ދިވެހިރާއްޖޭގައި ޔުނިވަރސިޓީތައް ހިންގުމާ ބެހޭ ޤަވާއިދު މިއަދު ވަނީ ގެޒެޓްކޮށްފައެވެ.
މި ގަވާއިދުގައި ބުނެފައިވާ ގޮތުން، ކޮލެޖެއް ޔުނިވަރސިޓީއަކަށް ބަދަލުވުމުގެ އެންމެ މުހިންމު ޝަރުޠަކީ ކޮލެޖެއްގެ ގޮތުގައި މެދުނުކެޑި 15 އަހަރު ހިންގުމެވެ. އޭގެ އިތުރުން ތަފާތު ދާއިރާތަކުގެ މަތީ ތައުލީމުގެ ޕްރޮގްރާމްތައް ހިންގުމާއި ދަރިވަރުންގެ އަދަދާއި ބައިނަލްއަޤްވަމީ މިންގަނޑަކުން ރޭޓްކުރުމާއި ރޭންކޮށްފައި ހުންނަންޖެހެއެވެ. ބައިނަލް އަޤްވަމީ ޔުނިވަރސިޓީތައް ބައިވެރިވާ ޖަމާއަތެއްގެ މެމްބަރެއްގެ ގޮތުގައި މަދުވެގެން ފަސް އަހަރު ހޭދަކޮށްފައި ވުމާއި ބައިނަލްއަޤްވާމީ ފެންވަރުގެ ރިސަރޗް މަސައްކަތުގެ ތަޖުރިބާއާއި ޔުނިވަރސިޓީއެއް ހިންގަން އެކަށީގެންވާ ވަޞީލަތްތައް ގާއިމުވެފައި ހުންނަން ޖެހެއެވެ.
މީގެ އިތުރުން، ގައުމީ ސަނަދު އޮނިގަނޑުގެ ލެވެލް 7ން 9އަށް މަދުވެގެން ތިން ދާއިރާއަކުން އެ ކޮލެޖެއްގެ އަމިއްލަ ޕްރޮގްރާމްތައް ނުވަތަ ބޭރުގެ ޔުނިވަރސިޓީއެއްގެ ކޯސްތައް ހިންގަމުން ގެންދަން ޖެހެއެވެ.

ލެވެލް 7ން މަތީގެ ކޯސްތަކުގައި 1000 ދަރިވަރުން ކިޔަވަމުން ގެންދިއުމާއި އެ ކޮލެޖެއްގެ އެކަޑަމިކް ޕްރޮގްރާމްތަކުގައި ކިޔަވައިދޭ މުވައްޒަފުންގެ 10އިންސައްތައަކީ ޕީއެޗްޑީ ނުވަތަ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 10ގެ ސަނަދު ހާޞިލްކޮށްފައިވާ އެ ކޮލެޖެއްގެ ދާއިމީ ފުލްޓައިމް މުވައްޒަފުންނަށް ވާންޖެހެއެވެ. އަދި ޔުނިވާސިޓީއަކަށް ވުމުން ދެ އަހަރުގެ ތެރޭގައި މަދުވެގެން ޕީއެޗްޑީ ލެވެލްގެ އެއް ޕްރޮގްރާމް ހިންގަން ޖެހެއެވެ.
ޔުނިވަރސިޓީ ރަޖިސްޓްރީ ކުރުމާ ގުޅޭ ގަވާއިދުގައި ބުނެފައިވާ ގޮތުން ކޮލެޖެއް ޔުނިވަރސިޓީއަކަށް ބަދަލުކުރުމަށް ހުށައަޅާ ޕްރޮޕޯސަލާއި ލިޔެކިޔުންތަކާއި ހެކިތައް ދިރާސާކޮށް ރިޕޯޓް ތައްޔާރުކުރާނީ އެކަމަށް މަތީ ތައުލީމާ ބެހޭ ވުޒާރާއިން އެކުލަވާލާ ފަންނީ ކޮމިޓީއަކުންނެވެ.

ޕްރޮޕޯޒަލް ބަލައިގަންނަތާ ތިން މަސް ދުވަހުގެ ތެރޭގައި އެކަމާ މެދު ގޮތެއް ނިންމަން ޖެހެއެވެ. ޔުނިވާސިޓީގެ މައި ކެމްޕަސް ރަޖިސްޓްރީކޮށްދިނުމުގެ ފީއަކީ 100،000ރުފިޔާއެވެ. އިތުރު ކެމްޕަހާއި ލާނިން ސެންޓަރުތައް ވެސް ރަޖިސްޓްރީ ކުރަން އިތުރު ފީއެއް ދައްކަންޖެހެއެވެ.
ރާއްޖޭގައި މި ވަގުތު ހިންގަނީ ސަރުކާރުގެ ދެ ޔުނިވާސިޓީ އެވެ. އެއީ ގައުމީ ޔުނިވާސިޓީ އަދި އިސްލާމިކް ޔުނިވާސިޓީ އެވެ. ކޮލެޖުގެ ގޮތުގައި ގިނަ ތަންތަން ހިންގަމުން އަންނައިރު، ޔުނިވަރސިޓީއަކަށް ބަދަލުވުމުގެ މަރުހަލާގައި ހުރީ މަދު ކޮލެޖެކެވެ.
advertisment
ހިޔާލު