އަޅުގަނޑު އަބަދުވެސް އެދެނީ، ތަޖުރިބާކާރު އަދި ޤާބިލު ބޭފުޅުންގެ ފަރާތުން އާ ކަންކަން އުނގެނި ދަސްކުރުމަށެވެ.
މިއަހަރުގެ މުދައްރިސުންގެ ދުވަސް އަޅުގަނޑު ޚާއްޞަކޮށްލަނީ، އަޅުގަނޑުގެ ހިތުގައި ނުހަނު މަތިވެރި ޤަދަރަކާއި ޢިއްޒަތެއް ދެވިފައިވާ، އަދި އެބޭފުޅެއްގެ މުޅި ޙަޔާތް ހިތަދޫގެ ލޮބުވެތި ދަރިން ތަރުބިއްޔަތު ކުރެއްވުމުގައި ހޭދަކުރައްވާފައިވާ، އަޅުގަނޑުމެން އެންމެންގެ ލޯބިވާ މަރިޔަމް ލަޠީފާ މިސް (އަޅުގަނޑުގެ މަންތާ) އަށެވެ.
އަޅުގަނޑުގެ މަސައްކަތުގެ ޙަޔާތުގައި ބައްދަލުވި، އުނގަންނައިދިނުމާއި ދިރިއުޅުމުގެ އެތައް އަގުހުރި ފިލާވަޅުތަކެއް އޭނާގެ ކިބައިން ދަސްވި، އަދި އައްޑޫގެ އެތައް ދަރިންނެއް އެ ބޭފުޅަކަށްޓަކައި ފަޚުރުވެރިވާ މަރިޔަމް ލަޠީފާ މިސް، އަޅުގަނޑުގެ މަންތާއަށް މިއަދު ފަށްފަށުން ޝުކުރު ދަންނަވަމެވެ.
އަޅުގަނޑު ހިތަދޫ ސްކޫލުގެ ގްރޭޑް 7 ގައި ތަޢުލީމު ޙާޞިލުކުރިއިރު ވެސް މަންތާ އެ ސްކޫލުގައި އުޅުއްވި ނަމަވެސް، އޭރު މާގިނައިން ބައްދަލްވި ހަނދާނެއް ނެތެވެ. މުދައްރިސުންގެ ގޮތުގައި އަޅުގަނޑުމެން ބައްދަލުވީ 2011 ވަނަ އަހަރު، ޑެޕިއުޓީ ޕްރިންސިޕަލެއްގެ މަޤާމުގައި އަޅުގަނޑު ހިތަދޫ ސްކޫލާ ގުޅުނު ހިސާބުންނެވެ. އަޅުގަނޑު ދަންނަ މީހުން މަދު އެ މާޙައުލުން، އޭރު ލީޑިންގ ޓީޗަރެއްގެ ގޮތުގައި ހުންނެވި މަރިޔަމް ލަޠީފާ (މަންތާ) އަޅުގަނޑުގެ އަތުގައި ހިފާލި ގޮތަށް، އެ ސްކޫލުގައި އަޅުގަނޑު ހޭދަކުރި 13 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ވެސް އެ އަތުން ދޫކޮށެއް ނުލައެވެ.
އެ ބީރައްޓެހި މާޙައުލު، އަޅުގަނޑުގެ އަމިއްލަ ގެދޮރަށްވުރެ ވެސް ހިތްފަސޭހަ، އުޅޭހިތްވާ ތަނަކަށް ބަދަލުވެގެންދިޔުމުގައި މަންތާގެ ރޯލު ބޮޑެވެ. އަދި އަޅުގަނޑު އެންމެ ކުރާހިތްވާ މަސައްކަތް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމުގައި، އެންމެ ގާތުން ކަންކަން އޮޅުންފިލުވައިދެއްވައި، އެހީތެރިކަން ފޯރުކޮށްދެއްވުމުގައި ސާބިތުވެ ހުންނަވައިގެން، ދުވަހަކުވެސް ހިތުން ފޮހެނުލެވޭނޭ ފަދަ މަތިވެރި ޤަދަރަކާއި ޢިއްޒަތެއް އަޅުގަނޑުގެ ހިތުން މަންތާ ވަނީ ހޯއްދަވާފައެވެ.
މަޤާމުގެ ގޮތުން އަޅުގަނޑުމެންގެ މެދުގައި އޮންނަންޖެހޭ އިޙްތިރާމާއި ޤަދަރަށް އެއްވެސް އުނިކަމެއް ނާންނާނޭހެން، އަބަދުވެސް އެންމެ ގާތުގައި ހުރެގެން، ބޭނުންވާ ކޮންމެ ހިނދެއްގައި އެއްވެސް ޖެހިލުމެއްނެތި ރަނގަޅު ގޮތް ބުނެދީ ވިސްނައިދިން އެކަކީ މަންތާއެވެ. ކިތަންމެ ގިނަ ދުވަހަކު ފޮތްތަކުން ކިޔެވި ނަމަވެސް، މަންތާގެ މުޅި ޢުމުރުގެ ޢަމަލީ ތަޖުރިބާއިން އަޅުގަނޑަށް ލިބުނު ޢިލްމަކީ އަގުނުކުރެވޭނޭ ފަދަ ބޮޑު ރައުސްމާލެއްގެ ގޮތުގައި އަބަދުވެސް ދެކެމެވެ.
