އެފްއެޗްޓީއެސް އައު ޑީން ރިޝާގެ ތަޞައްވުރަކީ، އުފެއްދުންތެރި ވިސްނުންތައް ތަޢާރަފްކުރުން

ފަތުރުވެރިކަމަކީ ރާއްޖޭގެ އިޤްތިޞާދީ ފުރުޞަތުތަކާއި، ވަޒީފާގެ ބާޒާރާއި، ޤައުމީ ތަރައްޤީއާ ނުހަނު ބޮޑަށް ގުޅިފައިވާ ދާއިރާއަކަށްވާއިރު، މި ދާއިރާއަށް ދެވޭ ތަޢުލީމުގެ ފެންވަރަކީ އަންނަން އޮތް ޖީލުގެ ފަންނުވެރިން ތައްޔާރުކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ކަމެކެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) ގެ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް (އެފް.އެޗް.ޓީ.އެސް) ގެ ޑީންގެ މަޤާމަށް އައްޔަން ކުރެއްވި، ޒުލައިޚާ ރީޝާ ރަޝާދުގެ ތަޞައްވުރަކީ، އުފެއްދުންތެރި ވިސްނުންތައް ތަޢާރަފްކުރުމެވެ. ރީޝާއަކީ، ތަޢުލީމީ ދާއިރާގައި އޭނާ ހޯއްދަވާފައިވާ ކާމިޔާބީތަކާއި، ފަތުރުވެރިކަމުގެ ތަޢުލީމު ކުރިއެރުވުމަށް ކުރައްވާފައިވާ މަސައްކަތްތަކުގެ ސަބަބުން ފާހަގަކޮށްލެވޭ ލީޑަރެކެވެ..

ރީޝާގެ ހިންގުމުގެ ދާއިރާއަށް ކުރެއްވި ދަތުރަކީ ކްލާސްރޫމްތަކާ ނުހަނު ގާތް ގުޅުމެއް އޮތް ދަތުރެކެވެ. އެގޮތުން 2024 އިން 2026 އަށް ލެކްޗަރާއެއްގެ ގޮތުގައި އަދި 2016 އިން 2018 އަށް އަދި 2020 އިން 2023 އަށް އެސޯސިއޭޓް ލެކްޗަރާއެއްގެ ގޮތުގައި އެފް.އެޗް.ޓީ.އެސް ގައި އޭނާ ވަނީ ޚިދުމަތް ކުރައްވާފައެވެ. މި ތަޖުރިބާގެ ސަބަބުން ދަރިވަރުންނާ ގާތުން މަސައްކަތްކޮށް، ފަތުރުވެރިކަމުގެ ދާއިރާއަށް ބޭނުންވާ ހުނަރާއި، މަޢުލޫމާތާއި، އަދި އަޚްލާޤީ މިންގަނޑުތައް ދެނެގަތުމުގެ ފުރުޞަތު އޭނާއަށް މީގެ ކުރިން ވެސް ވަނީ ލިބިފައެވެ.

ކްލާސްރޫމުން ބޭރުގައި އުނގެނުން

ފަތުރުވެރިކަމުގެ ދާއިރާގެ ތަޢުލީމަކީ ހަމައެކަނި ފޮތްތަކާއި އިމްތިޙާނުތަކަށް ބިނާވެފައިވާ ކަމެއް ނޫނެވެ. އެއީ އުނގެނޭ އެއްޗެއް ޢަމަލީ މައިދާނުގައި ބޭނުންކުރަން ދަރިވަރުންނަށް އެނގުން މުހިންމު ދާއިރާއެކެވެ.

2024 ވަނަ އަހަރު ބޭއްވުނު 'އެފް.އެޗް.އޭ.އެމް ގްލޯބަލް ކަލިނަރީ ޗެލެންޖް' ގައި ބައިވެރިވި އެމް.އެން.ޔޫ ގެ ދަރިވަރުންނަށް ރީޝާ ވަނީ އިރުޝާދުދީ، މެންޓަރެއްގެ ދައުރު އަދާކޮށްފައެވެ. މިފަދަ މުބާރާތްތަކުގެ ސަބަބުން ދަރިވަރުން ކިޔަވާ ތިއަރީ ބައިތައް ފަންނީ މާޙައުލެއްގައި ބޭނުންކޮށް، ކެއްކުމުގެ ހުނަރާއި، އުފެއްދުންތެރިކަމާއި، އަދި ދާއިރާގެ މިންގަނޑުތަކަށް އަހުލުވެރިވުމުގެ ފުރުޞަތު ލިބިގެންދެއެވެ.

މީގެ އިތުރުން 'ހޮޓެލް އޭޝިއާ އިންޓަރނޭޝަނަލް ކަލިނަރީ ޗެލެންޖް 2024′ އަށް ތައްޔާރުވި ދަރިވަރުންނަށްވެސް އޭނާ ވަނީ ފަންނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. މިފަދަ ކަންކަމުގެ ސަބަބުން ދަރިވަރުންގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުވެ، ކްލާސްރޫމުގައި އުނގެނޭ ތަކެތި ޢަމަލީ ގޮތުން ކުރަން ދަސްވެއެވެ.

ރީޝާގެ ކިޔަވައިދިނުމުގެ ތަޖުރިބާގެ ތެރޭގައި ކެއްކުމުގެ ހުނަރުތަކުން ފެށިގެން 'ފުޑް ސަރވިސް މެނޭޖްމަންޓް' އާއި 'ކޮންސެޕްޓް ޑިވެލޮޕްމަންޓް' ފަދަ މުހިންމު މާއްދާތައް ހިމެނެއެވެ.

ބަދަލުވަމުންދާ ސިނާޢަތަކާ ތަޢުލީމު ގުޅުވައިދިނުން

ފަތުރުވެރިކަމުގެ ތަޢުލީމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، ހަލުވިކަމާއެކު ބަދަލުވަމުންދާ މި ސިނާޢަތުގެ ފެންވަރުގައި ތަޢުލީމީ މަންހަޖުތައް ހިފެހެއްޓުމެވެ.

ޑިޖިޓަލް ޓެކްނޮލޮޖީއާއި، ދެމެހެއްޓެނިވި ތަރައްޤީއާއި، ފަތުރުވެރިންގެ އުންމީދުތަކަށް އަންނަ ބަދަލުތަކުގެ ސަބަބުން މި ދާއިރާއަށް ދަނީ އާ ބަދަލުތަކެއް އަންނަމުންނެވެ. އެހެންކަމުން، ދަރިވަރުން ހޯދާ ތަޢުލީމީ ސަނަދުތަކުގެ އިތުރުން، މުޢާމަލާތްކުރުމުގެ ހުނަރާއި، މަސައްކަތުގެ އަޚްލާޤާއި، އަދި ބަދަލުތަކަށް ހޭނުމުގެ ޤާބިލުކަން ހުރުން މަޖުބޫރެވެ.

ޑީންގެ ހައިސިއްޔަތުން ރީޝާ އެންމެ އިސްކަމެއް ދެއްވާ ކަންކަމުގެ ތެރޭގައި ހިމެނޭ ކަންތައްތައްކަމަށް އޭނާ ފާހަގަކުރެއްވީ، ތަޢުލީމީ ފެންވަރު މަތިކުރުމާއި، އާ އުފެއްދުންތެރި ވިސްނުންތައް ތަޢާރަފްކުރުން ހިމެނެއެވެ. މީގެ އިތުރުން، އެކަޑެމިކް ޕްރޮގްރާމްތައް ފުޅާކުރުމާއި، ބައިނަލްއަޤްވާމީ ފެންވަރުގެ އެކްރެޑިޓޭޝަން ހޯދުމާއި، ދިރާސާކުރުމުގެ ދާއިރާ ވަރުގަދަކޮށް، ފެކަލްޓީގެ މަސައްކަތްތަކަކީ ޤައުމީ ތަރައްޤީގެ އިސްތިރާޖީތަކާ ގުޅޭ މަސައްކަތްތަކަކަށް ހެދުން ހިމެނެއެވެ.

ހަމައެއާއެކު، ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމާއި، ދެމެހެއްޓެނިވި ކުރިއެރުމަށް އިސްކަންދީ، ފަންނީ ހުނަރާއި އަޚްލާޤީ ގޮތުން އަރާހުރި ދަރިވަރުންތަކެއް ބިނާކުރުމަށް އޭނާ ވަނީ އަމާޒު ހިފާފައެވެ.

ސިނާޢަތާއި ތަޢުލީމާ ދެމެދު އޮތް ގުޅުން

ރާއްޖޭގެ ކިޔަވާ ދަރިވަރުންނަށް ރިސޯޓް ފަދަ ޢަމަލީ މަސައްކަތުގެ މައިދާންތަކުގެ ތަޖުރިބާ ލިބުމަކީ ނުހަނު މުހިންމު ކަމެކެވެ. ވަޒީފާދޭ ފަރާތްތަކާ އެ ފެކަލްޓީން ގާއިމްކުރަމުންދާ ގުޅުންތަކުގެ ސަބަބުން މަތީ ތަޢުލީމާއި މަސައްކަތުގެ މައިދާން ގުޅިގެންދެއެވެ. ދަރިވަރުންނަށް ތިއަރީ މަޢުލޫމާތު ޢަމަލީ ތަޖުރިބާއަށް ބަދަލުކުރުމުގެ ފުރުޞަތު ލިބޭއިރު، ވަޒީފާދޭ ފަރާތްތަކަށް ބޭނުންވާ ފެންވަރާއި ހުނަރުތައް ދެނެގަތުމަށް މަގުފަހިވެގެންދެއެވެ.

ސަނަދުވެރިންނަށްވުރެ ބޮޑަށް ފަންނުވެރިން ބިނާކުރުން

ފަތުރުވެރިކަމުގެ ތަޢުލީމުގެ މުސްތަޤްބަލު ބިނާވެފައިވަނީ ހަމައެކަނި ސަނަދެއް އޮތް ދަރިވަރަކު ނެރުމުގެ މައްޗަކަށް ނޫނެވެ. އޭގެ ބަދަލުގައި، މުޢާމަލާތްކުރަން ދަންނަ، މައްސަލަތައް ޙައްލުކުރަން އެނގޭ، ގިނަ ބަޔަކާއެކު މަސައްކަތްކުރެވޭ، އަދި ޒިންމާދާރުކަމާއެކު ޓެކްނޮލޮޖީ ބޭނުންކުރާނެ ފަންނުވެރިން ބިނާކުރުމަކީ މިއަދުގެ އަމާޒެވެ.

މިއީ ރާއްޖެއަށް ނުހަނު މުހިންމު ކަމެކެވެ. ރާއްޖޭގެ އިޤްތިޞާދުގައި ފަތުރުވެރިކަން އަދާކުރާ ދައުރު ބޮޑުވުމާއެކު، ޤާބިލު ދިވެހި ފަންނުވެރިން އުފެއްދުމަކީ މި ސިނާޢަތުގެ މުސްތަޤްބަލާ ސީދާ ގުޅިފައިވާ ކަމެކެވެ.

ރީޝާގެ ތަޢުލީމީ ޙަޔާތް ކިޔަވައިދިނުމުން ފެށިގެއިން ފެށިގެން އެފް.އެޗް.ޓީ.އެސް ގެ އިސްވެރިއަކަށްވުމާ ހަމައަށް ކުރެއްވި ދަތުރަކީ، ކިޔަވައިދިނުމާއި ދަރިވަރުންނަށް އިރުޝާދުދިނުމުގެ ތެރެއިން ލިބޭ ތަޖުރިބާއަކީ ތަޢުލީމީ ދާއިރާގެ ލީޑަރަކަށްވުމަށް ކިހާ މުހިންމު ކަމެއްކަން ހާމަކޮށްދޭ ނަމޫނާއެކެވެ.

އޭނާގެ ތަޞައްވުރު ބިނާވެފައިވަނީ ދަރިވަރުންގެ މައްޗަށެވެ. އެގޮތުން އުނގެނުމަކީ ތަޢުލީމީ ގޮތުން ފެންވަރު ރަނގަޅު، ޢަމަލީ މައިދާނާ ގުޅޭ، އަދި މުޖުތަމަޢާއި ސިނާޢަތުގެ ބޭނުންތަކަށް އަމާޒުކުރެވިފައިވާ ކަމަކަށް ހެދުމެވެ.

އަންނަން އޮތް ޖީލުގެ ފަތުރުވެރިކަމުގެ ދާއިރާގެ ފަންނުވެރިންނަށް ކްލާސްރޫމަކީ އުނގެނުމުގެ ނިމުމެއް ނޫނެވެ. އެއީ އުނގެނުމުގެ ފެށުމެވެ. އެއީ މަޢުލޫމާތާއި، ޢަމަލީ ތަޖުރިބާއާއި، އަދި ފަންނީ އަޚްލާޤީ މިންގަނޑުތައް އެކުވެ، ބަދަލުވަމުންދާ ފަތުރުވެރިކަމުގެ ސިނާޢަތުގެ ފުރުޞަތުތަކާއި މަސްއޫލިއްޔަތުތަކަށް ދަރިވަރުން ތައްޔާރުކޮށްދޭ މަރުކަޒެވެ.

ރީޝާގެ އިރުޝާދުގެ ދަށުން އެފް.އެޗް.ޓީ.އެސް ކުރިއަށްދާއިރު، ފެންވަރު ރަނގަޅު ތަޢުލީމާއި، ސިނާޢަތުގެ ގުޅުން ބަދަހިކުރުމާއި، ދިރާސާކުރުމާއި، އަދި ދެމެހެއްޓެނިވި ތަރައްޤީއަށް ދެވޭ އިސްކަމަކީ ހަމައެކަނި މިއަދުގެ މަސައްކަތުގެ މައިދާނަށް ދަރިވަރުން ތައްޔާރުކުރުމެއް ނޫނެވެ. އެއީ ދިވެހި ފަތުރުވެރިކަމުގެ މުސްތަޤްބަލު ބިނާކުރުމަށް އެ ދަރިވަރުންގެ ދައުރު ފުޅާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *