އޭއައިގެ ޒަމާނުގައި ތަޢުލީމީ ދާއިރާގެ މުސްތަޤުބަލާ ގުޅޭގޮތުން އެމްއެންޔޫއިން ޚާއްޞަ ސެޝަނެއް

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ނުވަތަ މަސްނޫޢީ ފަންނިއްޔާތުގެ ސަބަބުން މަތީ ތަޢުލީމަށް އަންނަމުންދާ ބަދަލުތަކާ ގުޅޭގޮތުން "ރީތިންކިންގ އެކަޑީމިއާ އިން ދަ އޭއައި އެރާ" ގެ ނަމުގައި ޚާއްޞަ ސެޝަނެއް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން 2026 ސެޕްޓެމްބަރު 23 ގައި ބާއްވައިފިއެވެ.

މި ސެޝަނަކީ ކިޔަވައިދިނުމާއި، އުނގެނުމާއި، އަދި ދިރާސާކުރުމުގެ ދާއިރާއަށް އޭއައިގެ ސަބަބުން ކުރާނެ އަސަރުތަކާއި، މި ދާއިރާގައި އޭއައިގެ ދައުރު ފުޅާވަމުންދާ ގޮތް ދެނެގަތުމަށް ބޭއްވުނު މުހިންމު ފުރުޞަތެކެވެ.

މި ސެޝަން ކުރިއަށް ގެންދަވައިދެއްވީ ބަންގްލަދޭޝްގެ އީސްޓް ވެސްޓް ޔުނިވަރސިޓީގެ ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން ސްޓަޑީޒްގެ ޗެއަރޕާސަން އަދި މިލްނެޓްބީޑީގެ ރައީސާ، ޕްރޮފެސަރ ޑރ. ދިލާރާ ބޭގަމްއެވެ. ޖުމްލަ 20 ބައިވެރިންނާއެކު ކުރިއަށްދިޔަ މި ސެޝަނުގައި، ތަޢުލީމީ މާޙައުލުތަކުގައި އޭއައި ބޭނުންކުރުން އިތުރުވުމާ ގުޅިގެން ކުރިމަތިވާ ގޮންޖެހުންތަކާއި ލިބޭނެ ފުރުޞަތުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.

މި ސެޝަނުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ އޭއައި ބޭނުންކުރުމުގައި އިންސާނީ ވިސްނުމަށް އިސްކަންދިނުމުގެ މުހިންމުކަމުގެ މައްޗަށެވެ. އެގޮތުން ފާޑުކިޔުމާއެކު ވިސްނުމާއި، އުފެއްދުންތެރިކަމާއި، ތަޢުލީމީ އަޚުލާޤު އަދި ޢިލްމީ ނިންމުންތައް ނިންމުމުގެ މުހިންމުކަން ފާހަގަކުރެވުނެވެ. މީގެ އިތުރުން، އަލަށް އުފެދޭ މިފަދަ ފަންނިއްޔާތުތައް ޒިންމާދާރުކަމާއެކު އަޚުލާޤީ މިންގަނޑުތަކުގެ ތެރެއިން ބޭނުންކުރުމާ ގުޅޭގޮތުންނާއި، އޭއައިގެ ނުފޫޒު ގަދަވަމުންދާ ތަޢުލީމީ މާޙައުލެއްގައި ކިޔަވައިދޭ މީހުންނާއި އުނގެނޭ މީހުންގެ ދައުރަށް އަންނަ ބަދަލުތަކާ މެދު ބައިވެރިން ޚިޔާލު ބަދަލުކުރިއެވެ.

މި މަޝްވަރާތަކުގެ ތެރެއިން، ތަޢުލީމީ ދާއިރާގެ އަސާސްތަކާއި އުޞޫލުތައް ނުގުޑާނޭހެން، އިންސާނީ ހުނަރުތަކަށް ބާރުލިބޭ ފަދަ ގޮތަކަށް މަތީ ތަޢުލީމުގެ ތެރެއަށް އޭއައި ލާމެހިގެންދާނެ ގޮތްތަކާ މެދު ވިސްނުމަށް މަގުފަހިވެގެންދިޔައެވެ. އަދި ކިޔަވައިދިނުމާއި ދިރާސާކުރުމުގެ ކަންކަމުގައި އައު އީޖާދުތަކާއި އައު ގޮތްތައް ތަޢާރަފުކުރުމަށް ހުރި ފުރުޞަތުތަކާ މެދު ވެސް މި ސެޝަނުގައި ފުންކޮށް ވިސްނާފައިވެއެވެ.

މި ޙަރަކާތަކީ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކުގެ ތެރެއިން 4 ވަނަ ލަނޑުދަނޑި ކަމަށްވާ "ފެންވަރު ރަނގަޅު ތަޢުލީމު" ހާޞިލުކުރުމަށް އެޅުނު ފިޔަވަޅެކެވެ. ޚާއްޞަކޮށް، އައު ފަންނިއްޔާތުތަކަށް ހޭލުންތެރިކުރުވުމާއި، ޑިޖިޓަލް ހުނަރުތައް ތަރައްޤީކުރުމާއި، ތަޢުލީމީ ދާއިރާގައި އޭއައި ބޭނުންކުރުމުގައި ޒިންމާދާރު އުޞޫލުތަކެއް ގެންގުޅުމަށް މިކަމުން ބާރުލިބެއެވެ. މީގެ އިތުރުން، 9 ވަނަ ލަނޑުދަނޑި ކަމަށްވާ "ސިނާޢަތާއި، އީޖާދާއި، އުމްރާނީ ވަސީލަތްތައް" ކުރިއެރުވުމަށްޓަކައި، އައު ފަންނިއްޔާތުތަކާ ގުޅުން ބަދަހިކުރުމާއި ތަޢުލީމީ ދާއިރާގައި އީޖާދީ މަސައްކަތްތަކަށް ހިތްވަރު ދިނުމަށް ވެސް މި ޙަރަކާތުން އެހީތެރިވެދެއެވެ.

ހަމައެއާއެކު، ބައިނަލްއަޤްވާމީ ފެންވަރުގައި ޢިލްމީ މަޢުލޫމާތާއި ތަޖުރިބާ ޙިއްޞާކުރުމަށް މަގުފަހިކޮށްދިނުމުގެ ސަބަބުން، ދެމެހެއްޓެނިވި ތަރައްޤީގެ 17 ވަނަ ލަނޑުދަނޑި ކަމަށްވާ "ލަނޑުދަނޑިތަކަށްޓަކައި ބަދަހި ގުޅުން" ހާޞިލުކުރުމަށް ވެސް މި ސެޝަނުން އެހީތެރިވެދިނެވެ. އީސްޓް ވެސްޓް ޔުނިވަރސިޓީއާއި މިލްނެޓްބީޑީގެ މާހިރަކު ބައިވެރިވެވަޑައިގަތުމުން، މަތީ ތަޢުލީމަށް އޭއައިގެ ސަބަބުން ކުރާ އަސަރުތަކާ މެދު ތަފާތު ތަޖުރިބާތަކާއި ވިސްނުންތައް ޙިއްޞާކުރުމުގެ ފުރުޞަތު ލިބި، ކުރިމަގުގައި ޢިލްމީ ގުޅުންތައް ބަދަހިކުރުމަށް މަގުފަހިވެގެންދިޔައެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން މިފަދަ ޙަރަކާތްތައް ކުރިއަށް ގެންދަނީ، ތަޢުލީމީ ދާއިރާއަށް އަންނަމުންދާ ބަދަލުތަކަށް ދަރިވަރުންނާއި މުދައްރިސުން އަހުލުވެރިކުރުވައި، ޢިލްމީ މަޝްވަރާތަކާއި އީޖާދީ މަސައްކަތްތަކަށް ހިތްވަރުދިނުމުގެ މަތިވެރި މަޤްޞަދުގައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *