މުދައްރިސެއްގެ ނުފޫޒާއި އަސަރު މުޅި އުމުރަށް ދެމިގެންދޭ

އަޙްމަދު މުޖާހިދު

އަޅުގަނޑުމެން ކޮންމެ މީހަކީވެސް މުދައްރިސުންގެ ފަރާތުން އުނގެނި ތަރުބިއްޔަތުވެފައިވާ ބައެކެވެ. އަޅުގަނޑުމެންގެ އެންމެ ފުރަތަމަ މުދައްރިސަކީ މަންމައެވެ. އާއިލާއެވެ. އަޅުގަނޑުމެންގެ މާޒީއަށް ނަޒަރު ހިންގާއިރު މުދައްރިސުން އުނގަންނައިދިން ކޮންމެ ފިލާވަޅެއް ނުވަތަ ކުރި ކޮންމެ ސުވާލެއް ހަނދާން ނުހުރެދާނެއެވެ. ގިނަ ފަހަރަށް އަޅުގަނޑުމެންގެ ހަނދާނުގައި ހަރުލާފައި ހުންނަނީ މުދައްރިސުން ކޮށްދެއްވި ކަންކަމެވެ. އަޅުގަނޑުމެންނަށް އިތުބާރުކުރި މުދައްރިސުންނާއި ދަތި އުނދަގޫ ވަގުތުތަކުގައި ހިތްވަރުދިން މުދައްރިސުންނާއި ކުށެއް ކުރެވުމުން މާފުކޮށް އެކަން އިސްލާހުކޮށްދިން މުދައްރިސުންގެ ހަނދާންތައް ފިލާ ނުދެއެވެ. އެ މުދައްރިސަކު ބުނި ބަހަކުން އަޅުގަނޑުމެންގެ އަމިއްލަ ނަފްސާމެދު ދެކޭގޮތާއި މުސްތަގުބަލާ މެދު ކުރާ އުއްމީދުތައް މުޅިން ބަދަލުކޮށްލި މުދައްރިސުންގެ ހަނދާން އަދި މާބޮޑަށް ހުރެއެވެ. އަޅުގަނޑު ދެކޭގޮތުގައި ކިޔަވައިދިނުން ނުވަތަ މުދައްރިސަކަށްވުން ހާއްސަ މަސައްކަތަކަށް ވަނީ މި ސަބަބަށްޓަކައެވެ. މުދައްރިސަކީ އުނގަންނައިދޭ މީހެއްގެ އިތުރުން ދަރިވަރުންގެ ދިރިއުޅުމަށް ހެޔޮ އަސަރުތަކެއް ފޯރުވައިދޭ މީހެކެވެ.

މުދައްރިސުންގެ ދުވަހު މުދައްރިސުން ކުރައްވާ ބުރަ މަސައްކަތާއި އެބޭފުޅުންގެ ހިދުމަތުގެ އަގު އަޅުގަނޑުމެން ވަޒަންކުރަމުއެވެ. މި ދުވަހަކީ ދަރިވަރުންނާއި ބެލެނިވެރިންނާއި މުޖުތަމައުގެ އެންމެހައި ފަރާތްތަކުގެ އިތުރުން މުދައްރިސުން އަމިއްލައަށްވެސް މުދައްރިސަކަށް ވުމުގެ ހަގީގީ މާނައާއި ދަރިވަރުންގެ ހަޔާތަށް މުދައްރިސުންގެ ނުފޫޒު ފޯރާ މިންވަރާ މެދު ފުންކޮށް ވިސްނާލަން ލިބޭ ފުރުސަތަކަށް ވާންޖެހެއެވެ. އަޅުގަނޑުމެން ކޮންމެ މީހެއްގެ ކާމިޔާބީ ފާހަގަކުރާއިރު އާންމުކޮށް ފެންނަން އޮންނަނީ އެމީހަކު ހާސިލްކުރި ނަތީޖާއެވެ. ލިބުނު ސެޓްފިކެޓެވެ. ވަޒީފާގެ ކުރިއެރުމެވެ. ނަމަވެސް އެ ހިސާބަށް ދިއުމަށްޓަކައި އެ މީހަކަށް އެހީތެރިވެދިން އެތައް ބަޔަކު އަބަދުވެސް ތިބެއެވެ. އެގޮތުން ދަރިވަރެއްގެ ކާމިޔާބީގައި އެންމެ މުހިންމު ދައުރެއް އަދާކުރާ އެއް ބަޔަކީ މުދައްރިސުންނެވެ. ޑޮކްޓަރަކު ބަލިމީހަކަށް ފަރުވާ ދިނުމުގެ ކުރިން، އިންޖިނިއަރަކު އިމާރާތެއް ފަރުމާކުރުމުގެ ކުރިން، ސައިންސްވެރިއަކު އާ ހޯދުމެއް ހޯދުމުގެ ކުރިން، ވެރިއަކު ޒިންމާތަކާ ހަވާލުވުމުގެ ކުރިން، އަދި ކޮންމެ ދާއިރާއެއްގެ މީހަކު ކަމުގައިވިޔަސް ކާމިޔާބީއާ ހަމައަށް ވާސިލްވުމުގެ ކުރިން އެމީހުންގެ ބިންގާ އަޅައިދިނީ މުދައްރިސުންނެވެ.

މުދައްރިސުންނަކީ ހަމައެކަނި ލިޔަންކިޔަން ދަސްކޮށްދީ މައުލޫމާތުތައް އުނގަންނައިދޭ ބައެއް ނޫނެވެ. އެއަށްވުރެ މާ ބޮޑު މާ މަތިވެރި ހިދުމަތްތަކެއް އެބޭފުޅުން ކުރައްވައެވެ. މުދައްރިސުންނަކީ ދަރިވަރުންގެ ކިބައިގައި އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށްދީ އެކުދިންގެ ކިބައިގައިވާ ހުނަރުތައް ދެނެގަނެ އާ ކަންތައްތައް ދަސްކުރުމުގެ ޝައުގުވެރިކަން އުފައްދައިދޭ ބައެކެވެ. އަދަބު އަހުލާގާއި ޒިންމާދާރުކަމާއި ދިރިއުޅުމުގެ މުހިންމު ފިލާވަޅުތައް ދަސްކޮށްދިނުމުގައިވެސް މުދައްރިސުންނަކީ މުހިންމު ދައުރެއް އަދާކުރާ ބައެކެވެ. އެހެންކަމުން މުދައްރިސެއްގެ މަސައްކަތާއި އޭގެ ނަތީޖާ ހަމައެކަނި އިމްތިހާނުތަކުގެ މާކްސްތަކުން މިނެއެއް ނުކުރެވޭނެއެވެ. އުނގަންނައިދިނުމުގެ އެންމެ ފުރިހަމަ ނަތީޖާ ފެންނަނީ އެތައް އަހަރެއް ފަހުން އެ ދަރިވަރުންނަކީ މުޖުތަމައަށް ފައިދާހުރި ހަރުދަނާ ބަޔަކަށް ވެގެންދާ ހިސާބުންނެވެ.

މުދައްރިސްކަމަކީ ބުރަ އަދި ޒިންމާދާރު މަސައްކަތެކެވެ. ސާޅީސް މިނެޓުގެ ކުރު ފިލާވަޅަކީ އެތައް ވަގުތެއްގެ ތައްޔާރުވުންތަކެކެވެ. ކުލާހުގައި ކިޔަވާ އެކި ފެންވަރުގެ ދަރިވަރުންނަށް އަމާޒުކުރެވިގެން ފިލާވަޅު ޕްލޭންކޮށް ތަމްރީންތައް ތައްޔާރުކުރުމަކީ މުދައްރިސުންގެ ދުވަހީ ވަޒީފާއެވެ. މީގެއިތުރުން މުދައްރިސުންނަކީ ދަރިވަރުންގެ ފެންވަރު ވަޒަންކުރުމާއި ރެކޯޑުތައް ބެލެހެއްޓުމާއި ސްކޫލުގެ އެކި ހަރަކާތްތަކާއި ބައްދަލުވުންތަކާއި ފަންނީ ތަމްރީނުތަކުގައި ބައިވެރިވާ ބަޔެކެވެ. ސްކޫލުގައި ހިންގޭ ކޮންމެ ހަރަކާތަކީވެސް އޭގެ ފަހަތުގައި މުދައްރިސުންގެ ބުރަ މަސައްކަތް ހިމެނޭނެ ކަމެކެވެ. ދަރިވަރުންގެ ޔުނިފޯމް ހަރަކާތްތަކާއި އެކިއެކި ޖަމިއްޔާތަކުން އިންތިޒާމްކުރާ ކުޅިވަރު މުބާރާތްތަކަށް ދަރިވަރުން ތައްޔާރުކުރުމާއި މުބާރާތުގެ ކުރިންނާއި މުބާރާތް ހިނގަމުންދާއިރު ދަރިވަރުންގެ ކަންކަން ބަލަން ތިއްބަވަނީވެސް މުދައްރިސުންނެވެ. ކުރުގޮތަކަށް ދަންނަވާނަމަ ދަރިވަރުން ބައިވެރިވާ ނުވަތަ ދަރިވަރުންނަށް ހިންގޭ ހަރަކާތްތަކުގައި އެންމެ ގިނަވަގުތު ހޭދަކުރާ ބަޔަކީ މުދައްރިސުންނެވެ.

ތައުލީމީ ދާއިރާގައި އަޅުގަނޑަށް ދަސްވި އެންމެ މުހިންމު އެއް ފިލާވަޅަކީ ދަރިވަރުންނަށް މުދައްރިސުން ނަގައިދޭ ފިލާވަޅުތަކުން ދަސްކުރާ އެއްޗަކާ އެއްވަރަށް ނުވަތަ އެޔަށްވުރެ ބޮޑަށް މުދައްރިސުންގެ އުޅުމާއި ސުލޫކުންވެސް ދަރިވަރުންނަށް އަސަރު ކުރާކަމެވެ. ދަރިވަރުން މުދައްރިސުން ކުރާކަންކަން ބަލާ ހޯދައެވެ. މުދައްރިސުން ވާހަކަދައްކާ ގޮތާއި މީހުންނާ މެދު ކަންތައްކުރާ ގޮތް އެކުދިން ބަލައެވެ. ނުތަނަވަސް ހާލަތްތަކުގައި އަމަލުކުރާ ގޮތާއި ގަޑިއަށް ފަރުވާތެރިވުމާއި ޒިންމާދާރުކަމާއި އިންސާފުވެރިކަން ހުރި މިންވަރު އެކުދިން ފާހަގަކުރެއެވެ. އަދި އަނެކުންނަށް އިހުތިރާމްކުރޭތޯއާއި ކްލާސްރޫމުގައި މުދައްރިސުން ދައްކާ އަހުލާގާ ވާހަކަތަކާ އެއްގޮތަށް އަމިއްލަ ދިރިއުޅުމުގައި އަމަލުކުރޭތޯ އެކުދިން ބަލާނެއެވެ. އެހެންކަމުން މުދައްރިސުންގެ އުޅުމާއި މިޒާޖާއި އަދި އަހުލާގަކީވެސް ދަރިވަރުންނަށް ދެވޭ ފިލާވަޅުތަކެކެވެ. ދަރިވަރުންނަށް އިހްތިރާމްކުރަން ދަސްކޮށްދޭނަމަ މުދައްރިސުންގެ ކިބައިން އެ ސިފަ ފެންނަންޖެހެއެވެ. ތެދުވެރިކަން ދަސްކޮށްދޭނަމަ މުދައްރިސުންގެ އަމަލުތަކުން އެކަން ފެންނަންޖެހެއެވެ. ދަރިވަރުންނަކީ އަހުލާގީ ގޮތުން ރަނގަޅު ބަޔަކަށް ވާން އެދޭނަމަ މުދައްރިސުންގެ އުޅުން ހުންނަންވާނީ އެ ސިފަތައް ފެންނާނެ ގޮތަށެވެ. އަދި އެކުދިންނަކީ ހިތްވަރުގަދަ ބަޔަކަށް ވާން ބޭނުންނަމަ މުދައްރިސުންނަށް ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލާއިރު މުދައްރިސުންގެ ކިބައިން އެ ހިތްވަރާއި ފައްސި ވިސްނުން ފެންނަންޖެހެއެވެ. އެމީހެއްގެ އަމަލުތަކުން ނުފެންނަ ސިފަތަކާއި އަހުލާގީ މިންގަނޑުތަކެއް ފައިދާހުރި ގޮތެއްގައި އެހެން ބަޔަކަށް ދަސްކޮށްދިނުމަކީ ފަސޭހަކަމަކަށް ނުވާނެ ކަމެކެވެ.

ދަރިވަރުންގެ ވިސްނުން ބައްޓަންކުރުމުގައިވެސް މުދައްރިސުންނަށް ވަރަށް ބޮޑު ނުފޫޒެއް ފޯރުވޭނެއެވެ. އެހެންކަމުން ކޮންމެ މުދައްރިސަކީވެސް ދަރިވަރުންގެ ކިބައިގައި ހުރި ގާބިލިއްޔަތުތަކާއި ކުރިއަށް ދިއުމުގެ ފުރުސަތުތައް ދެނެގަންނަ މީހަކަށް ވާންޖެހެއެވެ. މީގެ މާނައަކީ ކުދިންގެ ހުރި އުނިސިފަތަކަށް ފަރުވާކުޑަކުރުމެއް ނޫނެވެ. ރަނގަޅު މުދައްރިސުންނަކީ ކުދިންގެ ކުށްތައް އިސްލާހުކޮށް އެކުދިންނަށް މަގުދައްކައި އުސޫލުތައް ހިފަހައްޓާ މީހުންނެވެ. ދަރިވަރާމެދު އެޅޭ ކޮންމެ ފިޔަވަޅަކީވެސް އޭގެ ސަބަބުން ދަރިވަރުގެ ކުރިއެރުމަށް މަގުފަހިވާ ކަމަކަށް ވާންޖެހެއެވެ. ކުދިންނަށް ހިއްވަރު ދޭންވާނެއެވެ. ގަދައަޅައި މަސައްކަތްކޮށްފިނަމަ ކޮންމެކަމެއްވެސް ވާނެކަމަށް ނުވަތަ ކުރެވޭނެކަމަށް ވިސްނައިދޭންވާނެއެވެ. އެހެނީ ކުއްޖަކަށް ވަކިކަމެއް ނުކުރެވޭނެ ކަމަށް ތަކުރާރުކޮށް ބުނާނަމަ އެންމެ ފަހުން އެއީ ހަގީގަތް ކަމަށް އެކުއްޖާ ގަބޫލުކުރަން ފަށާނެއެވެ.

މުދައްރިސުންނާ މެދު އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކެއް ދަރިވަރުންގެ ކިބައިގައިވެސް ވެއެވެ. މުދައްރިސުންނަށް އިހުތިރާމްކުރުމަކީ ހަމައެކަނި ކުލާހަށް މުދައްރިސަކު ވަނުމުން ކޮޅަށް ތެދުވުމެއް ނުވަތަ ރީތިކޮށް ސަލާމް ގޮވައިލުމެއް ނޫނެވެ. ހަގީގީ އިހުތިރާމަކީ ދަރިވަރުގެ އަމަލުތަކުން ފެންނަންޖެހޭ ކަމެކެވެ. އެއީ މުދައްރިސުން ދައްކާ ވާހަކަ ރަނގަޅަށް އަޑުއެހުމާއި ކުލާހުގައި ހަވާލުކުރެވޭ މަސައްކަތްތައް ނިންމުމާއި އިރުޝާދުތަކަށް ބޯލެނބުމުގެ އިތުރުން އުނގެނުމުގެ މި ފުރުސަތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމެވެ. އަހުލާގު ރަނގަޅު ދަރިވަރަކަށް ވުމެވެ. ކިޔަވައިދިން ދަރިވަރުންނަކީ މުޖުތަމައަށް ފައިދާހުރި ޒިންމާދާރު މީހަކަށް ވުމަކީ މުދައްރިސަކަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމެވެ. އެއީ އަދި އެންމެ މަތީ މަގާމެއްގައި ހުރި މީހަކަށް ނުވި ކަމުގައިވިޔަސްމެއެވެ. މުދައްރިސުންނަށް އިހުތިރާމްކުރާ ދަރިވަރުންތަކެއް ބިނާކުރުމުގައި ބެލެނިވެރިންގެ ދައުރުވެސް އެހާމެ ބޮޑެވެ. މުދައްރިސުންނާ ބެހޭގޮތުން ބެލެނިވެރިން ވާހަކަދައްކާ ގޮތް ކުދިން ވަރަށް ގާތުން ބަލާނެއެވެ. އޭގެ އަސަރު ދަރިވަރުގެ ވިސްނުމަށް ކުރާނެއެވެ. އެހެންމީހުންނެކޭ އެއްފަދައިން މުދައްރިސަކަށްވެސް އެންމެ ރަނގަޅުނޫންގޮތަކަށް ކަމެއް ކުރެވިދާނެއެވެ. ނަމަވެސް އެފަދަ ކަންކަން ހައްލުކުރަންވާނީ ކެތްތެރިކަމާއެކު އެކަކުއަނެކަކަށް ކުރަންޖެހޭ އިހުތިރާމް ނުގެއްލޭފަދަގޮތަކަށް ރީތި އަހުލާގީ މިންގަނޑެއްގެ ތެރެއިންނެވެ. ބެލެނިވެރިންނާއި މުދައްރިސުންގެ ފުށުން ފެންނަ ކަންކަމުގެ އަސަރު އެންމެ ބޮޑަށް ކުރާނެ ބަޔަކީ ދަރިވަރުންނެވެ.

މުދައްރިސުންގެ މުހިންމުކަން ބަލައިގަތުމަކީ މުޅި މުޖުތަމައުގެ ޒިންމާއެކެވެ. ފެންވަރު ރަނގަޅު ތައުލީމީ ނިޒާމަކާއި އަހުލާގު ރަނގަޅު މުޖުތަމައެއްގެ އިތުރުން އުޖާލާ މުސްތަގުބަލެއް ބޭނުންވާނަމަ އަންނަން އޮތް ޖީލުތައް ބިނާކުރާ ފަރާތްތަކުގެ، އާދެ! މުދައްރިސުންގެ އަގުވަޒަންކުރަންޖެހެއެވެ. ޒަމާނަށް އަންނަ ބަދަލާ އެއްވަރަށް މުދައްރިސުންނަށް އިތުރު ތަމްރީންތައް ދޭންޖެހެއެވެ. ވަސީލަތްތައް އިތުރުކުރަންޖެހެއެވެ. ގައުމު ބިނާކުރަން އެދޭނަމަ ސްކޫލްތަކާއި މުދައްރިސުންނަށް އަޅާލާމިންވަރު އިތުރުކޮށް މުދައްރިސަކަށްވުމުގެ ޝައުގުވެރިކަން އުފެއްދުމަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހެއެވެ. މުދައްރިސުންގެ ފަރާތުން މުޖުތަމައަށް ކުރާ އަސަރުގެ ފުންމިނަކީ އެއްވެސް މީހަކަށް އަންދާޒާކުރެވޭނެ ވަރަށްވުރެ މާ ބޮޑު ކަމެކެވެ.

ލޮބުވެތި މުދައްރިސުންނޭވެ! މުދައްރިސަކު ދަރިވަރަކަށް އުނގަންނައިދޭ އެންމެ މުހިންމު ފިލާވަޅަކީ ފޮތެއްގައި ނުވަތަ އިމްތިހާނު ކަރުދާހެއްގައި އޮންނަ އެއްޗަކަށް ނުވެދާނެއެވެ. މީގެ އެތައް އަހަރެއް ފަހުން ތިޔަބޭފުޅުން ބޯޑުގައި ލިޔުއްވި އެއްޗެއް ދަރިވަރުންގެ ހަނދާނުގައި ނުހުރެދާނެއެވެ. ނަމަވެސް ތިޔަބޭފުޅުން ދަސްކޮށްދެއްވި ރީތި އަހުލާގާއި އެކުދިންނަށް ދިން ހިއްވަރާއި އިތުބާރާއި ބެހެއްޓެވި ގާތްކަމުގެ އިތުރުން ދެއްކެވި ރީތި ނަމޫނާ އެކުދިންގެ ހިތްތަކުގައި އަބަދުމެ ހުންނާނެއެވެ. ތިޔަބޭފުޅުންނަށް ލިބިވަޑައިގަންނަވަނީ ކުއްޖެއްގެ މުޅި ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނައުމުގެ ފުރުސަތެކެވެ. އުނގަންނައިދިނުމަކީ ފޮތުގެ ދެލިގަނޑު ބުނެދިނުމަށްވުރެ މާބޮޑޮ ކަމެކެވެ. މާބޮޑު ޒިންމާއެކެވެ. އެއީ އޭގެ ނުފޫޒާއި އަސަރު ދެމިގެންދާނެ މަތިވެރި މަސައްކަތެކެވެ. މުދައްރިސުންނަށް ޝުކުރާއި ތަހުނިޔާ އަރިސްކުރަމެވެ. އުފާވެރި މުދައްރިސުންގެ ދުވަހަކަށް އެދެމެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *