ޝިރުމީނާ މިސް: އެންމެބޮޑު އުފަލެއް ލިބެނީ ކުދިންނަށް އުނދަގޫ ފިލާވަޅެއް ނުވަތަ މަސައްކަތެއް އެކުދިންނަށް ފަހުމްވާގޮތަށް ކިޔައިދެވުމުން

ޝިރުމީނާ ޢަބްދުﷲ ( ޝިރުމީނާ މިސް) އެންމެފުރަތަމަ ދިވެހި ދައުލަތަށް ޚިދުމަތް ކުރަން ފެއްޓީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ރާއްޖެތެރޭގެ މަދްރަސާ މަކްތަބު ތަކުގެ މުދައްރިސެއްގެ މަގާމުގައި ލ. އަތޮޅު ތައުލީމީ މަރުކަޒުގައި 1982 ގައެވެ. އެއަށްފަހު 1984 ކުން 1996 ކަށް ދ އަތޮޅު ތަޢުލީމީ މަރުކަޒުގައި ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރުމަށްފަހު 1997 ވަނައަހަރުން ފެށިގެން މިހާރުވެސް މަސައްކަތް މިކުރަނީ މަޖީދިއްޔާސްކޫލުގެ ޓީޗަރެއްގެ ގޮތުގައެވެ.  މި ދިގު މާޒީގައި އަދާކުރެވުނު މަގާމުތަކުގެ ތެރޭގައި މިނިސްޓްރީ އޮފް އެޑިއުކޭޝަން ގެ ރާއްޖެތެރޭގެ ޕްރައިމަރީ ޓީޗަރުކަމާއި، ޕްރައިމަރީ ޓީޗަރުކަމާއި، މަޖީދިއްޔާ ސްކޫލްގެ މުދައްރިސްކަމާއި، ގްރޭޖްއޭޓް ޓީޗަރުކަމާއި، ޓީޗަރުކަމާއި ސިނިއާ ޓީޗަރުކަމާ އަދި ޓީޗަރުކަން ހިމެނެއެވެ.

މުދައްރިސަކަށް ވުމުގެ ޝައުޤުވެރިކަން ޝިރުމީނާ މިސްގެ ހިތުގައި އެންމެ ފުރަތަ އުފެދިގެން އައީ ސްކޫލު ދައުރުގައި ކިޔަވައިދެއްވި ބައެއް މުދައްރިސުންގެ ފަރާތްޕުޅުން ފެނުނު މަތިވެރި ސިފަތަކުގެ ސަބަބުނާއި ދަރިވަރުންނަށް އުނގަންނަވައި ދެއްވުމުގައި ބެހެއްޓެވި ކެތްތެރިކަމާއި، އޯގާތެރިކަމުގެ ސަބަބުންނެވެ.

ކިޔަވައިދިނުމުގައި މަސައްކަތްކުރާއިރު އެންމެބޮޑު އުފަލެއް ލިބެނީ ކުދިންނަށް އުނދަގޫ ފިލާވަޅެއް ނުވަތަ މަސައްކަތެއް އެކުދިންނަށް ފަހުމްވާގޮތަށް ކިޔައިދެވުމުން އެކުދިންގެ މޫނުމަތިން އެފެންނަ އުފާވެރިކަމާއި ހިނިތުންވުން ފެނުމުންނެވެ. ހަމައެއާއެކު ކުލާހުގައިތިބޭ ތަފާތު ފެންވަރުގެ ކުދިންނަށް އިތުރަށް އަޅާލާ، ކިޔެވުމުގައި ދިމާވާ ތަފާތު ގޮންޖެހުންތަކާ ކުރިމަތިލައި ހިއްވަރާއެކު މަސައްކަތްކޮށް،  އެކުދިންނަށް ރަނގަޅު ކާމިޔާބީތައްލިބި މުޖުތަމަޢުގައި އަޚުލާޤު ރަނގަޅު ބަޔަކަށް ވެގެންދާތަން ފެނުމަކީ ލިބޭ އެންމެ މަތިވެރި ހިންހަމަޖެހުމާއި އުފަލެވެ.