ދަރިވަރުންގެ އެކި ކަންކަމުގައި މަޢުލޫމާތެއް ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި އަޅުގަނޑުގެ "ޑައިރެކްޓަރީ" އަކީ ވެސް މަންތާއެވެ. ސްކޫލުގައި ގިނަ ވަގުތު ހޭދަކުރަންޖެހުމުގެ ސަބަބުން، އަޅުގަނޑު ނުކައި ބަނޑުހައިވެފައި ހުރެއްޖެނަމަ، ބުނުމަކާ ނުލައި އެކަން މަންތާއަށް އެގެނީ އޯގާތެރި މައެއް ފަދައިންނެވެ. އަދި ކަންކަމާ ކަންބޮޑުވެ ހާސްވާ ދަނޑިވަޅުތަކުގައި، ހިތްވަރުދީ ވިސްނައިދޭއިރު އެއީ އެންމެ ގާތް އެކުވެރިޔާއެވެ.
މި ލޯތްބާއި އޯގާތެރިކަމަކީ ހަމައެކަނި އަޅުގަނޑަށް ލިބުނު އެއްޗެއް ނޫނެވެ. ކިޔަވާ ގްރޭޑަކަށް ނުވަތަ ޢުމުރަކަށް ބެލުމެއްނެތި، ސްކޫލުގެ ކޮންމެ ދަރިވަރަކީ ވެސް މަންތާގެ ހެޔޮ ދުޢާއާއި ލޯތްބާއި އަޅާލުން ފުރިހަމައަށް ލިބެމުންދާ ދަރިވަރުންނެވެ. ބެލެނިވެރިންނާ ބާއްވާ ގާތް ގުޅުމުގެ ސަބަބުން، މަންތާއަކީ ސްކޫލަށް ވަދެނިކުމެވާ ކޮންމެ ބެލެނިވެރިއެއްގެ ވެސް އެންމެ އިތުބާރުކުރެވޭ އެކުވެރިޔާއެވެ. ހަމައެއާއެކު، ސްކޫލުގެ އެންމެހައި މުވައްޒަފުންނާ މަންތާ ބަހައްޓާ ގާތްކަމާއި، ސްކޫލުގެ ކުރިއެރުމާއި ހިންގުން ދެމެހެއްޓެވުމަށްޓަކައި ކުރެއްވި، ކުރައްވަމުންދާ ބުރަ މަސައްކަތްތަކަށް، ސްކޫލުގެ ކޮންމެ މުދައްރިސަކު ވެސް ނުހަނު އުފަލާއެކު ހެކިވާނެކަން ކަށަވަރެވެ.
އެއްވެސް ޖެހިލުމެއްނެތި އަޅުގަނޑަށް ބުނަން ކެރެނީ، މަންތާއަކީ ހިތަދޫ ސްކޫލުގެ އެންމެ ވަރުގަދަ އެއް ތަނބު ކަމުގައެވެ. އެ ސްކޫލަށްޓަކައި މުޅި ޢުމުރު ޤުރުބާންކުރެއްވި މަންތާއަކީ މުޅި ހިތަދޫ ވެސް ފަޚުރުވެރިވާ ފަދަ ލާމަސީލު އެދުރެކެވެ. ހިތަދޫ ސްކޫލް ކަމަކު އެދި ގޮވާލާ ކޮންމެ ހިނދެއްގައި، އެންމެ ކުރީ ސަފުން އަބަދުވެސް ފެންނާނީ އަޅުގަނޑުމެން އެންމެ ލޯބިވާ މަންތާކަން ކަށަވަރެވެ.
އަޅުގަނޑަށް މިތަނުގައި މާ ފަށުވި ޢިބާރާތްތަކަކުން ނުލިޔެވުނު ކަމުގައި ވިޔަސް، މަންތާ އަބަދުވެސް ހަނދާން ކުރައްޗެވެ. ތިޔައީ އަޅުގަނޑުގެ ޙަޔާތުގައި ގިނަ އަގުހުރި ފިލާވަޅުތަކެއް އުނގަންނައިދިން އެދުރެކެވެ. ތިޔައީ އަޅުގަނޑު އެންމެ ލޯބިވާ އަދި ޤަދަރުކުރާ މީހުންގެ ތެރެއިން އެކަކެވެ. އެއްވެސް ދުވަހަކުން މަންތާ ކަމަކަށް އެދެފިނަމަ، އެންމެ ގާތުގައި ހުންނާނަމެވެ. އަޅުގަނޑަށް ދިން އަދި މިއަދުވެސްދޭ ލޯތްބާއި ޤަދަރު މުޅި ޢުމުރަށް އަޅުގަނޑުގެ ހިތުގައި ބިންވަޅު ނެގިފައި ވާނެއެވެ. ނުހަނު ލޯބިން ޝުކުރިއްޔާއެވެ.
އަޅުގަނޑުގެ އަބަދުގެ ވެސް ދުޢާއަކީ، މަންތާއަށް ދުޅަހެޔޮ ޞިއްޙަތަކާއި، ދާއިމީ އުފާވެރިކަމާއި ބާއްޖަވެރިކަން މިންވަރުކުރެއްވުމެވެ.
advertisment
ހިޔާލު