ކިޔަވައިދިނުމުގެ މިދިގު ޙަޔާތުގައި ހަނދާނުން ފޮހެލަން ދަތި ކަންތައްތައް ކަމަށް މިސް ފާހަގަކުރީ، ކިޔެވުމަށް ކޮންމެވެސް ވަރެއްގެ އުދަގޫތަކެއް ހުންނަ ދަރިވަރުންނަށް އިތުރު ވަގުތުތަކުގައިވެސް ކިޔަވައިދީގެން އެކުދިންގެ ނަތީޖާއަށް އަންނަ ކުރިއެރުންތަކެވެ.

ޝިރުމީނާ މިސް ދެކޭގޮތުގައި މުދައްރިސެއްގެ އެންމެ އިސް މަސްއޫލިއްޔަތަކީ އިސްލާމީ ރިވެތި އަޚުލާޤީ ސިފަތަކުން ޒީނަތްތެރިވެފައިވާ، އަމިއްލަ ނަފުސަށް އިތުބާރުކުރާ ދަރިންތަކެއް ބިނާކުރުމެވެ. ހަމައެއާއެކު، ހަމައެއާއެކު ކޮންމެ ކުއްޖަކީވެސް ތަފާތު ހުނަރުތަކާއި ޤާބިލުކަމެއް ލިބިފައިވާ ކުއްޖެއްކަން ދެނެގަނެ އެކުއްޖެއްގެ ކިބައިގައިވާ އެންމެ ފުރިހަމަ ޤާބިލުކަން ނެރެދިނުމަށް މަގުދައްކައިދޭ މަރައްބީއެއްގެ ދައުރު އަދާކުރުމެވެ.

ތަޖުރިބާއަށް ބަލާއިރު މިސް ފާހަގަކުރީ، މިއަދު ދަރިވަރުންނަށް ދިމާވާ އެންމެބޮޑު އެއް ގޮންޖެހުމަކީ ޑިޖިޓަލް ވަސީލަތްތަކާއި ސޯޝަލް މީޑިޔާގެ ސަބަބުން ދަރިވަރުން ކިޔެވުމަށްދޭ ސަމާލުކަން ކުޑަވެ ކިޔެވުމުގެ މަސައްކަތަށް އެޅޭ ހުރެހެވެ.

ކިޔަވައިދިނުމަށް އައިސްފައިވާ ބަދަލުތަކުގެ ތެރޭގައި، ވީހާވެސް ބޮޑަށް ދަރިވަރުން ބައިވެރިކޮށްގެން ކިޔަވައިދިނުމާއި، ދަރިވަރުންގެ ދިރިއުޅުމުގެ ހުނަރުތަކާއި، މައްސަލަ ޙައްލުކުރުމުގެ ޤާބިލުކަމާއި، ޓެކްނޮލޮޖީއަށް އަހުލުވެރި ކުރުމުގެގޮތުން ދަރިވަރުން އަމިއްލައަށް މަޢލޫމާތު ހޯދުމަށް މަގުފަހިކޮށްދެވުން މިސް ފާހަގަކުރިއެވެ.

ތަޢުލީމަކީ ހަމައެކަނި ފޮތުގައިވާ ފިލާވަޅުތަކެއް ކުދިންނަށް އުނގަންނައި ދިނުމެއް ނޫނެވެ. އެއީ ދިރިއުޅުމުގެ ހުރިހާ މައިދާނަކަށް ކުއްޖާ ތައްޔާރުކުރުމެވެ. އެހެންކަމުން މުދައްރިސެއްގެ ދައުރަކީ ހަމައެކަނި ކުލާސްރޫމުގެ ހަތަރުފާރުގެ އެތެރޭގައި ނިމޭ ކަމެއްނޫނެވެ. ދަރިވަރުގެ ޝަޚުޞިއްޔަތު ބައްޓަން ކުރުމުގައްޔާއި، މުޖުތަމަޢަށް ބޭނުންތެރި ޒިންމާދާރު ރައްޔިތަކަށް ހެދުމުގައި މުދައްރިސން އަދާކުރަނީ ނުހަނު މަތިވެރި އަދި އަގުހުރި ދައުރެއްކަން ޝިރުމީނާ މިސް ފާހަގަކުރިއެވެ.

މުދައްރިސެއްގެ ޒިންމާ ބޮޑުވެ ފުޅާވަނީ، ކޮންމެ ކުއްޖަކީވެސް ތަފާތު ޖަޒުބާތުތަކާއި، ވިސްނުމާއި، އިޙުސާސްތަކެއްވާ ކުއްޖަކަށް ވާތީއެވެ. އެގޮތުން ދަރިވަރުންގެ ކިބާގައި އިސްލާމީ ރިވެތި އަޚުލާޤާއި، އަމިއްލަ ނަފުސަށް އޮންނަ އިތުބާރާއި، ރީތިބަހުން މުޢާމަލާތް ކުރމުގެ ހުނަރު އަށަގަންނުވަނީ މުދައްރިސުންދައްކާ ނަމޫނާއިން. ވުމާއެކު ކުލާސްރޫމުން ބޭރުގެ ޙަރަކާތްތަކާއި، ދަރިވަރުންނާއިދެމެދު ކރެވޭ އޯގާތެރި މުޢާމަލާތްތަކުގެ ތެރެއިން އެކދިންނަށް ހިއްވަރުދީ ، ދިމާވާ ގޮންޖެހުންތަކުން އަރައިގަންނާނެ ގޮތް ދަސްކޮށްދެވެއެވެ.

" ތަޢުލީމީ ދަތުރުގެ އެންމެ ވަރުގަދަ ގުޅުމަކީ މުދައްރިސުންނާއި، ބެލެނިވެރިންނާއި، ދަރިވަރުންނާއި މެދު އޮންނަ ބަދަހި ގުޅުމެމެވެ. އެގޮތުން ބެލެނިވެރިންނާއި މުދައްރިސުންގެ މެދުގައި އިތުބާރާތް ގާތްކަން އޮތުމަކީ ދަރިވަރުގެ އުނގެނުމަށާއި ނަފުސާނީ ދުޅަހެޔޮކަމަށް ކޮންމެހެން ބޭނުންތެރިކަމެއް"

ކުދިންނަށް ބުނެލަން ބޭނުންވަނީ: ދުނިޔެ ކިތަންމެ ބާރަށް ކުރިއަރައިގެން ދިޔަކަމުގައި ވިއަސް ތިމާގެ އަސްލާއި އިސްލާމީ އުޞޫލުތަކުގައި ސާބިތުވެ ތިބޭށެވެ. އަދި ޓެކްނޮލޮޖީގެ ބޭނުން ހެޔޮގޮތުގައި ހިފައި، ނާކާމިޔާބީއަކީ އައު ފެށުމެއް ކަމުގައި ބަލައިގެން އަބަދުވެސް އުނގެނުމަށް ލޯބިކުރާށެވެ.

"އަބަދުވެސް ހެޔޮ ނިޔަތުގައި ޢިލްމުހޯދަން މަސައްކަތް ކުރާށެވެ. ދިރިއުޅުމުގެ އެންމެ މުހިނަމު ކާމިޔާބީއަކީ ރިވެތި އަޚުލާޤެވެ."

ބެލެނިވެރިންނަށް: ދަރިފުޅަށް ދެވޭނެ އެންމެ އަގުބޮޑު ހަދިޔާއަކީ ތިޔަބޭފުޅުންގެ ވަގުތާއި ލޯތްބެވެ. އެކުދިންގެ ހުވަފެންތަކުގައި ކުލަޖައްސަން އެހީތެރިވެދޭށެވެ.

ހުރިހާ މުދައްރިސުންނަށް: ބުނެލަން އޮތީ  ތިޔައީ ޤައުމުގެ މުސްތަޤުބަލުބައްޓަންކުރާ އަތްތަކެވެ. ކޮންމެ ކުއްޖެއްގެ ކިބާގައިވާ ޚާއްޞަހުނަރު ދެނެގަނެ އެކުދިންނަށް އުންމީދުގެ އަލިކަން ދައްކައިދޭ ދަންމަރަކަށް ވާށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *